ކ. ހުރާ އިން މިއަދު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 94 އަށް އަރައިފި އެވެ.
ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ހުރާ ސިއްހީ މަރުކަޒުން "ވަން" އަށް މައުލޫމާތުދެމުން ބުނީ، މިއަދު އެ ރަށުން 34 ސާމްޕަލެއް ނަގާފައިވާ ކަމަށާއި މިއަދު ޕޮޒިޓިވްވެފައިވަނީ ހަތަރު މީހުން ކަމަށެވެ. އަދި މިހާތަނަށް 500 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ ކަމަށާއި ނަތީޖާ ނުލިބޭ 66 ސާމްޕަލް ހުރި ކަމަށް ވެސް މަރުކަޒުން ވަނީ ބުނެފަ އެވެ.
ހުރާގައި ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނުގައި 366 މީހަކު އެބަތިއްބެވެ. އެ ރަށުން ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގާފައިވާ އިރު، މިހާރު އިސްކަން ދެނީ އަލާމާތްތައް ހުރި މީހުން ޓެސްޓުކުރުމަށް ކަމަށް ވެސް މަރުކަޒުން ވަނީ ބުނެފަ އެވެ.
ހުރާގެ ހާލަތު ގޯސްވެފައިވާ އިރު، އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލެއް ވަނީ މިއަދު އެ ރަށަށް ގޮސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު