ޚަބަރު

މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކު ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ލ. ކައްދޫގެ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސަފައިންގެ ތެރެއިން ލާންސް ކޯޕްރަލް ހުސެއިން ފާރިސް ގެއްލިިގެން ހޯދަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާ ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިފައިންގެ މީހާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:40 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މޫދަށް ފޭބި ހަތަރު މީހުންގެ ތެރެއިން އެކަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަަމަށެވެ. އޭނާ ގެނބުނީ ގެއްލުނު މީހާ އޮއެގަނޑެއްގައި ޖެހި އަޑިއަށް ދާތީވެ، ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

އަދި އެމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.