ސޯޅަވަނަ ބައި
ވިއާން އެއްވެސް އަންހެން ކުއްޖެއް ދެކެ ލޯބިވަންތަ؟ މިބުނީ ވިއާންގެ ހިތުން އެދެންހޭ އެއްވެސް އަންހެން ކުއްޖަކަށް" އަހަރެން އެހީމެވެ. އެވަގުތު ވިއާންގެ ތަފާތު ނަޒަރެއް އަހަރެންނަށް ހުއްޓިއްޖެއެވެ. ގޮނޑިން ތެދުވެގެން މަޑުމަޑުން ހިނގާފައި އައިސް އަހަރެން ކައިރީގައި ހުއްޓިއްޖެއެވެ. ތިރީގައި އެއް ކަކޫ މައްޗަށް އިނީނދެފައި އަހަރެންގެ ދެއަތްތިލައިގައި ހިފައިލިއެވެ. ވާންއުޅެނީ ކީއްކަން ނޭނގި އަހަރެންނަށް ހިންދިރުވައިލެވުނެވެ.
"ވިއާން" އެސްފިޔަ ޖަހައިވެސްނުލާ ވިއާން އަހަރެންނަށް ބަލަން އިނުމުން އަހަރެންނަށް ވިއާނަށް ގޮވައިލެވުނެވެ. ވިއާން އަހަރެން ބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އަހަރެންގެ އަތްތިލަ ހިފާލައިގެން ހުރެ މަޑުމަޑުން ތެދުވިއެވެ. އަދި އަހަރެންގެ އުނގަނޑާ ހަމައިގައި އެއް އަތް ވިއްދާލާފައި އޭނާ އާ ގާތަށް ދަމައިލިއެވެ. އަހަރެން ގޮސް ޖެހުނީ ވިއާންގެ މޭގައެވެ. އެހިނދު އަހަރެންގެ އެއް އަތްތިލަ ގެންގޮސް ވިއާންގެ މޭގައި ޖައްސައިލެވިއްޖެއެވެ. ވިއާންގެ ހިތުގެ ތެޅުން އަހަރެންނަށް އިހުސާސްވިއެވެ. އަހަރެންގެ ނަޒަރު ވިއާންގެ ދެލޮލާ އެންމެ ހިނދުކޮޅަކަށްވެސް ވަކިނުވެއެވެ. ވިއާންގެ އެފުން ދެލޮލުގެ ފުން ކަނޑުތެރެއަށް ވިރިގެން ފައިބައިގެންދާން އަހަރެންގެ ހިތްއެދެމުން ދިޔައެވެ. ކުރިންވެސް އަހަރެން މީހަކާ ކައިވެނިކުރީމެވެ. ލޯބިވެސް ވީމެވެ. އެހެންނަމަވެސް މިފަދަ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ނުވެއެވެ. ވިއާންދެކެ އަހަރެންނަށް ވެވުނު ލޯބި ތަފާތުވެފައި ތާޒާއެވެ.
"ވިއާން، ކީއްތިކުރަނީ" އަނެއްކާވެސް އަހަރެންނަށް ބުނެވުނެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ވިއާން އަހަރެންގެ ހަށިގަނޑަށް ލުޔެއް ދިނެވެ. މީގެ އިރުކޮޅެއްކުރިން ވިއާންގެ ދެލޮލުން ފާޅުވަމުންދިޔަ ލޯބިވެތި އަސަރުތައް ފިލައި ނަޒަރު އަހަރެންނާ ވަކިކޮށްލައިފިއެވެ. އަހަރެންނާ ދުރަށް ފިޔަވަޅެއް އަޅައިލާފައި ދެ އަތްތިލަ ލައިގެން ހުރި ދޫ ހަރުވާޅުގެ ޖީބަށް ޖަހައިފިއެވެ. ކުއްލިއަކަށް އަހަރެންނަށް ފުރަގަސްދީފައި ދެލޯ މަރައިލިއެވެ. މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ.
"ސޮރީ. މަލް އެއްޗެއް ހީނުކުރައްޗެ އިނގޭ" އިރުކޮޅަކުން އަހަރެންނާ ވީދިމާލަށް އެނބުރިލާފައި ވިއާން ބުނެލިއެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ. އަހަރެން ދެބުމަ ގޮށްޖެހުނެވެ. އަހަރެންނަށް އެތައް ގޮތަކަށް ވިސްނިއްޖެއެވެ. ރީޝަމް ދެއްކި ވާހަކަތަކާ ދާދި ދެންމެއަކު ވިއާންގެ އަމަލުތައް ހުރިގޮތް އަހަރެންނަށް ގުޅުވާލެވިއްޖެއެވެ. ވިއާން ކިތަންމެ ސިއްރުކުރަން އުޅުނަސް އޭނާގެ އިހުސާސްތައް ނުހިފެހެއްޓޭ ދަރަޖައަށް ގޮސްފައިވާކަން އަހަރެންނަށް ވިސްނިއްޖެއެވެ. އަހަރެން ކެތްކުރާނަމެވެ. ވިއާންގެ ދުލުން އިއުތިރާފް ވަންދެކަށް އަހަރެން ކެތްކުރާނަމެވެ.
"މަލް އެހީ އަހަރެންގެ ހަޔާތުގައި ހާއްސަ އަންހެންކުއްޖަކު ހުރިހޭ؟ އަހަރެންގެ ހިތުން އެއްވެސް އަންހެންކުއްޖަކަށް އެދެންހޭ؟ އެހެންނު. އަހަރެންވެސް ހިތަށް އަރާ ދެންމެއަކު އަހަރެން މަލްގެ އަތުގައި ހިފާލައިގެން ހުރިގޮތަށް އެއްވެސް އަންހެންކުއްޖަކު އަތުގައި ހިފާލައިގެން ހުރެ އަހަރެންގެ ހިތުގެ އަޑު އިއްވާލެވިދާނެބާއޭ. އެފުރުސަތު އަހަރެންނަށް އޮތްބާއޭ ހިތަށް އަރާ. ހިތަށް އަރާ އަންހެންކުއްޖަކު ދެކެ ލޯބިވުމުގެ ހައްގު އަހަރެންނަށް އޮތްބާއޭ. އަހަރެން ބިރުގަނޭ. އެކުއްޖަކު ލޯބިން ގާތްކުރާ ހިނދު އެކުއްޖަކު އަހަރެންނަށް ފުރަގަސްދީފަ ހިނގައިދާނެ" ވިއާން ވާހަކަދައްކަމުން ދިޔައެވެ.
"އެހެންވީމަ ވިއާން ތިބުނަނީ އެފަދަ އަންހެންކުއްޖަކު ވިއާންގެ ހަޔާތުގައި އެބަހުއްޓޭތަ؟" ވިއާންގެ ކުރިމައްޗަށް އަރާފައި އަހަރެން އެހީމެވެ.
"އެބަހުރި. އެކަމަކު އަހަރެން ބުނާނީ ކިހިނެއް؟ އެއްވެސް އަންހެންކުއްޖެކެ އުންމީދުތައް އަހަރެންނަށް ފުރިހަމަކޮށެއް ނުދެވޭނެ" ވިއާން ބުނެލިއެވެ. އަހަރެންގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ އަންހެންކުއްޖާ އަތުން ދޫކޮށްލާފައި ވިއާން ދެންމެ ދުރަށް ދިޔަ ފަދައިން ވިއާންގެ އަތުން ދޫކޮށްލާފައި އެ އަންހެންކުއްޖާ ނުދާނޭ ބުނަން ބޭނުންވިއެވެ.
"ވިއާންގެ ފަރާތުން ލޯބި ނޫން އެހެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. ހަމައެންމެ ފަހަރަކު ވިއާންގެ ހިތް އަހަރެން ކުރިމަތީގަ ހުޅުވާލަބަލަ. ތިދެއަތުގެ ތެރެއަށް އަހަރެން ވައްދައިދީ. ވިއާންގެ ތިދެލޮލުން ދުނިޔެ ބަލައިލަން އަހަރެންނަށް ފުރުސަތުދީ. ވިއާންގެ ތި ހިތު ތެރެއިން ނުނިކުމެވޭނެ ގޮތަށް އަހަރެން ބަންދުކޮށްދީ. އޭރުން އަހަރެން ދުނިޔެއަށް ނޭވާ ދޫކުރާނީ ވިއާންގެ ނޭވާގެ ތެރެއިން. އަހަރެމެންގެ ދެމީހުންގެ ހަށގަނޑުގައި ހިނގާނީ އެއް ލެޔެއް. ޖަހާނީ އެއް ވިންދެއް. ޕްލީޒް. ފަސްނުޖެހޭ. އަހަރެން އަބަދުވެސް ހުންނާނީ ވިއާނާއެކު" އެހުރިހާ ވާހަކަތަކެއްވީ އަހަރެންގެ ހިތުގައެވެ. ވިއާން ފަދައިން އެބަސްތައް ދުލާ ހަމައަށް ގެންނަން އަހަރެންވެސް ނުކުޅެދުނެވެ. ހިކިފައިވާ ދެތުންފަތުގައި ދޫ ހާކާލާފައި ދެތުންފަތް ތެންމާލީމެވެ. އަހަރެން އަނެއްކާވެސް އެއް ފިޔަވަޅު ވިއާނާ ގާތަށް ޖެހިލީމެވެ.
"ލޯބީގައި އެހާ ބަލިކަށިވާކަށް ނުވާނެ. ކިހިނެއް އިނގެނީ ތިބުނާ އަންހެންކުއްޖާވެސް ހުރީ ވިއާންގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައި ނޫންކަމެއް. ކިހިނެއް އިނގެނީ ވިއާނަށް ވުރެ މާކުރިން އެ އަންހެންކުއްޖާއަށް ވިއާން ކަމުގޮސްފި ކަމެއް. ވިއާން، ކޮންމެ ކަމެއް ވިއާން ތިހީކުރާ ގޮތަށް ވުން މަޖުބޫރެއް ނޫނޭ" އަހަރެން ވާހަކަދެއްކީމެވެ. ބޭނުންވީ އަހަރެންގެ ވާހަކަތަކުން ވިއާންގެ ވިސްނުން ބަދަަލުކުރާށެވެ. ވިއާންގެ ހިތުން އެބިރުވެރިކަން ނެރެލާށެވެ. ވިއާނަކީ ލޯބީގައި ފިނޑި މީހަކަށް ވާން އަހަރެން ނޭދޭއެވެ.
"ހެހެހެ. މަލް ތިބުނާ ފަދައިން ވެއްޖިއްޔާ ކިހާ ރަނގަޅު" އަސަރާއެކު ވިއާން ބުނެލިއެވެ. ކިތަންމެ ފަހަރަކު އަހަރެންގެ ހިތް ބޭނުންވާ ގޮތް ވިއާނަށް އިއްވާލުމަށް ހިތަށް އަރައިފިއެވެ. ދުލާ ހަމައަށް އެ ބަސްތައް އައިސްފައިވެސް ބޭރެއް ނުވިއެވެ.
"ވަރަށް ލަސްވެއްޖެ. ހިނގާ ނިދަން ދާން. މާމަ ހޭލާފަ މަލް ކޮބައިތޯ ބަލަން ކޮޓަރިއަށް ވަންނާނެ. އަހަރެމެން ދެމީހުން މިތަނުން މިގަޑީގަ ފެނިއްޖިއްޔާ މާމަ ކީކޭ ހީކުރާނީ" ވިއާން ބުނެލިއެވެ. ކުއްލިއަކަށް އަހަރެންނަށް ހީވީ އަހަރެންގެ ދެލޮލުގެ އަލިކަން މީހަކު ޖަހައިގެން ހެންނެވެ. ދެތިންފަހަރު އެސްފިޔަ ޖަހައިލާފައި ހުޅުވާލުމުންވެސް މަންޒަރު ބަދަލުނުވިއެވެ. ކުރިމަތީގައި ހުރި ވިއާންގެ ޓީޝާޓުގައި ހިފައިގަނެވިއްޖެއެވެ.
"ކަރަންޓު ދިޔައީ. މާބޮޑުކަމެއް ނޫން" އަހަރެން ބިރުގަނެފައި ހުރިކަން އިނގުމުން ވިއާން ބުނެލިއެވެ. އަހަރެން ވިއާންގެ ޓީޝާޓުގައި ހިފައިގެން ހުރިއިރު ވިއާން ހުރީ އަހަރެންގެ އަތްމަތިން އަތުގައި ހިފަހައްޓާލައިގެންނެވެ.
"އެކަމަކު ހާދަ އަނދިރިއޭ. ކުއްލިއަކަށް ހީކުރީ ލޯ އަނދިރިވީކަމަށް. މިގެއިން އެކަނިތަ ދިޔައީ" އެހުރިގޮތަށް ހުރެ އަހަރެން ބުނީމެވެ. އަނދިރީގެ ތެރެއަށް ދެލޯ ހާނުވަން އަހަރެން ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބެއް ނުވިއެވެ.
އަހަރެން އަތުގައި ހިފައިގެން މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް މޭޒުގައި ޖައްސާފައި ވިއާން ފުން ނޭވައެއްލިކަން އިނގުނެވެ.
"މަލް ގޮނޑީގަ އިށީނދެލާ. އެބަ އަންނަން" ވިއާން ބުނެލިއެވެ. ވިއާން ދުރަށް ޖެހިލަން އުޅެނިކޮށް އަނެއްކާވެސް އަހަރެންނަށް ވިއާންގެ ޓީޝާޓަށް ބާރު ކޮށްލެވިއްޖެއެވެ.
"ނުކެރޭނެ. މިތަން ހާދަ އަނދިރިއޭ. ކީއްވެތަ ކަރަންޓު ދިޔައީ" އަހަރެންނަށް ބުނެވުނެވެ. އެހިނދު ޖީބަށް އަތްލާފައި ވިއާން ފޯނު ނަގާފައި އަހަރެންގެ މޫނަށް އަލިކޮށްލިއެވެ.
"އިނގޭ ބިރުގަނެފައި އިންކަން. އެއްކޮށް މީހާ ދާހިއްލާލައިފި ވިއްޔާ. ފޯނު ހިފައިގެން މަޑުކޮށްލާ. މިއަންނަނީ. ޓޫ މިނިޓްސް" އެންމެފަހުން އަހަރެން ވިއާން ބުނިގޮތަށް ފޯނު ހިފައިގެން މަޑުކޮށްލައިގެން އިނީމެވެ. ވިއާން ދިޔަ ދިމާލަށް އަލިކޮށްލައިގެން އިނީމެވެ.
މާގިނައިރު ނުވަނީސް އުއްބައްތި ރޯކޮށްލައިގެން އަހަރެންނާ ދިމާލަށް ވިއާން އަންނަތަން ފެނިއްޖެއެވެ. ރަންކުލައިގެ އައްޔަކުން މުޅި ސަރަހައްދު އަލިވެފައި ވާތީ އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. ހިތުގެ ތެޅުން މަޑުމަޑުން ހަމަޔަަކަށް އެޅެން ފަށައިފިއެވެ.
"ހީވަނީ މި ހިސާބުގަނޑުންހެން ކަރަންޓު ދިޔައީ. ހިނގާ މާމަ ކޮޓަރިއަށް އެކަތި ހިފައިގެން. އަނދިރީގެ ތެރެއަށް މާމަ ވެއްޓި އަނިޔާއެއްވެސް ވެދާނެ" ވިއާން ބުނެލިއެވެ. އަހަރެން ތެދުވެ ހިނގައިގަނެފައި ވިއާން ހިފައިގެން ހުރިި އެއް އުއްބައްތި އަތުލީމެވެ. ވަކި ހިސާބަކަށް ދިޔަތަނާ އަހަރެންގެ ހުހަށް އޮތް އަތްތިލައިގައި ވިއާން ހިފަހައްޓައިލިއެވެ. އަހަރެން ވިއާންގެ މޫނަށް ބަލައިލީމެވެ. އުއްބައްތީގެ އަލީގައި ވިއާންގެ މޫނުމައްޗަށް އަޖައިބެއްކަހަލަ ކުލައެއް ވެރިވެފައި ވިއެވެ. މޫނު އަނބުރަލީ ގަދަކަމުންނެވެ. ދެން އަހަރެންނަށް ބަލައިލެވުނީ ވިއާން ހިފަހައްޓާލައިގެން ހުރި އަހަރެންގެ އަތަށެވެ. ހިތް ބުނެލިއެވެ. ވިއާންގެ ފަރާތުން އަހަރެން އަބަދުވެސް ބޭނުންވަނީ މިފަދަ ލޯތްބާ އަޅާލުމާ އޯގާތެރިކަމެވެ. އަހަރެންގެ ހަޔާތުން މަދުވެފައިވީ ވެސް އެބައެވެ. އެބައި އަހަރެންނަށް ހޯދައި ދެވޭނީވެސް ވިއާނަށެވެ.
***
ދުވަހުގެ ބޮޑު ބައެއް ފާއިތުވެގެން ދިޔައިރުވެސް ކަރަންޓުގެ ކަންތައް ހަމަޔަކަށް ނޭޅެއެވެ. އިރުއިރުކޮޅުން ކަރަންޓު ދަނީއެވެ. ސަރަހައްދުގައިވާ ފޮށްޓަކަށް ރޭކުރި ވިއްސާރައިގެ އަސަރު ކުރީއެވެ. ކޮލެޖަށް ދާން ނިކުތްއިރު މާމަ ބެލްކަނީގައި ހުއްޓެވެ. ގަޑިން މެންދުރު ފަސްވެއްޖެއެވެ.
"ބަދިގޭގަ ހުންނާނެ ފަނިތަށި. އެބޯލައިގެން ދޭ" ފައިވާން ހަރުގަނޑު ކައިރިއަށް ދަނިކޮށް މާމަ ބުނެލިއެވެ. އަހަރެން އަލުން މިސްރާބުޖެހީ ބަދިގެއަށެެ. މޭޒުމަތީގައި ހުރި ކުރުނބާ ފަނިތަށި ބޯލުމުގެ ކުރިން އަނގައިގެ ތެރޭގައި އޮތް ޗުވިންގަމް ގަނޑު ޑަސްބިނަށްލާފައި އައިސް ފަނިތަށި ހުސްކޮށްލާފައި ތަށި ދޮވެލާފައި ގެނެސް މޭޒު މަތީގައި ތަށި ބަހައްޓާފައި ބަދިގެއިން ނިކުންނަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލީމެވެ. ފުދޭ ވަރަކަށް ވަގުތު އޮތެވެ. ހުރިހާ ކުޑަދޮރުތަކެއް ހުޅުވާފައި ހުރިއިރުވެސް މެންދުރުގެ ހޫނުގެ އާވި ގޭތެރެއަށް ވަދެފައި ހުއްޓެވެ.
"މާމާ، ދަނީ އިނގޭ" އަހަރެން ބުނީމެވެ.
"އާނ. ބަލައިގެން ދާތި. މާމައަށް ރެއަށް ކާއެއްޗެއް ރޯ ފިލުވޭނީވެސް މިކަންތައް ހަމަޔަކަށް އެޅިގެން" މާމަ ބުނެލިއެވެ.
"ކީކޭ އެމީހުން ބުނަނީ" ފައިވާނުގެ މަޅިގަނޑު އަޅުވަމުން އަހަރެން އެހީމެވެ.
"ނޭނގެޔޭ ވާނެ އިރެއް. އަޅެ އެހެން މީހުންނަށް ވާނެ ދަތިތަކަށްވެސް ވިސްނަން ވާނެއްނު. ވިއާނުވެސް މިއަންނަނީނޭ ބުނި މީހާ އަދި ދައްކާނުލާ" އަހަރެން އެޕާޓްމަންޓުން ނިކުތްއިރު މާމަ ކިޔަމުން ދިޔައެވެ.
***
މެންދުރުފަހަށް އެޅިއިރު ދުނިޔެމަތި ރީތިކޮށް އޮތުމަށްފަހު އަނެއްކާވެސް ވިއްސާރަ ވިލާތަކުން ދުނިޔެމަތި ބައްދާލައފިއެވެ. ކަޅު ކޮށްލާފައި އޮތީ ރޭގަނޑެއް ދުވާލެއް ވަކިނުވާ ފަދައިންނެވެ. ވައި އިންތިހާއަށް ބާރެވެ. ކޮލެޖްގެ ދޮރުން ނިކުތްއިރު ކޮންމެވެސް ވަރަކަށް ކަނަޖަހަމުން ދިޔަސް ސައިކަލަށް އަރާ ދުއްވާލަން ވާއިރަށް ވާރޭ ބޯކޮށްލައިފިއެވެ. ދަބަހުގައި އޮތް ފޯނު ވައިބްރޭޓްވަމުންދާކަން އިނގޭ އިރުވެސް އަހަރެން ފޯނަށް ސަމާލުކަންދޭން އެވަގުތު ބޭނުމެއް ނުވިއެވެ. ކުރިއަށް ދުއްވާލެވުނީތީ ބޭނުންވީ ތެމިގެން ވިޔަސް ގެއާ ހަމައަށް ދާށެވެ. ވަކި ހިސާބަކުން ވިދާލާފައި ޖެހި ބާރު ގުގުރިއަކާއެކު އަހަރެންނަށް ތެޅިގަނެވުނެވެ. ވިދާ ގުގުރުމަކީ އަހަރެންގެ މުޅި ނަފްސު ބަލިކަށި ކުރުވާ ކަމެކެވެ. އެފަދަ ވަގުތެއްގައި ގިނަފަހަރަށް އަހަރެންނަށް ވާހަކަވެސް ނުދެއްކެއެވެ. ވިދާ ގުުގުރުން ކެނޑެންދެން ޖެހުނު ތަނެއްގައި ހިމޭނުން އިންނަން އަހަރެން ހުރީ އާދަވެފައެވެ. އެހެންނަމަވެސް މިފަހަރު ބާރުގަދަ ގުގުރީގެ އަޑު ފުރަތަމަ އިވިލިއިރުވެސް އަހަރެން ހުރީ މަގު މެދުގައެވެ. ހިނގާ މީހުން މަދެވެ. ސައިކަލުތަކުގައާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ކޮންމެވެސް ވަރަކަށް ގިނައެވެ. މޫސުމް ވަރަށް ގޯސްވެއްޖެކަން އަހަރެންނަށް އިނގުނެވެ. ސައިކަލުގެ ދުވެލި މަޑުވެއްޖެކަންވެސް ހަނދާން ނެތިއްޖެއެވެ. ކުއްލިއަކަށް ވީގޮތެއް އަހަރެންނަށް ނޭނގުނެވެ. ގުގުރީގެ އަޑު އިވިލިހެން ހީވީ ކަންފަތް ބުޑުންނެވެ. ޔަގީނެވެ. އެގުގުރިއާއެކު ރާއްޖޭގެ ކޮންމެސް ތަނަކަށް ހޮނުއަޅާނެއެވެ. ސައިކަލުގެ މުށްގަނޑުން އަތް ދޫވިކަން އިނގުނެވެ. ގާގަނޑެއް ކަހަލަ އެއްޗެއްގައި އަތް ޖެހި މުޅި ހަށިގަނޑަށް ތޫނު ތަދެއް އެރިއެވެ. ބަޔަކު އައިސް ފެންގަނޑު ތެރެއިން އަހަރެން ނެގިއިރު އާހެއްގެ އަޑު އަހަރެންގެ އަނގައިން ބޭރުވިއެވެ. ވެއްޓުނީ ވަޅުގަނޑެއްގެ ތެރެއަށެވެ. ސައިކަލް ތެދުކުރުވީވެސް އެތަނުން މީހެކެވެ.
"މަންމާ،" ހަށިގަނޑުގެ ކޮންމެވެސް ތަނަކަށް އަޅަމުން ދިޔަ ވޭނާއެކު އަހަރެންގެ އަނގައިން ނިކުތެވެ.
"ވަރަށް ލޭ އެބައާދޭ" ފިރިހެނަކު އަހަރެންގެ އަތަށް އިޝާރާތްކޮށްލާފައި ބުނެލިއެވެ.
"މަލް ތަ؟" ކައިރިން އިވުނީ ޝާހިދުގެ އަޑެވެ. އަހަރެން ބަލައިލިއިރު ވިއްސާރަ ކޯޓުގައި ޝާހިދު ހުއްޓެވެ.
"އަރާ ސައިކަލަށް. ހިނގާ ހޮސްޕިޓަލަށް ދާން" އަހަރެން ޝާހިދުގެ ސައިކަލަށް އެރީ އެތަނުގައި ހުރި ދެމަފިރިއެއްގެ އެހީތެރިކަމާއެކުގައެވެ.
ދެފައިންނާ އަތުން ބޮޑު ތަންގަނޑެއް ހަލާކުވެ ފަހަން ޖެހުނެވެ. އެވަގުތު މާބޮޑު ވޭނެއް ނޭޅިޔަސް އައްސި ކެނޑެމުންދާ ވަރަކަށް ތަދު ބޮޑުވަމުން ދިޔައެވެ. ތެތް ހެދުން ލައިގެން ހުންނަން ޖެހުމުން އަހަރެންނަށް އުނދަގުވަމުން ދިޔައެވެ.
"މާމާ،" އެތެރެއަށް ވަދެގެން އަންނަ މާމަ ފެނިފައި އަހަރެންނަށް ބުނެވުނެވެ. މާމަ އަތުގައި ކޮތަޅެއް އޮތެވެ.
"އަހަރެން ގުޅީ" ޝާހިދު ބުންޏެވެ.
"ވިއާނަކަށް ނާދެވޭނެއްނު. މިތަނަށް މާމަ ބާލާފަ ވެއްޖެ މަލްގެ ސައިކަލް ހުރި ތަނަށް ގޮސް" ޝާހިދު އަރައި ހަމަވުމާއެކު މާމަ ބުނެލިއެވެ.
މާމަ އައިސް އަހަރެންގެ އަތުގައި އަތްޖައްސައިލުމާއެކު އަހަރެންނަށް ރޮވިއްޖެއެވެ. ކުޑަކުއްޖެއް ފަދައިން އެތަންތަނަށް ތަދުވާ ވާހަކަ ބުނެވިއްޖެއެވެ. ވަރަށް ބިރުގަތް ވާހަކަ ބުނެވިއްޖެއެވެ. ހިތުގަ ހުރި ހުރިހާ ޝަކުވާއެއް މާމަގެ ކުރިމަތީގައި އޮށްސާލެވިއްޖެއެވެ.
"އެކަން ނިމިއްޖެއްނު. ހިނގާ ތެތް ހެދުން ބަދަލުކޮށްލަން. އެމީހުން ބުންޏެއްނު އިރުކޮޅަކުން ދާންވީއޭ" މާމަ އަހަރެން އަތުގައި ހިފައިގެން ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ.
ކޮޓަރީގައި އަހަރެން ބާއްވާފައި މާމަ ނިކުންނަން ހިނގައިގަތީ އެއްކޮށް ޗަކަަވެފައި އޮތް އަހަރެންގެ ދަބަސް ހިނފައިގެންނެވެ.
"މާމާ، އަޅުގަނޑުގެ ފޯނު އޮންނާނެ ތީގަ" އެހެން ބުނުމުން މާމަ ދަބަސް ހުޅުވާލާފައި އެތެރެ ބަލަން ފަށައިފިއެވެ.
"ނޫ ކުލައިގެ ކޮތަޅަކަށްލާފަ" އަހަރެން ބުނީމެވެ. ފޯނު ތެމި ފެންވަދެދާނެތީ ކޮލެޖުން އަހަރެން ނިކުތީވެސް ފޯނު ދެކޮތަޅަށް ލައިގެންނެވެ.
"ފޯނު ހަމަ ރަނގަޅު. އަން. މާމަ އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން" އެހެން ބުނެފައި މާމަ ދަބަސް ހިފައިގެން ނިކުތެވެ. ހެޑްބޯޑުގައި ލެގިލާފައި އަހަރެން ފޯނު ހުޅުވާލިއިރު ސަތޭކަ ވިހި މިސްކޯލު އިނެވެ. އަހަރެންގެ ދެލޯ މުދުނަށް އަައިގެން ދިޔައެވެ. އުމުރުގައިވެސް މީހަކު އެހާ ވަރަށް ފޯނަށް ގުޅާފައެއް ނެތެވެ. އެހާ ވަރަށް އޭނާ މަތިން ހަނދާންކުރީ ކާކު ހެއްޔެވެ؟ ބަލައިލިއިރު މުޅިންވެސް ގުޅާފައި އޮތީ ވިއާނެވެ. އަހަރެން ހަނދާންވިއެވެ. ކޮލެޖުން ނިކުމެ ސައިކަލަށް އަރަން އުޅުނު ވަގުތު ފޯނު ވައިބްރޭޓްވިއެވެ. އެހެންވީމަ އެއީ ވިއާންތާއެވެ. ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލެވުނީ ވިއާން އަދޭތޯއެވެ. އަހަރެންގެ އެކްސިޑެންޓަށްފަހު ވިއާންގެ ހަބަރެއްވެސް ނުވެއެވެ. ހާލު ބަލައިލަންވެސް ބޭނުންނުވީ ހެއްޔެވެ؟ އެންމެފަހަރަކު އައިސްލިއްޔާ ހަށިގަނޑުން ބައެއް މަދުވާނެ ހެއްޔެވެ؟ ލޯބިވާނަމަ ލޯބިވާ މީހާ ބޮޑު އެކްސިޑެންޓަކުން ސަލާމަތްވެގެން އައިރު ހާލު ބަލައިލަން ނައިސް ނުހުންނާނެއެވެ. ކައިރިއަށް ނައިސް ކެތެއްވެސް ނުކުރެވޭނެއެވެ. ކުޑަނަމަވެސް މެސެޖެއް ފޮނުވާލީހެވެ. ފޯނު މޭގައި ޖައްސާލައިގެން ވިސްނުންތަކެއްގައި އިންދާ އަނެއްކާވެސް ވަދެގެން އައީ މާމައެވެ. އަނެއްކާވެސް ކުރުނބާ ފަނިތައްޓެއް ހިފައިގެންނެވެ.
"މިއަދު މުޅިންވެސް ކުރުނބާ ފަނި މިބޮވެނީ" އަހަރެން ބުނީމެވެ.
"އާނ ކީއްކުރާނީ. އަދި ކިރިޔާ ކަރަންޓުގެ ކަންތައް ހަމަޔަކަށް އެޅުނީ. މަޣްރިބަށް ގޮވަންވާއިރަށް މާމަ މިދަނީ ކައްކާލަން. މަލް ނިދާލާ އިނގޭ" އަހަރެން ދިއްކޮށްލި ހުސްތަށި ހިފައިގެން މާމަ ހިނގައިގަތެވެ.
"މާމާ،" އަހަރެން ގޮވައިލިރަށް މާމަ ބަލައިލައިފިއެވެ.
"ކޮބާ ވިއާން؟ މިއަދު އަދި ހަބަރެއްނުވޭ" އަހަރެން ބުނީމެވެ.
"ޝާހިދާއެކު އެބައުޅޭ. މަލްގެ ސައިކަލް ކޮންމެސް ތަނެއް ހަލާކުވެފަ ހުރީމަ ގަރާޖަކަށް ގެންދަނީ އޯ ބުނީ" މާމަ ބުނެލިއެވެ.
***
ނިދިފަ ހޭލެވުނުތަނާ ކޮޓަރިން މީހަކު ނިކުތްހެން ހީވިއެވެ. މީހަކު ވަކިވާވަރެއް ނުވިއެވެ. ދޮރު ލެއްޕުނުތަން ފެނުނެވެ. ކައިރީގައި އޮތް ފޯނުން ގަޑި ބަލައިލިރު ހަތްގަޑި ސާޅީސްފަހެއް ވެއްޖެއެވެ. ބޭސްއަޅާފައި ހުރި ތަންތަނުގެ ވޭން ކުޑަވެއްޖެއެވެ. ތެދުވެ އިސްތަށިގަނޑު ރީތިކޮށްލަން އުޅުމުން އެކަމެއް ނުވިއެވެ. ބޭސްއަޅާފައި ހުރި އަތް ވަކި ވަރަކަށް މައްޗަށް ނުހިއްލުނެވެ. ފާހާނާއަށް ދާންވެފައި ހުރުމުން އެނދުން ތެދުވެފައިވެސް އެންމެ ފިޔަވަޅެއްވެސް ނުނެގުނެވެ. ފަޔަށް ބާރުކޮށްލާއިރަށް މުޅި ފަޔަށް އަރައިގެންދަނީ ވޭނީ ރިހުމެކެެވެ. ވަކިވަރަކަށް ރަނގަޅު ވަންދެން މީހެއްގެ އެހީތެރިކަމާނުލާ ނޫޅެވޭނެކަން އިނގުނު ހިނދު މޫނު މައްޗަށް ފޫހިކަމާ ހިތާމަވެރިކަން ރަމްޒުކޮށްދޭ ކުލަވަރެއް ވެރިވެއްޖެއެވެ.
"މަޑުކުރޭ މާމަ މިއަންނަނީ" ދޮރުން ވަން މާމަ ބުނެލިއެވެ. އަހަރެން ފާހާނާއަށް ގޮވައިގެން ގޮސް އެނދުގައި ބައިންދާފައި އިސްތަށިގަނޑުގައި ފުނާ އަޅުވަދީފައި ހުރިހާކަމެއް ކޮށްދިނީ މާމައެވެ. އަހަރެންގެ ދެލޮލުން ކަރުނަ ހިލުވާލިއެވެ. މާމަގެ ހިތްހެޔޮކަމާ އޯގާތެރިކަން އަހަރެން ރޮއްވާލިއެވެ. ހަގީގަތުގައި މާމައަކީ އަހަރެންނާ ކޮން ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟ މާމަ އާ އަހަރެން ބައްދަލުވީ އިހަކަށް ދުވަހުއެވެ. އަހަރެންގެ ހަޔާތުގައި މާމަ ނެތްނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
"މަލް ދާނެކަމެއް ނެތް މޭޒު ކައިރިއަށް. މާމަ އަންނާނަން ބަތް މޮޑެގެން" މާމަ ބުނެލިއެވެ. އަހަރެން ފޫހިވިއެވެ. އެނދުގައި އިނދެގެން ކާން އަހަރެން ބޭނުމެއްނޫނެވެ. ބޭނުންވަނީ ވިއާން ފެންނަ ހިސާބުގައި މޭޒު ކައިރީގައި އިނދެގެން ކާށެވެ.
"މިރޭ އެއްކޮށް ރެސްޓްކޮށްފަ މާދަމާ އިން ފެށިގެން މޭޒު ކައިރިއަށް ދާނީ" އަހަރެން ވަކި ޖަވާބެއް ނުދިނުމުން މާމަ ބުނެލިއެވެ. އަހަރެން ބޯޖަހައިލީ އެނޫން ގޮތެއް ނެތިގެންނެވެ.
ވިއާން މަތިން ހަނދާންވާން ފެށުމުން އަހަރެން ފޯނު ނަގާފައި ވިއާންގެ ނަންބަރަށް ގުޅަން ފެށީމެވެ. ފޯނެއް ނުނެގިއެވެ. ވިއާން ދެކިލާހިތުން އަހަރެންނަށް އިނދެވެނީއެއް ނޫނެވެ. ފޯނުގައި މެސެޖެއް ޓައިޕްކުރަމުން ދަނިކޮށް ދޮރުހުޅުވާލައިފިއެވެ. ކާއެއްޗެހި ތަބަށް ހިފައިގެން ވަދެގެން އަންނަ ވިއާން ފެނި އަހަރެންގެ ނަފްސް ހިތްހަމަޖެހިގެން ދިޔައެވެ. މޫނުމަތި އުޖާލާވެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާލައިފިއެވެ. އަހަރެންގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އުފާފަޅުކުރަމުން ދިޔައެވެ. ވިއާން އައިސް އިށީނީ އަހަރެންގެ މަގަތުންނެވެ. އެއްވެސް ސުވާލެއް ކުރުމެއްނެތި އަހަރެންނަށް އިނދެވުނީ ވިއާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ކޮންތާކު އުޅެއުޅެފަ ތިއައީ. އަހަރެން ހާދަ އިންތިޒާރެއްކޮށްފީމޭ" އަހަރެން ބުނީމެވެ. އަހަރެންނަށް ބެލުމެއްނެތި ވިއާން ބަތްތަށި ނަގާފައި އޭގެތެރެއަށް ސަމްސާ ލައިފިއެވެ.
"އަން. ކާލާ" ސަމްސާ އަހަރެންގެ އަނގަ އާ ގާތްކޮށްލާފައި ވިއާން ބުނެލިއެވެ. އަހަރެންގެ މޫނަށް ބަލައިނުލައެވެ. އެއްވެސް ޝަކުވާއަކާނުލާ އަހަރެން ބަތް ސަމްސާ އަނގަ ލީމެވެ.
"މަލްއަށް އަހަރެން އެހާ މުހިންމުވިނަމަ ސަތޭކަ ވިހި ފަހަރުގެ ތެރެއިން އެންމެ ބައި ސިކުންތަށް ނަމަވެސް ފޯނު ނެގީސް. ސޮރީ އެހާ ވަރަށް މަލްއަށް އުނދަގޫކުރެވުނީތީ" ވިއާން ބުނެލިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ