މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ހެލްތު މިނިސްޓްރީން 21 މިލިއަން ރުފިޔާ ހަރަދު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި "ކޮވިޑް-19 ވީކްލީ ސްޕެންޑިން" ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 25 ގެ ނިޔަލަށް ސިއްހީ ހޭދައަށް ވަނީ 1.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފަ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު 1.5 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ މުއްދަތުގައި ހެލްތު މިނިސްޓްރީން 21 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު, އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އަތޮޅުތެރެއަށް ސަޕްލައި ފޮނުވުމަށެވެ. އެކަމަށް މިދިޔަ ހަފުތާގައި އެކަނި ވެސް 16.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އޭގެ އިތުރުން އޮޕަރޭޝަނަލް ހިދުމަތްތަކަށް 4.3 މިލިއަން ހަރަދު ކުރި އިރު, މަރާމާތަށާއި މެއިންޓަނެންސް އަށް އަދި ސަޕްލައި ގަތުމަށް އެއް ލައްކަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި ހަރަދުތަކާއެކު ސިއްހީ ހޭދައަށް އެ މިނިސްޓްރީން މިހާތަނަށް ވަނީ 404.2 މިލިއަން ރުފިޔާ ހޭދަ ކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ކޮވިޑުގެ ކަންކަމަށް ދެން ހަރަދު ކޮށްފައިވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އައިޖީއެމްއެޗުންނެވެ. އެގޮތުން އެ މުއްދަތުގައި އެންސްޕާ އިން 2.5 މިލިއަން ރުފިޔާ ހަރަދު ކުރި އިރު, އައިޖީއެމްއެޗުން ވަނީ ދެ ލައްކަ ރުފިޔާ ހަރަދު ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު