ކ. ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވިތާ ހަފުތާއެއްވީ އިރު، އެ ރަށުން އެ ބައްޔަށް 90 މީހަކު މިވަނީ ޕޮޒިޓިވްވެފަ އެވެ. މީހުން ދިރިއުޅޭ 100 އެއްހާ ގެ ކަރަންޓީނުގައި ހުރި އިރު ރަށުގެ ހާލަތު ގޯސް ކަމަށް ކައުންސިލުން މި ވަނީ ބުނެފަ އެވެ.

ހުރާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އިރު، މިއަދު ވަނީ 24 މީހަކު ޕޮޒިޓިވްވެފަ އެވެ. އެއާއެކު ނަގާފައިވާ ރެންޑަމް ސާމްޕަލްތަކާއެކު ޖުމުލަ 449 ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90 އަށް އަރާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

ނަތީޖާ ނުލިބޭ 70 ސާމްޕަލެއް ހުރި އިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 304 މީހުން އެބަތިއްބެވެ.

އާބާދީގައި 1500އެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ހުރާއަށް ކޮވިޑް-19 ބަލި އައި ގޮތް އަދިވެސް ޔަގީންކަމާއެކު އެނގިފައި ނުވާ އިރު، އެ ރަށު ކައުންސިލްގެ ރައީސް އީސާ އަހްމަދު “ވަން”އަށް ވިދާޅުވީ، ބަލި ފެތުރެމުންދާ ހަލުވިކަމާއެކު ރަށުގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނު ވާން ޖެހުނު މީހުންގެ އަދަދު ވެސް ގިނަ ކަމުން ރަށުތެރޭގެ ކަންތައްތައް ކުރުމަށް ތިބީ މަދު ބައެއް ކަން އީސަ ފާހަގަކުރެއްވި އެވެ.

"ކާބޯތަކެއްޗަކަށް ދައްޗެއް ނޫން. އެހެންނަމަވެސް 100 އެއްހާ ގެ ކަރަންޓީނުގައި، އެ ގެތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން މި ތިބީ 30 އަކަށް ކުދިން. އެ ކުދިން ދެ ގޫރޫޕަކަށް ބަހާލައިގެން 24 ގަޑިއިރު ހިދުމަތް ކުރަމުން އެ ދަނީ. ވަރުބަލިވެސް ވާނެ ދޯ،" ކަރަންޓީނުގައި ހުންނެވި އީސަ ވިދާޅުވި އެވެ.

ކައުންސިލްގެ މެންބަރެއް ޕޮޒިޓިވްވެ އީސަގެ އިތުރުން އެހެން ގިނަ މުވައްޒަފުން ވެސް ކަރަންޓީނުގައި ތިބުމުން އޮފީހުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޖީނުގޭގެ ހުރިހާ ސްޓާފުން ވެސް ތިބީ ކަރަންޓީނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ ކުނި މެނޭޖްކޮށް ރަށުތެރެ ސާފުކުރާނެ މީހުން މި ވަގުތު ނެތުމަކީ. އެކަމަށް މިވަނީ އެހީތެރިކަމަށް ބޭނުންވެފައި،" އީސާ ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ މާސްކާއި އަންގިއާއި އަދިވެސް އެފަދަ އެހެނިހެން ވަސީލަތްތަކުގެ އެހީތެރިކަން ފޯސީޒަން ރިސޯޓުން ލިބޭކަން އީސަ ވަނީ ފާހަގަކުރައްވައިފަ އެވެ.

ކުރިއަށް އޮތީ ރޯދަ މަސްކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ، ރަށުގެ ގިނަ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތައް މިވަނީ ހުއްޓިފައި ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އެހީތެރިކަމެއް ނުލިބެއްޖެ ނަމަ އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށް އީސަ ވިދާޅުވި އެވެ.