އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ވާހަކަ ރާއްޖެ ޓީވީގެ މަޒާޖީ ޕްރޮގްރާމެއްގައި ދެއްކުމަކީ، ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެ ފައިސާ ދައުލަތަށް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން، މެންބަރު މީކާއީލް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަނުމުގެ އުމުރު ހަމަ ނުވަނީސް އެމްޑީޕީއަށް ވަނުމުގެ ޝައުގުވެރިކަން އުފެދުނީ، އެ ޕާޓީގެ ލީޑާޝިޕްގެ މެންބަރުންގެ ބުރުސޫރަ ރީތިކަމުން ނޫން ކަމަށާއި، އެ ޕާޓީން ހިފަހައްޓަމުން އައި އަސާސްތަކާއި، ގެންގުޅުނު އުސޫލުތަކާއި އެ ޕާޓީ އެމްޑީޕީއަކަށްވާ ސަބަބުތައް ކަމުދާތީ ކަމަށެވެ.

ނަމަވެސް މިއަދު އެ ވާހަކަ ދައްކާއިރު، އެޕާޓީ "ސަރުކާރުގައި އޮވެމެ އަޅުގަނޑުގެ ޕާޓީ މި ޕާލަމެންޓްގެ ސުޕަ މެޖޯރިޓިގައި އޮވެމެ، އަޅުގަނޑުގެ ޕާޓީ މުޅި ގައުމުގެ އެކި ގުނަވަންތަކުގެ މެޖޯރިޓީ ނަގައިގެން އޮވެމެ އަޅުގަނޑުމެންނަަށް ވައްކަމުގެ ލޭބަލް އެޅެމުންދާތީ އެބަ ބިރުގަންނަ،" ކަމަށް މީކާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފަހުރުވެރިވަމުން އައި އެމްޑީޕީގެ އަސާސްތައް ނެތިދާތަން ފެންނަ ކަމަށެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނަށް ވައްކަމުގެ ތުހުމަތުތައް ކުރެވެމުންދިޔަ ދަނޑިވަޅުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގަރޫޕުން އިސްނަގައިގެން މަސައްކަތް ފެށި ނަމަވެސް ސަރުކާރެއްގެ ސިފައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަސްމިނުގައި އަޅަމުން ގޮސްފައި ނުވާ ކަމަށެވެ.

ހެލްތު މިނިސްޓަރަށް އެފަދަ ތުހުމަތުތައް ކުރެވެމުންދިޔައިރު އެމަގާމުގައި ހުރެގެން ނުވި ނަމަވެސް އޭނާ މަގާމުން ވަކިވެގެން ދިޔައީ ހަތަރުމަސް ފަހުން ކަމަށްވެސް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ޕީޖީއަކީ މުސްތަގިއްލު ބޭފުޅެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެކަން ގަބޫލު ކުރަން ދަތި ކަމަށެވެ. އަދި ޕީޖީ މަގާމުގައި ހުންވައިގެން ޓީވީން ދެއްވި މަޖާޒީ ޕްރޮގްރާމެއްގައި، އޭސީސީގައި ހިނގަމުންދާ މައްސަލައެއްގެ ވާހަކަ ދެއްކިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މުސްތަގިއްލުކަމަށް އޅުގަނޑުމެން ބުނާ ޕްރޮސިކިއުޓާ ޖެނެރަލް މިއިންނަވަނީ ރާއްޖެ ޓީވީ ކިޔާ ޓީވީ ޗެނަލެއްގެ މަޖާޒީ ޕްރޮގްރާމެއްގައި އޭސީސީގައި މިހާރުވެސް ހިނގަމުންދާ ކޭސްއެއްގެ ވާހަކަ ދެކެވުމަށް، ރަސްމީ ހައިސިއްޔަތަކުން ނޫން އިއްޒަތްތެރި ރައީސް، މުސްތަގިއްލު ކަމަށް ގާނޫނުއަސާސީ ބަޔާންކުރާ ޕީޖީ އަކަށް މަޒާޖީ ޕްރޮގްރާމެއްގައި އަރާވަޑައިގެން އޭސީސީގައި މިހާރު ހިނގަމުންދާ ކޭސްއެއްގެ ވާހަކައެއް ނުދެއްކޭނެ، އެއީ އަން އެތިކަލް ކަމެއް، އެއީ އެމަނިކުފާނު މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭކަމެއް،" މީކާއީލް ވިދާޅުވިއެވެ.