އޭނާގެ މައްޗަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ ރައްޔިތުންގެ ކުރިމަތީގައި, ލައިވްޓީވީގައި ދެއްކެވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް, ރައީސް ނަޝީދަށް ދައުވަތު ދެއްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު "ވަން" އަށް މިއަދު ވިދާޅުވީ, އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީ ތެރެެއިން ކޮރަޕްޝަން ނައްތައިލުމަށް ކަމަށާއި އެކަން ކުރުމަށް ނުކުންނެވީ އެއްވެސް މީހަކާ ޒާތީވެގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.
ނަމަވެސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން އެ ވާހަކަތައް އާންމުންނަށް އަޑުއިވޭ ގޮތަށް ދެއްކެވުމަށް ފައްޔާޒު ދައުވަތު ދެެއްވި ކަމަށާއި އަދި އެ ދައުވަތު ރައީސް ނަޝީދު ވަގުތުން ގަބޫލުފުޅު ކުރެއްވި ކަމަށް "ވަން" އަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވި އެވެ. އަދި ޕީއެސްއެމްގެ ލައިވް ޕްރޮގްރާމެއްގައި އެކަމުގެ އިންތިޒާމު ހަމަޖެއްސެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ދަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ފައްޔާޒާއި ނަޝީދު ލައިވް ޓީވީގައި އެފަދަ ބަހުސެއް ކުރެއްވުމުގެ އިންތިޒާމު ހަމަޖެހުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވީ އެ ފަދަ ބަހުގެ ހަމަލާތަކެއް މިނިސްޓަރު ފައްޔާޒާއި މަޖިލިސް ރައީސް ނަޝީދާ ދެމެދު ހިނގި ނަމަވެސް، އެ ދެބޭފުޅުން ޓީވީއަކަށް އަރައިވަޑައެއް ނުގަންނަވާނެ އެވެ.
މިނިސްޓަރު ފައްޔާޒާ ދޭތެރޭ މީގެ ކުރިން ވެސް ކޮރަޕްޝަންގެ އެކި ތުހުމަތުތައް ނަޝީދު ކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ. ނަމަވެސް ފައްޔާޒުގެ ދިފާއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނެވުމުން ފަހުން އެކަން ހުއްޓުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު