ފަނަރަވަނަ ބައި
"ދިޔައީ އިނގޭ" އަންހެނަކު ވާހަކަދެއްކި އަޑަށް ވިއާން ފަހަތަށް އެނބުރި ބަލައިލިތަން ފެނުނެވެ. މާމަގެ ފުރަގަހުގައި ހުރި މަންމައަށް ވިއާންގެ ނަޒަރު ހުއްޓުނެވެ. އޭރުވެސް ވިއާންގެ އެއް އަތުގައި އަހަރެންގެ އަތްތިލަ ވިއެވެ. ހިނދުކޮޅަކަށް މަންމަގެ ނަޒަރު ވިއާންގެ މޫނަށް ހުއްޓިފައިވިއެވެ. މަންމަގެ މޫނުން ނަޒަރު ވަކިކޮށްލާ ވިއާން އޭނާގެ ގާތަށް އަހަރެން ދަމާލާފައި ކާރާ ދިމާލަށް ދިޔައެވެ. އަހަރެމެންނަށް ބަލަހައްޓައިގެން ހުރި ޒިޔާން އަހަރެންނަށް ފެނުނީ މާ ފަހުންނެވެ.
ހަތަރު ގަޑިއިރުގެ ދަތުރެއް ކަމުގައި ވިޔަސް އަހަރެންނަށް ދަތުރު ވަރުބަލިކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. އެހެންކަމުން ކޮޓަރިއަށް ވަންއިރަށް އަހަރެންނަށް ފެނުނީ ދިމާ ކުރިމަތީގައި ހުރި ބޮޑު އެނދެވެ. މާމަ ވަނީ ފާހާނާއަށް ފެންވަރާށެވެ. ނިދެމުން ދިޔައިރު ބާލީސް ކައިރީގައި އޮތް ފޯނު ވައިބްރޭޓް ވަމުން ދިޔަކަން އެނގުނެވެ. އެހެންނަމަވެސް އެސްފިޔަތައް އުފުލައިލާނެހާ ހިތްވަރެއް ނުލިބުނެވެ.
ހޭލެވުނީ މާމަ ގޮވާ އަޑަށެވެ. ވަރުބަލިކަމާއެކު ދެލޯ ހުޅުވާލިއިރު މާމަ ހުރީ ކުރިމަތީގައެވެ. ބޯދަށުގައި އޮތް ބާލީހާ ދިމާލުގައި އަތް ހާކައިލެވުނުއިރު ރަނގަޅަށް ދެލޯ ނުހުޅުވެއެވެ. އަތުގައި ފޯނު ޖެހުމާއެކު ދެލޯ ކުޑަކޮށްލާފައި ބަލައިލީމެވެ. ގަޑިން އަސުރު ފަހަނައަޅާ ހިނގައްޖެއެވެ. މޯޅިއަކަށް ދެމިލާފައި ހެޑްބޯޑުގައި ލެނގިލިއިރު މާމަ އިނީ ދާދި ކައިރީގައި އިށީނދެގެންނެވެ. އަތުގެ އުނޅަބޮއްޓާ ހަމައަށް މާމަ ލައިގެން ހުރި ހައުސްކޯޓުގެ އަތުކުރި އޮޅާލާފައި ހުރިއިރު ދެއަތް އެކު ހުރީ ތެމިފައެވެ. މޫނުގައިވެސް ފެން ހުއްޓެވެ. މާމަގެ އަތުތެރޭގައި ތުވާލި އޮތުމުން މާމަ އޭނީ އަސުުރު ނަމާދުކުރަން ވުޟޫކޮށްގެން ކަން އެނގުނެވެ.
"ތެދުވޭ ދެން. މިހާރު ހުންނާނީ ނިދިފަ" މާމަ ބުނެލިއެވެ.
"މާމަ ކީއްވެ މެންދުރު ނަމާދުކުރަން ނުގޮވީ" އަހަރެން ބުނީމެވެ. މާގިނައިރު ނިދުމުގެ ސަބަބުން ހިސާބަކަށް އަހަރެންގެ އަޑަށްވެސް ހުރީ ބަދަލެއް އައިސްފައެވެ.
"މާމަ ދުވަހަކުވެސް ނުދެކެން މަލް އެހާ ނިދި ގަދަވެފަ އޮށްވަ. ހާދަ ވަރަކަށޭ މާމަ ގޮވީ" މާމަ ބުނެލިއެވެ.
"ނަމާދުވެސް ނުކުރެވުނީ. ހާދަ ދެރައޭ" އަހަރެންނަށް ބުނެވުނެވެ. ކަންނެތްކަމާއެކު ފާހާނާއާ ދިމާލަށް ހިނގައިގަތްއިރު މާމަ ދޮޅި އަޅައިގެން މުސައްލަ މަތީގައި ހުއްޓިއްޖެއެވެ.
ފާހާނާއަށް ވަދެފައި ދެން ނުކުތްއިރު މުޅި މޫޑު ހަރާބުވެއްޖެއެވެ. އަނެއްކާވެސް ނަމާދު ޗުއްޓީއާ ކުރިމަތިލާން ޖެހުނީއެވެ. އެ ދުވަސްތަކަކީ އަބަދުވެސް އަހަރެން ފިކުރުތަކަކާ ދިމާލަށް ގެންދާ ދުވަސްތަކެކެވެ. ނަމާދު ވަގުތުތަކުގައި އަހަރެންނަށް ފޫހިކަމެއް ގެނެސްދޭ ދުވަސްތަކެކެވެ. ސަލާންދީފައި މާމަ ބަލައިލިއިރު އަހަރެން އެނދުގައި އޮތްތަން ފެނުމުން އަނެއްކާ ގޮވައިލިއެވެ.
"އެނގިއްޖެ. އެކަމަކުވެސް ތައްޔާރުވެލައިގެން ނިކުމެބަލަ ބޭރަށް. ފޮށީގައި ހުރި މާމަގެ ހުރިހާ އެއްޗެހިތައް ނަގާފަ އަލަމާރީގައި އަޅުވައިފިން. މަލް ފޮށިން އަދި ހެދުންތައް ނުނަގައްޗޭ" މާމަ ބުނެލިއެވެ. އަހަރެންނަށް އެނދުން ތެދުވެ ހައިރާންކަމާއެކު މާމައަށް ބަލައިލެވިއްޖެއެވެ. އަހަރެންގެ ހެދުންތައް ފޮށިން ނުނަގަން އެބުނީ ކީއްވެ ހެއްޔެވެ؟ މިގެއަށް އައި ދުވަސްކޮޅު އަހަރެން ހެދުންތައް ފޮށިން ނުނަގާ ބެހެއްޓުމުން އެކަމާ އެންމެ ގިނައިން ޝަކުވާ ކުރި މީހަކީވެސް މާމައެވެ.
"ދެން އާދޭ އަވަހަށް" އަހަރެންނަށް ސުވާލުކުރާނެ ފުރުސަތެއް ނުދީ މާމަ ކޮޓަރިން ނުކުމެއްޖެއެވެ.
***
ކޮޓަރިން ނުކުތްއިރު ސިޓިންރޫމަށް ބަނޑުފުރޭ ކަހަލަ މީރު ވަހެއް ފެތުރިފައިވިއެވެ. ބަދިގެ އާ ދިމާލަށް ދިޔައިރު އެތެރޭގައި ވިއާން ހުއްޓެވެ. އަވަނުން ނަގައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓި ޗޮކްލެޓް ކޭކް ފެނިފައި އަހަރެންގެ ދޫ ބޭރަށް ނުކުތް ކަހަލައެވެ. އަވަހަށް މޭޒު ކައިރީގައި އިށީނދެފައި ކޭކާ މޫނު ގާތްކޮށްލާފައި ނޭވާ އެތެރެއަށް ދަމައިލީމެވެ. އެމަންޒަރު ފެނުމުން ގަސްތަކަށް ފެންދޭ ކުރާ ހިފައިގެން ބަދިގެއަށް ވަން މާމަ ހީލިއެވެ.
"ދެން ހިނގާ ސައިބޯން މާމާ" ވިއާން ބުނެލިއެވެ.
"ދެކުދިން ފަށާ. މާމަ މި އަންނަނީ އަތް ދޮވެލައިގެން" އެހެން ބުނެފައި މާމަ ގޮސް ހުއްޓުނީ ސިންކު ކައިރީގައެވެ.
މޭޒުމަތީގައި ހުރި ތަށިތަކުގެ މަތި ނެގިއިރު ދެ ވައްތަރެއްގެ ހެދިކާ ހުއްޓެވެ. އަހަރެންގެ ބަނޑުހައިވީ ކުއްލިއަކަށެވެ. މަސްރޮއްޓާ ކުޅި ބިހެވެ.
"ކާކު ހެދީ" އަހަރެން އެހީމެވެ.
"އަހްމަދު ވިއާން. ދެން އެހެން ކާކު" ވިއާން ބުނެލިއެވެ.
"ދޮގެއް" އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ. ވިއާން ހީލާފައި އުނދުން ކައިރީގައި އޮތް ފޮތް ގެނެސް އަހަރެންނަށް ދައްކައިލިއެވެ. އެހިނދު އަހަރެންނަށް ހެވުނެވެ. ވިއާން ތަފާތު ވައްތަރުގެ ހެދިކާ ހަދަން ދަސްކުރީ ކައްކާ ފޮތް ބަލައިގެންކަން އެނގުމުން އަހަރެންނަށް ވިއާނާ މެދު ފަހުރުވެރި ވެވުނެވެ.
"އޮފީސް ނިންމާފައި ގެއަށް އައިސް އަހަރެން ކުރާ ކަމަކީ މިއީ. މާމައާ މަލް ބަދިގެއަށް ދެން ނުވަނަސް އޯކޭ ވާނެ" އޭޕްރަން ހަށިގނޑާ ވަކިކޮށްލާފައި އެ އޮންނަންޖެހޭ ތަނުގައި ބާއްވާފައި ވިއާން ބުނެލިއެވެ.
***
އިޝާ ނަމާދުކޮށްގެން ވިއާން ގެއަށް ވަންއިރު ފޯނު ހިފައިގެން އަހަރެން އޮތީ ސޯފާގައެވެ. ގުރުއާން އެޕަކުން ކިޔަވަން އޮވެފައި ވިއާން ފެނުމުން އަހަރެން ތެދުވެ އިށީނީމެވެ.
"ކާން ހަދާފަ ހުންނާނީ. މާމަ ނުކުތީމަ ދޯ ކާނީ" އަހަރެން ބުނީމެވެ. ވިއާން ހީލާފައި ބޯޖަހައިލިއެވެ. ވަކިން ހުރި ސޯފާގައި އިށީނދެފައި ކުޑަ މޭޒުމަތީގައި ހުރި ތެލުލި ބަނބުކެޔޮ ތަށިން ފޮއްޗެއް ނަގާފައި އަނގައަށް ލިއެވެ. އެއީ ރަށުން ގެނައި ހަދިޔާއެވެ.
"އާދެބަލަ" ވިއާން ތެދުވެފައި ބުނެލިއެވެ. އަހަރެން ތެދުުވީމަ ވިއާން ހިނގައިގަތެވެ. ވާނުވާ ނޭނގިފައި އަހަރެން ފަހަތުގައި ހުއްޓައި ވިއާން އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ. އަދި އަހަރެން ގޮވައިގެން ގޮސް ވަނީ މާމަގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެއީ ކުރިން ޝާހިދު ބޭނުންކުރި ކޮޓަރިއެވެ.
"މިތަނަށް ކީއްކުރަން. މިތަން ހާދަ އަނދިރިއޭ" އަހަރެންނަށް ބުނެވުނެވެ. އެ ހިނދު ހުދު އައްޔަކުން ކޮޓަރި އަލިވެގެން ދިޔައެވެ. ކޮޓަރީގެ ހުރިހާ ދިމާލަކަށް އަހަރެންގެ ކަޅި ދަތުރުކޮށްލީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޝާހިދު ކޮޓަރީގައި އުޅުނުއިރު އަހަރެންނަށް މި ކޮޓަރިއަށް ވަދެވިފައި ހުންނާނީ ދެތިން ފަހަރުއެވެ. އޭރާއި މިހާރާ ހާދަ ތަފާތެވެ. އޭރުގަ ކޮޓަރީގައި ހުރި އެއްވެސް އެއްޗެއް މިހާރު ފެންނަން ނެތެވެ. އޭގެ ބަދަލުގައި ފެންނަން ހުރީ އަންހެން ކުއްޖަކާ އެންމެ ގުޅޭގޮތަށް ތައްޔާރުކޮށްފައި ހުރި ކޮޓަރިއެކެވެ. ހުރިހާ ފަރުނީޗަރުތަކެއް ހުރީ ދަނބު ކުލައިންނެވެ. ދޮރުފޮތިތަކާ އެނދުގައި އަޅާފައިވާ ބެޑްޝީޓް ވަނީ ފަރުނީޗަރުގައިވާ ދަނބު ކުލައަށް ވުރެ އަލި ދަނބު ކުލައަކުންނެވެ. އެނދާ ދިމާލުން ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމުގައި އިނގިރޭސި ލިޔުންކޮޅެއް ފެންނަ ބޮޑު ފްރޭމެއް ހަރުކޮށްފައި ހުއްޓެވެ. 'ލަވް ވަޓް ޔޫ ޑޫ' އަހަރެންނަށް ކިޔައިލެވުނެވެ. އެބަސްކޮޅުގެ ތިރިން ލިޔެފައިވާ 'ޑޫ ވަޓް ޔޫ ލަވް' ބަސްކޮޅުވެސް ކިޔައިލެވުނެވެ. ދެން އަހަރެންނަށް ބަލައިލެވުނީ ވިއާންގެ މޫނަށެވެ. ވިއާން އަހަރެންނަށް ބަލަހައްޓައިގެން ހުރީ ހިނިތުންވެލައިގެންނެވެ.
"ރީތިތަ؟" ވިއާން އެހިއެވެ. އަހަރެން ބޯޖަހާލާފައި ވިއާނަށް ހިނިތުންވެލީމެވެ. އެތެރެއަށް ވަދެފައި އަހަރެން ހުރިހާ ފަރުނީޗަރެއްގައި އަތް ހޭކީމެވެ. އެކޮޓަރި ދެކެ އަހަރެންގެ މުޅި ހިތުން ލޯބިވީމެވެ. އެއީ ވިއާނަށް އަހަރެންނަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތެއްކަން އަހަރެންގެ ހިތް ޔަގީން ކުރިއެވެ. އަހަރެން ވިއާނަށް ޝުކުރުއަދާ ކުރީމެވެ.
"ދެން އަލަމާރީގައި އެއްޗެހި ތަރުތީބުކޮށްލާ" ފޮށި ދަމަމުން ކޮޓަރިއަށް ވަން މާމަ ބުނެލިއެވެ.
"މާމައަށް އެނގިގެން ކުރި ކަމެއް ދޯ މިއީ" ފޮށީގައި ހިފަމުން އަހަރެން އެހީމެވެ. މާމަ ބޯޖަހައިލިއެވެ. ފޮށީގެ އަތްގަނޑުގައި ހިފާފައި އެނދުމަތީގައި ބަހައްޓަން އުޅުނު ވަގުތު ވިއާން އަހަރެންނަށް އެހީވިއެވެ.
"އަލަމާރިއަށް އެއްޗެހި އަޅަން އަހަރެން މަލްއަށް އެހީވާނަން. އެކަމު އިހަށް ހިނގާ ކާން" ވިއާން ބުނެލިއެވެ.
***
ހަޔާތުގައި ދިމާވެފައިވާ ހިތްދަތި ދުވަސްތައް މާޒީއާ އެކުވެ މާ ފަހަތަށް ހިނގައްޖެއެވެ. އަހަރެންގެ ހިތުގައި ވިއާނަށްޓަކައި އުފެދުުނު ލޯބި ހާމަނުކޮށް ފޮރުވައިގެން ވިއާނާ މާމައާ އެކު ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައީމެވެ. ވިއާންގެ އުޅުމަށްވެސް ތަފާތު ބަދަލެއް އައިސްފައިވާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. ގޭގައި ހުންނަ ވަގުތެއް ވިއްޔާ އަބަދުވެސް ވިއާން ހުންނަނީ އަހަރެންނަށް ފެންނަ ހިސާބުގައެވެ. ނިދަން ދަނީ އަހަރެންނަށް ފެނިލައިފައެވެ. ބައެއްފަހަރު ވިއާން އަހަރެންނާ މެދު ތަފާތު ނަޒަރަކުން ދެކެނީ ބާއޭވެސް ހިތަށް އަރައެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަން އަހަރެން އަމިއްލަ ހިތަށް ވިސްނައިދެމެވެ.
ރީޝަމްއާ ބައްދަލުކުރަން ދިޔަ ދިޔުމެއްގައި ވިއާން އަހަރެންނަށް ގޮވައިލިއެވެ. އަހަރެން އިނީ ވިއާންގެ ސައިކަލް ފަހަތުގައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެކެވެ. ކަންމަތީ ފިހާރައަށްވެސް ވިއާން ނުލައި ދާން އޭނާ ނުރުހެއެވެ. ރެސްޓޯރެންޓަށް ވަންއިރު ރީޝަމް އެކަނި މޭޒެއް ކައިރީގައި އިނެވެ. އަހަރެން އެތެރެއަށް ވަނުމުން ވިއާން ސައިކަލުގައި ކުރިއަށް ދުއްވައިލިތަން ފެނުނެވެ.
މޭޒު ކައިރިއަށް ނުދެވެނީސް ރީޝަމް އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ. ބައްދާލާފައި ހިނގައިގަތެވެ.
"ވަރަށް ވަރަށް ހަނދާންވި މަލް މަތިން" ރީޝާމް ބުނެލިއެވެ.
އަހަރެންވެސް"
"ކޮން ހަބަރެއް އޮތީ؟" ވެއިޓަރެއް އައިސް ބެހެއްޓި ފެންފުޅި ކަނޑާލާފައި ދެ ތައްޓަށް އަޅަމުން އަހަރެން ބުނީމެވެ.
މަޑުކުރޭ އަދި. ކޯއްޗެއް ގެންނާނީ. އަހަރެން ބޭނުމީ ފިޝް އެންޑް ޗިޕްސް" ރީޝަމް ބުނެލިއެވެ.
"މަށަށް ކްލަބް ސޭންޑްވިޗެއް ރަނގަޅުވާނެ" އަހަރެން ބުނީމެވެ.
ރީޝާމްގެ ވާހަކަތައް ފެށުނީ އެހިސާބުންނެވެ. އެންމެ ފުރަތަމަވެސް އެހީ ވިއާންގެ ވާހަކައެވެ. ވިއާނާ އަހަރެންގެ ގުޅުން އޮތް ހިސާބެއް އޮޅުންފިލުވިއެވެ.
"ހަމަ އެހެން. އެއްވެސް ކަމެއް ބަދަލެއްނުވޭ. އެކަމަކު ކުރިއަށް ވުރެ ބޮޑަށް އަހަރެންގެ ކަންތަކުގަ އުޅޭ ތަން ފެނޭ" އަހަރެން ބުނީމެވެ.
"އާލިމް ބުނި ވިއާންގެ ލެޕްޓޮޕްގައި އެބައިނޯ އަންހެން ކުއްޖެއްގެ ފޮޓޯއެއް. ވަރަށް ފޮރުވައިގެންނޯ އުޅެނީ" ރީޝަމް ބުނެލިއެވެ.
"ވެދާނެ. ވިއާންގެ ހަގީގަތެއް ބުނާކަށް ނޭނގޭ. ވެދާނެ އޭނާގެ އެކްސްއެއް ކަމަށް. އަހަރެން ނޫޅެން އެއީ ކާކުގެ ފޮޓޯއެއްތޯ ބަލާކަށް. ބަލައިގެން ހިތުގައި ރިހުން ނޫން ކަމެއް ނުވާނެ" އަހަރެން ބުނީމެވެ.
އިރުކޮޅަކު ހެވިފައި އަހަރެންގެ މޫނަށް ބަލަހައްޓައިގެން ރީޝަމް އިނެވެ. އެއްޗެއް ބުނަން އުޅެފައި އޯޑަރު ކުރި އެއްޗެހި ގެނައުމުން ހިމޭނުން އިނެވެ. އަނެއްކާ ވާހަކަދައްކަން ފެށީ ވެއިޓަރު ދިޔުމުންނެވެ.
"އާލިމް ބުނި އޭގަ އިނީ މަލްގެ ފޮޓޯއެކޯ" ރީޝަމް ބުނެލިއެވެ. ބޯން އިން އޮރެންޖް ތަށީ ތެރެއަށް އަހަރެންނަށް ހޮޅި ދޫކޮށްލެވިއްޖެއެވެ. އެއީ ރީޝަމް ސަމާސާއަކަށް ބުނި އެއްޗެއް ހެއްޔެވެ؟
"ތީ މަޖަލަކަށް ބުނި އެއްޗެއް ދޯ. އަސްލެއް ނޫނަސް އުފާވެއްޖެ" އަހަރެން ބުނީމެވެ.
"ނޫނެކޭ. ހަމަ ތެދެކޭ. އަހަރެން އާލިމަށް މަލްގެ ފޮޓޮއެއް ދައްކާފަ އެހީމަ ބުނެފި ހަމަ މަލް އޭ އެއީ" ރީޝަމް ބުނެލިއެވެ.
އަހަރެންނަށް އުފަލުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ވިއާންގެ ބަދަލުވަމުންދާ މިޒާޖާ ދުުލުން ބޭރުކުރާ ބަސްތަކާ އަމަލުން ދައްކާ ކަންތައްތަކާ އަހަރެންނަށް ވިސްނުން ހިންގައިލެވިއްޖެއެވެ. ވިއާންގެ ހިތުން އަހަރެންނަށްޓަކައި ޖާގައެއް ހުސްވަމުންދާކަން ނުވަދިހަ ނުވަ ޕަސެންޓް އަހަރެންނަށް ޔަގީން ކުރެވިއްޖެއެވެ. ބާކީ އެއް ޕަސެންޓް ޔަގީން ވާނީ ވިއާންގެ ދުލުން އެކަމަށް އިއުތިރާފުވުމުންނެވެ.
"ދެން އަހަރެން ކިހިނެއް ހަދާނީ؟" އަހަރެން ރީޝާމް އަށް އެހީމެވެ.
***
ދުވާލު މާގިނައިން ނިދުމުގެ ސަބަބުން އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ގަޑިން އެކެއް ޖެހިއިރުވެސް އަހަރެން އޮތީ ހޭލައެވެ. ވައިބާ އިން ރީޝާމްއާ ތަންކޮޅެއް ގިނައިރު ވާހަކަދެއްކިއްޖެއެވެ. ފަތިހާ ހޭލަންޖެހޭތީ ރީޝަމް ވެސް ނިދައިފިއެވެ. ފޫހިވެގެން އަހަރެން އެނދުން ތެދުވެ ކޮޓަރީގައި ހިނގަން ފެށީމެވެ. ކުޑަދޮރު ކައިރީގައި ހުރެ އެނދަށް ބަލަހައްޓައިގެން ހުރެވުނެވެ. ކުއްލިއަކަށް ތަންމަތި ބަދަލުވުމުން އެ އުނދަގޫވެސް އަހަރެންނަށް ވަމުން ދިޔައެވެ. އަލުން ގޮސް އެނދުގައި އިށީނދެފައި އަނެއްކާވެސް ފޯނާ ކުޅެވެން ފެށިއްޖެއެވެ. އެކަހަލަ ގޮތަކަށް ރޭގަނޑުގެ ވަގުތުތައް ހޭދަކުރަމުން ދަނިކޮށް ކުއްލިއަކަށް ރީޝަމް ދިން ހިޔާލެއް ހަނދާންވެއްޖެއެވެ. ވިއާންގެ ހިތުގައި އަހަރެންގެ މަގާމަކީ ކޮބައިކަން ބެލުމަށް އެއަށްވުރެ ރަނގަޅު ގޮތެއް ނެތެވެ. އެގޮތަށް ކަންތައް ކުރެވެން އޮތީ ވެސް އަހަރެންނަށެވެ. މައްސަލައަކީ އަހަރެން ފަސްޖެހޭކަމެވެ. ދޮގެއް ހަދަންޖެހޭ ކަމެވެ. ދެމެދަށް ޒިޔާން ވައްދަންޖެހޭ ކަމެވެ. ޒިޔާންގެ ހިތަށް ދޮގު އުންމީދުތަކެއް ވައްދަން ޖެހުމެވެ.
ތިނެއްޖަހަން އުޅެނިކޮށް އަހަރެން ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނިކުމެއްޖައީމެވެ. މާގިނައިރު ހޭލާ އޮތުމުގެ ސަބަބުން މާބޮޑަށް ބަނޑުހައިހޫނުކަމުގެ އިހުސާސް ވެއްޖެއެވެ. އަނދިރިކަން ވެރިވެފައިވާ ސިޓިންރޫމަށް ވެރިވެފައިވަނީ މަރު ފަދަ ހިމޭންކަމެކެވެ. ދިރޭ އެއްވެސް ފުރާނައެއްގެ ހިލަމެއް ނުވެއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ކަނިތަކެއް ޖަހަމުންދާކަން އަދި އެ އެނގުނީއެވެ. މަޑުމަޑުން ހިނގަމުން ބަދިގޭ ދޮރަށް އަރާފައި ލައިޓްތައް ޖައްސައިލުމާއެކު އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ފަދައިން މޭޒު ކައިރީގައި އިން ވިއާންވެސް އެދިޔައީ ސިއްސައިގެންނެވެ. އަދިވެސް އަހަރެންގެ ހިތުގެ ތެޅުން މައިިތިރިއެއް ނުވެއެވެ. ދުވަހަކުވެސް މިހާ ބޮޑަށް ބިރެއް ނުގަނެއެވެ. ފުން ނޭވާއެއް ލާފައި އަހަރެން ރަނގަޅަށް ވިއާނަށް ބަލައިލީމެވެ. ވިއާންގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އަހަރެން ފަދައިން ވިއާނަށްވެސް ނުނިދިގެން އުޅެނީ ކަންނޭނގެއެވެ. އެހެންނަމަވެސް ކަނު އަނދިރީގައި އިނީ ކީއްކުރަން ހެއްޔެވެ؟
"ވިއާން" ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އަހަރެން ގޮވައިލީމެވެ.
"އަހަރެންވެސް ނުނިދިގެން ކޮފީއެއް ބޯލަން އައީ" ވިއާން ބުނެލިއެވެ.
"އެނގޭތަ ގަޑިން ވީ އިރެއް. ނުނިދިގެން ވިޔަސް މިތާ ލައިޓްތައް ޖެއްސޭނެ ދޯ" އަހަރެން ބުނީމެވެ.
"ހަނދާން ނެތުނީ. އެހެންނޫނަސް އަނދިރިކަން ހިތަށް ހަމަޖެހުން ގެނެސްދޭ" ވިއާން ބުނެލިއެވެ. ދެފަރާތަށް ބޯހޫރާލާފައި އަހަރެން އުޅުނީ ކޮފީ ހެދުމައިގެންނެވެ. ވިއާނާ އެއްކޮށް ނެހެދީ މިހާރުވެސް އޭނާގެ ކުރިމަތީގައި އާވި އަރަމުންދާ ކޮފީ ތައްޓެއް ހުރުމުންނެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ގޮނޑީގައި އަހަރެން އިށީނުމާއެކު ވިއާން އެހިއެވެ.
"އަހާބަލަ. އުނހު. އިހަށް މަޑުކުރޭ. މިއަންނަނީ" ކުއްލިއަކަށް އަހަރެން ތެދުވެ ކަބަޑުސެޓާ ދިމާލަށް ހިނގައިގަތީމެވެ. ދެން އައީ ތައްޓަކަށް ރަށުން ގެނެސްފައި ހުރި ޑަބިޔަލުން ކުޅިރޮށި އަޅައިގެންނެވެ.
"ކައިބަލަ. ވަރަށް މީރުވާނެ" ވިއާނާ ގާތަށް ތަށި ޖައްސައިލަމުން އަހަރެން ބުނީމެވެ.
"ދެން އަހާބަލަ" އަހަރެން ބުނީމެވެ.
"މަލް ކީއްވެ ނުނިދިގެން ތިއުޅެނީ؟" ވިއާން އެހިއެވެ.
"އެބަހުރި ބައިވަރު ސަބަބުތައް" އަހަރެން ބުނީމެވެ.
"އެއްވަނަ ސަބަބު؟" ވިއާން ބުނެލިއެވެ. އަހަރެން ހީލީމެވެ. އަދި ވިއާނަށް ބަލައިލަމުން އަތުގެ އިނގިއްޔެއް އުފުލާލައިފައި އިނގިއްޔަށް އިޝާރާތްކޮށް އެކެއް ދައްކައިލީމެވެ.
"އެންމެ ފުރަތަމަ ކުއްލިއަކަށް ނިދާތަން ބަދަލުވެއްޖެ. ދެވަނަ ކަމަކަށް ދުވާލު ގަޑީގަ މާގިނައިން ނިދުނީމަ. ތިންވަނަ ކަމަކަށް ރީޝަމްގެ ވާހަކަތަކުގަ ޖެހިފަ ވަގުތު ދިޔަ ގޮތެއް ނޭނގޭ. ހަތަރުވަނަ ކަމަކަށް"
އެހިސާބަށް ގޮސްފައި އަހަރެންނަށް ވިއާނަށް ބަލައިލެވިއްޖެއެވެ. ހަތަރުވަނަ ސަބަބު ގުޅިފައިވަނީ ވިއާނާ އޭ އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ ނޭވާ އަވަސްވެ ހިތުވިންދު އަވަސްވެއްޖެހެން ހީވިއެވެ. ދޮގު ހަދަންވެސް ބޭނުންނުވިއެވެ.
"ބުނެބަލަ. ހަތަރުވަނަ ކަމަކީ" ވިއާން ބުނެލިއެވެ.
"އަހަރެން އަތް ތިރިކޮށްލާފައި ކުރިމަތީގައި ހުރި ކޮފީތައްޓަށް ނަޒަރު ސީދާކޮށްލީމެވެ.
"އަހަރެންނަށް މީހަކާ މެދު މާބޮޑަށް ވިސްނެނީ" މަޑުމަޑުން އަހަރެން ބުނެލީމެވެ. އެވަގުތުކޮޅު އަހަރެން ވިއާނަށް ނުބަލަމެވެ. އެހެންކަމުން ވިއާންގެ މޫނަށް ވެރިިވި ކުލަވަރު އަހަރެންނަށް ނޭނގެއެވެ.
"ކާކު ޒިޔާންތަ؟" ވިއާން އެހިއެވެ.
"ޒިޔާން ވިއްޔާ ކޮބާ މައްސަލައަކީ. އެއީކީ އަހަރެންނާ ދުރު މީހެއްވެސް ނޫނެއްނު. އަހަރެންގެ ހުރިހާކަމެއް އެންމެ ބޮޑަށް އެނގޭނެ މީހަކީ ޒިޔާން" އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަތަކުގެ މިސްރާބު އެގޮތަށް ބެހެއްޓީ އެއްގޮތަކަށްވެސް ވިއާނަށް ޖެއްސުމަކަށް ނޫނެވެ. އަހަރެންގެ ވާހަކަތަކުގައި މުޅިއަކުން ދޮގެއްވެސް ނެތެވެ.
"ކީއްވެ އެއްޗެއް ނުބުނީ؟" ވިއާން ހިމޭނުން އިންނަން ފެށުމުން އަހަރެން ބުނީމެވެ.
"ކަމެއްނުވޭ. އަހަރެން ދުއާ ކުރާނަން މަލް ލޯބިވާ މީހާ މަލްއަށް ލިބުމަށް އެދި" ވިއާން ބުނެލިއެވެ. އެވަގުތު އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
ދެމީހުން ކުރެ އެކަކުވެސް ވާހަކަނުދައްކާ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ވިއާން ތެދުވެ ހިނގައިގަނެއްޖެއެވެ. އަހަރެން އެނބުރި ވިއާނަށް ގޮވައިލީމެވެ.
"ދަނީތަ؟" އަހަރެން އެހީމެވެ.
"ދެން ކޮންކަމެއް އޮތީ. މަލްއާ މަލްގެ ހިޔާލީފޮލާތަކަށް ހުރަހަކަށް ވާން އަހަރެން އިނީމަ ރަނގަޅެއް ނުވާނެއްނުން" ވިއާން ބުނެލިއެވެ.
"ނޮޓް ފެއަރ. އަހަރެންނަށްވެސް ވިއާނާ ސުވާލުކުރުމުގެ ފުރުސަތު ލިބެންވާނެއްނު" އަހަރެން ބުނީމެވެ. ވިއާން އެނބުރިލާފައި ހިނިތުންވެލައިފިއެވެ. ހީވީ ގަދަކަމުން ތުންފަތަށް ވެރިކުރުވި ހިިތުންވުމެއް ހެންނެވެ. ދެން އަނެއްކާވެސް ކުރިން އިން ގޮނޑީގައި އިށީނދެއްޖެއެވެ.
"މަލް ބޭނުން އެއްޗެއް އަހަންވީ" ވިއާން ބުނެލިއެވެ. އަހަރެން ހިތަށް އެރިއެވެ. މިގަޑީގައި ކޮންމެ އެއްޗެއް އެހިޔަސް ވިއާން ތެދު ހާމަކުރާނެއެވެ. ވިއާންގެ މޫނުމަތިން އެކަމުގެ ތެދުކަން އެބަ ފެނެއެވެ. އެކަމަކު އަހަރެން އަހަންވީ ކޮން ސުވާލެއް ހެއްޔެވެ.
"ވިއާން އެއްވެސް އަންހެން ކުއްޖެއް ދެކެ ލޯބިވަންތަ؟ މިބުނީ ވިއާންގެ ހިތުން އެދެންހޭ އެއްވެސް އަންހެން ކުއްޖަކަށް" އަހަރެން އެހީމެވެ. އެވަގުތު ވިއާންގެ ތަފާތު ނަޒަރެއް އަހަރެންނަށް ހުއްޓިއްޖެއެވެ. ގޮނޑިން ތެދުވެގެން މަޑުމަޑުން ހިނގާފައި އައިސް އަހަރެން ކައިރީގައި ހުއްޓިއްޖެއެވެ. ތިރީގައި އެއް ކަކޫ މައްޗަށް އިނީނދެފައި އަހަރެންގެ ދެއަތްތިލައިގައި ހިފައިލިއެވެ. ވާންއުޅެނީ ކީއްކަން ނޭނގި އަހަރެންނަށް ހިންދިރުވައިލެވުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ