ކޮންމެ ކެމްޕެއިންއަކާ ދިމާކޮށް ގޭގޭގެ ކުނި ކަހައިދީ އެނދު ތަންމަތި އަޅައިދީ، މޮޅެތި ވާހަކަދައްކައި ހަދަމުންދާ މީހުންގެ ދަޅައަށް ރައްޔިތުން މިހާރު ނުހެއްލޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލިޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، އަންނަ މަހުގެ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ކެމްޕެއިންގައި އުޅުއްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޭގެއަށް ވަޑައިގެން އެފަދަ ބައެއް ކަންތައް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ނުސީދާކޮށް ރައީސް ނަޝީދުގެ އެ އަމަލުތަކަށް އިޝާރާތް ކުރައްވައި ޝައިހު އިލިޔާސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، ކޮންމެ ކެމްޕެއިންއަކާ ދިމާކޮށް ތިމަންނާއަކީ ރައްޔިތުންގެ މީހެއް ކަމަށް ދައްކަން ކޮރަޕްޝަނާ ދެކޮޅު ޑިމޮކްރެޓިކް މީހެއްކަމުގެ ތާޖު އަޅަން ގޭގޭ ކުނި ކަހައިދީ އެނދު ތަންމަތި އަޅައިދީ، ހަދަމުންދާ ކަމަށެވެ.
އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ނަޝީދު ގޭގެއަށް ހިންގަވަމުން ގެންދަވާ އިރު، ގެއެއްގެ ކުނި ކަހައިދީ މޮޕްކުރާ ފޮޓޯތަކެއްް އެމްޑީޕީގެ ފަރާތުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ގެއަކަށް ވަޑައިގެން ރައީސް ނަޝީދު ފުނޑުއްވާ ފޮޓޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ރައީސް ނަޝީދުގެ އެ ހަރަކާތްތަކާ ގުޅިގެން އެމްޑީޕީގެ ގިނަ ބަޔަކު އެމަނިކުފާނަކީ ހިތްތިރި ބޭފުޅެއް ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައިވާ އިރު، އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑުވެސް ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު