މިސްޓަ މޯލްޑިވްސް 2021 ގެ އަކަށް މުހައްމަދު ޔާމީން (ޔާމްބެ) ހޮވިއްޖެއެވެ.
މީގެ ކުރިންވެސް މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދާފައިވާ ޔާމްބެ އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސް އަކަށް ހޮވުނީ 2017 ވަނަ އަހަރު އެވެ. މިއަހަރުގެ ނެޝަނަލް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަދި މިސްޓަ މޯލްޑިވްސް އިވެންޓުގައި ޔާމްބެ ވަނީ 90 ކިލޯ ކެޓެގަރީން އެއްވަނަ ހޯދައިފައެވެ.
މި އަހަރުގެ އެތުލެޓިކް ފިޒީކް ބަޔާއި އެތުލެޓިކް ފިޒީކުގެ 180 ސެންޓިމީޓަރު ބައިން އެއް ވަނަ ހޯދީ އަހުމަދު މައުޒެވެ. ސަތޭކަ ހަތްދިހަ ސެންޓިމީޓަރު ބައިން އެއް ވަނަ ލިބުނީ 2019 ވަނަ އަހަރު ގައުމީ ބޮޑީބިލްޑިން ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރި ފަތުހުﷲ މުހައްމަދު އަށެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ގައުމީ ބޮޑީބިލްޑިން މުބާރާތް ބާއްވާފައެއް ނުވެއެވެ. ރޭގެ އިވެންޓަށްވެސް ސުވާލުތަކެއް އުފެދިފައި އޮތްއިރު، އިވެންޓަށް ހުއްދަ ދިނީ ފަހު ވަގުތުއެވެ. ރޭގެ އިވެންޓުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.