ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މ. މުލީގައި ސެލްފު ސާވިސް ބޭންކިންގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް ސެންޓަރުގައި ގާއިމުކޮށްފައިވާ ދެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޗެކު ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލުން ބުނީ، މީދޫގައި މިއަދު ހުޅުވި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ބުރާންޗަށް ދާން ނުޖެހި، ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ 10 ރަށެއްގައި އަލަށް ސެލްފު ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފު ސާވިސް ބޭންކިން ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފައެވެ.

ބީއެމްއެލުން ބުނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބުރާންޗު، 67 ސެލްފު ސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރިކޮށްދިނުން ކަމަށެވެ.