ޅ. ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެތަނުގައި އަމަލު ކުރަމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނަށް ކަމަށް ފެލިވަރު މަސް ކާރުހާނާ ހިންގަމުން އަންނަ ކުންފުނި، މިފްކޯ އިން ބުނެފި އެވެ.
ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 66 އަށް އަރާފައިވާއިރު، މިއީ ތިލަފުށި ފިޔަވައި ސިނާއީ މަސައްކަތް ކުރަމުން އަންނަ ރަށަކުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ފަހަރެވެ.
އެކަމާ ގުޅިގެން މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވި އެންމެން ވެސް މިހާރު ހުރީ އެރަށުގައި ހުންނަ އައިސޮލޭޝަން ފެސިލިޓީގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިފްކޯގެ ހުރިހާ ސައިޓެއްގައި ވެސް އަމަލު ކުރަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލާފައިވާ އެސްއޯޕީއެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނިން ދަނީ އެޗްޕީއޭ އާ ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން. މުވައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އަބަދުވެސް މި ކުންފުނިން އިސްކަން ދޭ ކަމެއް ކަމުގައި ފާހަގަކުރަން،" މިފްކޯގެ ބަޔާނުގައިވެ އެވެ.
ކުރިއަށް އޮތީ ރޯދަމަސް ކަން ފާހަގަކޮށް މިފްކޯއިން ބުނީ، އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި މާލެ އާއި މިފްކޯގެ އެހެން ސެންޓަރުތަކުން ވެސް އެ ކުންފުނީގެ އުފެއްދުންތައް މެދުކެނޑުމެއް ނެތި ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު