އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރެކޯޑު އަދަދަކަށް އަންހެން ސިފައިން ރެކުރޫޓު ކޮށްފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޔޫއެންގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 65 ވަނަ ސެޝަންގެ ހަވާސާގައި ދެއްވި ވީޑިއޯ މެސެޖެއްގައި އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ދެއްވާ ހާއްސަ އިސްކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާ ބައިގެ މުއްދަތުގެ ތެރޭގައި، ރެކޯޑު އަދަދަކަށް އަންހެން ސިފައިން ރެކުރޫޓު ކޮށްފައިވާ ކަމަށެވެ.

އަދި މިއަހަރުގެ ޖަނަވަރީ މަހު އެކަނި ވެސް، ރެކޯޑު އަދަދަކަށް އަންހެން ސިފައިން ޕްރޮމޯޝަން ހާސިލު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމު ހާސިލު ކުރެއްވި އަންހެން އޮފިސަރުންގެ ތެރެއިން ދެ އޮފިސަރުން އެމްއެންޑީއެފުގެ ލަފާ ދޭ މަޖިލީހަށް އައްޔަން ކުރެއްވުމަށްޓަކައި، އުސޫލަށް ބަދަލު ގެންނަންވާފައިވާއިރު މިއަދު އެމްއެންޑީއެފުގެ ހުރިހާ ބޯޑެއްގައި އަންހެން ސިފައިން ތަމްސީލު ވާނެ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، ގައުމީ ސަލާމަތަށް ހުރި ޒަމާނީ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ދެ ޖިންސުގެ ރައްޔިތުން ޝާމިލުވާހެން އެއް ބާރެއް ލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

ލެޓްވިއާ އިން އިންތިޒާމު ކޮށްގެން، ރާއްޖެއިން ކޯ ހޯސްޓު ކުރާ ގޮތަށް ބޭއްވި "ރޯލް އޮފް ވިމެން ލީޑާސް އިން ދަ މިލިޓަރީ އެންޑް ޕީސްކީޕިން" ޕެނަލް ޑިސްކަޝަނުގައި މިނިސްޓަރު މާރިޔާގެ އިތުރުން ކެނެޑާ، ލައިބީރިޔާ، ނޯވޭ އަދި ލެޓްވިޔާއަށް ނިސްބަތްވާ އަންހެން ބްރިގޭޑިއާ ޖެނެރަލުންނާއި ކާނަލުން ވަނީ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.