އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ކަމާބެހޭ ފަރާތްތަކުން ނުބަލާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، އެ ކުއްޖާ ކިޔަވަމުން އަންނަ ސުކޫލު ކައިރީގައި ހުންނަ ގެސްޓު ހައުސްއަކަށް ގެންގޮސް މަރާލާނެ ކަމަށް ބުނެ ބިރު ދައްކައި ރޭޕު ކޮށްފައިވާ ކަމަށް، އެ ކުއްޖާގެ ދުލުން ކަމާބަހޭ ފަރާތްތަކަށް ކިޔައި ދީފައިވާ ކަމަށެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނުވާއިރު ސުވާލެއް ކޮށްލުމަށް ވެސް ހާޒިރު ކޮށްފައިނުވާ ކަމަށް އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން 14 އަހަރުގެ އެ ކުއްޖާއަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އާދަމް ޝަރީފުގެ މައްސަލައިގައި އިތުރަށް ބުނީ، އެކަމާ ދެކޮޅަށް އެ ރަށުގެ ރައްޔިތުން އަޑު އުފުލުމުން އޭގެ ތެރެއިން 11 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު އެކަމުގެ ސަބަބުން މައުސޫމް ކުއްޖާއަށް އިންސާފު ނުލިބި މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލެމުން އަންނަ ކަމަށެވެ.
"ރޭޕު ކުރި މައްސަލަ ވީ އެންމެ އަވަހަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވައިދެއްވުން އެދެމެވެ،" ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާދަމް ޝަރީފު ފޮނުވި މައްސަލައިގައި ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެ ކުއްޖާ ނިސްބަތްވާ ރަށުގެ ބަޔަކު ކުރި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގި 10 މީހަކު، ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ރަށުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއްގެ ގޮތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު