ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ އަންހެން ކުއްޖަކަށް އިންސާފު ހޯދައިދިނުމަށް ރ. މަޑުއްވަރީގައި ކުރި އިހުތިޖާޖުގައި ހަމަނުޖެހުން ހިންގި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރ. މަޑުއްވަރީގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ދިވެހިން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގުކުރަމުން އަންނަނީ، އެ ރަށުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ރަށުގައި ރޭ އިހުތިޖާޖު ކޮށްފައިވަނީ، 14 އަހަރުގެ ކުއްޖެއް ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކޮށްގެންނެވެ.
ފުލުހުން ރޭ ބުނީ، 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ރަށުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގި ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން އިހުތިޖާޖަށް ނުކުތީ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ފުލުހުންގެ އިދާރާ ދޮށަށް އެއްވި އެމީހުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނާ ކުރިމަތިލައިފަ އެވެ.