ކ. ހުރާ އިން މިއަދު އެކަނިވެސް 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުރާ އިން ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ބަލިވެ އުޅޭތީ މާލެ ގެނައި 72 އަހަރުގެ ފިރިހެނެކެވެ. އެއާއެކު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓު ޓްރޭސިން ހެދުމަށްފަހު ގިނަ އަދަދެއްގެ މީހުންގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.

އެގޮތުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 28 އަށް އަރާފައިވާ އިރު، މިއަދު އެކަނި 26 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

ހުރާ ސިއްހީ މަރުކަޒުން "ވަން" އަށް ބުނީ ޕޮޒިޓިވްވި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި މާލެ ގެނައި މީހާ ފިޔަވައި ދެން ތިބި އެންމެން ވެސް އަދި ތިބީ އެ ރަށުގައި ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ހައި ރިސްކު ދެމީހުން ތިބުމުން އެ ދެމީހުން މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު 90 މީހުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް މަރުކަޒުން ވަނީ ބުނެފަ އެވެ. އަދި އެ އަދަދު އިތުރު ވާނެ ކަމަށް ވެސް ހުރާ ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 162 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 45 މީހުން ތިބީ އަތޮޅު ތެރޭގެ ރަށްރަށުގައެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 23،091 އަށް އަރައިފައެވެ.