މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިމަހުގެ 22 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 66،831 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެ އެވެ.

އޭގެ އިތުރުން 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތި ހަރުކުރުމާއި 1،880 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އޮގަސްޓް 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.