ބޮލީވުޑްގެ ތަރި އާމިރް ހާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އާމިރް ހާންގެ ފަރާތުން އިއްޔެ ނެރެފައިވާ ސްޓޭޓްމަންޓެއްގައި ވަނީ، އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ހާލު މިވަގުތު ރަނގަޅުކަމަށެވެ. އަދި އޭނާ ހުރީ އަމިއްލައަށް ކަރަންޓީން ވެގެން ގޭގައި ކަމަށާއި، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އޭނާއާ ގާތުން ބައްދަލުވި އެންމެން ޓެސްޓްކުރަން އެދޭ ކަމަށެވެ.
މިދިޔަ ހަފުތާގައި އާމިރްހާން ވަނީ އޭނާ ސޯޝަލް މީޑިއާއާ ދުރަށް ޖެހޭ ވާހަކަ އިއުލާންކޮށް އޭނާގެ އެންމެ ފަހުގެ ޕޯސްޓް ހިއްސާކޮށްފައެވެ.
އުފަންދުވަހާއެކު ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް އޭނާ ބުނެފައިވަނީ، މިއީ އޭނާގެ އެންމެފަހު ޕޯސްޓް ކަމަށެވެ.
އާމިރްހާން އެންމެ އަވަހަށް ފެނިގެންދާނީ ކަރީނާ ކަޕޫރު ހާން އާއެކު ކުޅެފައިވާ ފިލްމު ''ލާލް ސިންގް ޗައްދާ'' އިންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެފިލްމުގައި ހާއްސަ ފެނިލުމަކުން ސަލްމާން ހާން އަދި ޝާހްރުކް ހާންވެސް ފެނިގެން ދާނެ އެވެ.
ސަލްމާން ހާން ކޮވިޑް ވެކްސިން ޖެހުމަށް ހޮސްޕިޓަލްގައި އުޅޭ ވީޑިއޯ އާއި ފޮޓޯތައް މީޑިއާގައި އިއްޔެ ވަނީ ދައުރުވާން ފަށާފައެވެ.
މިކަމާގުޅިގެން ސަލްމާން ވަނީ އޭނާ އިއްޔެ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ބުނެ ޓުވީޓްކޮށްފައެވެ.
ސަލްމާންގެ އިތުރުން ސަންޖޭ ދަތު ވެސް ވަނީ އޭނާ ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައިވާކަން އޭގެ އެއް ދުވަސް ކުރިން މީޑިއާއާ ހިއްސާކޮށްފައެވެ.
ޓުވީޓާ މެދުވެރިކޮށް، އޭނާ ވެކްސިން ޖަހާ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ، ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި، ޑޮކްޓަރަށާއި މުޅި ޓީމަށް ޝުކުރުއަދާކޮށް އެމީހުން ކުރާ މަސައްކަތް ބަލައިގަންނަކަމަށެވެ.