ޚަބަރު

ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ؟" މި ފަހަރު ވަންޕްލަސް އިން

މުއާވިޔަތު އަންވަރު

ރާއްޖޭގެ އެއްވަނަ ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ ރޯދަ މަހަށް ހާއްސަ ޑްރާމާ 'ދިރިއުޅުމަކީ މިއީބާ؟' މި ފަހަރު ވަން މީޑިއާ ގްރޫޕްގެ ޑިޖިޓަލް ޓީވީ "ވަން ޕްލަސް" އިން ދެއްކުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެއް ފަރާތުން ޕްރޮގްރާމްގެ ޕްރޮޑިއުސަރު، ޔޫސުފު ރަފީއު ސޮއިކުރެއްވި އިރު، ވަން މީޑީއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު ސިނާން އަލީ އެވެ.

ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ، "ދިރުއުޅުމަކީ މިއީބާ؟"ގެ އާ ހަތަރު ޕޮރޮގްރާމް މި ފަހަރުގެ ރޯދަ މަހު ވަން ޕްލަސް އިން ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު އަރުވާ ޔަގީން ކަމަކީ ޔޫސޭ އަކީ އަދިވެސް ރާއްޖޭގެ ނަންބަރު ވަން ކޮމޭޑިއަން ކަން. އެ ރެކޯޑް މުގުރައެއް ނުލެވޭ. ދިރިއުޅުމަކީ މިއީބާ ގެ ޕްރޮގްރާމްތައް މި ފަހަރު ވެސް އޭގެ ގޮތުގައި، ސްޓައިލްގައި ފެނިގެން ދާނެ. މިފަހަރުވެސް ދިރިއުޅުމަކީ މިއީބާ ގެ ޕްރޮގްރާމްތައް އުފައްދާފަ ހުންނާނީ ހާލަތާ ގުޅޭ ގޮތުން މުނާސަބު، މުހިންމު މައުލޫތަކަށް." ސިނާން ވިދާޅުވި އެވެ.

މުޅިން އަލަށް ހަތަރު އެޕިސޯޑެއް މި ރޯދަ މަހު ގެނެސްދިނުމުގެ އިތުރުން ދިރިއުޅުމަކީ މިއީބާ ގެ ކުރީގެ ބައެއް އެޕިސޯޑުތައް ވެސް ވަން ޕްލަސް އިން މި ރޯދަމަހު ގެނެސްދިނުމަށް ވަނީ ނިންމައިފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ޔޫސޭ ވިދާޅުވީ، ދިރިއުޅުމަކީ މިއީބާއަށް 40 އަހަރު ވެފައިވާއިރު މިފަހަރުގެ އެޕިސޯޑްތައް ވެސް މީގެ ކުރިން ގެނެސްދީފައިވާ ގޮތަށް ރައްޔިތުން ބަލާހިތްވާ އަދި ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ގޮތަށް ގެނެސްދޭނެ ކަމަށެވެ.

"މިހާރު މިހިނގާ ކަންތައްތައް އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން އެންމެ ރަނގަޅު ފެންވަރެއްގައި އިރާދަފުޅު ކުރެއްވިއްޔާ ތިބޭފުޅުންނަށް ދައްކާލަދޭނަން. ދެން ހުރިހާ ބޭފުޅުން ވެސް ރަމްޟާން މަހަށް ތައްޔާރުވެ ދިރިއުޅުމަކީ މިއީބާއަށް ތައްޔާރުވާންވީ އިނގޭތޯ. ވަގުތު ވަރަށް ކައިރި ވެއްޖެ" ޔޫސޭ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޑްރާމާގެ ރެކޯޑް "ދިރިއުޅުމަކީ މިއީބާ" އަށް އޮތް އިރު، އެއީ ސިޔާސީ، އިޖުތިމާއީ އަދި ކޮމެޑީ ކުލަތަކާއެކު ދައްކާ އުފެއްދުމަކަށްވާއިރު މިއަހަރުވެސް މި ހުރިހާ ރަހައެއް އެކުލެވޭ، ބެލުންތެރިންނަށް ކަމުދާނެ ފަދަ އެޕިސޯޑުތަކެއް ގެނެސްދޭނެ ކަމަށް ޔޫސޭ ވިދާޅުވި އެވެ.