ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ މުވައްޒަފުންނާއި ތަކެއްޗާއި ފައިސާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުން ފޮނުއްވި، ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.
މި ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅީ ރާއްޖޭގެ ކަނޑު ދަތުރުކުރުމާއި އެއްގަމު ދަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެ އޮތޯރިޓީ އުވާލައި އެތަނުގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް މިނިސްޓްރީއަށް ބަދަލުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ގާނޫނު އުވާލުމަށް ކަމަށެވެ.
މި ގާނޫނަށް އަމަަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީއަށް ލިބޭ ހައްގުތަކާއި މަންފާތައް ވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވީ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު