ކުޅިވަރު

ޔޫރޯއަށްފަހު އަނެއްކާވެސް ރެއާލްއަށް ދާނަން: ބޭލް

ލޯން އެއްބަސްވުމުގެ ދަށުން ޓޮޓެންހަމްގައި މިވަގުތު ހުރި ނަމަވެސް، ކުރިއަށް އޮތް ޔޫރޯ މުބާރާތް ނިންމާލުމަށްފަހު އަނެއްކާވެސް އެނބުރި ރެއާލް މެޑްރިޑަށް ދާނެ ކަމަށް ގެރެތު ބޭލް ބުނެފިއެވެ.

ވޭލްސްގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ގެރެތު ބޭލް މިވަގު ލޯން އެއްބަސްވުމުގެ ދަށުން ޓޮޓެންހަމްގައި ހުރިއިރު، ޔޫރޯއަށް އޭނާގެ ފޯކަސް ބޮޑެވެ. ރެއާލްގައި ކުޅުމުގެ ފުރުސަތު ނުލިބި، އޭނާ ޓޮޓެންހަމްއަށް ދިޔައީ ކުޅޭނެ ވަގުތު ހޯދުމަށެވެ. ފުރަތަމަ ކޮޅުގައި ދަށްކޮށް ފެނުނު ނަމަވެސް، ފަހަކަށް އައިސް ބޭލް ފެނިގެން ދަނީ ރަނގަޅު ފޯމެއްގައެވެ.

ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގުގައިވެސް މިހާރު ބޭލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާއިރު، އޭނާ މިވަގުތު ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ވޭލްސް ގައުމީ ޓީމާއެކުގައެވެ. ކުރިމަގާ މެދު ވިސްނުން ގެންގުޅޭ ގޮތާއި ގުޅޭ ގޮތުން ވޭލްސްގެ ފޯވަޑް ބުނެފައި ވަނީ އޭނާގެ ނިންމުން ކުރިން ނިންމާފައިވާ ކަމަށާއި، އަބަދުވެސް ޕްލޭންގައި އޮތީ މި ސީޒަނަށްފަހު އެނބުރި ރެއާލްއަށް ދިޔުމަށް ކަމަށެވެ.

"އުނދަގޫކަމެއް، އޮޅުމެއް ނެތް އަހަރެންގެ މުސްތަގުބަލަކަށް. އަހަރެން ސްޕާސްއަށް ދިޔައީ ކުޅޭނެ ވަގުތު ހޯދުމަށް. ޔޫރޯއަށް ދާއިރު އަހަރެން ބޭނުންވީ ފިޓްކޮށް ހުންނަން. އެހެންވީމަ އޭރުވެސް ޕްލޭން އޮތީ މި ސީޒަނަށްފަހު އަނެއްކާވެސް ރެއާލްއަށް ދިޔުން. އެއީ އަބަދުވެސް ޕްލޭނަކީ،" ބޭލް ބުނެފައިވެއެވެ.