ސާދަވަނަ ބައި
"މަލް ކޮންމެހެންވެސް މާމަ އާއެކު އަންނާތި. އަހަރެންނަށް މިހާރު ވަރަށް އުނދަގުވާނެ މަލް ނުފެންނަންޏާ" ވިއާން ބުނެލިއެވެ. އެހެން ބުނެލިއިރު ވިއާންގެ އަޑުގައިވީ ތަފާތު އަސަރެކެވެ. އަހަރެންނަށް އެއްޗެއް ވިސްނައިދޭން އުޅުނު ކަހަލައެވެ. ފޯނު ކަންފަތާ ދުރުކޮށްލާފައި މޭގައި ޖައްސައިލެވުނުއިރު އަހަރެންގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން އިތުރަށް ފުންވިއެވެ.
ޖެހިގެން އައި ހަފްތާގައި އެނބުރި މާލެދާން އަހަރެން ތައްޔާރުވާން ފަށައިފީމެވެ. ފުރުން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނަށެވެ. ރަށު ބައެއް މީހުން އަހަރެމެން މާލެ ދާތީ ހަދިޔާ ދަޅުތައް ގޯތި ތެރެއަށް ވައްދަމުން ދިޔައެވެ. ހާއްސަކޮށް މާމަ ބޭސްގަނޑު އެޅި ދެ ކުދިންގެ އާއިލާ އިންނެވެ. އެރޭ ރޭގަނޑު ޒިޔާންގެ މަންމަ ފޮނުވައިގެން ޒިޔާން އައެވެ. އޭނާ ގޯތި ތެރެއަށް ނުވަދެ ބޭރުގައި ހުރެ އަހަރެންނަށް ގޮވިއެވެ. އަހަރެން ބޭރަށް ނިކުތީ މާމަ ބުނުމުންނެވެ.
"ކިހާ ދެރަކަމެއް. ޒިޔާން އާންމު ކަމަކަށް ނަހަދައްޗެ. ޒިޔާން ހަމަ ގޮވާލާއިރަށް އަންނަން މިހާރު އަހަރެންނަކީ ޒިޔާންގެ އަންބެއްނޫނޭ" މަގުމަތީގައި ހުރި ޒިޔާނަށް އަހަރެން ބުނީމެވެ. ހަގީގަތުގައިވެސް އަހަރެން ހިތްހަމަނުޖެހިއްޖެއެވެ. އެވަގުތު ޒިޔާން އިސްއޮބައިލުތަން އަހަރެންނަށް ފެނުނެވެ. އަހަރެން އެހެން ބުނުމުން ޒިޔާން ދެރަވީކަމަށްވެސް ވެދާނެއެވެ. އެހެންވިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. ކޮންމެހެން ޒިޔާން އުފާކޮށްދޭން އަހަރެންނަށް މަޖުބޫރެއް ނޫނެވެ.
"މަލް ފުރާތީ މަންމަ ބުނެގެން މިކޮތަޅު ހަވާލުކުރަން މިއައީ" ޒިޔާން ބުނެލިއެވެ. އޭނާ އަހަރެންނަށް ދިއްކޮށްލީ ގޮޮށް ޖަހާފައިވާ ރަތް ބޮޑު ރަތްކޮތަޅެކެވެ. އޭގައި ހިފައިގެން އަހަރެން އެތެރެއަށް ވަންނަން އުޅެނިކޮށް ޒިޔާން ގޮވާލައިފިއެވެ.
"އަހަރެން މަލް ފަހަތުން ދާނަން" އަހަރެން ބަލައިލުމާއެކު ޒިޔާން ބުންޏެވެ. ރުޅި އައުމުގެ ބަދަލުގައި އަހަރެން ވީ ހައިރާނެވެ. އަހަރެން ފަހަތުން ޒިޔާން އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަރެން ފަހަތުން ޒިޔާން އަންނަންވީ މިއަދު ހެއްޔެވެ؟ ނޫނީ އަހަރެން ފަހަތުން ޒިޔާން އަންނަންޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟ އަހަރެންނަކީ ޒިޔާން ބޭނުންނުވެގެން ދޫކޮށްލި މީހެކެވެ. ޒިޔާން އެހެން ބުނުމުން އަހަރެންނަށް ވީ ބޮޑު ޖޯކަކަށެވެ.
"އަހަރެންނަށް ހެޔޮ ޒިޔާން ކޮންމެ ތަނަކަށް ދިޔަސް. އަހަރެންނަށް އިނގެނީ އަހަރެން ފަހަތުން އައިސްގެން ޒިޔާނަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެކަން" އަހަރެން ބުނެލީމެވެ. އިތުރަށް މަޑުކުރުމެއްނެތި އަހަރެން ގެއަށް ވަނީމެވެ. ބަންދުކުރަން ފަށާފައިވާ ފޮށިގަނޑުތައް ކައިރީގައި ކޮތަޅު ބަހައްޓާފައި އަހަރެން ކޮޓަރިއަށް ވަން ވަގުތު މާމަ ސުވާލު ކުރިއެވެ. އެހާ ލަސްވެފައި ހުއްޓާ އަހަރެން މަގުމަތީގައި ހުރުމުން މާމަ ކަންބޮޑުވުން ފާޅުކުރިއެވެ.
"މަންމަ ދީގެން ހަދިޔާ ކޮތަޅެއް ހަވާލުކުރަންށޯ" އަހަރެން ބުނީމެވެ. ޒިޔާންގެ ސަބަބުން އަހަރެން ސިކުނޑީގެ ހަމަޖެހުން ގެއްލިފައި ވުމުގެ ސަބަބުން ބޭނުންވީ ސިކުނޑިއަށް އަރާމެކެވެ. އެހެންކަމުން އެއްފަރާތު ތިރީގައި ހުރި ބަނޑިޔަލުން ފެން ތައްޓެއް ނަގައިގެން ބޯން ހުއްޓާ މާމަ ގޮވާލައިފިއެވެ.
"ނިދާކަށް ނުވޭތަ؟" މާމަ އެހިއެވެ.
"މާމަ ނިދާލާ. އަޅުގަނޑު ފޮށިގަނޑުތައް ބަންދުކޮށްލާފައި ނިދާނީ. އޭރުން ފަތިހާ ހޭލާފަ ތެޅިގަންނާކަށް ނުޖެހޭނެއްނު" އަހަރެން ބުނީމެވެ.
ފޮށިގަނޑުތައް ބަންދުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވިއާންގެ ކޯލެއް ލިބިއްޖެއެވެ. އަހަރެން އެފޯނު ނަގާފައި ސްޕީކަރަށް ލާފައި ގޮނޑިމަތީގައި ބޭއްވީމެވެ.
"ދަތުރަށް ތައްޔާރުވެއްޖައިންތަ؟" ވިއާން އެހިއެވެ.
"ތައްޔާރުވާންޖެހޭތަ؟ މިރަށަށް އައިސް ފޮށިން ހެދުންތައް ނުނަގަން. އެހެންވީމަ ކޮން ތައްޔާރެއް ވާންޖެހޭނީ" އަހަރެން ބުނީމެވެ.
"މާމަ ރައްޓެހިން އޮންނަ ރަށެއްކަން އިނގޭ. އެމީހުން ހަދިޔާ ބަދިޔާ ނުދޭތަ؟ ކުރީ ފަހަރުވެސް މާމަ ގޮސް އައިރު ގެނައި ވަރަށް ގިނަ ހަދިޔާ" ވިއާން ބުނެލިއެވެ.
"އިނގޭ. އެފަހަރުއެއްނު އަހަރެންވެސް ގެންދިޔައީ" އަހަރެން ބުނީމެވެ.
"އާނ. އެފަހަރު މާމަ ގެނައި އެންމެ އަގުބޮޑު ހަދިޔާ ތިިއީ" މާނަވީ ގޮތަކަށް ވިއާން ބުނެލިއެވެ.
"މިނިމުނީ. ވިއާން، ވަރަށް ފަތިހާ ހޭލަންޖެހޭ. ދެން ނިދަން ދަނީ މި" އަހަރެން ބުނީމެވެ. މުޅި ދުވަހު އުޅެންޖެހުނު ގޮތުން އަހަރެންނަށް ވަރުބަލިކަމެއް އިހުސާސް ކުރެވެން ފަށައިފިއެވެ.
"އޯކޭ. މާދަމާ ފެންނާނެ ދޯ" ވިއާން ބުނެލިއެވެ.
***
ފަތިސް ނަމާދަށްފަހު މާމަ އިލޮށިފަތި ހިފައިގެން ބޭރަށް ނިކުމެ ގޯތި ތެރެއާ މަގުމަތި ކުނިކަހާ ނިންމިއެވެ. ކޮންމެސް ވަރަކަށް ވާރޭ ވެހި ބިންގަނޑު ތެމިފައިވުމުގެ ސަބަބުން ކުނިކަހާލަން ފަސޭހަވިއެވެ. ފުުރުން ހަމަޖެހިފައި އޮތީ ދިހައެއްޖަހާއިރަށެވެ. އަތޮޅުތެރޭގައި ދަތުރުކުރާ ލޯންޗަކުން ފުރާގޮތަށް މާމައަށް މަޝްވަރާ ދިނީ އަހަރެންނެވެ. އެއީ ވިއާން ބޭނުންވި ގޮތް ނޫން ނަމަވެސް އަހަރެންގެ ނިންމުން ބަދަލުކުރާން ބާރެއް ނާޅައެވެ.
"މާމާ، ސައިހެދިިއްޖެ" ބަދިގެއިން ނިކުމެ އަހަރެން ގޮވައިލީމެވެ. އޭރު މާމަ ބާ ޓިނުގަނޑެއް އެއްފަރާތްކުރަން މަސައްކަތްކުރަމުން ދިޔައެވެ.
ހެނދުނުގެ ސަޔަށް އަހަރެން ތައްޔާރުކުރީ ރަށަށް އައި އެންމެ ފުރަތަމަ ދުވަހުވެސް ތައްޔާރުކުރި ހުނިރޮއްޓާ ކުޅި ރިހާކުރެވެ. އަވަހަށް ތައްޔާރުކޮށްލެވޭނެ އެއްޗަކަށް ވީމައެވެ.
"މާމަ މި އެއްޗެހި ދެން ހުންނާނީ ފޮށްޓަށް އަޅަން. މި ހަކުރުކޮތަޅާ ފުށާ ހަނޑޫކޮތަޅު ފޮށްޓަށް ލލާނެތަ؟" އަހަރެން އެހީމެވެ.
"އުނހޫ. ތިއެއްޗެހި ހަސީނާ އާ ހަވާލުކުރާނީ. އެއީ ވަރަށް ހާލުގަ ތިންދަރިން ގޮވައިގެން އުޅޭ އަންހެނެއް. މިރަށަށް އައިއްޔާ އަބަދުވެސް މާމަ އަތުގަ އޮންނަ އެއްޗެއް އޭނައަށް ދީގެން އުޅެނީ" މާމަ ބުނެލިއެވެ.
ހުރިހާކަމެއް ނިންމާފައި ކުޑަކޮށް ފިނިކޮށްލަން އަހަރެންނާ މާމަ ގޯތިތެރެއަށް ނިކުތްނާ ވަދެގެން އަންނަ އަންހެނެއް ފެނުނެވެ. ފެހިކުލައިގެ ބިޑި ހެދުުމަކާއެކު އަލިކަޅެއްގެ ވެރި އަންހެނެކެވެ. އަހަރުނުވާ ކުޑަ ފިރިހެން ކުއްޖަކު އުރާލައިގެން ހުރިއިރު އެއަށްވުރެ ތަންކޮޅެއް ބޮޑު ދެ އަންހެންކުދިން އެ އަންހެންމީހާގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުއްޓެވެ. އެއީ ރަށުން ކުރިން އަހަރެން ދުށް މޫނެއް ނޫނެވެ. ބޮލުގައި ހުޅިއެއް ޖަހައިގެން ހުރިއިރު ފައިދަށުގައި ފައިވާނެއް ނެތެވެ. ކުޑަދެކުދިންގެ ފައިވާނެއްވެސް ނެތެވެ. ކިރިޔާ ބުޑު ފޮރުވޭވަރު ހެދުންކޮޅެއް ދެކުދިން ލައިގެން ތިބިއިރު މޫނުމަތީގައި ލޯބިގޮތެއް ހުއްޓެވެ.
"އަނހަ ހަސީނާ. އަވަހަށް އާދޭ އެތެރެއަށް" މާމަ ބުނެލިއެވެ. މާމަ ބުނި ހަސީނާއަކީ އެއީ ކަން އަހަރެންނަށް އިނގުނީ ދެނެވެ.
"ހާސީނާއްތަ ކިހިނެއް؟" އަހަރެން އެހީމެވެ. އެމީހާ ރަނގަޅޭ ބުނެ ހިނިތުންވެލިއެވެ.
"ހަސީނާ. ކޮންމެ އިންސާނަކީވެސް އަޖަލު ހަމަވީމަ ދާންޖެހޭނެ މީހެއް. އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން. އެއްދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފަ. ހިކިފަސްތަނެއްގައި ގޮތް ހުހެއް ނުވާނެ. އުސްމާނު މިދުނިޔެއިން ދިޔަސް ﷲ އެކަނލާނެ އެއްވެސް އަޅަކު ބިކަކޮށްނުލާނެ. އަހަރެން މިދަނީ ފުރަން. ހަސީނާ ކުދިންކޮޅު ގޮވައިގެން މިގޭގަ އޮވޭ. އިތުރު އެއްމަސް ދުވަހު ކާނެ ކާޑު ބަދިގޭގައި ހުންނާނެ. ކަޅު ތާންގީގަ ފުރައި ފެން ހުންނާނެ. ވާރޭ ވެހެންޏާ ފެން ނެގޭނެއްނު" ހަސީނާއްތަގެ އަތުގައި ހިފައިގެން ހުރެ މާމަ ވާހަކަދެއްކިއެވެ.
"އަހަރެން ހަސީނާ އަތުން އެއްވެސް ލާރިއެއް ބޭނުމެއްނޫން. އަހަރެންގެ ދިރިއުޅުން ހަމަޖެހިފައި އޮތީ މާލޭގަ. ދޭތެރެއަކުން އަހަރެން މިރަށަށް އަޔަސް ހަސީނާ އާ ދަރިންކޮޅު މިގެއިން ބޭރެއް ނުކުރާނަން. އަހަރެންގެ ދަރިފުޅު މިތަން ހަދަން ބޭނުންވިޔަސް ހަސީނާއަށް ދެރަގޮތެއް ވިޔަ ނުދޭނަން. އަން މިއޮތީ ތަޅުދަނޑި" ޖީބުން ނެގި ތަޅުދަނޑިފަތި ހަސީނާއްތަ އަތަށް ލައިދެމުން މާމާ ވާހަކަދެއްކިއެވެ.
"އަހަރެންނަށް އިނގޭ އަދި މިއިން އެއްވެސް ކުއްޖަކަށް މަދަރުސާއަށް ވަދެވޭގޮތް ނުވާނެކަން. ﷲ އަށްޓަކައި އަހަރެން ހަސީނާއަށް ފައިސާގެ އެހީވާނަން. ﷲ މަގުގައި ހޭދަކުރާ އެއްވެސް އެއްޗަކީ ބޭކާރުވެގެން ދާނެ އެއްޗެއް ނޫން. އަދި އެއްވާހަކަ. ގޯތީގެ އެ ފަޅީގައި މިވީ ކުޑަދުވަސްކޮޅުގައި އަހަރެން ހުންނާނެ އެތައް ވައްތަރެއްގެ ގަހެއް އިންދާފައި. މިހާރުވެސް ބައެއް ގަސްތައް ނިކުމެއްޖެ. އެގަސްތަކަށް ފެންދީ ބެލެހެއްޓުމަކީ ހަސީނާގެ ކަމެއް. އޭގެއިން ލިބޭ މޭވާ އާ ތަރުކާރީއަކީ ހަސީނާގެ އެއްޗެހި. އެތަކެތި ވިއްކައިގެންވެސް ލާރި ލިބޭނެ. ދެން އެހެރި ދެރުކުން ކުރުނބާ އަޅައިގެންވެސް ވިއްކޭނެ. އަހަރެން މާހިރު ކައިރީގައި ބުނިން ކުރުނބާ އަޅާފައި ހަސީނާ އާ ހަވާލުކުރާށޭ. އިތުރު އެހީއެއް ބޭނުމިއްޔާ އަހަރެން އުންމީދުކުރަން އަހަރެންނަށް ގުޅާނެކަމަށް" މާމަ ވާހަކަދެއްކިއެވެ. ހަސީނާއްތައަށް ރޮވުނީ އެހިސާބުންނެވެ. މާމަގެ ދެ އަތުގައި ހިފި ގޮތަށް ދޫވެސް ނުކުރިއެވެ. ރޮމުން ރޮމުން ވާހަކަދައްކަން ފެށިއެވެ.
"އަހަރެންނަށްޓަކައި ތިކޮށްދިން ކަންތައްތަކުގެ ބަދަލު ޒުލޭހާއްތައަށް ދޭނެ ގޮތެއްވެސް ނޭނގޭ. އެކަމަށްޓަކައި އަހަރެން ޝުކުރުވެރިވަން. މާތްﷲ ޒުލޭހާއްތައަށް ގިނަގިނައިން ދެއްވާށި" ހާސީނާއްތަ ބުންޏެވެ.
"އެވަރުކަމެއް ނޫން. އަހަރެން މިކޮށްދިން ކަންތައްތަކުގައި ދެއްކުންތެރިކަމާ މަކަރުވެރިކަން ނުވާނަމަ ހެއްދެވި ފަރާތުން އަހަރެންނަށް ސަވާބާ ދަރުމަ ދެއްވާނެ. ދެން ދޭ. ގޮސް އެގޭގަ ބޭނުންކުރި އެއްޗެހި ހިފައިގެން އާދޭ" ހަސީނާއްތަގެ ބުރަކަށީގައި ފިރުމާލާފައި މާމަ ބުނެލިއެވެ. ހަސީނާއްތަ ހިނގައިގަތުމުން އަހަރެންނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދެން މާމަ އާ ދިމާލަށް އެނބުރުލިއިރު މާމަ ދެލޮލުން ކަރުނަ ފޮހެލިތަން ފެނުނެވެ.
"އެއީ މިރަށުން މީހެއް ނޫން. ދޯ މާމާ" އަހަރެން ބުނީމެވެ.
"އާނ. އެއީ އުތުރަށް ނިސްބަތްވާ މީހެއް. ރަށުން ދަރިންކޮޅާއެކު ވަރިކޮށްފައި ގެއިން ނެރެފައި ހުއްޓާ މިރަށު ބަހާރުގޭ އުސްމާނު އޭނަ އާ އިނދެގެން މިރަށަށް ގެނައީ. މާގިނަ ދުވަހެއް ނުވަނީސް ހަމަ ހުރެފައި ކުއްލިއަކަށް އުސްމާނު މަރުވީ. ފަތިސް ނަމާދުކޮށްގެން މިސްކިތް ކައިރީގައި ހުރި ޖޯއްޔެއްގައި އޮށޯވެލީ. އޭރު އެ ޖޯލީގައި އިތުރު ދެ ފިރިހެނުން ތިބި. އެ އޮށޮތްގޮތަށް ޝާހާދަތުގެ ދެކަލިމަ ކިޔާފައި ހަމަ ދެލޯމެރީ. އެހެން އޮވެ މަރުވީ. މާގިނަ ދުވަހެއްނުވޭ އަދި. މާމައަށް ސަންފާދިޔެގެ ފަރާތުން މިހުރިހާ ކަމެއް އިނގުނީ. އެހެންވެ މާމަ ނިންމީ ހަސީނާއަށް އެހީވާން. ދަރިފުޅާ... ޞަދަޤާދަތަކީ ހަމައެކަނި އެއްއަތުން އަނެއް އަތަށް ދެވޭ އެއްޗެއް ނޫން. ޞަދަޤާތް ދެވޭނެ ބައިވަރު ގޮތްތައް އެބަހުރި. ހިތްހެޔޮކަމާއެކު އަނެއް މީހާއަށް ދެވޭ ހިނިތުންވުމަކީވެސް ސަދަޤާތެއް. ޞަދަޤާތަކީ މީހާގެ ފާފަތައް ފުއްސަވާ، ތަނަވަސްވެގެންވާ ސުވަރުގެއާ ހަމައަށް ގެންގޮސްދޭނެ ފާލަމެއް. މިއަދު ހަސީނާ އާ އަޅާލާނެ އެއްވެސް މީހަކު ނެތް" އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި މާމަ ވާހަކަދެއްކިއެވެ.
"މާމައަށް މާގިނަ ފައިސާއެއް ނުލިބޭ. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން ހަސީނާ އާ ތިންކުދިން މާލެ ގެންނާނަމޭވެސް ހިތުގަ އެބައޮތް. އެކަމަކު ވާނެގޮތެއް ނޭނގޭ. ﷲ ދެނެވޮޑިގެންވަނީ. މާމަގެ މިއެދުން ފުރިހަމަ ނުވެ އުޅެނިކޮށް މާމަވެސް މަރުވެދާނެ. މަރަކީ އެކަހަލަ އެއްޗެއް. މީހާއަށް އިނގިފަ ތައްޔާރުވާން ފުރުސަތު ދީފަ އަންނަ އެއްޗެއް ނޫން. އަބަދުވެސް ހުންނަންވާނީ ތައްޔާރުވެގެން. ރީތި މަރަކުން މަރުވޭތޯ އަބަދުވެސް ދަންނަންވަން ވާނެ. އުސްމާނު އެދިޔައީ ކިހާ ރީތި މަރަކުން" މާމަ ވާހަކަދެއްކިއެވެ.
"އޯކޭ މާމާ. ދެން ހުއްޓާލާ" އަހަރެން ބުނީމެވެ. އެވާހަކަތައް ދައްކަން ފެށުމުން އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައިގަނެއްޖެއެވެ. ގައިބުގައިވާ ކަންތައްތަކަކީ އެކަންތައްތަކާމެދު ވިސްނާލައިފިއްޔާ އަހަރެން އަބަދުވެސް ބިރުގަންނަ ކަންތައްތަކެވެ.
***
ބަނދަރަށް ނިކުތް އިރު އަދި ލާންޗު ނާދެއެވެ. އެހެންކަމުން ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އަހަރެން އިށީނީމެވެ. މާމަ ތަންކޮޅެއް ދުރުގައި ދެތިން ރައްޓިހިންނާ ވާހަކަދައްލަން ހުއްޓެވެ. ބަނދަރު މައްޗަށް އަވި އަރަމުން އަންނައިރު ހިތްގައިމު ވަރަކަށް ވައިރޯޅި ވަމުން ދިިޔައެވެ. ފުރާ މީހުންނާ އެމީހުން ފުރުވަން އައިސް ތިބި މީހުން ތަކުން ސަރަހައްދު ވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލި ވެފައެވެ. ލާންޗު އައިސް ޖެޓީ އާ ގާތްކުރުމާއެކު ފޮށި ތަންމަތި އެއަށް އަރުވަން ފެށިއެވެ.
"މަލް، ދަރިފުުޅު އާދޭ" މާމަ ގޮަވައިލި އަޑަށް އަހަރެން ތެދުވެ ހިނގައިގަތީމެވެ. ލާންޗަށް އެރުމަށްފަހު އަހަރެން ޚިޔާރުކުރީ އޭސީކޮށްފައިބާ ބައެއް ނޫނެވެ. ތަން އެއްކޮށް ބަންދުވެފަ ހުންނަންޏާ އަހަރެންނަށް ވަރަށް ފަސޭހައިން ހޮޑު ލެވޭނެއެވެ. އެހެންކަމުން އަހަރެންނާ މާމަ އާ އިށީނީ ލާންޗުގެ ފަހަތުގައެވެ. ދަތުރަކީ އެންމެ ހަތަރު ގަޑައިރުގެ ދަތުރެއް ކަމަށް ފަޅުވެރިއެއް މާމަ ކައިރީގައި ބުނި އަޑު އެހީމެވެ.
ކުއްލިއަކަށް އަހަރެންނަށް ބަލައިލެވުނީ ލާންޗަށް އަރައިގެން އަންނަ ޒިޔާނާ މަންމަ ފެނިފައެވެ. އަހަރެން ފެނުމާއެކު ޒިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިިވެއްޖެއެވެ. އަހަރެން ފެންނަ ކަމަށް ނަހަދަމެވެ. މަންމަ އާ މާމަ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިތަން ފެނުނެވެ. އިސްވެ މަންމަ އާ ސަލާންކޮށްލީ މާމައެވެ. މާމަ މަންމަގެ ހާލު އަހުވާލު އޮޅުންފިލުވިއެވެ. ހުރިހާ ކަމެއް ހަނދާންނައްތާލާފައި ވާހަކަދެއްކިއެވެ.
"އަހަރެން މާލެ މިދަނީ ވަރަށް ބޮޑު މަގްސަދެއްގަ. އެކަންތައް އަހަރެން ކާމިޔާބު ކުރާނަން" މާމަ ކައިރީގައި މަންމަ ބުނެލި އަޑު އިވުނެވެ.
ލާންޗުގެ ބޭރުުގައި އިންނަން ޖެހުމުން އަހަރެންނަށް އެއްގޮތަކުން ފަސޭހައިވިއެވެ. ގުދުރަތީ ސާފު ވައި އެއްވެސް ހުރަހެއްނެތި އައިސް ބީހިލަނީ އަހަރެންގެ މޫނުގައެވެ. އަތުގައި އޮތް ފޯނަށް މެސެޖެއް އައިސްފައި އޮތްތަން ފެނުމުން އަހަރެން ބަލައިލީމެވެ. ހިތްއެދުނީ އެއީ ވިއާންގެ މެސެޖަކަށް ވުމަށެވެ. އެހެނީ އަހަރެންގެ ފޯނަށް ވިއާން ނޫނީ އެހެން މީހަކު މެސެޖް ނުކުރެއެވެ. އަހަރެންގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ދިޔައީ ނުދަންނަ ނަންބަރަކުން ކޮށްފައި އޮތް މެސެޖް ކިޔާލާފައެވެ. ވަގުތުން އެއީ ކާކުގެ މެސެޖެއްކަން އިނގިއްޖެއެވެ. އަހަރެންނަށް ބަލައިލެވުނީ ކުރިމަތީ ޝީޓުގައި އިން ޒިޔާނަށެވެ. ޒިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ.
"ބުނީމެއްނު މަލް ފަހަތުން އަހަރެން ދާނަމޭ. އަހަރެން އަދި މަލް ހާސިލްކުރާނަން" ޒިޔާން ލިޔެލާފައި އޮތެވެ. ދެވަނަ ފަހަރަށް މެސެޖް ކިޔާލާފައި އަނެއްކާވެސް އަހަރެންނަށް ޒިޔާނަށް ނަޒަރެއް ދެވިއްޖެއެވެ. ޒިޔާން ހީލައިގެން އިންގޮތުން ހީވަނީ ބޮޑު ލާރިގަނޑެއް މިލްކު ކުރެވިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރާ ހެންނެވެ. އަހަރެން ކައިރިއަށް އައީ ރުޅިއެވެ. ޒިޔާނަށް އަހަރެންގެ ނަންބަރު ލިބުނު ގޮތަކާމެދު ވިސްނުން ހިންގައިލެވުނެވެ. ޔަގީނުންވެސް އަހަރެން ނުދެމެވެ. ރަށަށް އައިފަހުން އަހަރެން ނަންބަރު ހިއްސާކުރީ އެންމެ ދެމީހުންނާއެވެ. އެކަކަކީ އަހަރެންނާ އެއް އޮފީހެއްގައި އުޅުނު ނާސިހާއެވެ. އަނެކަކަކީ ހާސީނާއްތައެވެ. ޔަގީނުންވެސް ހާސީނާއްތަ ކައިރިއަށް އަހަރެންގެ ނަންބަރު ހޯދާކަށް ޒިޔާން ނުދާނެއެވެ. އެވާނީ ނާސިހާ އަތުން ޒިޔާން ހޯދީ ކަމަށެވެ. އެކަމަކު އަހަރެން ކައިރީގައި ނާހާ އެހެން މީހަކަށް އަހަރެންގެ ނަންބަރު ދީގެން ނުވާނެ ނޫން ހެއްޔެވެ؟ އަހަރެންގެ ހިތުގައި ނާސިހާ އާ މެދުު ޝަކުވާ އުފެދުނެވެ. ދެވަނަ މެސެޖެއް އައިސްގެން ބަލައިލިއރު ނާސިހާއެވެ. ޒިޔާނަށް ނަންބަރު ދެވުނީތީ މަޢާފަށް އެދިިފައި އޮތެވެ. ވަގުތުން އަހަރެން ނާސިހާއަށް އަހަރެންގެ ހިތް ހަލާލު ދިނީމެވެ.
ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑުގައި ލާންޗު ކުރިއަށް ދިޔައެވެ. ފަހަތުން އުފެދެމުން ދާ ފޮނުގަނޑަށް އަހަރެންގެ ނަޒަރު ހުއްޓިފައިވިއެވެ. ކޮންމެސް ވަރަކަށް މޭ ނުބައި ކުރަމުން ދިޔައެވެ. އެހެންކަމުން އަނގަ ހުޅުވައިވެސްނުލާ އިނީމެވެ.
"ކޮންތާކު ހުންނަނީ؟" ކައިރީގައި އިން މަންމައަށް މާމަ އެހިއެވެ.
"ތަނެއް ކުއްޔަށް ހިފެންދެން ކުލީ ކޮޓަރިއެއްގަ އިންނާނީ" މަންމަ ބުނެލިއެވެ.
"ލަބީބު ރުހިގެންތަ ތިދަނީ" މާމަ އެހިއެވެ.
"ނޫން. އަހަރެންނަކީ މިހާރު ލަބީބުގެ އަނބެއްނޫން. ރަށުން ފައިބާ ހިސާބުން އަހަރެން މިއީ މިނިވަނެއް. އަހަރެން އަނބުރާ ދެން އެރަށަށް ދާނަމޭ ހިތަކު ނެތް" މަންމަ ވާހަކަދެއްކިއެވެ. މާމަ އެއްޗެއް ނުބުނެއެވެ. މާމަގެ އާދަޔާޚިލާފު ތަންކޮޅަކީ އެއީއެވެ. އެއްވެސް މީހަކާ މެދު މާމަގެ ހިތުގައި ރުޅިވެރިކަމެއް ހަސަދައެއް ނޯންނާނެއެވެ. އެއަށް ވުރެ މާމަގެ ހިތް ހުރިހާ މީހުންނަށް ސާފެވެ.
"އަހަރެންނަށް މަޢާފްކުރޭ. އިނގޭ މިހެން ބުންޏަސް އަހަރެންނަށް ކުރެވުނީ މަޢާފަށްއެދޭ ވަރަށް ވުރެ ބޮޑު ކުށެއްކަން. ލަބީބު އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްފި. އަހަރެން ވީނާ ބޭނުން. މިހާރު ވަރަށް ބޮޑު ދޯ. އަހަރެން އެމަންޖެ ކައިރިން މަޢާފަށްއެދެން ބޭނުން" މަންމަ ވާހަކަދެއްކިއެވެ. ދެލޯ މަރައިގެން އިނަސް އަހަރެންގެ ކަންފަތް އިނީ މާމަ އާ މަންމަ ދައްކަމުން ދިޔަ ވާހަކަތަކަށް ދީފައެވެ.
"އަހަރެން ތިގޭ ދޮށަށް ދިޔައިއްޔާ އެމަންޖެ އަހަރެންނާ ބައްދަލުކޮށްދޭނަންތަ؟" މަންމަ އެހިއެވެ.
"ވީނާއެއް ނެތް. ހުރިހާ ކަމެއް މާޖިދާ ހީވެސްނުކުރާ ގޮަތަކަށް ބަދަލުވެއްޖެ. ހުރިހާ ކަމެއް ގުޅިފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމާ. އެކަމަކު މިހެން ބުންޏަސް މަޔަކާ ދަރިއަކާ ދެމެދަށް އަހަރެން ހުރަހަކަށް ނުވާނަން. މާޖިދާ އަތުން އަހަރެން ވީނާ ގެނައީވެސް އެމަންޖެއަށް ލަބީބުގެ ފަރާތުން ލިބެމުންދިޔަ ފިއްތުންތަކާ އަނިޔާތަކަށް ހުއްޓުމެއް ގެންނަންވެގެން. މީހަކަށް ނޭނގުނަސް އެމަންޖެ އާ ގުޅިގެން ބަޔަކު އަހަރެންނަށް ދިން މައުލޫމާތު ތަކުން އެމަންޖެ ހޯދުމަށް އަހަރެން ކުރީ ވަރަށް ދިގު ދަތުރެއް" މާމަ ކިޔަމުން ދިޔައެވެ.
"ވީނާއެއް ނެތޭ. ކޮބާ އަހަރެންގެ ދަރިފުޅު؟" މަންމަ ބުނެލިއެވެ.
"ވީނާ.... މިހާރު ވަނީ...." މާމަގެ ވާހަކަ އެހިސާބަށް ދިޔަތަނާ ތަނުގައި ތިބި ހުރިހާ މީހުންގެ ނަޒަރު އަހަރެންނަށް ހުއްޓާލައިފިއެވެ. ވާނީވެސް އެހެންތާއެެވެ. ހޮޑު އައިސް ހުރީ ކަރު ބުޑުގައެވެ. ލާންޗުން ބޭރަށް ބޯ ނެރެގެން އޮވެ އަހަރެން އޯކާ ދެމެމުން ދިޔައިރު ލާންޗުގެ އިންޖީނު އަޑަށް ވުރެ އަހަރެންގެ އަޑު ބާރެވެ.
"މަގޭ ދަރި" މާމަ އަހަރެންނާ ގާތަށް ފިޔަވަޅެއް އަޅައިލި ވަގުތާ ލާންޗު އަރިއަޅައިލި ވަގުތު ވީ އެއްވަގުތަކަށެވެ. އެހެންކަމުން ބެލެންސް ނުކުރެވި މާމައަށް ޝީޓުމަތީގައި އިށީނދެވިއްޖެއެވެ. އަހަރެންގެ އަތުގައި ޒިޔާން ހިފިކަން އިނގުމާއެކު އަހަރެން އެ އަތް ފޮޅުވާލީމެވެ. ޒިޔާންގެ އޯގާތެރިިކަން އަހަރެން ބޭނުންވި ވަގުތު މާޒީ އާ އެކުވެގެން ހިނގައްޖެއެވެ. އަހަރެންގެ ތުނބުގައި ފެންފުޅި ޖެއްސުވީ މާމައެވެ.
މާލޭ ފަޅާ ލާންޗު ގާތްކުރަންދެން އަހަރެން އޮތީ މާމަގެ ކޮނޑުގައި ބޯއަޅައިގެންނެވެ. އުމުރުން ދުވަސްވެ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މާމަ އަހަރެން ޒުވާން ހަރު އަންހެންކުއްޖާއަށް ވުރެ ކަނޑުމައްޗަށް ގަދައެވެ.
***
ލާންޗުން އަހަރެން ބޭލުވީ ވިއާނެވެ. ހިނދުކޮޅަކު އަހަރެންނަށް ވިއާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ވިއާންވެސް ހަމަ އެފަދައެވެ. ވިއާނަށް މާމައަށް ސަމާލުކަން ދެވުނީ މާ ފަހުންނެވެ.
"ދިޔައީ އިނގޭ" އަންހެނަކު ވާހަކަދެއްކި އަޑަށް ވިއާން ފަހަތަށް އެނބުރި ބަލައިލިތަން ފެނުނެވެ. މާމަ ގެ ފުރަގަހުގައި ހުރި މަންމައަށް ވިއާންގެ ނަޒަރު ހުއްޓުނެވެ. އޭރުވެސް ވިއާންގެ އެއް އަތުގައި އަހަރެންގެ އަތްތިލަ ވިއެވެ. ހިނދުކޮޅަކަށް މަންމަގެ ނަޒަރު ވިއާންގެ މޫނަށް ހުއްޓިފައިވިއެވެ. މަންމަގެ މޫނުން ނަޒަރު ވަކިކޮށްލާ ވިއާން އޭނާގެ ގާތަށް އަހަރެން ދަމާލާފައި ކާރާ ދިމާލަށް ދިޔައެވެ. އަހަރެމެންނަށް ބަލަހައްޓައިގެން ހުރި ޒިޔާން އަހަރެންނަށް ފެނުނީ މާ ފަހުންނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ