"އެއީ ހިމްނާގެ ބޯއިފްރެންޑޭ އެއް ދުވަހު ބުނި، އަނެއް ދުވަހު އެއީ ނުސްރާގެ ވާން އުޅޭ ފިރިމީހާ، އެކަމަކު ދަންވަރު އެކޮޓަރިން ޖާގަ ލިބެނީ ޝެރީންއަށް." ސާރިމް ބުނެލިއެވެ.

ޝެރީން އަށް ހީވީ މޫނުމަތީ އެއްޗަކުން ވިހެލިހެންނެވެ. މުޅި މޫނު ހުދުވެގެން ދިޔައިރު ހީވީ އެ ހިސާބުގައި ލޭގެ ނިޝާނެއް ވެސް ނެތީ ހެންނެވެ.

"ސާރިމް ޝައްކު ކުރަނީ މަށަށްތަ؟" ޝެރީންއަށް ދަތްޕިލަ ޖައްސާލެވުނެވެ. ސާރިމްއާ ދިމާލަށް ލޯ ހަނިކޮށްލެވުނެވެ. އަމިއްލަ މީހާ ބޭޒާރުނުވާން ވެގެން އިލްޒާމް އަޅުވަންވީ ވަގުތަކަށް ފެނުނީ މިވަގުތު ހެއްޔެވެ؟

"މި ގޭގައި ބީރައްޓެއްސަކީ އަހަރެން. މިގޭ ހަތަރު ފާރު އެތެރޭގައި ރޭވޭ އެއްވެސް ކަމެއް އަހަންނަށް ކިޔައިދެން ޝެރީންއަށް މުހިއްމެއް ނޫން، ހިމްނާ އައި ފަހުން ޝެރީންއަށް ފަސް ވަރަކަށް މިނެޓް ވެސް އަހަރެން ކައިރީ ހޭދަކުރެވުނުތަ؟" ސާރިމް ޝަކުވާ ފައްޗަކަށް އަމުނާލިއެވެ. ލޭ ކެކިގަތީ ހަމައެކަނި ޝެރީންގެ ހައްޓަކު ނޫނެވެ. ދެއަތް މުށްކަވާލަމުން ސާރިމް އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. މިފަހަރު އޭނާ ނެގި ފިޔަވަޅުގެ އަޑު ވެސް ހުއްޓެވެ.

"ސާރިމް ތިއުޅެނީ ޒުވާބު ކުރަންވެގެން. މީގެ ކުރިން ވެސް އަހަރެމެން ކަންތައް ހައްލުކުރަނީ މިހެއްނެއް ނޫން، ހުތުރު އިލްޒާމްއެއް ނާޅުވާ ވެސް ސާރިމްއަށް ސުވާލު ކުރުމުގެ ހުއްދަ އޮންނާނެ." ޝެރީންގެ އަޑު ބެދުނެވެ. އައިސްފައި ހުރި ރުޅިވެސް ހިނދިގެން ދިޔައެވެ. ދެލޯ ކަރުނުން ފުރުނީ އެސްފިޔަ ޖަހާލާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އަޑުގައި ހުރި ޖޯޝު ނެތި ދިޔައެވެ.

އޭނާގެ ނަފްސު އަބަދުވެސް ރައްކާކޮށްފައިވަނީ ސާރިމް އަށްޓަކައެވެ. ޒައިން ދެކެ ބިރުން ނުބައި ގުޅުމަކަށް އެއްބަސްވެވުނު ކަމުގައި ވިއަސް އެފަދަ ފުރުޞަތެއް އޭނާ ޒައިންއަކަށް ނުދެއެވެ. އަބަދުވެސް ގަބޫލު ކުރަނީ އޭނާގެ ޖިސްމަކީ ހަމައެކަނި ސާރިމްގެ މިލްކެއްގެ ގޮތުގައެވެ. އިތްފަތްތެރިކަން ރައްކާކޮށްފައިވަނީ ހަމައެކަނި ސާރިމްއަށެވެ.

"އެހެންވީ އިރު އަހަރެން އެނގެން ބޭނުން އެކޮޓަރިއަށް ޝެރީން ވަން ބޭނުމެއް؟" ސާރިމް އެނގެން ބޭނުންނަމަ ކިޔައިދޭން ޝެރީންގެ ހިތް ބުނަމުން ދިޔައެވެ. ހުތުރު މާޒީ އެނގުމުން ސާރިމް ހުންނާނެކަމުގެ ޔަޤީންކަން އޭގެކުރިން ބޭނުމެވެ.

ޝެރީންގެ ހިމޭންކަން ފެނި ސާރިމްގެ ސިކުނޑި މަސައްކަތް ފަށައިގަތެވެ. ޖަވާބު ނުދެވި ލަސްވާ ކޮންމެ ސިކުންތެއް ސާރިމްގެ ސިކުނޑި އެތައް ހާސް މޭލެއްގެ ޚީޔާލުތަކުގެ ތެރޭ ދަތުރު ކުރަމުން ގޮސް ހުއްޓުނީ މާޒީގެ މާދުރު ހިސާބަކަށެވެ.

****

މީހަކު ހަޅެއްލަވައިގެން އަޑު ސާރިމް އެހީ ސަފާރީގެ ޑައިނިން ޓޭބަލް ސާފުކުރަން ހުއްޓައެވެ. އެތަނުގައި ތިބި އެހެން މުވައްޒަފުންނެކޭ އެއް ފަދައިން ސާރިމް އައިސް މޫނު ޖެހީ ޖެހިގެން ހުރި ވީ އައި ޕީ ކޮޓަރީގެ ކުޑަދޮރު ލޫވަތަކުގައެވެ. ބުރަކަށީގައި އަތް އަޅައިގެން ދެފަރާތަށް ތެޅިތެޅި އޮތް ފިރިހެނަކު ތަޅުންމަތީ އޮތެވެ. އެމީހާގެ ބޮލާއި ކަނދުރާ އިން ލޭ ބޮކިޖަހާފައި ނިކުމެއެވެ. އެމީހުން ކޮފީ ބޯން ތިބި މޭޒު ވެސް އޮތީ ފުނޑުވެފައި ތަޅުންމަތީގައެވެ.

އެތަނުގައި ތިބީ ހައެއްކަ މީހުންނެވެ. ސާރިމް ހުރި އަރިމަތިން ފެންނަނީ ފުރަގަސްދީގެން ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ވެސް ކުރިމަތީ ކޮޅަށް ހުރި ބިޔަ ފިރިހެނެކެވެ. މޫނެއް ނުފެނެއެވެ. ހަމައެކަނި އިވުނީ އަޑެވެ.

"މި ޝެރީން އަކީ ހަމައެކަނި އަހަރެންގެ މީހެއް، އަޑު އިވިއްޖެ؟ އަހަރެންގެ އެއްވެސް އެއްޗެއް އެހެން މީހުންނާ ޝެއާ ކުރާކަށް ނުދެން،" ކަން ހިނގި ގޮތް ސާފުވެގެން ދިޔައެވެ. އެކަމަކު އެތަނުގެ އަޑުގަދަވެގެން ސަފާރީގެ ބޮޑުން ވެސް އެތަނަށް ވަދެއްޖެއެވެ. އެހާ ހިސާބުން އެމީހުންގެ މަޖާ ނެގުން ނިމުނީ އެވެ. ވަގުތުން އެންގީ މާލެދާން ބޭނުން ވެގެން އެކަން ހަމަޖައްސާށެވެ. އެމީހުން ފުރުމުގެ ކަންތަކާއި ވެއްޓިފައި އޮތް މީހާ ހަސްފަތާލަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމުގައި މުވައްޒަފުން އަވަދިނެތި އުޅެން ފެށިއެވެ. އެމީހާގެ ބޮލުގައި އައިސްފެން އަޅައިދެން ހުރި ސާރިމްއަށް އެއްފަހަރު އެ ފިރިހެނާގެ މޫނު ފެނުނެވެ.

****

"އެއީ ޝެރީންގެ؟"

ސާރިމްގެ ސިކުނޑީގައި އަނެއްކާ ވެސް އެ މަންޒަރުތައް ތަކުރާރުވިއެވެ. ހީވީ ރެކޯޑް ކުރެވިފައިވާ ފިލްމެއް ރިވައިންޑް ކޮށްލިހެންނެވެ. ކޮރިޑޯގެ ތެރެއިން ހިނގާފައި ދިޔަ އެމީހުންގެ މޫނު ސާރިމްއަށް ފެނުނެވެ. ޝެރީން އާއި ޒައިން ވެސް ފެނުނެވެ. ޝެރީން ބޯޖަހައިލިއެވެ.

"އެކަމަކު އެރޭ އަހަރެން ވަނީ އެއީ ހަމައެކަނި މާޒީކަން ހަނދާން ކޮށްދެން. ސާރިމް، އަހަންނަށް އިތުބާރުކުރޭ، ޒައިން މިރަށަށް އައި ބޭނުމަކީ ....." ޝެރީން އަށް ފުރަތަމަ ފަހަރަށް އެވާހަކަތައް ދުލާ ހަމަޔަށް ގެނެވުނެވެ. ޒައިން ބޭނުންވީ ޝެރީންއެވެ. އޭނާ ނުލިބިއްޖެނަމަ ދެން ނުސްރާއެވެ. ލެޕްޓޮޕާއި ފޯނު ފޮރުވީ ޒައިން ސަލާމަތް ކޮށްދޭކަށް ނޫނެވެ. އެއީ ޝެރީން ސަލާމަތްވުމަށެވެ.

ޝެރީން މަޑުމަޑުން ހިނގާފައި އައިސް ސާރިމްއަށް ފުރަގަސްދީފައި ދިއުމުން ސާރިމްއަށް ހިފަހައްޓާލެވުނީ އޭނާގެ ނިތްކުރީގައެވެ. އަދިވެސް އެ ދިރިއުޅުމަށް ޒައިންގެ އުދަނގޫ ފޯރާފާނެކަމުގެ ބިރު އޭނާގެ ހިތުގައި ވެސް އުފެދުނެވެ. އަވަހަށް ގޮސް ޝެރީން އާއި ހަމަކޮށްފައި އަތުގައި ހިފާފައި ގެނެސް ޖައްސާލެވުނީ މޭގައެވެ.

"އަހަރެން ހުއްޓާ ނުކެރޭނެ އޭނަގެ ނުރައްކަލަކާ ކުރިމަތިލާކަށް." ސާރިމްގެ ދެއަތުން ޝެރީންގެ ބުރަކަށީގައި ފިރުމާލެވުނެވެ. އޭނާގެ މޭގައި މޫނު ޖައްސާލި ޝެރީންގެ ދެލޮލުން ހޫނު ކަރުނަ ފޭދި މޭގައި ޖެހުނު އިހްސާސް ކުރެވުނެވެ. ސާރިމްއަށް ތަކުރާރުކޮށް ބުނެވުނީ ނުރޮއި ހުއްޓާލުމަށެވެ.

****

ސާރިމްއަށް ހުރިހާ ކަމެއް ކިޔައިދެވުނު ހިތްހަމަޖެހުން ޝެރީންގެ ހިތުގައި ވިއެވެ. މިފަދަ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަން އެނގުނު ނަމަ އޭނާ އެކަން ވަންހަނާ ނުކުރީހެވެ. ސާރިމްގެ ފަރާތުން އިވުނު ހިތްވަރުގެ ބަސްތަކަށްފަހު އާދިރުމެއް ލިބުނު ފަދައެވެ. ސާރިމް ނުކުމެގެން ދިޔަ ފަހުން ޝެރީން އަށް ހުރެވުނީ އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

މިވީ ދުވަސްކޮޅުގައި ސާރިމްއާ މެދު ފަރުވާކުޑަ ކުރެވުނު އިހްސާސް ކުރެވުނީތީ މިރޭ ޝެރީން ހުރީ ތައްޔާރު ވެގެންނެވެ. އޭނާގެ ވަރުބަލިވެފައިވާ ސިކުނޑިއަށް ވެސް ސާރިމްގެ ލޯބި ބޭނުންވާކަން މިރޭ ޤަބޫލުނުކުރެވެން ފެށިއެވެ. ނޫރާއަށް ކާން ދީ ނިންމާފައި ނިންދުވަން ބުނިހާއިރުން ބުނީ ހިމްނާ ކައިރީ ނިދަން ބޭނުންވާ ވާހަކައެވެ. މިއީވެސް ޝެރީންއަށް ލިބުނު މޮޅެކެވެ. ނޫރާ އެކޮޓަރީގައި ނިންދުވާފައި ނިކުންއިރު ހިމްނާ އިނީ ފޯނެއްގައެވެ. ހިމްނާ އަންނަންދެން ކޮޓަރީގައި މަޑުކޮށްލާނީއޭ އެތެރެއަށް ވަންއިރު ފާހަގަވީ އެކޮޓަރީގެ ތަރުތީބު ގެއްލިފައިވާކަމެވެ. ހިމްނާ އަކީ އެ ހުރިހާ ކަމަކާ ވިސްނައިގެން އުޅޭ މީހެއް ނޫނެވެ.

ގޮނޑިމަތީ ގުޅައަކަށް ޖަހާފައި ހުރި އަންނައުނުތައް ފަތްޖަހައިދީފައި އެބައި އަލަމާރިއަށް ލައިދޭނަމޭ ހިތައި ދޮރުފަތް ހުޅުވާލި ވަގުތު ގަހަކުން ހިކިފަތްތަކެއް ފައިބައި ގެންދިޔަ އުސޫލުން ތިރިއަށް ސޮހުނީ އަލަމާރިތެރޭ ހުރި އަންނައުނުތަކެވެ. ދެފަރާތަށް ބޯހޫރުވާލަމުން އަތުގައި ހުރި ހެދުންތައް މޭޒުމަތީ ބަހައްޓާފައި ފުރަތަމަ ވެސް އުޅެވުނީ ތިރީގައި ހުރި އަންނައުނުތައް ނަގައި އެވެސް ފަތްޖަހާށެވެ. އެބައި ނިމެނިކޮށް ލޮލުގައި އަޅައިގަތީ ހިމްނާގެ ޕާހެވެ. އަންނައުނުތައް ތެރެއަށް ޕާސް ލައިގެން ގެންގުޅެނީ ކާކުބާއޭ ހިތަށް އަރާފައި ޝެރީންގެ ގާތަށް އައީ ހިންޏެވެ. އޭގައި ފައިސާ ހުރިނަމަ ޝެރީން ގަސްތު ކުރީ އަލަމާރީ ތެރޭގައި ހުންނަ ސޭފްގެ ތެރެއަށް ލައިދޭށެވެ. ޕާސް ހުޅުވާލީ ފައިސާ ހުރިތޯ ޗެކުކޮށްލާށެވެ.

އޭގައި ތެރޭ އޮތީ ހަމައެކަނި އައިޑީ ކާޑެކެވެ. ޝެރީންއަށް ކުއްލި ސިހުމެއް ލިބުނެވެ. އިއްޔެ ހިމްނާ އައިސް އައިޑީކާޑު ވީ ޒައިންގެ އަތުގައިމއޭ ބުނެލިއެވެ. އޭނާއަށް ފުރޭނެ އިތުރު ގޮތެއް ނެތްކަމަށް ނިންމައި އެ ދެމީހުންނަށް ތިބެވުނީ މާޔޫސްވެފައެވެ. އެކަމަކު ހިމްނާ ފުރުވަން އުޅުނު މަޤްސަދު ވެސް ހާސިލްނުވެ އެދިޔައީ ފެނަށްވެގެންނެވެ.

ހިމްނާގެ އައިޑީކާޑު ފޮރުވަން ޒައިން ކުރިކަމެކޭ ޝެރީން ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ސިކުނޑީގައި ރޭވިގެން ދިޔައީ އެހެން ޚިޔާލެކެވެ. އައިޑީކާޑު ހިމްނާ ކައިރީ ފެނުނު ވާހަކަ ބުނުމުގެ ބަދަލުގައި ހިމްނާގެ އަތަށް ދޭނީ ޓިކެޓާ އެކުގައި ކަމަށް ޝެރީން ނިންމިއެވެ. އަދި ހިމްނާއަށް ހަދިޔާއެއް ދޭން އެއީ އެންމެ ރަނގަޅު ގޮތޭ ހިތަށް އެރިއެވެ.

****

ސާރިމް އާއި ނަސްރު ތިބީ ނަސްރުމެންގެ ގެއާއި ދިމާލު އަތިރިމަތީގައެވެ. ރޭގަނޑުގެ ވަގުތު ކަމުން އެދިމާލުގައި އިތުރު މީހަކު ނެތެވެ. ސާރިމް އާއި ނަސްރު އެދުވަހު ވަރުގަދައަށް ޒުވާބު ކުރި ހަނދާން އެއިން އެކަކު ވެސް ނެތް ފަދައެވެ. ސާރިމް އައީ ނަސްރުއަށް ޒައިންގެ ޚަބަރު ދޭށެވެ.

ސާރިމް ކިޔައިދިނީ މިއަދު ފުލުހުން ކިޔައިދިން މައުލޫމާތު އެކަންޏެވެ. ޝެރީން އާއި ގުޅުން ހުރި ހުރިހާ ކަމަކީ ސިއްރު ކަންތަކެވެ. ޒައިންގެ ނުބައި އަޚްލާޤާއި ބެހޭގޮތުން އިވިފައި ނަސްރު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އޭނަ ނުސްރާއަށް ބިރުދެއްކި ކަމަށް ބުނާނެ ޖާގައެއް ނެތޭ ފުލުހުން ބުނި، އިއްޔެ ބައްޕަ ވެސް އަދި އަހަރެން ވެސް ސުވާލު ކުރަން ގެންދިޔަ، އެކަމަކު އެތަނުގައި މަޑުކުރާކަށް ނުބުނޭ، ފޯނު ވެސް ބެލި، ދެން ދޫކޮށްލައިފި،" ނަސްރު ބުނެލިއެވެ. އޭނާއަށް މިހާރު އިހުމާލު ވެވުނު ކަމުގެ އިހްސާސް ކުރެވެއެވެ. ނުސްރާގެ ކައިވެންޏަށް އެދިގެން އަންނައިރު އެ ފިރިހެނާގެ ހަސަބާއި ނަސަބު އެކަނި އޮޅުންފިލުވުމަކުން ނުފުދޭކަން ވިސްނިއްޖެއެވެ.

"ސާރިމް ތިޔަ ވިސްނައިދިނީ ވަރަށް މުހިއްމު ކަމެއް." ސާރިމްއަށް ޝުކުރުވެރިވާ ހާލު ނަސްރު ވާހަކަ ދެއްކިއެވެ. ސާރިމް އަހައިލީ ޒައިން ދޫކޮށްލައިފިނަމަ ހަދާނީ ކިހިނެއްތޯއެވެ.

"އާމިރުއަށް ހަދަން ރޭވި ގޮތަށް." ނަސްރު އަށް ބުނެވުނެވެ. އެއާއެކު ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އެއީ ވެސް މިފަދައިން ދެ އެކުވެރިން ސައްލާކުރި ކަމެކެވެ. އޭރު ސާރިމް އުޅުނީ އާމިރު ބިރުދައްކާ ވަރުން ނޫރާގެ މޫނު ދެކިލަންދާން ވެސް ނުކެރިގެންނެވެ. އެހެންވެ އާމިރުއަށް ހަދާނެ ގޮތް ދެމީހުން ރޭވިއެވެ. އެކަމަކު ތިންވަނަ މީހަކު ހަމަ އެ ރޭވުން ރޭވި ކަމެއް ނުދެނަހުއްޓެވެ. ނޫނީ އެއީ ޤުދުރަތުގެ ރޭވުން ނޫން ކަމެއް ޔަޤީނެއް ނޫނެވެ.

ސާރިމްއަށް ދެލޯ މަރާލެވުނީ ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ފަދައިން އެކަންތައް ސިފަވާން އުޅޭތީ އެކަމާ ބިރުންނެވެ.

****

އެއީ ނޫރާ އާއި ދެމީހުން ވެގެން ފިލިގަހުގައި ހިތެއްގެ ބައްޓަން ކުރެހި ރެއެވެ. ކުއްލިއަކަށް އެތަނަށް އައިސް އާމިރު ދިމާ ކުރީ އެ ދެމީހުން ވެސް މަރާށެވެ. ދުނިޔެއަށް ހުރި ލަދަކަށް ވުމަށްވުރެ އަމިއްލަ އަންހެން ދަރިފުޅު ވެސް މަރަން އޭނާއަށް ހެވެ. އެތަނަށް ރަމްލާ އައިސް އެ ދެމީހުން ދޫކޮށްލަން ރޮއި އާދޭސް ނުކުރިނަމަ އެރޭ ސާރިމް މަރުވީހެވެ. ސަލާމަތްވުމާއެކު ސާރިމް ދުވެފައި އައީ ނަސްރުމެންގެ ގެއަށެވެ. ފާއިޒު ދެކެ ބިރުން އެގެއަށް ދާކަށް ނުކެރުނެވެ.

އެރެއާ ހަމަޔަށް ނަސްރުއަށް އޭނާ އުޅެނީ ނޫރާ އާއި ރައްޓެހި ވެގެންކަން ވެސް ނޭނގެއެވެ. ނަސްރު ލަފާ ދިނީ ނޫރާ ގޮވައިގެން ފިލައިގެންދާށެވެ. އާމިރު ހުއްޓާ އެއީ ވާނެ ކަމެއް ނޫނޭ ސާރިމްއަށް ބުނެވުނެވެ. އޭނާއަށް އާމިރުގެ ގޮތް އެނގެއެވެ. މިހާރުން ފެށިގެން ހުންނާނީ އެ ގޭ ވަށައި ފާރަވެރިން ބައިތިއްބައިގެންނެވެ. ދެވަނަ ޚިޔާލަކަށް އައީ އާމިރު މަރާލުމެވެ. ފަތިސް ނަމާދަށް ދާން އާމިރު ނުކުންނަ ގަޑިއަކީ އެންމެ ފަސޭހަ ގަޑިއެވެ. ސާރިމް އެރޭ ވިސްނީ އަމިއްލަ ސިކުނޑިއަކުން ނޫނެވެ. ނަސްރު ވިސްނައިދިން ގޮތަށެވެ.

ފަތިސް ނަމާދުގެ ބަންގި ނުގޮވަނީސް އެރޭ ސާރިމް ހުރީ އެގޭ ދޮރުމަތީގައެވެ. ނަޞީބަކުން ދޮރު ފާރަވެރިންނެއް ނެތެވެ. ސާރިމް އެތެރެއަށް ދެމިގަތެވެ. އޭނާ ދެން ހުރީ ގިފިލިތެރެއަށް ވަދެފައެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑުން މުޅި ރަށް ގުގުމަމުން ދިޔައެވެ. އެކަމަކު މަރު ނިދީގައި ތިބި މީހުންނަށް އެކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ބަންގިއަށްވުރެ ކުރިން އާމިރު ހޭލައި ނުކުންނާނެކަން ސާރިމްއަށް އެނގެއެވެ. އެކަމަކު މިރޭ އަލިވިލޭއިރު ވެސް އާމިރުގެ ޚަބަރެއް ނެތެވެ. ދުނިޔެމަތި އަލިވާން ފެށިއެވެ. މީހަކަށް ފެނުމުގެ ކުރިން ނިކުންނަންވީއޭ ހިތަށް އަރައި ހިނގައިގަންނަން އުޅުނު ވަގުތު ފެނުނީ ވަޅުގެ އެފަރާތުން ފެންނަން އޮތް ފިރިހެނެއްގެ ފަޔެވެ. (ނުނިމޭ)