''އިށީންނަންވީނު، ސިމީ އަންނާނެ އިރުކޮޅަކުން...'' ފިރްދައުސް އިތުބާރުކުރީ ރަޒީއާ އަށެވެ. ރަޒީއާގެ ނުފޫޒާއި ބާރުގައި ސިމްރާ ގެނެވޭނެ ކަމަކަށް އޭނަ ހުރީ ނިންމައިގެންނެވެ. އޭރުން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެއެވެ. އޭނަ އަވަސްވެގަތީ މާހައުލަށް ވެރިވިގެން އައި ނުތަނަވަސްކަމަށް ނިމުމެއް ގެންނާށެވެ. ކާމޭޒަށް އިޝާރާތްކޮށްލަމުން ކައިސަން ގާތު އެދުނީ ގޮނޑީގައި އިށީނުމަށެވެ.

''އެވަރުކަމެއް ނޫނޭ، މިއަދު އޮފީހުގަ ބުރަކޮށް އުޅެފަ އައީމަ ސިމީ މާބޮޑަށް ވަރުބަލިވީ...'' ކައިނަސްގެ ކޮނޑުގައި އަތްޖައްސާލަމުން ފިރްދައުސް ބުންޏެވެ. ސިމްރާގެ ސަބަބުން އައިސްފައި ހުރި ރުޅި ސިއްރުކުރަން ފިރްދައުސް ނިކަން ކުޅަދާނެއެވެ. ލުއި ހިނިތުންވުމެއް ގެންނަމުން އޮމާންކަމާއެކު އޭނަ ވާހަކަދެއްކިއެވެ.

ކައިސަންއަށް ފިރްދައުސް ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ސިމްރާގެ މޫނުން ދުށް ނުރުހުމުގެ އަސަރާ އޭނައާ ގުޅުވާލެވުމުން މޭގައި ހައިޖާންގަނޑެއް އުފެދުނެވެ. އޭނައަށް ސިމްރާ ވަރަށް ބޮޑަށް ކަމުދެއެވެ. ފުރަތަމަ ބައްދަލުވުމަށްފަހުގައި އޭނަގެ ޚިޔާލުތަކާ ފިކުރުތަކުގެ ރާނީއަކަށް ސިމްރާ ވެއްޖެއެވެ. ހުވަފެނުން ނަމަވިޔަސް ދެކިލަން އެދޭ ސޫރައަކީ އެއީ އެވެ. ހާސިލް ކުރަން އިންތިހާއަށް ބޭނުމެވެ. އޭނަ އެދޭ ފަދަ ޝައުޤުވެރިކަމެއް ނުފެންނާތީ ހިތަށް އުނދަގޫ ވެއެވެ. ސިމްރާ އޭނައާއި ލޯބިން ވާހަކަދައްކާލައި، އުފާވެރިކަމާއެކު އޭނައަށް ބަލައިލަން ބޭނުން ވެއެވެ. ހިތް އެދޭ ގޮތަށް ކަންތައް ނުވާތީ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ. ސިނގުރުޅީގެ މައްޗަށް އަމަލުނުކޮށްވޭތޯ ކައިސަން މަސައްކަތްކުރެއެވެ.

ސިމްރާ އޮތީ އޭނައާ މެދު ދެކޭ ގޮތް ކައިސަންއަށް ހާމަކޮށްފައެވެ. ނަމަވެސް އެހަޤީޤަތާ ކުރިމަތިލާން ކައިސަންގެ ޒަމީރު ދެކޮޅު ހެދިއެވެ. އެކިގޮތްގޮތުން ސިމްރާއަށް މަޖުބޫރުކުރަނީ ނިންމުން ބަދަލުވާނެ ކަމަށެވެ.

ތިންވަނަ ފަހަރަށް ވެސް ކާމޭޒުދޮށުގައި އިށީނުމަށް ފިރްދައުސް އެދުމުން ކައިސަން ގޮނޑީގައި އިށީނދެއްޖެއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ކާގެއަށް ވަދެވެން ހުރި ދޮރަށެވެ. ސިމްރާ އަނބުރާ އަންނާނެކަމުގެ އިންތިޒާރު އެދެލޮލުން ރަމްޒުކޮށްދިނެވެ. އެހެން އިންދާ ފެނުނީ ހަމައެކަނި ރަޒީއާ އައިސް ވަން ތަނެވެ. އެއާއެކު ކައިސަންއަށް އޭނަގެ މުށް ބާރުކޮށްލެވުނެވެ. ކަތުރުކަނޑިގަނޑަށް ވާންވެލައި ބުމަކައިރިވެއްޖެއެވެ.

ރަޒީއާއަށް ފިރްދައުސް ބަލައިލީ ހިނދު އެދެލޮލުން އަލިފާންކަނި ނުބުރާކަމެވެ. ސިމްރާ ހުއްޓުވުމުގައި ރަޒީއާ ނާކާމިޔާބުވުމުން އެކަމުގެ ނުރުހުންތެރިކަން ސާފުކޮށް އެމޫނުން ފެނެއެވެ. ފިރްދައުސްގެ ނަޒަރު ހުއްޓުމާއެކު ރަޒީއާ ހުއްޓުން އެރިއެވެ. ބިރުންގޮސް މޭގަނޑަށް ފިނިވެ އަތުގައި ތުރުތުރުލުމެއް އުފެދުނެވެ. ކައިސަންގެ ކުރިމަތީގައި އަތްއިސްނުކުރާނެކަމުގެ ޔަޤީންކަން އޮތަސް، އެކަނިވުމުން ފިރްދައުސްގެ ރުޅިވެރިކަމުގެ ހޫނާއި ކުރިމަތިލާން ޖެހޭނެކަން ޔަޤީންކުރެވުނެވެ. ހިންދިރުވާލުން ފަސޭހަކަމަކަށް ނުވިއެވެ.

''ސިމީ ނާންނަނީތަ؟...'' ސުވާލުގެ ނަޒަރަކުން ރަޒީއާއަށް ކައިސަން ބަލައިލިއެވެ.

''އޮ... އޮ...ފީހުގަ ކުޑަކަމެއް ދިމާވެގެން އެދިޔައީ...'' ހާސްވެފައި ހުރިވަރުން ބުނެވުނު އެއްޗަކަކަށް ރަޒީއަށްގެ ސަމާލުކަމެއް ނެތެވެ. އޭނަ ހުރީ ފިތްކަނޑައިގެންދާ ހިސާބުގައެވެ.

''މި ގަޑީގަ؟...'' ކައިސަން ބުމައަރުވާލިއެވެ. އޭނަ ގޮނޑިން ތެދުވިއެވެ. އިތުރަށް މަޑުކުރަން ދެކޮޅު ހެދިއެވެ. އޭނަގެ މުޅި ދުވަސް ޚަރާބުވެއްޖެކަމުގެ އިހުސާސްކުރެވުނެވެ. މިއަދު ހަތަރުދަން އޭނަ ހޭދަކުރީ ސިމްރާގެ ޚިޔާލުގައެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެކަމުގެ އުއްމީދުގައި ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އެހުރިހާ ކަމެއް ފެނަށްވުމުން ހައްތާހާ ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.

ކައިސަންއަކީ އޭނަ ބޭނުންވާކަމެއް ފުރިހަމަނުވެއްޖެނަމަ ފަސޭހައިން ރުޅި އަންނަ ޒުވާނެކެވެ. އޭނަ އުޅެބޮޑުވި މާހައުލުގެ ގޮތުން މިއަދާ ހަމައަށް ބޭނުންވި ހުރިހާ ކަމެއް ވަނީ ފުރިހަމަ ވެފައެވެ. ހަތަރެސްފަޔަށް ވާވަރަށް ނޯކަރުން ތިބެއެވެ. އޭނަގެ ކޮންމެ އިޝާރާތަކަށް ބަލައިގެންނެވެ. އޭނައަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރަވެރިޔެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅުވެ. އެހެންކަމުން ފައިސާގެ އުނިކަމެއް ނެތެވެ. ބޮޑެތި ހަރަދުތައްކޮށްލަނީ ޚިޔާލެއްފިކުރެއް ނެތިއެވެ. ފައިސާ ހުރެއްޖެނަމަ ކޮންމެ ކަމެއް ފުރިހަމަކުރެވޭނެކަމަށް ކައިސަން ދެކެއެވެ. ފައިސާއަކީ އޭގައި ބާރު ހުރި އެއްޗެކެވެ. އޭގެ އެހީގައި އޭނަގެ ހުރިހާ މުހުތާދެއް ވަނީ ހާސިލް ކުރެވިފައެވެ. ސިމްރާ ފިޔަވައެވެ. ހައްލުކުރަން އުނދަގޫ އަރަތަކަށްވެފައިވަނީ އެހެންވެގެންނެވެ. އަގުބޮޑު ހަދިޔާތައްދީގެން ވެސް ސިމްރާގެ ޝައުޤުވެރިކަން އަތުލެވޭ ގޮތެއް ނުވިއެވެ. އޭނަ ހުންނަނީ ހަދާނެ ގޮތެއް ނޭނގިފައެވެ. މިނޫނީ އަންހެންކުއްޖެއްގެ ސަމާލުކަން ހޯދުމުގައި އޭނަ ފެއިލްވެފައި ނެތެވެ. އޭނަގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައި ތިބޭ އަންހެންކުދިންގެ ލިސްޓް ކުޑައީއެއް ނޫނެވެ. ނަމަވެސް އެހުރިހާ ކުދިންގެ ތެރެއިން އޭނައަށް ހާއްސަވެފައިވަނީ ސިމްރާ އެވެ. އެއާދަޔާ ޚިލާފު ރީތިކަމާއި ބަނިޔާދަކަމެވެ. އެގޮތް ދޫނުކުރުމުގެ މިޒާޖު ދެކެ ނުރުހުނަސް، އެއީ އެހެން ކުދިންނާ ސިމްރާ ހާސްބައި ތަފާތުކޮށްދޭ ސިފައެކެވެ. އޭނަ ހީކުރީ ސިމްރާގެ ހިތަށް އޭނައަށް ވާސިލްވެވިދާނެ ކަމަށެވެ. އިންކާރުކުރުންތަކުގެ ފަހަތުގައި ލޯބި ވަންހަނާވެފައި އޮވެދާނެ ކަމަށެވެ.

''ސިމީ ނެތިއްޔާ އަޅުގަނޑު ހުރުމުގެ ބޭނުމެއް ނެތްހެން ހީވަނީ...'' ފިރްދައުސްއަށް ބަލަމުން ކައިސަން ބުނެލިއެވެ.

ކައިސަންގެ ދެލޮލުގައި ފޮރުވިފައިވި އިންޒާރު ނަގައިގަނެވުނީ ހަމައެކަނި ފިރްދައުސް އަށެވެ. އާރާއިބާރުގެ ކުރީ ސަފުގައި ހުރީ އޭނަ ނޫންކަން ފިރްދައުސްއަށް ރޭކާލިއެވެ. އެކަމާ ފިރްދައުސް ހިތްހަމަނުޖެހުނަސް ކުރެވޭނެކަމެއް ނެތެވެ. ކައިސަންގެ ބައްޕަ މޫސާއަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ މީހެކެވެ. ހަމައެއާއެކު ފިރްދައުސްގެ ރަހުމަތްތެރިއެކެވެ. ފިރްދައުސްގެ ކެމްޕެއިނަށް އެންމެ ބޮޑަށް ހަރަދުކުރަން ހުރީ ވެސް މޫސާ އެވެ. އެހެންކަމުން ކައިސަން ރުއްސަން ފިރްދައުސްއަށް އޮތީ މަޖުބޫރުވެފައެވެ. ކައިސަންއަށް ސިމްރާ ކަމުދިއުން ބޮލު ރިހުމަކަށްވެފައި ވަނީ އެހެންވެގެންނެވެ. ސިމްރާގެ އަމަލުތަކުން މޫސާގެ ފަރާތުން ކުރިމަތިވެދާނެ ފިއްތުންތަކާ މެދު ފިރްދައުސް ބިރުގަނެއެވެ. ހާއްސަކޮށް ކެމްޕެއިން މިހާ ގާތްވެފައި އޮތް ދުވަސްކޮޅެއްގެއެވެ.

ކައިސަން ނިކުމެގެން ދިޔަ އެވެ. މައިދޮރުން އޭނައަށް ނިކުމެވުނީ އާރިޒްގެ ކުރިމައްޗަށެވެ. އާރިޒަށް ބަލައިލުމެއްނެތި ކައިސަން އެރީ ޕޯޓިކޯގައި ޕާކްކޮށްފައި އޮތް އޭނަގެ ސްޕޯޓްސް ކާރަށެވެ. އެއަށްފަހު ކާރު ދުއްވައިލިއެވެ. އެތަން ބަލަން ހުރެފައި އާރިޒް އެތެރެއަށް ވަނެވެ. އޭނަ މިސްރާބުޖެހީ ކޮޓަރިއަށް ދިއުމަށެވެ. ސިޑިއާ ދިމާއަށް ދަނިކޮށް ބައްޕަގެ ހަޅޭކުގެ އަޑު އިވި އާރިޒް ހުއްޓުން އަރައިފިއެވެ. އަވަސްއަވަހަށް އެދިމާއަށް އާރިޒް ހިނގައިގަތެވެ. މަންމަގެ ހިމާޔަތަށްޓަކައެވެ.

''ކަލޭގެ ބޭނުމަކީ ކޮބާތަ؟...'' ރަޒީއާއާއި ދިމާއަށް ފިޔަވަޅުއަޅަމުން ފިރްދައުސް ބުނެލިއެވެ. އޭރު ކާކޮޓަރީގައި ތިބީ ރަޒީއާއާއި ފިރްދައުސް އެކަންޏެވެ. ރަޒީއާގެ ގަޔަށް އަތްއިސްކުރަން އުޅެފައި، ތިބެވުނު މާހައުލު ރޭކާލުމުން ފިރްދައުސްއަށް އޭނަގެ އަތްތިރިކޮށްލެވުނެވެ. އޭރު ރަޒީއާ ހުރީ ފިރްދައުސްގެ ހަމާލާއަށް ތައްޔާރުވެގެންނެވެ. ކިޔަމަންތެރިކަމާއެކުގައެވެ. ހީވީ ފިރްދައުސްގެ ރުޅިވެރިކަމާއި އަނިޔާތައް އޭނައަށް ހައްޤުހެންނެވެ.

ރަޒީއާގެ ކޮނޑުގައި އަތްއަޅާ ދުރަށްކޮއްޕާލަމުން ފިރްދައުސް ދާން ހިނގައިގަތެވެ. އޭނަގެ ފިޔަވަޅުތައް މަޑުޖެހިލީ އާރިޒް ފެނުމުންނެވެ. އެއާއެކު ފިރްދައުސްގެ ރުޅީގެ އަމާޒުފައްޗަކަށްވީ އާރިޒެވެ.

''ކަލޭ ލަދެއް ނުގަނޭތަ ކަލޭގެ ދައްތަގެ ހިޔަންޏެއްހެން ފަހަތުން އުޅެން؟، ބަލޭ ކަލޭ ތީ ފިރިހެނެކޭ، ކަލޭ ނުޖެހޭނެ އޭނަ ކުރާ ގޮތަކަށް ނޫނީ ހެދި ގޮތަކަށް ކަންތައް ކުރާކަށް، އެއްވަރެއްގެ ދަރިން މަށަށް ލިބިފަ މިތިބީ، އަންހެންދަރިއަކީ މަށަށް ޖެހިފަ އޮތް މުސީބާތެއް، ފިރިހެންދަރިއަކީ ފިރިހެންވަންތަކަމެއް ނެތް ބޮޑު ރަނޑެއް...'' ފިރްދައުސްގެ ދުލުން ނިކުތީ ވިހަ ބަސްތަކެކެވެ. ދަރިންނަށްޓަކައި އެހިތުގައި ޒަރެއްގެއް މިންވަރުގެ ކުލުނެއް ނެތެވެ. ހުރިނަމަ އެފަދަ މޭރުމަކުން ވާހަކަނުދެއްކީހެވެ.

އާރިޒް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މުށްބާރުކޮށްލަމުން ބައްޕަގެ މޫނަށް ބަލައިލިއެވެ. ހޭބުއްދިފިލައިދާނެހެން ހީވި ހިނދުކޮޅެއް އައެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ ދޮންތަ ބުނެފައިވި ޖުމްލައެކެވެ. ރުޅިއަކީ މީހާގެ ހަލާކުކަމުގައެވެ. އޭގެ ސަބަބުން އެތައް ގޯހެއް ހެދި ދިރިއުޅުމުގެ ހަޤީޤީ އުފާވެރިކަން ގެއްލިގެންދާން މަޖުބޫރުކުރުވައެވެ. ބައްޕައަށް ޖެހިފައިވަނީ އެފަދަ ހާލެކެވެ. ނުރުހުމުގެ ބަދަލުގައި އާރިޒް ވީ ދެރައެވެ. ބައްޕައަށް ބައްޕަގެ އަމިއްލަ ނަފުސު ވަނީ ގެއްލިފައެވެ.

''ކަލޭ ކޯޗެއް ތި ބަލަނީ؟...'' ފިދްރައުސް ހީވަނީ އާރިޒްގެ ފަރާތުން ކަމެއްކުރުވަން އުޅޭހެންނެވެ. މޫނާއިމޫނުޖެހޭހާ ކައިރިއަށް ހުއްޓެމުން، އާރިޒްގެ މޭގައި ޝަހާދަތްއިނގިލި ޖައްސާ ފަހަތަށް ކޮއްޕާލިއެވެ.

''ފިރްދައުސް!...'' ފިރްދައުސްގެ އަމަލުން ރާޒީއާގެ މައިލަގޮނޑިއަށް ލޮޅުންއެރިއެވެ. ހިމޭނުންހުންނަން ވެއްޖެނަމަ ކަންތައް ގޯސްވެދާނެކަމުގެ ބިރު ހީވިއެވެ. ދަރިންދެކެ ރަޒީއާ ލޯބި ވެއެވެ. އެލޯބި ބުނެދޭން އޭނައަށް ނޭނގެނީއެވެ. ނޫނީ މަސައްކަތްކުރަން އުނދަގުލީއެވެ.

ފަސްއެނބުރި ރަޒީއާއަށް ބަލައިލި ފިރްދައުސްގެ ދެލޮލުގައި ވަނީ އިންޒާރެވެ. އެކަމުގެ ހަސްކާ ފަހުން ލިބޭނެތީ ރަޒީއަށް ހިންދިރުވާލެވުނެވެ. ފިރްދައުސް ދިއުމާއެކު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އޭނައަށް މޭގައި ފިރުމާލެވުނެވެ. ބޮލަށް އެނބުރުން އަރާހެން ހީވިއެވެ.

''މަންމާ...'' އާރިޒް ގޮވާލިއެވެ. އޭނަ ހުރީ ކަންބޮޑުވެފައެވެ. މަންމަ ގާތަށް ހުއްޓެމުން، މަންމަގެ އަތުގައި ހިފައިގެން ގޮސް އެންމެ ކައިރީގައި ހުރި ގޮނޑީގައި ބޭންދިއެވެ. އެއަށްފަހު ފެންތަށްޓެއް ގެނެސްދިނެވެ. އަތްތުރުތުރުއަޅާވަރުން މަންމައަށް ތަށީގައި ހިފޭ ގޮތް ނުވުމުން މަންމަގެ ތުނބުގައި ފެންތަށި ޖައްސާލަދިނެވެ. އާރިޒަށް ހުރީ އިންތިހާއަށް އަސަރުކޮށްފައެވެ. އެފަދަ ހާލެއްގައި މަންމަ ވާތަން ބަލަން ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕައަށް ނަފުރަތުކުރާ އިތުރު ސަބަބަކަށް މަންމަގެ ހާލަތުވެގެން ދިޔަ އެވެ.

''ބައްޕަ ރުޅިއަރުވައިގެން ދަރިފުޅުމެންނަށް ހިތްހަމަޖެހުން ލިބެނީތަ؟...'' ފެންތަށި ހުސްކޮށްލަމުން ރަޒީއާ ބުންޏެވެ. އޭނަ ހަމައަކަށް އެޅުމުން ކުށްވެރިކުރީ ސިމްރާއާއި އާރިޒެވެ. ހާއްސަކޮށް ސިމްރާ އެވެ.

''ސީރިޔަސްލީ؟...'' އާރިޒާއަށް ދުރަށް ޖެހިލެވުނެވެ. އެއީ މަންމަގެ އާދައެވެ. ހެދޮ ބަދަލެއް ފެނިދާނެކަމުގެ ކޮޅުމަތި ދައްކާލާފައި ވެސް ޚިޔާލު ބަދަލުވެގެން ދަނީ ހިނދުކޮޅެއްގެ ތެރޭގައެވެ.

''ދަރިފުޅުގެ ދޮންތަ ކަންތައްކުރި ގޮތް ބަލާބަލަ...'' ރަޒީއާ ބުންޏެވެ.

''ޑޫ ޔޫ އީވެން ހިޔާރ ޔޯރ ސެލްފް؟، ދޮންތަ ކައިވެނިކުރަން ބޭނުން ނުވާ މީހަކު ގެނައުމުގެ ބޭނުމެއް މަންމަ ބުނެބަލަ...'' އާރިޒް ބުންޏެވެ. ދޮންތަ ނެތް ތަނެއްގައި، ދޮންތަގެ ދިފާއުގައި ތެދުވުމަކީ އޭނަގެ މަސްއޫލިއްޔަތެއްކަމުގައި އާރިޒް ދެކުނެވެ.

''އެންމެ ރަނގަޅު ވާނި މިކަމުގެ ތެރެއަށް އާރިޒް ނުވަނިއްޔާ...'' ރުންކުރުކަމާއެކު ރަޒީއާ އިއްވާލިއެވެ. އާރިޒް ކޮޅަށް ތެދުވެގެން ހިނގައިގަތީ ދެފަރާތަށް ބޯހޫރަމުނުންނެވެ.

''ޔޫ ކެނޮޓް ފޯސް ހާރ...'' އާރިޒް ބުނެލިއެވެ.

ރަޒީއާއަށް އިނދެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ފިރްދައުސްގެ ރުހުން ހޯދަން އެދޭނަމަ ކައިސަންއާއި ކައިވެނި ކުރަން ސިމްރާ އެއްބަސްކުރުވަން އެބަޖެހެއެވެ. އެހެންނޫންނަމަ ގޭތެރޭގެ ހާލަތު ދުވަހަކަށްފަހު ދުވަހެއް ދާނީ ގޯސްވަމުންނެވެ. މިއަދު ކޮޓަރީގެ ހަތަރުފާރުން ބޭރުގައި އޭނަގެ ގަޔަށް އަތްއިސްކުރަން ވެސް ފިރްދައުސް ހުރީ ތައްޔާރަށެވެ. އެމަންޒަރު ފެންނަ ހިސާބެއްގައި ހާދިމަކު ކެތްކަން އެއީ ނަސީބެކެވެ. ރަޒީއާއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ.

''ސިމްރާ ޖެހޭނީ ކައިސާންއާ ކައިވެނި ކުރަން!، އިތުރު ގޮތެއް ނޯންނާނެ!...'' ރަޒީއާ ހިތާހިތުން ބުނެލިއެވެ. ކާމިޔާބު ހޯދާފައި ނޫނީ ހަމަޖެހުމުގެ ނޭވާއެއް ނުލާނެއެވެ.

*****

ފެންވަރާ ތާޒާވެލައިގެން ސިމްރާ އަވަސްވެގަތީ ނަމާދުކުރާށެވެ. އިޝާނަމާދަށް ފަހު އޭނަ ކޮޓަރިން ނިކުތީ ބަނޑުހައިވެގެންނެވެ. ބަދިގެއަށް ވަދެ ފުރިޖު ހުޅުވާލީ ކާނެއެއްޗެއް ހުރިތޯ ބަލައިލުމަށެވެ. އެންމެފަހުން ގެނައި ޓޭކްއަވޭ ހުރީ ހުސްވެފައެވެ. އެއްޗެއް ކައްކާނެ ހިތްވަރެއް އޭނަގެ ނެތެވެ. އެއަށް ވުރެން އޭނަ ހުރީ ވަރުބަލިވެފައެވެ. ނުވީތާކަށް މިރޭ ހިނގި ހާދިސާއަށް ފަހު ފިކުރުތައް ގިނަވެއްޖެއެވެ. ފޯނު ހިފައިގެން ގޮސް ސިމްރާ އިށީނީ ސޯފާގައެވެ.

ފޯނުން އަވަސް އެޕް ހުޅުވާލަމުން އޭނަ އާންމުކޮށް އޯޑަރު ކުރާ ރެސްޓޯރެންޓްގެ މެނޫތައް ހުޅުވާލިއެވެ. އެހިސާބުން ކުރިއަށް ދާގޮތެއް ނުވިއެވެ. ގޭތެރޭގެ ހާލަތު އޮތްގޮތެއް ބަލައިގެން ނޫނީ ފިކުރުތަކާ ދުރުނުވެވޭނެކަން ސިމްރާއަށް ޔަޤީން ވިއެވެ. އޭނަ ގުޅި އާރިޒަށެވެ. ދެވަނަ ރިންގާއެކު އާރިޒް ފޯނު ނެގިއެވެ. ސިމްރާގެ ސުވާލުތައް ބަންޑުން ވިއެވެ. އާރިޒް ދެއްކި ވާހަކަތަކުން ޔަޤީންކޮށްދޭން ބޭނުންވީ ހުރިހާކަމެއް ރަނގަޅު ކަމެވެ. އެހެނަސް ސިމްރާއަށް ޤަބޫލެއް ނުކުރެވުނެވެ. އުދާސްކަމާ ދުރެއް ނުވެވުނެވެ. ހުރިހާކަމެއް ހަމައަކަށް އެޅޭން އޮތީ އެންމެ ގޮތެކެވެ. ކައިސަންއާއި ގުޅުމެވެ. އެޚިޔާލުން އެކަނި ވެސް ފާޑެއްގެ ގޮތެއް ސިމްރާއަށް ވެއްޖެއެވެ. މޭނުބައިކުރުވައިގަތެވެ.

''ނޫން!...'' ސިމްރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''ޑިއާރ ފިއުޗާރ ހަޒްބެންޑް!، ވެއާއެވާރ ޔޫއާރ، ނައު ވުޑް ބީ އެ ރިއަލީ ގުޑް ޓައިމް ޓު ޝޯ އަޕް......''

އެފަދަ ހާލެއްގައި ސިމްރާ އިނެވެ. ކާއެއްޗެއް އޯޑަރުކުރަން ހަނދާންނެތިފަ އެވެ.

*****

ހެނދުނެވެ. ކައިސަން ހެނދުނު ސައިބޯން އައިއިރުގައި އޭނަގެ އިންތިޒާރުގައި މޫސާއާއި ބުޝްރާ ތިއްބެވެ. މޫސާ އިނީ އޭނަގެ އަތުގައި އޮތް އައިޕެޑުން އޮފީހުގެ ލިޔެކިޔުންތަކެއް ބަލާށެވެ. ކައިސަން ފެނުމުން އޭނައަށް ހައިރާންކަމެއް ލިބުނެވެ. މޫސާއާއި ޖެހިގެން އިން ބުޝްރާއަށް ވެސް ވީ ހަމަ އެހެންނެވެ. ދަރިފުޅުގެ މޫނުން ފެނުނު ޝުއޫރުތަކުން ދެމަފިރިން ކަންބޮޑުވެ އެކަކުއަނެކަކުގެ މޫނަށް ބަލައިލިއެވެ. ހިމޭންކަމަކީ ކައިސަންއާއި ނުބައްދަލު ސިފައެވެ. ލާނެއް އަދި ސަކަ މިޖާޖަށް އައި ބަދަލުން ކަމެއް ގޯސްވެއްޖެކަމުގެ ހިލަން ދެމަފިރިންނަށް ވެއްޖެއެވެ.

ކަންނެތްކަމާއެކު ކައިސާން ގޮނޑިއަށް ވެއްޓިގަތެވެ. އޭނައަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުރި ޕްރޮޓީން ޝޭކަށް ބަލައިލަމުން މޫނަށް ގޮތެއް ހަދާލިއެވެ. ގަޔާ ނުވިކަމުގެ ނިޝާނެކެވެ.

''ވެލް، ދިސް އިޒް ނިއު...'' ބުޝްރާ ބުނެލިއެވެ. ބުޝްރާ ގޮވަލީ ބަޓްލަރަށެވެ. ކައިސަންއަށް ގެނެސްފައި ހުރި ޝޭކް ގެންދިއުމަށް އިޝާރާތްކޮށްލިއެވެ.

''ވަޓްސް ރޯންގ؟...'' ކައިސަންގެ ގާތަށް ޖެހިލަމުން ލޯތްބާއެކު ކައިސަންގެ ބުރަކަށީގައި ބުޝްރާ ފިރުމާލިއެވެ. ކައިސަންއަކީ ބުޝްރާގެ ދުނިޔެއެވެ. ހުރި ހަމައެކަނި ދަރިފުޅަށްވުމުން ލޯބި ދެނީ ހައްދެއް ނެތިއެވެ. ކައިސަންއަށް ނޫނެކޭ ބުނުން އެއީ ބުޝްރާގެ އުސޫލެއް ނޫނެވެ. ކައިސަން ބޭނުންކަމެއް ފުރިހަމަކުރުމަކީ ބުޝްރާގެ ޒިންމާއެއް ފަދައެވެ.

''އޮރެންޖް ޖޫހެއް ގެންނަންތަ؟...'' ބުޝްރާ ސުވާލުކޮށްލިއެވެ. ކައިސަން ބޯހޫރާލުމުން، އެހިމޭންކަމުން ބުޝްރާ ނުތަނަވަސްވާން ފެށިއެވެ.

''ކޮފީ؟...'' ބުޝްރާ އެހިއެވެ. ދެންވެސް ކައިސަން އިނީއެވެ.

''ދަރިފުޅާ...'' އަތުގައި އޮތް އައިޕެޑް މޭޒުމަތީ ބާއްވަމުން މޫސާ ގޮވާލިއެވެ. ޕޯލޯ ޓީޝާޓަކާއި ޗީނޯއެއްގައި ހުރި މޫސާ ފެންނަނީ އުމުރަށްވުރެން ޒުވާން ކޮށެވެ. ކުޑަކޮށް ބޮލުގައި ނުރަ ފަޅާފައި ހުއްޓަސް މޫނުމަތިން ފެންނަނީ ޒުވާންކަމެވެ. އެފިރިހެންވަންތަކަން ކައިސަންއަށް ލިބިފައި ވެއެވެ.

ބުޝްރާއަކީ ވެސް ނިކަން ޒަމާނީ އަންހެނެކެވެ. ސިއްސަހަތަށް ބަލައިގެންއުޅުމުން މެދުއުމުރުރުގައި ވެސް ލޫޅާފައްޗެވެ. ހެނދުނާއި ހަވީރުގެ ކަސްރަތީ ކްލާސްތަކަށް އޭނަގެ ''ހައި ސޮސައިޓީ'' އެކުވެރިންނާއެކު ދެއެވެ. ޒުވާންކަން ދަމަހައްޓަން ހުންނަނީ ސާޖަރީ ހަދާފައެވެ. ލައިއުޅެނީ އެންމެ މޮޑާން ހެދުމެވެ.

މާލޭގައި އޮންނަ ބޮޑު ގޯތީގައި އޮފީސް އިމާރާތް ހަދާފައި، މޫސާއާއި ބުޝްރާ ވަނީ އެމީހުންގެ ދިރިއުޅުން ހުޅުމާލެ ފޭސްޓޫގައި ހުންނަ އަލްޓްރާ ލަގްޒަރީ އެޕާޓްމެންޓެއްގެ ޕެންޓްހައުސްއެއްގައެވެ. ތިން ކޮޓަރީގެ ޕެންޓްހައުސްއަށް ވަދެފި މީހަކު ކޮސްވާވަރަށް އެތަނުން މުއްސަނދިކަން ފެނެއެވެ. ކުޑަދޮރު ފަރުދާތަކުން ފެށިގެން ގޮސް، ސޯފާތަކާއި، ސަމޭދާނާއި، ކެއުން ބުއިމަށް ބޭނުންކުރާ ތަށްޓާއި އުލާ ސަމުސާތަކުން ވެސް ފެންނަނީ މުއްސަނދިކަމުގެ ކުލަވަރެވެ. މޮޅު އިންޓީރީ ޑިޒައިނަރެއްގެ ހުނަރު ބަލައިލާ ކޮންމެ ދިމާއަކުން ފެނެއެވެ. އެއީ އާދައިގެ ޢާއިލާ އެއް ނޫނެވެ. މޫސާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިމީހާއެވެ. ރިސޯޓްތަކާއި، ހޮޓާތަކާއި، ސަފާރީތަކާއި، ޓްރެވެލް އެޖެންސީއެއް ހިންގައެވެ. ފައިސާގެ ކުޑަމީސް ދަތިކަމެއް ނެތެވެ.

''ޒެން؟...'' ބުޝްރާ ގޮވާލިއެވެ.

ކައިސަން ބޭނުންވީ މައިންބަފައިންގެ ސަމާލުކަމެވެ. ކަމަކާ ފިރުރުބޮޑުވެފައި ހުރިކަން އެނގިއްޖެނަމަ އޭނަގެ ހިތްރުއްސަން އުޅޭނެތީއެވެ. މައިންބަފައިންގެ ނުފޫޒުން އޭނަގެ މުހުތާދު ހާސިލްކުރެވެނިކޮށް ކައިސަންއަށް ވަރިހަމައެވެ. އޭނަގެ ހިތް އެދެނީ ސިމްރާ އަށެވެ. ކައިވެނިކުރެވިއްޖެނަމަ ސިމްރާގެ ހިތް މިލްކުރަން ފަސޭހަވާނެކަމަށް ކައިސަން ޤަބުލުކުރިއެވެ.

''ރޭގެ ޑިނާރ ގޯސްކޮށް ދިޔައީ...'' ކައިސަން ފުންނޭވާއެއް ދޫކޮށްލިއެވެ.

ބުޝްރާ ބަލައިލީ މޫސާ އަށެވެ. ރޭ ލަސްކޮށްފައި ކައިސަން ގެއަށް އައުމުން ސިމްރާއާއި ދެކުދިންގެ ބައްދަލުވުން ދިޔަ ގޮތެއް އޮޅުންފިލުވޭ ގޮތް އޮތީ ނުވެފައެވެ. ކައިސަންއަށް އައިސްފައިވި ބަދަލާއި ރޭގެ ބައްދަލުވުން ގުޅުވާލެވުމުން ހުރިހާ ކަމެއް ފަހުމް ވިއެވެ. މޫސާ ހިތްހަމަނުޖެހުނީ ފިރްދައުސް ދެކެއެވެ.

''މަންމައަށް ކިޔާދީބަލަ...'' ބުޝްރާ އެހުމުން ކައިސަން ރޭ ކަންތައްވީ ގޮތް ކިޔާ ދިނެވެ. އެއާއެކު ބުޝްރާ ވެސް ނުރުހުނެވެ. ސިމްރާ ދެކެ ފޫހިވިޔަސް ކައިސަންއަށް ސިމްރާ ކަމުދާތީ ދެކޮޅަށް އެއްޗެއް ބުނަން ފަސްޖެހުނެވެ.

''އެއީ އެވަރުކަމެއް ނޫނޭ، ދަރިފުޅު ކައިވެނި ކުރާނީ ހަމަ ސިމީއާ، ނޫންތަ މޫސާ...'' ބުޝްރާ ބަލައިލީ މޫސާ އަށެވެ.

''ތެދެއް، ދަރިފުޅު ކަންބޮޑުނުވޭ، ދުވަސްކޮޅެއް ނުވެ ސިމީއަށް ދަރިފުޅު ކަމުގޮސްފާނެ، ދަރިފުޅުގެ މަންމަގެ އެޕްރޫވަލް ހޯދަން ވެސް ބައްޕަ ހާދަ މަސައްކަތެއް ކުރީމޭ...'' މޫސާ އުޅުނީ ކައިސަންގެ މާޔޫސްކަމަށް ނިމުމެއް ގެންނާށެވެ. މާޒީގެ ސަފުހާތަކުން ސަފުހާއެއް ހިއްސާކޮށްލިއެވެ. ބުޝްރާ ވެސް ހީނލިއެވެ.

ހެނދުނުގެ ސަޔަށްފަހު އެކަނިވުމުން މޫސާއާއި ބުޝްރާ ވާހަކަދެއްކިއެވެ. ދެމަފިރިން ތިބީ ޓެރަސްގައި ހުރި ޕެވީލިއަންގައެވެ.

''އެހެން ދެވަނަ ފަރަށް ވާކަށް އަހަރެން ބޭނުމެއް ނޫން، ޒެން އެހުރީ ވަރަށް ދެރަވެފަ... ޝީ ޕްރެކްޓިކަލީ ޑިސްރެސްޕެކްޓެޑް ހިމް...'' ބުޝްރާ އިނީ މޭގައި އަތްހުރަސްކޮށްގެންނެވެ.

''އަހަރެން ފިރްދައުސްއާއި ވާހަކަދައްކާނަން...'' މޫސާ ޔަޤީންކަން ދިނެވެ.

''ފިރްދައުސްއަށް އޭނަގެ އަންހެންދަރިފުޅު ހިފެހެއްޓޭނެބާ؟...'' ބުޝްރާއަށް އަހާލެވުނެވެ.

''އަހަރެން އޭނައަށް މަޖުބޫރުކުރާނަން!، ތިންވަނަ ދައުރަކަށް ކުރިމަތިލާން އޭނަ ހުރީ ނިންމައިގެން، ކެމްޕެއިން ކާމިޔާބު ކުރެވޭނީ ޒެންއާއި ސިމްރާގެ ކައިވެނިކޮށްދީގެން...'' މޫސާ ބުނެލުމުން ބުޝްރާ ލުއި ހިނިތުންވުމެއް ދިނެވެ.

(ނުނިމޭ)