އޮފީހަށް ވަނުމުގެ ކުރިން ސިމްރާ ދިޔައީ ކައިރީގައި ހުންނަ ކެފޭ އަށެވެ. ދުވަހުގެ ފެށުން ކޮފީއަކުން ފަށައިގެން ނޫނީ އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އިއްޔެއްސުރެން އޭނަ އެހުންނަނީ ބޮލަށް ބަރުވެފައެވެ. ކޮފީ ޝޮޕުގެ ދޮރު ހުޅުވަން އުޅެނިކޮށް އޭނައަށް މީހަކު ގޮވައިލުމުން ފަހަތް ބަލައިލިއެވެ. އޭރު އޭނައާއި އެއް އޮފީހެއްގައި، ނަމަވެސް އެހެން ޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ ރުއުޔާ އައިސް ހުއްޓެނީއެވެ. ރައްޓެއްސެއްގެ ގޮތުގައި ބަލަން ސިމްރާ ބޭނުންވާ ހަމައެކަނި ފަރާތަކީ ރުއުޔާ އެވެ.

ކޮންމެކޮންމެ މީހަކަށް އެކުވެރިޔެއްގެ ލަޤަބުދޭން ސިމްރާ ފަސްޖެހެއެވެ. އޭނަގެ ޢާއިލާއާއި، ބައްޕަގެ ނަމާއި ލަޤަބު އެނގުމުން މީހުންގެ މިޒާޖަށް އަންނަ ބަދަލުތައް ދެކެ ފޫހިވާތީއެވެ. ހަޤީޤީ އެކުވެރިކަމަށް ވުރެން ބޮޑަށް އޮންނަނީ ދެއްކުންތެރިކަމެވެ. އެމީހެއްގެ މުހުތާދު ހާސިލުކުރަން ބާއްވާ ވަގުތީ ގުޅުމެކެވެ. ބޭނުންތައް ހާސިލްވުމާއެކު އޭނަ ވަރުގެ ނުބައި މީހަކު ހުންނަ ކަމަކަށް ނުވެއެވެ. އޭނަގެ ހުނަރާއި، ޤާބިލިއްޔަތުކަމަށް ޝައްކު އުފައްދައި ތުހުމަތުގެ އިނގިލި ދިއްކުރެއެވެ. ބުރަ މަސައްކަތުގެ ބަދަލުގައި، ބައްޕަގެ ނުފޫޒުން ލިބިފައި ހުންނަ ކާމިޔާބީތައްކަމަށް ބުނެއެވެ. އެހެންކަމުން ސިމްރާއަކީ މީހުންނާ ދުރު، އަދި އެކަހެރި ދިރިއުޅުމަކަށް ލޯބިކުރާ ޒުވާނެކެވެ. އޭނަ ބޭނުންވަނީ ވެސް އެގޮތެވެ. ބައެއްފަހަރު އެކަނިވެރިކަމުގެ އަނދިރިކަމަށް ހިތް ދީލައިލުމުން މާޔޫސްވެއެވެ. އެކުވެރިން ނެތް ކަމުގެ މޮޅިވެރިކަމުން އުނދަގޫ ވެއެވެ. ހާއްސަކޮށް ބައިވެރިޔަކު ނެތްކަމުގެ ފަޅުކަމެވެ.

ލޯތްބަކީ ސިމްރާއާއި މުޅިން އެކަހެރި ޖަޒުބާތެކެވެ. އުމުރުގެ އެހާތަނަށް އައިސްފައިވަނީ އެޖަޒުބާތުތައް އިހުސާސްކޮށްލުމުގެ ފުރުސަތެއް ނުލިބިއެވެ. ތެދަށް ބުނާނަމަ ވަގުތެއް ނެތީއެވެ. ލޯބިވުމުން ކުރެވޭ ފުން އިހުސާސްތަކާއި ގާތަށް ވެސް އާދެވެނީ ކިޔައިއުޅޭ ޚިޔާލީ ވާހަކަތަކުންނެވެ. ނުނީ ބަލާ ފިލްމުތަކުންނެވެ. އެޚިޔާލީ ދުނިޔެތަކުގައި އުޅޭ ކެރެކްޓާރތައް އުޅޭ ގޮތާއި ކުރާކަންތައް ބައެއްފަހަރު ޖޯކަކަށް ވެއެވެ. ލޯތްބަކީ އެހާ ވަރުގަދަ ޖަޒުބާތަކަށް ވެދާނެކަން ޤަބޫލުކުރަން ސިމްރާއަށް އުނދަގުލީއެވެ. ލަވަތަކުން އަބަދު އިވޭ ލޯބީގެ އިޤުރާރުތައްވުމަށް ހަނދާއި ތަރިތައް ގެނެސްދޭނަމޭ ބުނުމުން ވެސް މަޖަލަކަށް ވެއެވެ. ފަލަކުގައިވާ އެއްޗެއް ގެނެސްދިނުމުގެ ބާރު އިންސާނަކަށް ލިބޭނެ ހެއްޔެވެ؟

''ގުޑް މޯނިންގް، ޔޫ ލުކް ޗިއާރފުލް ޓުޑޭ!...'' ސިމްރާއަށް ބަލައިލަމުން ރުއުޔާ ބުނެލިއެވެ.

''ޑޯންޓް އާސްކް...'' ވަރުބަލިކަމާއެކު ސިމްރާ ބުނެލުމުން ރުއުޔާ ހިނިގަނޑެއް ޖަހާލިއެވެ. ދެއެކުވެރިން އެކުގައި ކެފޭއަށް ވަނެވެ.

''ސީރިޔަސްލީ، ސިމީގެ މޫޑް އޮފްހެން ހީވާ ދުވަހެއް، ކަމެއް ވީތަ؟...'' ކައުންޓަރާއި ދިމާއަށް ހިނގަމުން ރުއުޔާ ބުނެލިއެވެ. ކަންބޮޑުވުން އެދެލޮލުން ސިމްރާ ދުށްޓެވެ.

''ރޭގަ ޑިނާރއަށް އަންނަން މަންމަ އިންވައިޓްކުރި ވާހަކަ ބުނީމެއްނު؟...'' ފުންނޭވާއެއް ދޫކޮށްލަމުން ސިމްރާ ހަނދާންކޮށްދިނެވެ. ދިރިއުޅުމުގެ ބައެއް ކަންތައް ރުއުޔާއާއި އޭނަ ހިއްސާކުރެއެވެ. ޢާއިލާގެ ޒާތީ މަޢުލޫމާތު ސިއްރުކުވެރިފައި ވިޔަސް، މަންމައާއި ބައްޕައާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާކަމުގެ އިޝާރާތެއް އޭނަ ދިނެވެ. އެވެސް މަޖުބޫރުވެގެންނެވެ. މަންމަގެ ކޫނަސި ޝަކުވާތަކުން ސިކުނޑިފަޅައިގެން ގޮސްދާނެހެން ހީވެފައިވަނިކޮށް ރުއުޔާ ސުވާލުކުރުމުންނެވެ. އޭރު ސިމްރާ ހުރީ ގާތް އެކުވެރިޔެއްގެ މަދަދަށް އިންތިހާއަށް ބޭނުންވެފައެވެ. އެހެންކަމުން ހިތުގެ ޝަކުވާތައް ބަންޑުންކޮށްލެވުނެވެ. އެކަމުން ސިކުނޑިއަށް ލުޔެއް ލިބުނެވެ.

''ސިމީއަށް ބަލާފަ ހީވަނީ ވަރަށް ގޯސްކޮށްހެން ދިޔައީ...'' ރުއުޔާ ބުނެލިއެވެ. އޯޑަރުކުރަން ކިއުގައި އިތުރު ކަސްޓަމަރުންތަކެއް ތިބުމުން ސިމްރާއާއި ރުޔުއާ މަޑުކޮށްލިއެވެ.

''ދެޓް ވުޑް ބީ އޭން އަންޑަރސްޓޭޓްމެންޓް... އަހަރެން ގާތު އަހާލުމެއް ނެތި ކައިސަންއަށް އިންވައިޓްކުރީ...'' ފޫހިކަމާއެކު ސިމްރާ ބުނެލިއެވެ.

''ސީރިޔަސްލީ؟....'' ރުއުޔާއަށް ދެލޯބޮޑުކޮށްލުމުން ސިމްރާ ބޯޖަހާލިއެވެ.

''އޭނައަށް ސިމީގެ ޖަވާބު އެނގިހުރެ ވެސް އުޅޭ ފާޑެއް...'' ރުއުޔާގެ މޫނުން ހިތްހަމަނުޖެހުން ފެނުނެވެ. ކައިސަންގެ ފަރާތުން ދިމާވާ އުނދަގޫތައް ސިމްރާ އޮތީ ހިއްސާކޮށްފައެވެ.

''ދެން ނޭނގޭ...'' ސިމްރާ ބުނެލިއެވެ.

''އަޅާނުލިއްޔާ ރަނގަޅުވާނީ، އޭރުން ސިމީއަށް އޭނަ ކަމުނުދާކަމުގެ ހިންޓް ލިބިދާނެ...'' ރުއުޔާ ބުނެލިއެވެ. ސިމްރާ ވަކި އެއްޗެއް ނުބުނީ ހިތުގައި ޝައްކުތަކެއް ވާތީއެވެ. ކައިސަންގެ ފުށުން ސަލާމަތްވުން އެއީ ހީކުރާ ވަރަށް ވުރެން ފަސޭހަކަމަކަށް ނުވާނެއެވެ. މިހާރު އެކަމުގެ ތެރެއަށް ޢާއިލާގެ ނުފޫޒު ވަންނަން ފަށައިފިއެވެ. ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަ ބިރުގަނެއެވެ. ނުތަނަވަސްވެއެވެ. ނަމަވެސް އެހުރިހާކަމެއް ހިއްސާކުރެވެން ނެތުމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. އޭރު ކިއު ލައިން ކުރިއަށް ގޮސް ސިމްރާ މެނަށް ކައުންޓަރާއި ހަމައަށް ދެވިއްޖެއެވެ.

''މޯނިން ލޭޑީސް...'' ބަރިސްޓާއަކަށް އުޅުނީ އިސްކޮޅުން ދިގު ޒުވާނެކެވެ. ބައިމަތި ފުޅާވެފައި އޭނަ ލައިގެން ހުރި ކަޅުކުލައިގެ ގަމީސް އޮތީ ގަޔަށް ހިފާލާފައެވެ. ގަމީހުގެ އަތުކުރި އޮޅަނބޮށްޓާހަމައަށް އޮޅާފައެވެ. އަޅައިގެން ހުރި ގަދަ ޗޮކްލެއިޓްކުލައިގެ އެޕްރޮންއިން ޒުވާނާގެ ކަޅުކަންގަދަ ދެލޮލުގެ ވިދުން އިތުރުކޮށްދެއެވެ. އެދެލޯ ހުއްޓިފައިވަނީ ސިމްރާ އަށެވެ. ފުޅާ ހިނިތުންވުމެއް ތުންފަތުގައި ވިއެވެ.

ސިމްރާއަށް އެޒުވާނާގެ ހާއްސަ ބަލައިލުމެއް ފާހަގައެއް ނުވިއެވެ. ކައުންޓަރު ކައިރިއަށް ޖެހިލައި ސިމްރާއަށް ބަލައިލި ނަޒަރާއި ހަދިޔާކުރި ހިނިތުންވުމެއް ވެސް މެއެވެ. އެހުރިހާ ކަމެއް ފެނުނީ ރުއުޔާ އަށެވެ. އެއާއެކު އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

އާދައިގެ މަތިން ސިމްރާ ނެގީ އައިސްޑް އެމެރިކާނޯ އެކެވެ. ރުއުޔާ އޯޑަރުކުރީ ކަޕަޗީނޯ އަކަށެވެ. ރުއުޔާމެންގެ ފަހަތުގައި އިތުރު ކަސްޓަމަރަކު ނެތުމުން ބަރިސްޓާރ ކޮފީ ތައްޔާރުކުރަމުން ވާހަކަދެއްކިއެވެ. ދުރުގައި ހުރި މޭޒެއްގައި އިށީންނަން އުޅުނު ސިމްރާ ހުއްޓުވަމުން ރުއުޔާ އިށީނީ ކައުންޓަރު ކައިރީގައި ހުރި އުސް ގޮނޑިއެއްގައެވެ. ވާހަކައިގައި ބައިވެރިވުމުގެ ބަދަލުގައި ސިމްރާ ނެގީ އޭނަގެ ފޯނެވެ. އޭނަގެ އީމެއިލާއި ކަލަންޑަރު ހުޅުވަމުން ދުވަހަށް ތާވަލުކުރެވިފައި ހުރި މީޓިންގްތަކަށް ބަލައި ދުވަސް ރާވަން ފެށިއެވެ.

''ގާރލް!، ޔޫ އާރ ހޯޕްލެސް!...'' ޓޭކްއަވޭ ހިފައިގެން ކެފޭއިން ނިކުމެވުމާއެކު ރުއުޔާ ބުނެލިއެވެ. އަތުގައި އޮތް ފޯނާއި ނަޒަރު ވަކިކޮށް ސިމްރާ ބަލައިލިއެވެ. އެއްބުމަ އަރުވަމުންނެވެ.

''ހަމަ ނޭނގިގެންތަ ތިއުޅެނީ؟...'' ރުއުޔާއަށް ޤަބޫލެއްނުކުރެވުނެވެ. މީހުންގެ ފަރާތުން ލިބޭ ސަމާލުކަމަށް ސިމްރާގެ އެއްވެސް ޝައުޤެއް ހަމަ ނެތީ ހެއްޔެވެ؟

''ހޫމްމްމް...'' ކޮފީގެ ރަހަބަލައިލަމުން ސިމްރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ކޮފީގެ ރަހައާއެކު ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

''ހީ ލައިކްސް ޔޫ!...'' ރުއުޔާއަށް ބުނެވުނެވެ. ''އިޓްސް ސޯ އޮބްވިއަސް...''

''ކާކު؟...'' ސިމްރާއަށް ފަހުމެއް ނުވިއެވެ.

ބޯހޫރަމުން ރުއުޔާ އިޝާރާތްކޮށްލީ ކެފޭ އަށެވެ. ދެޒުވާނުން ތިބީ މަގު ހުރަސްކުރަން އޮތް ކަފިހުރަސް ކައިރީގައެވެ. ސިމްރާ ފަސްބަލައިލިއެވެ. އެއާއެކު އޭނައަށް ދެލޯބޮޑުކޮށްލެވުނެވެ. ރުއުޔާ ބުނި އެއްޗެއް ނަގައިގަނެވުނީއެވެ.

''ދާއިން؟...'' ސިމްރާއަށް އަހާލެވުނެވެ.

''ދެން ކާކު؟... އޭނަ ހުންނަނީ ސިމީ ނުފެނިގެން...'' ލުއި ހުނުމަކާއެކު ރުއުޔާ ބުނެލިއެވެ.

''ނޯ، އަހަންނަށް ވުރެން ދާއިން ކުޑަވާނެ...'' ސިމްރާއަށް ފާޑެއްގެ ގޮތަށް ވިއެވެ. ތުންތަމާލެވުނެވެ.

''އެންޑް؟...'' ރުއުޔާއަށް އެވީގޮތެއް ނޭނގުނެވެ.

''ނޫން، އަހަރެން ބޭނުމީ މެޗުއާރ މީހެއް...'' ސިމްރާ ބުނެލިއެވެ. ދާއިންއަށް ތަފާތު ނަޒަރަކުން ބަލައިލަން ސިމްރާގެ ޒަމީރު ފުރުސަތެއް ނުދޭނެއެވެ. އޭނައަކީ ވަކި އުސޫލުތަކެއްގައި ހުންނަން ބެނުންވާ މީހެކެވެ. އޭނައަށް ވުރެން އުމުރުން ހަނގު މީހަކާ ގުޅެން އަމުދުން ބޭނުމެއް ނޫނެވެ.

''ޔޯރ ލޮސް، އޭނަ އަސްލު ހާދަ ހޮޓޭ...'' ރުއުޔާ ބުނެލިއެވެ.

''ތިހާވަރަށް އޭނަ ރީތިވަންޏާ ރޫ ދޭބަލަ...'' ކަފިހުރަސް މަތިން ހިނގަމުން ސިމްރާ ބުނެލިއެވެ.

''އެކްކިއުސްމީ!، އައިމް މެރީޑް...'' ކަށިއިނގިލީގައި އޮތް އަނގޮޓި ދައްކަމުން ރުއުޔާ ބުނެލިއެވެ.

''އެހެން ދޯ، ފިރިމީހާ މަތިން ހަނދާން ހުރިތޯ ބަލައިލީ...'' ސިމްރާ ދިމާކޮށްލިއެވެ.

''ވަރަށް މަޖާ...'' ލޯމައްޗަށް އަރުވަމުން ރުއުޔާ ބުނެލިއެވެ. ''އަހަރެން ބަލާނަމޭ ތި މެޗުއާ މީހަކާ ސިމީ ދިމާވަނީ ކޮން އިރަކުންތޯ، ތި މީހަކު ހޯދަން ކައިވެނި ޕޭޖުގަ ޖަހަން ވީދޯ؟...''

ސިމްރާ އިތުރު އެއްޗެއް ނުބުންޏެވެ. އެހެންކަމުން ވާހަކައިގެ މިސްރާބު ރުއުޔާ ބަދަލުކޮށްލިއެވެ. އޭނަ ސުވާލުތައް ހުއްޓުނީ ސިމްރާ ހަވާލުވެގެން އުޅޭ ޕްރޮޖެކްޓާއެވެ. ނިކަން ގަޔާވެފައި ސިމްރާ ހިއްސާކުރިއެވެ. އޮފީސް އިމާރާތަށް ވަނީ އެވާހަކައިގައި ތިބެފައެވެ. ލިފްޓަށް އަރަމުން މިއަދަށް ތާވަލުކުރެވުނު މީޓިންގްއެއްގެ ވާހަކަ ވެސް ބުނެދިނެވެ.

ސިމްރާއާއި ރުއުޔާގެ ޑިޕާޓްމެންޓް ހުންނަނީ ވަކި ދެ ފަންގިފިލާއެއްގައިކަމުން ވަކިވީ މެންދުރުގެ ކެއުމަށް ދާނެކަމުގެ ޔަޤީންކަން ދެމުންނެވެ. ރުއުޔާ މަސައްކަތްކުރަނީ ފައިނޭންސްގައެވެ. އެޑްމިނިސްޓްރޭޝަން، ފައިނޭންސް އަދި އެޗްއާރާއި އައި.ޓީ ޑިޕާޓްމެންޓް ހުންނަނީ އެއް ފަންގިފިލާއެއްގައެވެ. ޕްރޮޖެކްތަކާއި ހަވާލުވެގެން ތިބޭ ޓީމްތަކަށް ވަކިން ހާއްސަ ފަންގިފިލާއެކެވެ. އެފަންގިފިލާގައި ވެސް ތަފާތު ޓީމްތަކުގެ ސެކްޝަންތައް ހުރެއެވެ. އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހެނދުނުގެ ސަލާން ބަދަލުކުރަމުން ސިމްރާ މިސްރާބުޖެހީ އޭނަގެ ކެބިންއަށެވެ.

ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން އެނަގެ އަތްދަބަސް މޭޒުމަތީ ބޭއްވިއެވެ. ކޮމްޕިއުޓަރު ހުޅުވުމުގެ ކުރިން ކޮފީ ހުސްކޮށްލިއެވެ. ސިކުނޑި ތާޒާކޮށްލުމަށެވެ. އެވަގުތު ކެބިންގް ދޮރު ހުޅުވުމުން އެދިމާއަށް ސިމްރާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެތެރެއަށް ވަނީ ސީނިއާރ ޕްރޮޖެކްޓް މެނޭޖަރެވެ. އެއީ ސިމްރާގެ ބޮސް އެވެ.

''ސާރ...'' ސިމްރާ ކޮޅަށް ތެދުވިއެވެ. ''އަޅުގަނޑަށް ގޮވާލިނަމަ، އޭރުން ސާރގެ ކެބިންއަށް އާދެވުނީހެއްނު...''

''އެވަރުކަމެއް ނޫނޭ...'' ހުސެއިން ބުންޏެވެ. ހުސެއިނަކީ އެންމެނާ ގުޅޭ އެކުވެރި މިޒާޖެއްގެ ވެރިއެކެވެ. ޑިޕާޓްމެންޓްގެ ހުރިހާ މުވައްޒަފުންގެ ހާލު ގާތުން އޮޅުންފިލުވައެވެ. މަސައްކަތްކުރާ މާހައުލަކީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރެވޭނެ މާހައުލެއްކަން ކަށަވަރުކުރެއެވެ. އެހެންކަމުން އެންމެންގެ ލޯބި އޭނައަށް ލިބިފައިވެއެވެ. ހުސެއިނަށް ސިމްރާ ވަރަށް ބޮޑަށް ޤަދަރުކުރެއެވެ. ހުސެއިންގެ ފަރާތުން ތަފާތު އެކި ކަންކަމުގައި މަޝްވަރާ ލިބެއެވެ. އޭނަގެ ހުނަރު ފުރަތަމަ ފާހަގަ ކުރެވުނީ ވެސް ހުސެއިނަށެވެ. އެހެންކަމުން އެކަމަށް ތާއަބަދު ޝުކުރުވެރިވާނެއެވެ.

''މިދިޔަ އަހަރުގެ މެދުތެރޭ މެދުކެނޑުނު ޕްރޮޖެކްޓެއްގެ ޑީޓެއިލްސް ކުރީ ދުވަހު ސިމީއާ ހިއްސާކޮށްލީމެއްނު...'' ހުސެއިން ބުނެލިއެވެ. އެއާއެކު ސިމްރާ އިޝާރާތްކޮށްލީ ކެބިންގައި ހުރި ސޯފާ އަށެވެ. ހުސެއިންގެ ފަހަތުން ސިމްރާ ސޯފާގައި އިށީނީ އޭނަގެ އައިޕެޑް ހިފައިގެންނެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ހުސެއިނަށެވެ. ބޮޑު ބަދަލެއް ގެންނަން ޖެހިގެން މެނުވީ އެހާ ހެނދުނާ އޭނައާއި ބައްދަލުކުރަން ހެސެއިން ނާންނާނެކަން އޭނަ ދެނަގަތެވެ. އެހެންނޫނީ އާންމުކޮށް ބާއްވާ ޑިޕާޓްމެންޓްގެ ބްރީފިންގް ތެރެއިން މައުލޫމާތު ހިއްސާކުރާނެއެވެ، ހުސެއިން ބުނަން އުޅޭ އެއްޗަކަށް ސިމްރާގެ ޝައުޤުވެރިކަން ހުއްޓުނެވެ.

''އުމާމާސް ކިޗެންގް ޕްރޮޖެކްޓްތޯ؟...'' ސިމްރާ ޔަޤީންކޮށްލަން އެހިއެވެ.

އުމާމާސް ކިޗެންއަކީ މާލޭގައި ހިންގާ ރެސްޓޯރެންޓް ޗެއިން އެކެވެ. ދިވެހި ޢާއިލާއަކުން ހިންގާ އެޗެއިނަކީ އާންމުންގެ ލޯބި ލިބިފައިވާ މަޝްހޫރު ބްރޭންޑެކެވެ.. މީގެ ފަނަރަ އަހަރު ކުރިން އާދައިގެ ކުޑަކުޑަ ކެފޭއެއްގެ ގޮތުގައި ފެށި މަސައްކަތް ފުޅާވެގެން ގޮސް މާލޭގައި ކާމިޔާބު ދެ ރެސްޓޯރެންޓް ހިންގައެވެ. މިހާރު ހުޅުމާލޭގައި ތިންވަނަ ރެސްޓޯރެންޓެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ތަރި ކޮންސްޓްރަކްޝަނާ ހަވާލުކުރެވުނު އެޕްރޮޖެކްޓް، އުމާމާސް ކިޗެންގެ މަސްއޫލުވެރިންނަށް ދިމާވި ކުއްލި ހާލަތަކާ ގުޅިގެން އޮތީ މެދުކެނޑިފައެވެ. ދުވަސްކޮޅަކަށް މާލޭގައި ހިންގާ ރެސްޓޯރެންޓްތައް ވެސް ބަންދުކުރެވުނެވެ. އެކަމާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވުނެވެ. ނަމަވެސް ޢާއިލީ ސަބަބަކަށްވުމުން އިތުރަށް އޮޅުންފިލުވޭ ގޮތް އޮތީ ނުވެފައެވެ. އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމައި މީޓިންގްއެއް ކުރިއަށް ދިޔައެވެ. އޭގެ ފަހުން ތިން މަސް ވީ އެވެ.

''މިއަދު އެކޮޅުން ބޭނުންވޭ ސައިޓު ބަލައިލަން...'' ހުސެއިން ބުނެލިއެވެ. ސިމްރާ އޭރު އިނީ އެޕްރޮޖެކްޓާ ބެހޭ ލިޔެކިޔުންތައް ހުޅުވައިގެންނެވެ. ޕްރޮޖެކްޓް މެދުކެނޑުނު އިރު އޮތީ އިމާރަތް ރޭނުމުގެ ހުރިހާ މަސައްކަތެއް ނިމިފައެވެ. ދެން އޮތީ ތަނުގެ އިންޓީރިޔާ ޑިޒައިނިންއާއި، އިލެޓްރިކަލް މަސައްކަތުގެ އިތުރުން ބެދިގެއަށް ގެންނަން ޖެހޭ ބަދަލުތަކެވެ. އެހާ ދުވަސްފަހުން ޕްރޮޖެކްޓް ކުރިއަށް ދާތީ ޖޮންޖެހުންތައް ހުއްޓެވެ. އަލުން ސަބް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތްތައް އޮތީ އެވެ. ސިމްރާ ހުރީ އެހުރިހާ ކަމަކާ ކުރިމަތިލާން ތައްޔާރަށެވެ. ފަހަކަށް އައިސް ގިނަވެފައިވާ ޚިޔާލުތަކާއި ދުރުވެލަން ފަސޭހަ ވާނެތީއެވެ.

''މިއަދު އެކެއް ޖަހާއިރަށް ފްރީވާނެދޯ؟، ޝަރަފް ދާނެ ސައިޓަށް ސިމީއާ ބައްދަލުކޮށްލަން، އެކޮޅުން ބަދަލުތަކެއް ގެންނަ ވާހަކަ ވެސް ބުނި، ސައިޓް އިންސްޕެކްޝަނަށްފަހު މީޓިންގްތަކެއް ފައިނަލްކޮށް ރެސްޓޯރެންޓް ހުޅުވާނެ ދުވަހެއް ކަނޑައަޅާނެ ވާހަކަ ވެސް ބުނި...'' ހުސެއިން ބުނެދިނެވެ.

މެންދުރަށް އޭނަގެ ޝެޑިއުލުން ވަގުތު ހުސްކުރާނެކަން ސިމްރާ ހާމަކުރުމުން، އިރުކޮޅެއް ވަންދެން ޕްރޮޖެކްޓާއި ގުޅިގެން ސިމްރާއާއި މަޝްވަރާކުރަން ހުސެއިން މަޑުކޮށްލިއެވެ. ހުސެއިންގެ ތަޖުރިބާތަކުގެ އެހީގައި ސިމްރާއަށް އިތުރު ފިލާވަޅުތަކެއް ލިބުނެވެ. އުފަން ބައްޕައަށް ވުރެން ބޮޑަށް ހުސެއިންގެ ފަރާތުން އޭނައަށް އެއްބާރުލުން ލިބެއެވެ. ގޯސްކޮށްކަމެއް ކުރެވުނަސް، ރުޅިއިސްކޮށް ނުރުހުން ފާޅުކުރުމުގެ ބަދަލުގައި އެކަމެއް ހައްލުކުރާނެ ގޮތްތައް ބުނެދޭނެ އެވެ.

*****

މެންދުރުގެ ވަގުތެވެ. ހޫދުގަދަކަމުން ހީވަނީ ގައިން ހޫނު އަރާހެންނެވެ. ވައިރޯޅިއެއް ނުޖެހޭތާނގައި ވިލާރޮއްޖެއްގެ ހިލަމެއް ވެސް އުޑުމަތިން ފާޅެއް ނުވެއެވެ. މާލޭގެ ކާރުބާރުބޮޑު މަގުތަކާއި، ބްރިޖްގެ ޓްރެފިކުން ސަލާމަތްވެގެން ހުޅުމާލެއަށް ސިމްރާއަށް ދެވުނީ ހާލަކުންނެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލައިލިލެވެއެވެ. ހޫނު ގަދަކަމުން ނިތްކުރިން ވަނީ ދާހިއްލާފައެވެ. ރެސްޓޯރެންޓްގެ އިމާރާތް ކައިރީގައި ހުރި ފިތިރޯނުގަހެއްގެ ހިޔަލުގައި ސައިކަލު މަޑުކޮށްލަމުން ހެލްމެންޓް ނެގިއެވެ. އެވަގުތު ޖެހިލި ފިނިފިނި ރޯޅިން ކޮންމެވެސް ވަރެއްގެ ރާހަތެއް އިހުސާސްކުރެވުނެވެ.

ކުރިމަތިން ފެންނަން ހުރި އިމާރާތަށް ސިމްރާ ބަލައިލިއެވެ. ގްރީކް ސަޓްއިލަށް ފަރުމާކުރެވިފައިވާ ރެސްޓޯރެންޓް މުޅިން ނުނިމި ހުއްޓަސް އެތަނަކީ ރީތިތަނަކަށް ވާނެކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބޮޑެތި ކުޑަދޮރުތަކާއި، އިމާރާތުގެ ޑިޒައިން ވަރަށް ފުރިހަމައެވެ. ބޭރުގައި ހަމަޖެހިގެން ތިބެވޭނެހެން އައުޓްޑޯރ އޭރިއާއެއް ވެސް އޮތެވެ. ރެސްޓޯރެންޓް ހުންނަނީ މޫދާއި ކައިރީގައެވެ. ރެސްޓޯރެންޓް ނިމޭއިރުގައި ތީމަކަށް ހުންނާނީ ހުދާއި ނޫކުލައެވެ. ކައިރީގައި އޮތް މޫދާއި އެކުވެގެން ފެންނާނީ ޕޯސްޓްކާޑެއްގެ ފޮޓޯއެއްގެ ސިފައިގައެވެ. ހަމައެއާއެކު ތަފާތުކުލަކުލައިގެ ބޯގަންވިލާތައް ހުރީ އިންދާފައެވެ. އެގަސްތައް ހުރީ ވަރުގަދައަށް ހެދި މާތަކުން ބަރާވެފައެވެ. އެހެންކަމުން ތަނަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ބޯގަންވިލާ ގަސްތަކުގެ ހިޔަލުގައި ސިމްރާ މަޑުކޮށްގެން ހުރީ ޝަރަފް އަށެވެ. އެހެން ހުއްޓާ ކަޅުކުލައިގެ ރޭންޖް ރޯވާއެއް މަޑުކޮށްފިއެވެ. ސިމްރާ އެދިމާއަށް ހިނގައިގަތެވެ. ޝަރަފްއަށް ތަޢާރަފްވެލުމަށެވެ. ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓުނީ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާފައި ނިކުތް ޒުވާނާ ފެނުމުންނެވެ.

ސިމްރާއަށް ހީވީ ޝޮކެއް ޖެހުނުހެންނެވެ. ހުރި ތަނަށް މީހާ ގަނޑުވެއްޖެއެވެ. ލޮލަށް ފެންނަ މަންޒަރު ޤަބޫލުކުރަން އުނދަގޫވެ އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ. ނަމަވެސް ކާރުން ފޭބި އިސްކޮޅުން ދިގު ޒުވާނާއަށް ބަދަލެއް ނައެވެ. އޭނައަށް ހީވީ މާޒީގެ ސަފުހާތަކުން ހިރަފުސްބުރައިގެން ގޮސް ހަނދާނުގެ ލޯގަނޑަށް މަންޒަރުތަކެއް ސިފަކުރެވުނުހެންންވެވެ. އަހަރުތަކެއް ފަހަތަށް ދިޔަ ހެންނެވެ. ބޭއިހްތިޔާރުގައި ބުމަގޮށްޖަހާލެވުނެވެ.

(ނުނިމޭ)