ދައުލަތުގެ މަޝްރޫއުތައް ކުންފުނިތަކަށް އެވޯޑްކުރާނެ ވަކި ލިމިޓެއް ކަނޑައަޅާ އުސޫލު ހިމަނައި ފިނޭންސް މިނިސްޓްރީން ނެރެފައިވާ އިއުލާން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެ އިއުލާން ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ޕްރޮކިއުމެންޓް ޕޮލިސީ ބޯޑުގެ ނިންމުމަކުން ފިނޭންސް މިނިސްޓްރީން އެ އިއުލާން ނެރުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އޭގައިވާގޮތުން ޓެންޑާ ބޯޑު މެދުވެރިކޮށް މަޝްރޫއުތައް ހަވާލުކުރުމުގައި، އެ ކުންފުންޏަކަށް އެވަގުތު އެވޯޑް ކޮށްފައިވާ ދައުލަތުގެ އެހެން މަޝްރޫއުތަކުގެ އަގަށް ބެލޭނެއެވެ. އެގޮތުން ވަކި މިންވަރަކަށް ވުރެ މަޝަރޫއުތަކުގެ އަގު މަތިވާ ނަމަ، އެ ކުންފުންޏަށް އިތުރު މަޝްރޫއުއެއް އެވޯޑް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުން ކުންފުނިތައް ވަނީ ކެޓަގަރައިޒް ކޮށްފައެވެ.

އެ އިއުލާނާއި އެ އިއުލާންގައިވާ އުސޫލަކީ ގާނޫނުއަސާސީ އާއި މާލިއްޔަތު ގަވާއިދާ ހިލާފު އިއުލާނެއް ކަމަށް ބުނެ އެ އިއުލާން ބާތިލުކުރުމުގެ ދުސްތޫރީ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ލޯ ފާމެއް ކަމުގައިވާ އެޑްވޮކަސީ ޗެމްބާސް އިންނެވެ.

އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިއުމާ ބެހޭގޮތުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލޭނީ ގާނޫނެއް، ނުވަތަ ގާނޫނަކުން ބައެއް، ނުވަތަ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް، ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ.

އެހެންކަމުން އެޑްވޮކަސީ ޗެމްބާސްއިން އެލްއެލްޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުުގެ 37 ވަނަ މާއްދާ އާއި ހައިކޯޓުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ހައިކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހުތިސާސްގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަދަ މައްސަލައަކަށްނުވާތީ، އެ މައްސަލައަކީ ހައިކޯޓުން އިތުރަށް ކުރިއަށްގެންގޮސް މައުލޫއީ ގޮތުން ގޮތެއް ކަނޑައެޅިދާނެ މައްސަލައެއް ނޫން ކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށް ހުކުމުގައި ވެއެވެ.