ރާނީ މުކަރްޖީގެ ފިލްމުތައް ފެނުން ވަނީ މި ފަހަކަށް އައިސް މަދު ވެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ފޭނުން އަންނަނީ ރާނީގެ ފިލްމެއް ދެން އެންމެ އަވަހަށް ވެސް ފެންނާނެ އިރެއްގެ އިންތިޒާރު ކުރަމުންނެވެ. ރާނީއަށް 43 އަހަރު ފުރުން ދާދި ފަހުން ފާހަގަކޮށްފައި ވާއިރު، އޭނާ އިންޑަސްޓްރީގައި މަސައްކަތް ކުރާތާވެސް މި ވަނީ 25 އަހަރު ވެފަ އެވެ.

މި ދެ މުނާސަބާ އެއްކޮށް ފާހަގަކުރަމުން ރާނީ މި ވަނީ އޭނާގެ ކުރިޔަށް އޮތް ފިލްމުގެ ވާހަކަވެސް ހިއްސާކޮށް ފޭނުން އުފާކޮށްދީފަ އެވެ.

އަޝިމާ ޗިބަރްގެ އާ ޑްރާމާ ތުރިލާ ''މިސިޒް ޗެޓަރްޖީ ވަރސަސް ނޯވޭ'' އިން ރާނީ ފެނިގެންދާނެ ކަމުގައި ރާނީ ވަނީ ބުނެފަ އެވެ. މިއީ 2019ގެ ''މަރްދާނީ 2'' އަށްފަހު އޭނާ އެންމެ އަވަހަށް ކުޅެން ހަަމަޖެހިފައިވާ ފިލްމެވެ.

އަޝިމާ ޗިބަރް ލިޔެ ޑައިރެކްޓް ކުރާ މި ފިލްމަކީ ނިކިލް އަދްވާނީ، މަދޫ ބޯޖްވާނީ އަދި މަނީޝާ އަދްވާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށާއި، ފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ، އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އިންޑިއާ ދެމަފިރިއެއްގެ ދަރިން، ނޯވޭ ވެލްފެއާ ސާވިސަސް އިން އަތުލައި، ޑެޑްލައިނެއް ކަނޑައަޅާ ހާދިސާގެ މައްޗަށެވެ. 2011ވަނަ އަހަރު ހިނގައިދިޔަ ހަގީގީ މި ހާދިސާގެ މައްޗަށް ކުޅޭ ފިލްމުން، ރާނީ ފެނިގެންދާނީ ލީޑް ރޯލުންކަމުގައި އޭނާ ބުނެއެވެ.

ރާނީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ އޭޕްރިލް 23 ގައި ރިލީސްކުރަން ހަމަޖެހިފައި ވާ ''ބަންޓީ އޯރް ބަބްލީ'' ގެ ސީކުއެލް އިންނެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ރާނީ ބުނެފައިވަނީ، އުފަންދުވަހާއި ފިލްމު އިންޑަސްޓްރީގައި 25 އަހަރު ފުރުން ފާހަގަކުރާއިރު އޭނާގެ އާ ފިލްމެއް ކުރިއަށް އޮތް ވާހަކަ ހިއްސާކުރުމަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.