ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ޓީމުން، މާލީ މަންފާއަކަށްޓަކައި، އެޗްޕީއޭ ހައިޖެކް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.
މެންބަރު އިބްރާހިމް ރަޝީދު މިގޮތަށް ތުހުމަތު ކުރެއްވީ، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަަޅުތަކުން ހޮޓާ، ރެސްޓޯރެންޓް، ކެފޭ، ފަދަ ކާބޯތަކެތި ވިއްކާ ތަންތަނަށް ލިބޭ ގެއްލުން ކުޑަކުރުމަށް، އެ ފަރާތްތަކަށް، އެކަށީގެންވާ ބަދަލަކާއެކު ލުއި ދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެމިއަދުގެ ޖަލްސާއަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.
ބޮނޑޭ ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދަނީ، އެޗްޕީއޭއިން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ބާރު އެޗްޕީއޭގައި އޮތް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭގައި ތިއްބަވާ، ޑޮކްޓަރުންނާއި އެކްސްޕާޓުންގެ ލަފާވެސް ނުހޯދާ ކަމަށައި، ހާއްސަކޮށް ސިވިލްސާވިސް އޮނިގަނޑުގެ ތެރެއިން އެޗްޕީއޭގައި ހުންނަވާ ވަކީލުގެ އެހީތެރިކަންވެސް ބޭނުން ނުކުރާ ކަމަށެވެ.
ބޮނޑޭ ވިދާޅުވީ، އެޑްވައިޒަރީ ބޯޑު ނުވަތަ ޓެގްޓީމޭކިޔާ ބަޔަކު އެޗްޕީއޭ ހިސާރު ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެޗްޕީއޭގެ އަސްލު އިދާރާގެ ހިންގުމެއް ނެތް ކަމަށެވެ.
"ޓެގް ޓީމުން ހައިޖެކް ކޮށްފަ އޮންނަ، ހިސާރު ކޮށްގެން މިއުޅެނީ، އެއީ އެޑްވައިޒަރީ ބޯޑު ނުވަތަ ޓެގްޓީމޭ މިކިޔާ ބައެއް، އެޗްޕީއޭގެ އަސްލު އިދާރާގެ ހިންގުމެއް ނެތް، އޭގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް، މައްސަލަ ވަރަށް ސާފު ވަކި ބަޔަލު އެމީހުންގެ މާލީ މަންފާއެއް ހޯދުމަށްޓަކައި އަޅުގަނޑު މި ދަންނަވާ ޓެގް ޓީމުން މާލީ މަންފާއެއް ހޯދުމަށްޓަކައި އެޗްޕީއޭގެ އިދާރާ ހިސާރުކޮށްފައި މިވަނީ. މި މައްސަލައަށް ނިމުމެއް ގެންނަން އެބަ ޖެހޭ، މިއީ ވަރަށް ބޮޑު ސީރިއަސް މައްސަލައެއް ވަކި ބައެއްގެ ވިޔަފާރި އެމީހުން އަމިއްލައަށް އަމިއްލަ މަންފާއަށްޓަކައި އެޗްޕީއޭ ހިސާރުކޮށްގެން ވަކި ގޮތަކަށް ނުގެންދެވޭނެ،" ބޮނޑޭ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު