ނ. ޅޮހިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

ކޮވިޑް ކޭސްއެއް ފެނިގެން ޅޮހި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއާޑްނަސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ ޅޮހިން ފެނުނު ކޭސްތަކާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 190 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

"ނ. ޅޮހީގައި 23 ފަރާތެއް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވޭ. އެއާއެކު 190 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަކުރެވިފައިވޭ. ޅޮހިން 323 ސާމްޕަލެއް މިހާރު ވާނީ ނެގިފައި،" އޭނާ ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ މިދުވަސްވަރަކީ މިފަހަކަށް އައިސް އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ދުވަސްވަރު ކަމަށާއި އެގޮތުން އަތޮޅުތެރޭގައި މިވަގުތު 200 އަށްވުރެ ގިނަ އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ.

"އެކްޓިވް ކޭސްގެ ގޮތުގައި އަތޮޅުތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި 207 ފަރާތެއް. އަދި ހަމަ އެހެންމެ އަޅުގަނޑުމެންނަށް ހަތް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެވި، ހާއްސަކޮށް އެކިއެކި ބޭނުންތަކަށް ހިދުމަތް ހޯދަންދާ ބޮޑެތި ރަށްތައް ހިމެނޭ. އޭގެ ތެރޭގައި އުނގޫފާރު އަދި ކުޑަހުވަދޫ ފަދަ ރަށްރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަން،" އޭނާ ވިދާޅުވިއެވެ.

  • ހއ. ބާރަށް: 36 ޕޮޒިޓިވް، 217 ކޮންޓެކްޓުން
  • ނ. ޅޮހި: 23 ޕޮޒިޓިވް، 190 ކޮންޓެކްޓުން
  • ހއ. ދިއްދޫ: 15 ޕޮޒިޓިވް، 26 ކޮންޓެކްޓުން
  • އދ. ފެންފުށި: 2 ޕޮޒިޓިވް، 19 ކޮންޓެކްޓުން
  • އއ. ތޮއްޑޫ: 7 ޕޮޒިޓިވް، 39 ކޮންޓެކްޓުން
  • ދ. ކުޑަހުވަދޫ: 22 ޕޮޒިޓިވް، 155 ކޮންޓެކްޓުން
  • ރ. އުނގޫފާރު: 5 ޕޮޒިޓިވް، 64 ކޮންޓެކްޓުން
  • ފ. ނިލަންދޫ: 1 ޕޮޒިޓިވް، 4 ކޮންޓެކްޓުން
  • ދ. މީދޫ: 1 ޕޮޒިޓިވް، 60 ކޮންޓެކްޓުން