މާލޭ ސްވިމިން ޓްރެކް

ސްވިމިން ޓްރެކްގެ ޑައިވިން ޕްލެޓްފޯމާއި ސްލައިޑް އާންމުންނަށް ހުޅުވާލައިފި

މާލޭ ސްވިމިން ޓްރެކްގައި އަލަށް ގާއިމުކޮށްފައިވާ ޑައިވިން ޕްލެޓްފޯމްގެ އިތުރުން ސްލައިޑް އާންމުން ބޭނުންކުރުމަށް ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީގެ އިސް ނެންގެވުމުގެ މަތިން މާލޭގެ ފަތާ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. ކޮވިޑް 19ގެ ހާލަތާ ގުޅިގެން މަސައްކަތަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ސްވިމިން ޓްރެކް ސަރަހައްދުގައި ވިއުއިން ޕްލެޓްފޯމެއް ގާއިމުކޮށް، ރަނގަޅު ލައިޓް ސިސްޓަމެއް ޖެހުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދު ފުން ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

އެ ޕްރޮޖެކްޓުގެ ތެރެއިން މިހާތަނަށް ނިންމައިނުލެވި އޮތީ ޑައިވިން ޕްލެޓްފޯމެއްގެ އިތުރުން ވޯޓާ ސްލައިޑް ހަރުކުރުމުގެ މަސައްކަތެވެ. މިނިސްޓަރު އަހުމަދު މަހުލޫފް ޓުވިޓާގައި ހިއްސާ ކުރައްވާފައިވާ ރީތި ވީޑިއޯއަކާ އެކު މިއަދު ވަނީ އާންމުންގެ ބޭނުމަށް އެ ޕްލެޓްފޯމްގެ އިތުރުން ސަލައިޑްވެސް ހުޅުވާލައިިފައެވެ. އެކަމުގައި އެހީތެރިވި ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވާ އިރު، އެއީ ގިނަ ކުދިންތަކެއްގެ އުންމީދެއް ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުން ސްވިމިންއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާކަން މީގެ ކުރިންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އަތޮޅުތެރޭގައި ސްވިމިން ޓްރެކްޓައް، އެސޯސިއޭޝަނާ ގުޅިގެން ގާއިމުކުރުމުގެ އިތުރުން މާލޭގައި އޮލިމްޕިކް ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.