ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިން ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ސާފުކޮށް 755 ކިލޯގެ ކުނި ނަގައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިން ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވައި ޖުމުލަ 755 ކިލޯގެ ކުނި ނަގައި ސާފުކޮށްފައިވާ ކަމަށެވެ.

މި ހަރަކާތަކީ އަންނަ އާދީއްތަ ދުވަހު ދުނިޔޭގައި ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް" އާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ބީއެމްއެލުން ބުނެއެެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ހަރަކާތާ ބެހޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު، މުހައްމަދު ސައީދު ވިދާޅުވީ މީގެ ތިން އަހަރު ކުރިން ބީއެމްއެލުން ހިންގި ސާފުކުރުމުގެ ހަރަކާތަކާ އަޅައި ބަލާއިރު މިހާރު ސްވިމިން ޓްރެކް ސަރަހައްދު ސާފުކަމަށް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އަދިވެސް ދަޅާއި ޕްލާސްޓިކް ފުޅި ޓްރެކް ސަރަހައްދުގެ މޫދަށް އަޅާފައި ހުންނަ ކަމަށެވެ. އަދި ބީއެމްއެލްގެ އެދުމަކީ ހުރިހާ ފަރާތްތަކުންވެސް ޓްރެކް ސަރަހައްދުގައި ހުންނަ ޑަސްބިން ބޭނުންކުރުމަށާއި މޫދަށް ކުނި ނޭޅުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ހުޅުމާލެ ފޭސް 2 ގެ ސަރަހައްދަށް ބަލާއިރުވެސް އަތިރިމައްޗާއި ގޮނޑުދޮށުގައި ގިނަ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. ހުޅުމާލެގެ ބީޗް ސަރަހައްދުގެ އެއްބައި މިއަދު ސާފުުކުރެވުނު އިރު 500 ކިލޯގެ ކުނި ނެގެނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު،" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ 80 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެެގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބު މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާލޭއާ ގުޅިގެން ހިންގުނު ހަރަކާތެކެވެ. މި ދެ ސަރަހައްދުން 755 ކިލޯގެ ކުނި ނަގާފައިވާ އިރު، އޭގެ ތެރެއިން 75 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފައެވެ.

މިދިޔަ އަހަރުވެސް ބީއެމްއެލްގެ އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ "އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް ދުވަހާ" ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގައިފައެވެ.