ތޭރަވަނަ ބައި
"ކީއްވެ ނުދާންވީ. ދާނަން. ލައްކަދުވަހު އަހަރެންނަށް ކެތްކުރެވިއްޖެ. ލަބީބަށް ދެން އަހަރެން ނުހުއްޓުވޭނެ. އަހަރެންގެ ޒިޔާން ހުރީ މާލޭގަ އަހަރެން ގޮވައިގެން އުޅެން ތައްޔާރަށް" އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ ޒިޔާންގެ މަންމަ ވާހަކަދެއްކި އަޑަށެވެ.
އަހަރެން އެގެއަށް އައީ ޒިޔާން ގޭގައި ނޫޅޭ ވަގުތެއް ބަލާފައެވެ. އަހަރެންގެ ބޭނުމަކީ އެނބުރި މާލެ ދިޔުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް މަންމަ އާ ބައްދަލުކޮށްލުމެވެ. އެ މަންމަގެ ހާލު ބަލައިލުމެވެ. އެހެނީ އެއީ އަހަރެންނަށްޓަކައި އުފަން މައެއް ފަދަ އަންހެނެކެވެ. އެ މަންމަ އާ ބައްދަލުނުކޮށް އަހަރެން ފުރައިގެން ގޮސްފިނަމަ އެވާނީ އަހަރެންނަށް ހެދޭނެ ގޯހަކަށެވެ. އެހެންނަމަވެސް މަންމަ އާ ބައްދަލުނުވަނީސް ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. މަންމަ އާ ޒިޔާންގެ ބައްޕަ އާ މެދު ދެކެވުނު ވާހަކަތައް އަހަރެން ފިޔަވަޅުތައް ހުއްޓުވައިފިއެވެ. އެވާހަކަތަކަށް އަހަރެން ޝައުގުވެރި ކުރުވައިފިއެވެ. ދޮރާ ނިވާވެލާފައި އަހަރެން މަޑުކޮށްލީ އެވާހަކަތައް އަޑުއަހައިލުމަށެވެ. ގޯސްކަމެއް ވިޔަސް އެވާހަކަތަކުން އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުން އެންމެ ސުވާލެއްގެ ޖަވާބު ވިޔަސް ލިބިދާނެއެވެ.
"މާޖިދާ ހަނދާން ނެތުނީތަ؟ ތިއީ މިނިވަނެއް ނޫނޭ. އަދިވެސް އަހަރެންގެ އަނބިމީހާ. މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ހަނދާން ބަހައްޓާތި އޭގެ ފަހުން އަހަރެންގެ އަންބެއް ނޫން"
"ހީކުރީތަ ތިކަހަލަ އެތިވަރަކުން އަހަރެންގެ ފިޔަވަޅުތަކައް ހުއްޓުމެއް އަންނާނެ ކަމަށްތަ؟ ނާންނާނެ. ނަމެއްގަ ލަބީބުގެ އަނބިމީހާ. އަހަރެން އިތުރަކަށް ލަބީބުގެ އަނބިމީހާގެ ގޮތުގައި ހުންނާކަށް ބޭނުމެއްނޫން. ޒިޔާން މިދުނިޔެއަށް އުފަންވުމާއެކު އަހަރެން އަންބެއްގެ އުފާތަކުން މަހުރޫމް ވެއްޖެ" މަންމަ ވާހަކަދެއްކިއެވެ. ފޭވެފައިވާ ދޮރު ދޭތެރެއިން އަހަރެން ބޯނެރެލާފައި އެތެރެ ބަލައިލިއިރު މަންމަ ރޯން ހުއްޓެވެ. ރުޅި އައިސްގެން ފުފެމުން ދިޔަ ޒިޔާންގެ ބައްޕަ އަވަސް ނޭވާތަކެއް ލަމުން ދިޔަތަން ފެނުމުން އަހަރެންވެސް ޖެހިލުންވިއެވެ. މަންމަގެ ހަށިގަނޑަށް ވޭނެއް ލިބޭނެ ގޮތަށް އަނިޔާއެއް ނުދީފިއްޔާ ރަނގަޅެވެ.
"އިތުރު ވާހަކައެއް ބޭނުމެއްނޫން. އަހަރެން މިބުނީނު ނުދެވޭނޭ. އަހަރެންނަށް އިނގޭ މޮޅު ވާހަކަތަކެއް އަހަރެންނާ ދިމާލަށް ގޮވައިގަނެފަ ތިއުޅެނީ އެ އަންހެން ކުއްޖާ ހޯދަން ދާކަށްނު. ކިތައް ފަހަރު ބުނެފިން އެއީ ބޮޑު ސުންޕާގަނޑެކޭ"
"ލަބީބް،" މަންމަގެ އަޑު ބާރެވެ. މަންމަ އެހާ އަޑު ބާރުކޮށް ވާހަކަދެއްކި އަޑު އަހަރެން ދުވަހަކުވެސް ނާހަމެވެ. އަހަރެން ސިހުނީ އެހެންވެއެވެ.
"މިއަދު މި މާޖިދާ ލަބީބަކަށް ނުހުއްޓުވޭނެ. ސުންޕާގަނޑެކޭ ތިކިޔާއިރު އަހަރެންގެ ބަނޑުން ވިހޭ ދަރިއެކޭ އެއީ. ލަބީބަށްޓަކައި އަހަރެން އެދަރިފުޅު އަހަރެންނާ ދުރުކުރީ. އަހަރެން އުންމީދު ކުރިން ލަބީބް ބަދަލުވާނެ ކަމަށް. އެކަމަކު ނުވި. މިއަދު މިހަގީގަތް އަހަރެން ޒިޔާނަށްވެސް އަންގާނަން. އެދަރިފުޅަށް އެއްވެސް ކަމެއް ސިއްރުވެފައި އޮތަ ނުދޭނަން" މަންމަ ނިކުންނަން އައި މަންޒަރު ފެނުމުން އަހަރެންނަށް މޭގައި އަތް އަޅައިލެވުނެވެ. އަހަރެންގެ ކައިރިން މަންމަ ގޮސް ވަނީ ކޮޓަރިއަށެވެ. މަންމަ ފަހަތުން ދާން އުޅެފައިވެސް އަހަރެން މަޑުޖެހުނީ ބައްޕަ ނިކުމެދާނެތީއެވެ. އަނެއްކާވެސް އެތެރެއަށް ބަލައިލިއިރު މޭޒުމަތީގައި ހުރި ފެންތަށި ބޯން ބައްޕަ ހުއްޓެވެ. މާގިނައިރު ނުވަނީސް ދުރުދުރުގައި ފިޔަވަޅު އަޅަމުން ގެއިން ނިކުމެގެން ހިނގައްޖެއެވެ. ހިފަހައްޓާލައިގެން ހުރި ނޭވާ އަހަރެންނަށް ބޭރުކޮށްލެވުނީ ދެނެވެ. އެންމެ މިނިޓަކުވެސް މަޑުކުރަން އަހަރެން ބޭނުމެއްނުވިއެވެ. މަންމަ ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.
އެނދުމަތީގައި ރޯން އިން މަންމައަށް އަހަރެން ކޮޓަރިއަށް ވަންކަމެއް ނޭނގެއެވެ. ކުރިން މަންމަ އަތުން ފެނުނު ފޮޓޯގަނޑު މިހާރުވެސް މަންމަ އަތުގައި އޮތެވެ. އަހަރެން މަންމަ އާ ގާތަށް ފިޔަވަޅު އަޅަމުން ގޮސް އެނދުގައި އިށީނީމެވެ. އަހަރެން ފެނުމާއެކު މަންމަގެ ކަރުނަތައް އަވަސްވިއެވެ. މާބޮޑަށް ގިސްލާން ފެށިއެވެ. އަހަރެންގެ ގައިގައި ބައްދައިގަތީ ދުވަހަކުވެސް ދޫކޮށްނުލާން އުޅޭ ކަހަލަ ގޮތަކަށެވެ. ހިނދަކަށް ފަހު ހިނދެއް އަހަރެންގެ ހަށިގަނޑަށް ބާރުކުރަމުން ދިޔައެވެ. މަންމަގެ ކަރުނަތަކާ ހިތް ފުނޑުފުނޑުވާ ރުއިމުގެ ވޭނީ އަޑުން އަހަރެންގެ ދެލޮލުން ކަރުނަ ހިލުވައިލިއެވެ. އަހަރެން މަންމަގެ ބުރަކަށީގައި ފިރުމަމުން ދިިޔައީ އެމަންމައަށް ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ބޭނުން ވަރަކަށް ރޯން އެމަންމައަށް ފުރުސަތު ދީގެން އަހަރެން އިނީމެވެ.
މަންމަގެ އަޑު ކެނޑެމުން ގޮސް އެއްކޮށް ކެނޑިއްޖެއެވެ. އެހެންނަމަވެސް ދޭތެރެއަކުން އެތެރެއަށް ނޭފަތް ދަމާ އަޑާ ގިސްލެވޭ އަޑު އިވިލައެވެ.
"މަންމަ ވަރަށް ދެރަވެއްޖެ. މަންމަގެ ހިތްހަމަޖެހޭ ކަހަލަ ކަމެއް ނުވާތާ ކޮން ޒަމާނެއް. އެއްވެސް މީހަކު މަންމަ ހިތްހަޖައްސައިދޭން ބޭނުމެއްނުވޭ. މިގޭ ހަތަރުފާރުން އެތެރޭގައި މަންމަގެ ނޭވާ ހާސްވާން ފަށައިފި. ލޯމަތީގައި ފެންނަން ހުރި ދަރިވެސް މަންމަގެ އުފަލަކަށް ނުވިސްނާ" މަންމަ ކިޔަމުން ދިޔައެވެ.
"ތިހެން ނުބުނޭ މަންމާ. ކޮންމެ މީހަކުވެސް އެމީހެއްގެ މަންމަދެކެ ލޯބިވާނެ. ޒިޔާންވެސް ލޯބިވާނެ" އަހަރެން ބުނީމެވެ. ލޯތްބާއެކު މަންމަގެ ކަރުނަތައް ފޮހެދިނީމެވެ.
"ނުވޭ. ޒިޔާން މަންމަދެކެ ކުޑަކޮށްވެސް ލޯބިވާނަމަ މަންމަ އާ ދޭތެރެ ވިސްނާނަމަ މަލް މިގެއިން ވަރިކޮށްލާފައި ބޭރުނުކުރީސް. އެވެސް މެންދަމު. އެންމެފަހަރަކު ނަމަވެސް މަންމަގެ ހިޔާލު ހޯދީސް" މަންމަ ބުނެލިއެވެ.
"ތިވާހަކަތައް ނުދައްކާ މަންމާ. އެދުވަސް ހިނގައްޖެ. އެކަންތަކާ ޒިޔާން މިއަދު ދެރަވޭ. އަޅުގަނޑު ޒިޔާނަށް މަޢާފްކޮށްފިން" އަހަރެން ބުނީމެވެ.
"ޒިޔާނަށް މިހާރު އިނގޭނެ އަތުން ދޫކޮށްލެވުނީ ޖަވާހިރެއްކަން. މަލް، މަންމަ ކޮންކަމެއް ކޮށްދިނީމަ މަލް އެނބުރި އަންނާނީ" މަންމަ ބުނެލިއެވެ.
"މަންމާ، އަަޅުގަނޑު މަންމަ އާ ދުރުނުވަން. އަބަދުވެސް ހުންނާނީ ގޮވައިލީމަ އަޑުއިވޭ ހިސާބުގަ. ކުރިންވެސް މިހެން ބުނީމެއްނު. އެކަމަކު..." އަހަރެންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
"މަންމާ، އަހަރެން ޒިޔާންގެ ދިރިއުޅުމަށް އެނބުރި އަންނަން ނުވިސްނަން. އަޅުގަނޑަށް ރަނގަޅު ހިތެއްދެކެ ލޯބިވެވިއްޖެ. އެލޯތްބަށްޓަކައި އަޅުގަނޑު އިންތިޒާރު މިކުރަނީ" އަހަރެން ބުނީމެވެ. މަންމަ އަހަރެން ދެއްކި ވާހަކަތަކަށް ދެކޮޅެއް ނަހަދައެވެ. އަހަރެންނަށް އިތުރަށް ބާރެއްވެސް ނުދައްކައެވެ. އަހަރެންގެ މޫނުގައި ފިރުމާލާފައި ނިތުގައި ބޮސްދިނެވެ. މަންމަގެ ރުހުން އަހަރެންނަށް ދިނެވެ.
"މަންމާ، މި ފޮޓޯގަނޑުގަ މިއީ ކޮންކުއްޖެއްތަ؟" އަހަރެން އެހީމެވެ. މަންމަ ފޮޓޯގަނޑަށް ބަލައިލީ އަސަރުން ފުރިގެންވީ ބެލުމަކުންނެވެ.
"މިއީ މަންމަގެ ހިތުގެވިންދު. މަންމަގެމުޅި ދުނިޔެ. މައިންގެ ލިސްޓުން މަންމައަށް ޖާގަދިން ދަރިފުޅު. މައެއްގެ އިހުސާސް މަންމަގެ ހިތުގައި އުފެދުނީ މިދަރިފުޅު މަންމަގެ ބަނޑުގައި ގަރުބަގަތުމަށްފަހު." މަންމަ ކިޔައިދިނެވެ.
"މިއީ މަންމަގެ އުފާތަކަށް ހުރި ހުރަހެއް ކަމުގައި މީހަކު ވިސްނައިދިނީ. އެހާ ކުޑައިރު އަހަރެންގެ މިދެއަތުން އެކުއްޖާއަށް އިހުމާލުވީ. އަހަރެންނަށް ލަބީބު މަޖުބޫރުކުރީ. ބިރުދެއްކީ. އަހަރެން އޭނަ ބުނާ ގޮތަކަށް ކަންތައް ނުކޮށްފިއްޔާ އެދަރިފުޅު ދުނިޔެއަށް ބޭޒާރުކޮށްލާނަމޭ ބުނީ. އެތައް ފަހަރަކު ފުލުހުންނަށް މައްސަލަ ހުށަހަޅަންވެސް ދިޔައިން. އެކަމަކު އަނބުރާލާފައި ފުލުހުންގެ ގޯތީގެ ދޮރަށް ފުރަގަސްދިނީ އެދަރިފުޅާ މެދު ވިސްނާލާފައި. ބުނިހާ ކަމެއް ބުނި ގޮތަކަށް ކޮށްގެންވެސް ލަބީބުގެ ނަފްރަތުން އަހަރެންނަށް އެދަރިފުޅު ސަލާމަތް ނުކުރެވުނު. އެންމެފަހުން އެދަރިފުޅު އަހަރެންނަށް ގެއްލުނީ. ދުވަހަކުވެސް އަހަރެންނަށް ނުފެންނާނެހާ ދުރަށް ދިޔައީ. އަހަރެންގެ ހިތް ކުދިކުދިވި ކަހަލަ. ޒިޔާން ލިބުމަށްފަހު އަހަރެންގެ ހިތާމަތަކަށް ލުޔެއް ލިބޭނެ ކަމަށް ހީކުރިން. އެކަމަކު ނުލިބުނު. ލަބީބުގެ ދެއަތުން އޯގާތެރިކަމެއްވެސް ނުލިބުނު. އަހަރެން އެ އިންސާނާއަށް ނަފްރަތުކުރަން" މަންމަގެ ދުލުން ބޭރުކުރަމުންދިޔަ ކޮންމެ ޖުމްލައެއް އަހަރެންގެ ސިކުނޑީގައި ހަރުލަމުން ދިޔައެވެ. އެއިން ކޮންމެ ޖުމްލައަކާމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. އެސުވާލުތަކުގެ ޖަވާބުވެސް އަހަރެންގެ ހިތް ދެމުން ދިޔައެވެ. އެހެންވީމާ އެފޮޓޯގައި އެވަނީ މަންމަގެ އަންހެން ދަރިފުޅުތާއެވެ. އެހެންކަމަށްވާނަމަ ވިއާންގެ ކޮޓަރިން އެ ފެނުނީ ވިއާންގެ ކޮއްކޮގެ ތަސްވީރެވެ. ވިއާންވެސް އެ އުޅެނީ އެ ކުއްޖާމަތިން ހަނދާންނައްތާ ނުލެވިގެންނެވެ. އަހަރެންނަށް އަމިއްލަ ބޮލުގައި ޖަހައިލެވުނެވެ.
"މަންމަގެ ވީނާ. މަންމައަށް މަޢާފްކުރޭ ދަރިފުޅާ. މަންމަ އެދެނީ މި މަންމަގެ އެންމެ ފަހުނޭވާ ދުނިޔެއަށް ދޫކުރުމުގެ ކުރިން އެންމެފަހަރަކު ނަމަވެސް ދަރިފުޅު ދުށުމަށް" މަންމަ ކިޔަމުން ދިޔައެވެ. ފޮޮޓޯގަނޑުވީ މަންމަގެ މޭގައި ޖައްސާލާފައެވެ.
"މަންމަ އަޑުއެހިން މަލް ހުންނަނީ ޒުލޭހާމަންމަ ކައިރީގައޭ ބުނާ އަޑު. މަންމައަށް މިއުޅެނީ ތިހިސާބަށް ދާން ނުކެރިގެން" މަންމަ ބުނެލިއެވެ.
"މަލްއަށް އިނގޭތަ. މަންމަ ކުރިން އިނީ ޒުލާހާގެ ދަރިއަކާ. އެއީ ވަރަށް ރަނގަޅު އަންހެނެއް. މަންމައަށް ކުރެވުނު ކަންތަކަށްފަހުވެސް މަންމައަށް އެއްޗެއް ބުނެފައެއް ނެތް" މަންމަ ވާހަކަދެއްކިއެވެ. އަހަރެންގެ އަނގަ ހުޅުވުނެވެ. ހަނދާންވިއެވެ. އެއްދުުވަހު މާމަ ބުނެފައިވެއެވެ. މާޖިދާއަކީ ގޯސްމީހެއް ނޫނެވެ. މާމަ ދުވަހަކުވެސް މަންމަ އާ ގުޅިގެން އިތުރު ވާހަކައެއް ބުނެފައި ނުވެއެވެ. އަހަރެންނަށް ކޮންމެސް ދުވަހަކުން ހުރިހާ ކަމެއް އިނގޭނޭ މަންމަ ބުންޏެވެ. މިއަދު މިއިނގުނީ އެވާހަކަތަކުން އެއްބައެވެ. ބާކީ އަދި އިނގެންޖެހޭ އެއްޗެހި ބައިވަރު އެބަހުއްޓެވެ. އަވަސް އަރުވާލައިގެން އެއިން އެއްވެސް ކަމެއް ހޯދާނެ ކަމެއް ނެތެވެ.
"ބުނެބަލަ. މަލް މާލޭގަވެސް ހުންނަނީ ޒުލޭހާ ކައިރީގަތަ؟ އެގޭގަތަ؟ އިތުރު މީހަކު އެގޭގައި ހުރޭތަ؟" މަންމަ އެހިއެވެ. އަހަރެންނަށް ވިސްނުނެވެ. މަންމަ ބަލަން ބޭނުންވަނީ އަހަރެމެންނާއެކު ވީނާވެސް އެގޭގައި އުޅޭތޯއެވެ. އަހަރެން މަންމަ ކައިރީގައި ބުނާނީވެސް ކީކޭ ހެއްޔެވެ؟
މަންމާ، ވީނާ އެގޭގައި ނޫޅޭ. ވީނާ ވަނީ މާދުރަށް ގޮސްފައި. އެެކަމަކު އެގޭތެރޭގައި ވީނާ މަތިން އެންމެން ހަނދާންކުރޭ. ވީނާގެ ބޭބެވެސް" އަހަރެން ބުނެދިނީމެވެ. މަންމަގެ މޫނުމަތީގައި މާޔޫސީގެ އަސަރުތަކުން ވަށައިލިއެވެ. ވީނާ އާ ބައްދަލުވެދާނެކަމަށް މަންމަ ހީކޮށްގެން ހުރި ހުރުން ފެނަށް ވެގެން ދިޔައީއެވެ.
"ދުނިޔޭގައި ހުރިކަމެއްވެސް ނެތް ކަމެއްވެސް ނޭނގޭ. ހުރިނަމަ ހިތަށް އަރާ މިދުނިޔެއާ އެދަރިފުޅު ކުރިމަތި ލާނީ ކިހިނެއްބާއޭ. މީހަކާ ކައިވެނިކުރަން ނިންމާ ހިސާބުން އެކުއްޖާގެ މުޅި ދުނިޔެ އަނދިރިވެގެންދާނެ. އެދަރިފުޅާ މެދު ނުވިސްނޭ އެންމެ ދުވަހެއްވެސް ނުދޭ" އަސަރާއެކު މަންމަ ބުނެލިއެވެ.
ގެއަށް ދިޔުމުގެ މަގުމަތީގައި އަހަރެން ވަރަށް ވިސްނީމެވެ. މަންމަގެ ފަރާތުން އިނގުނު ކަންތައްތަކާ ގުޅިގެން މާމަ އާ ވާހަކަދައްކާލަން އަހަރެން ބޭނުންވިއެވެ. މާމަ ޖެހޭނީ އަހަރެން ކުރާ ހުރިހާ ސުވާލެއްގެ ޖަވާބު ދޭށެވެ. އެހެންނޫނީ އަހަރެން މިރަށުން ފުރައިގެން ނުދާނަމެވެ.
މާމާ، ނުނިދަބަލަ މިރޭ އެހާ އަވަހަށް" ގިފިލިން މާމަ ނިކުމެގެން އައިސް ކޮޓަރި ވަން ވަގުތު އަހަރެން ބުނީމެވެ.
"އަނެއްކާ ކިހިނެއްވީ؟" މާމަ އެހިއެވެ. އަދި މޭޒުމަތީގައި ދިއްލާފައި ހުރި ފުޅި ބައްތި ހިފައިގެން ގޮސް ތަޅުންގަނޑު މަތީގައި ބެހެއްޓިއެވެ.
"އާދެބަލަ. މާމާ އަބަދުވެސް ބުނަމެއްނު ދިރިއުޅުމެއް ކުރިއަށް ގެންދެވޭނީ އެމީހެއްގެ ހިތުގައި ޝައްކެއް ވަހުމެއް ވާނަމަ އެހުރިހާ ކަމެއް ބޭރުކޮށްގެނޭ. އަޅުގަނޑު މިއުޅެނީ ޝައްކުތަކާ ވަހުމުތަކާއެކު އުޅެން އުނދަގުވެގެން" އަހަރެން ވާހަކަދެއްކީމެވެ. މާމަ ހައިރާންކަމާއެކު އަހަރެންގެ މޫނަށް ބަލަން އިނެވެ.
"މިއުޅެނީ ވިއާންގެ ވާހަކަދައްކާކަށް ނޫން. މިއަދު އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް އޮޅުންފިލައިފި. ބައެއް ކަންތައްތައް އެބަހުރި މާމަގެ ފަރާތުން އިނގެން ބޭނުންވާ" އަހަރެން ވާހަކަދެއްކީމެވެ.
"އަނެއްކާ ކޮންކަމެއް؟ މާމައަށް ޖަވާބު އިނގެންޏާ ޖަވާބުދޭނަން" މާމަ ބުނެލިއެވެ.
"ވީނާގެ ހަމަ އެތަސްވީރު ޒިޔާންގެ މަންމަ އަތުގަ އެބައޮތް. މަންމަ އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ކިޔައިދީފި" އަހަރެން ބުނީމެވެ. މާމަގެ މޫނުމަތިން ހައިރާންކަމެއް ނުފެނުނެވެ. ބަދަލުގައި ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"މާޖިދާއަކީ މާމަގެ ދަރިއެކޭ ބުނީމެއްނު. މާމަ ބޭނުން ކަންތައްވެއްޖެ. މަލް އަމިއްލައަށް ކަންތައްތައް ހޯދަން ކުރާ މަސައްކަތަށް ސާބަސް" މާމަ ބުނެލިއެވެ. އަދި އަހަރެންގެ އަތުގައި ފިރުމާލިއެވެ.
"އެކަމަކު މާމާ، ޒިޔާންގެ ބައްޕަ ކީއްވެތަ ވީނާދެކެ އެހާ ރުޅި އަންނަނީ. އެއީ އަންހެން ކުއްޖަކަށް ވީމަތަ؟ އަޅުގަނޑު ހިއެއް ނުކުރަން އެއީ އެހާ ނުބައި މީހެއް ކަމަކަށް" އަހަރެން ބުނީމެވެ.
"ދެން ތިވާހަކަތައް ނުދައްކާ ދަރިފުޅާ. ވީކަމެއް ވީ އެންމެ ރަނގަޅަށް. ލަބީބު އެހާ ނުލަފާކަން ނުދެއްކިނަމަ މާމަ ކައިރީގައި ހުރެގެން އެދަރިފުޅު ބޮޑެއް ނުވީސް. މާމަގެ އެކަނިވެރިކަން ނުފިލީސް" މާމަ ބުނެލިއެވެ.
"މަންމަ އެހި މާލޭ ގޭގަ އުޅެެނީ ކޮންބައެއްތޯ. ހީވަނީ ދުރުދުރުން ވީނާގެ ވާހަކަތައް އަހަން އުޅުނުހެން. އޭރުގެ ވާހަކަތައް ދައްކާފަ މަންމައަށް ހުރީ ވަރަށް އަސަރުކޮށްފަ. ބުނި ޒިޔާންގެ ބައްޕަ ވަރަށް މަޖުބޫރުކުރި ވާހަކަ. އަނިޔާވެރިވި ވާހަކަ. ބުނި ފުލުހުންނަށް މައްސަލަ ޖައްސަން އުޅުމުން ވީމާ ދުނިޔެއަށް ބޭޒާރުުކޮށްލާނަމޭ ބުންޏޭ. މާމާ، ކޮންވާހަކައެއް އެބުނީ. އެހާ ކުޑަކުއްޖެއް ބޭޒާރު ކުރާނީ ކިހިނެއް؟ އަނެއްކާ އެއީ އަނެއް ގޮތަށް ލިބުނު ކުއްޖެއްތަ" އަހަރެން އެހީމެވެ.
"ޔާރައްބީ. އެއީ ސާފު ޠާހިރު ބަނޑަކުން އުފަންވި ޠާހިރު ދަރިއެއް. މާޖިދާއަކީ ނުބައި މައެއް ނޫން. ވީނާއަކީ މާމަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅަށް ލިބުނު ހަމައެކަނި ދަރިފުޅު" މާމަ ކިޔައިދިނެވެ. އަހަރެން ވިސްނާލީމެވެ. ޖަވާބު ނުލިބޭ އެސުވާލު ތަކުރާރުކޮށް މާމަ ކައިރީގައި އަހަން އުޅެފައިވެސް އެހިޔާލު ދޫކޮށްލީމެވެ.
"ވަރަށް ލަސްވެއްޖެ ހިނގަ ނިދަން އުޅެމާ. މާދަމާ ހެނދުނާ މާމަ ޖެހޭ އެއް ކުއްޖެއްގެ ބޭސްގަނޑު ނަގަން ދާން" މާމަ ބުނެލިއެވެ. އަލަމާރިން ނެގި މަދިރި ދުންދަނޑިން ފޮށިން ދުންދަނޑިއެއް ނަގާ ރޮއެކޮށްލާފައި އެއްފަރާތުގައި ބެހެއްޓުމަށްފަހު މާމަ އޮށޯތްއިރުވެސް އަހަރެންނަށް އިނދެވުނީ ވިސްނުމެއްގައެވެ.
ޖެހިގެން އައި ދުވަހު މާމަ ބޭސްގަނޑު ނަގަން ދިޔުމުން ގޯތީގައި އަހަރެން އެކަނިވިއެވެ. އެހެންކަމުން ހަޑިވެފައި ހުރި ތަށިތައް ނަގާފައި ޖޯލީގައި އޮށޯވެލައިގެން އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. ދެލޯ ހުޅުވާލިތަނާ ފޯނަށް އައި މެސެޖެއް ބަލައިލިއިރު ވިއާން ހެނދުނުގެ ސަލާން ފޮނުވާފައި އޮތެވެ. އެހެންކަމުން އަހަރެންގެ ދުވަސް ފެށުނީ ވަރަށް ވަރަށް އުފާވެރިކޮށެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވެގެން ފުންމައިގެން ތެދުވީމެވެ. އިލޮށިފަތި ހިފައިގެން ބޭރަށް ނިކުމެ މަގުމަތި ކުނިކަހަން ފެށީމެވެ. މަގަށް ނިކުތް އުމުރުން ދުވަސްވީ ދެތިން އަންހެނުން އަހަރެންނަށް ހިނިތުންވުމެއް ދީފައި ވަކިން ހުރި ކުނިފުންޏެއް ނަގަން ފެށިއެވެ. ބައިސްކަލެއް ކައިރިއަށް މަޑުކޮށްލިތަން ފެނުމާއެކު އަހަރެންގެ ނަޒަރު ބައިސްކަލުގައި އިން ޒިޔާނަށް ހުއްޓިއްޖެއެވެ. އަހަރެން ވާހަކަދައްކަން ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ފޮނި މީހަކަށް ނުވާންވެގެން ކުޑަކޮށް ހީލީމެވެ.
"މަލް، ކިހިނެއްތަ؟" އަހަރެން ބަހެއް ނުބުނުމުން ޒިޔާން އެހިއެވެ.
"ރަނގަޅު" އަހަރެން ބުނީމެވެ.
"މަންމަ ބުނި މަލް އައި ވާހަކަ" ޒިޔާން ބުނެލިއެވެ.
"އާނ. އަހަރެން އެގެއަށް ދިޔައީ އެއީ ޒިޔާންގެ މަންމައަށް ވީމައެއްނުން. އެމީހާއަކީ އަހަރެން މަންމަ ކަމުގައި ދެކޭ މީހަކަށްވާތީ. އެހެންވެ ދިޔައީ" އަވަސް އަވަހަށް އަހަރެން ބުނީމެވެ. ޒިޔާން އަހަރެން އެގެއަށް ދިޔުމުން ނުބައި ގޮތަކަށް ވިސްނުމުގެ ކުރިން އަހަރެން ބުނީމެވެ.
"ހެހެހެ... މަންމަ އެއްވެސް ވާހަކައެއް ދެއްކިތަ؟" ޒިޔާން އެހިއެވެ.
"ބައިވަރު ވާހަކަދެއްކި. އަހަރެން ވަރަށް ސާފުކޮށް މަންމައަށް ޖަވާބުދިނިން" އަހަރެން ބުނީމެވެ.
"އެކަމު ނުބުނެއެއްނު ވަރަށް އަވަހަށް މާލެ ބަދަލުވާން އުޅޭ ވާހަކަ" ޒިޔާން ބުނެލިއެވެ.
"މަންމަ މާލެ ބަދަލުވާން އުޅޭކަން އަހަރެންނަށް އިނގުން މުހިންމެއްނޫން. އަހަރެންނަށް ނިމުނީ މަންމަ ހުރި ތަނެއްގައި ހެޔޮ ހާލުގައި ހުންނަނިކޮށް. އެހެންނޫނަސް ޒިޔާން މިގަޑީގަ މިތާ ތިހުންނަނީ ކީއްކުރަން. މިހާރު އޮފީހަށް ދިޔުމެއްވެސް ނެތީތަ؟" އަހަރެންނަށް ބުނެވުނެވެ. އަހަރެން އެވަރަށްވެސް ޒިޔާނާ ވާހަކަދައްކަން ނުޖެހޭކަން އިނގުނީ އަނގައިން ބަސް ބޭރުވި ފަހުންނެވެ. އެހެންނަމަވެސް ޒިޔާން އެތަނުގައި ހުންނާތީ އަހަރެންނަށް އުނދަގޫވެއެވެ. މަގުމަތިން ހިނގާފައި ދާ މީހުންގެ ނަޒަރު އަހަރެން ހުރި ދިމާލަށް ހުއްޓެން ފަށައިފިއެވެ.
"ވަޒީފާއަށް ދަން. އެކަމަކު ދާހިތަކުން ނޫން. އަހަރެން މުޅިން ބަރުބާދުވެއްޖެ. ނުވިސްނާ ދިރިއުޅުމުގައި ނިންމުނު ނިންމުމެއްގެ ސަބަބުން އަހަރެންގެ މުސްތަގުބަލު އަނދިރިވެއްޖެ. އެއްވެސް ކަމެއް ކުރަނީ ކުރާހިތަކުންނޫން" ޒިޔާން ވާހަކަދެއްކިއެވެ. އަހަރެން އިތުރަށް އެ މައުލޫއަށް ޒިޔާނާ ވާހަކަދައްކަން ބޭނުމެއްނުވިއެވެ. އެހެންކަމުން ހުރި ހިސާބުން ކުނިކެހުން ހުއްޓާލާފައި އަހަރެން ވަނީ އެތެރެއަށެވެ. ޒިޔާނަށް ވަގުތު ދީގެން ދިރިއުޅުމާ ގުޅިގެން ވާހަކަދައްކަން އަހަރެން ބޭނުމެއްނުވިއެވެ.
ވިއާންގެ ފޯނަށް ގުޅަމުން އަހަރެން ފެންޑާއަށް ނިކުމެ މޭޒު ކައިރީގައި ހުރިި އަދަރާދު ގޮނޑީގައި އިށީނީމެވެ. އެއަށްފަހު އަތުގައި އޮތް ފޯނު ޗާޖަރަށް ޖަހާލާފައި މޭޒުގެ ބިއްދަށުން ހުރި ސްވިޗް ޖައްސާލީމެވެ. އެއަށްފަހު މަގުމައްޗަށް ހުޅުވޭ ކުޑަދޮރު ހުޅުވާލާފައި ލައިގެން ހުރި ހެދުން ގަޔާ ދުރުކޮށްލާފައި ތަޅުވާލީމެވެ. މެންދުރުގެ ގަދަ ހޫނުން ފެންޑާތެރެ ހީވަނީ ހުޅުފަޅަން އުޅޭ ހެންނެވެ. ކިރިޔާވެސް އާވި ބޭރުވީ ކުޑަދޮރު ހުޅުވާލުމުންނެވެ. ބްރޭކަށް ނިކުތް ވިއާން ގުޅާނަމޭ ބުނުމުން އަހަރެން މަޑުކޮށްލައިގެން އިނީ ކުރިން އިން ގޮނޑީގައެވެ. އަދިވެސް މާމަ ގެއަށް ނާދެއެވެ.
"ވިއާން" އެންމެ ރިންގަކާއެކު އަހަރެން ފޯނު ނަގައިފީމެވެ.
"އަންނަ ހަފްތާގަ އާދެވޭވަރު ވާނޭ މާމަ ބުނި. މަލް ބޭނުންތަ އަންނަން" ވިއާން އެހިއެވެ.
"ދާން ބޭނުން. ނުދާންވީތަ؟" އަހަރެން އެހީމެވެ.
"އުނހު. އަންނަންވާނެ" ވިއާން ބުނެލިއެވެ. އަހަރެން ހީލީމެވެ. ވިއާންގެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހިތް އުފާވެގެން ދިޔައެވެ.
"އަހަރެން ވާހަކައެއް ބުނަންތަ؟" ވިއާން ބުނެލިއެވެ.
"ވިސްނާފަ ނޫނީ ދިރިއުޅުމުގަ އެއްވެސް ނިންމުމެއް ނުނިންމާތި" ވިއާން ބުނެލިއެވެ. އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ. ވިއާން އެހެން އެބުނީ ކީއްވެގެން ހެއްޔެވެ؟
"ކީއްވެ ތިހެން ތިބުނީ" އަހަރެން އެހީމެވެ.
"އެއީ މަލް ޒިޔާނާ ބައްދަލުކުރިކަން އަހަރެންނަށް އިނގޭ. އެއީ މަލް އެތައް ދުވަހަކު ގުޅިގެން އުޅުނު ހަޔާތުގެ ބައިވެރިިޔާ. ދިރިއުޅުމުގެ އެތައް ކަމެއް ޒިޔާނާ ހުންނާނީ ހިއްސާކުރެވިފައި. އެކުގަ އެތައް ވަގުތެއް ހުންނާނީ ހޭދަކުރެވިފައި. ހަމަ އެގޮތަށް މަލް ވަރަށް ލޯބިވެސް ވީމެއްނު. މީހަކަށް ދިމާވާނެ ކަމެއް ބުނާކަށް ނޭނގެ. އެކަމަކު ޒިޔާން މިހާރު ހުރެދާނެ ދޯ މަލް އާ ގުޅެން ބޭނުންވެފަވެސް" ވިއާން ވާހަކަދެއްކިއެވެ. އަހަރެން ހައިރާންވިއެވެ. އެހުރިހާކަމެއް ބުނެދޭން ވިއާނަށް އިނގުނީ ކިހިނެއް ހެއްޔެވެ؟
"ދެން މާބޮޑަށް އެކަމާ ނުވިސްނާ. އަހަރެންނަށް އިނގޭ މަލް ކަމަކާ ވިސްނަން ފަށައިފިއްޔާ ސިކުނޑި ގޮވާވަރު ކުރާނެކަން" ވިއާން ބުނެލިއެވެ.
"ބަންގި ގޮވަން އެ އުޅެނީ. މިދަނީ މިސްކިތަށް ދާން އިނގޭ. ފޯނު ކަނޑައިލުމުގެ ކުރިން އަހަރެން އަދި އެއްވާހަކައެއް ބުނަން ބޭނުން" ވިއާން ބުނެލިއެވެ.
"ބުނެބަ" އަހަރެން ބުނީމެވެ.
"މަލް ކޮންމެހެންވެސް މާމަ އާއެކު އަންނާތި. އަހަރެންނަށް މިހާރު ވަރަށް އުނދަގުވާނެ މަލް ނުފެންނަންޏާ" ވިއާން ބުނެލިއެވެ. އެހެން ބުނެލިއިރު ވިއާންގެ އަޑުގައިވީ ތަފާތު އަސަރެކެވެ. އަހަރެންނަށް އެއްޗެއް ވިސްނައިދޭން އުޅުނު ކަހަލައެވެ. ފޯނު ކަންފަތާ ދުރުކޮށްލާފައި މޭގައި ޖައްސައިލެވުނުއިރު އަހަރެންގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން އިތުރަށް ފުންވިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ