ޕްރިންސް ހެރީ އަދި މޭގަން މާކެލްގެ އިންޓަވިއުއަށްފަހު އޯޕްރާ ވިންފްރީގެ ސުޕަ ސޯލްގައި މިފަހަރު ގެނެސްދީފައި މިވަނީ ޕްރިޔަންކާ ޗޯޕްރާގެ އިންޓަވިއުއެވެ.
މި އިންޓަވިއުގައި މައިގަނޑުގޮތެއްގައި ވާހަކަދައްކާފައިވަނީ ޕްރިޔަންކާ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އެކުލަވާލައި ނެރުނު ފޮތް ''އަންފިނިޝްޑް: އަ މެމޮޔަރ''ގެ މައްޗަށެވެ. އިންޓަވިއު ޕްރިމިއާ ކޮށްފައިވަނީ އިއްޔެ އެވެ.
ޕްރިޔަންކާ ބުނެފައިވަނީ، 2018 ވަނަ އަހަރު މިފޮތް ނެރުމަށް ވިސްނި ކަމަށާއި، ނަމަވެސް އަބަދު ދަތުރުކުރަން ޖެހުމާއި ވަގުތު ކުޑަވުމުގެ ސަބަބުން، މިކަން އޭރު މަޑުޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ޕްރިޔަންކާގެ ''އަންފިނިޝްޑް'' ނެރެ ނިއުޔޯކް ޓައިމްސްގެ ބެސްޓް ސެލަރއަށް މިވަނީ ވެފައެވެ. މިފޮތް ނެރުމާ ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ އަބަދުވެސް ފޮތެއް ލިޔަން ބޭނުންވާ ކަމަށާއި، އެގޮތުން އެންމެ ފަސޭހަވާނީ އަމިއްލަ މީހާގެ މައްޗަށް ފޮތެއް ލިޔަން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
އިންޓަވިއުގައި ޕްރިޔަންކާ ވަނީ މިފޮތުގައި ހިމެނޭ ގިނަ ކަންތައްތަކާ ބެހޭގޮތުން އިތުރަށް ވާހަކަދައްކައިފައެވެ. އޭނާއަކީ އިންޑިއާ މީހެއްކަމުން، ތަފާތު ދީންތަކުގެ ކަންކަން ގާތުން ފެނިފައިވާ ކަމަށާއި، ނަމަވެސް ހިންދޫއެއްގެ ގޮތުގައި އޭނާ ސާބިތުވެ ހުރި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އޭނާގެ ބައްޕަ ބަލިވެގެން އުޅުމަށްފަހު މަރުވި ދުވަސްކޮޅުގެ ވާހަކަ ދައްކަމުން، އެއީ ހުރިހާ ގޮތަކުންވެސް އޭނާ ބަލިކަށި ކޮށްލި ދުވަސްކޮޅެއް ކަމަށް ބުނެފައިވެއެވެ.
ހަނގާގެ ޝިކާރައަށްވި ގޮތުގެ ވާހަކަ ދައްކަމުން، ޕްރިޔަންކާ ބުނިގޮތުގައި އޭނާ އެމެރިކާގެ ބޮސްޓަންއަށް ބަދަލުވީ އުމުރުން 16 އަހަރުގައެވެ. ''ހައި ސްކޫލްގައި ކިޔެވި ދުވަސްވަރަކީ ވަރަށް ދަތި ދުވަސްކޮޅެއް. އެ އުމުރަކީ ހެދިބޮޑުވަމުން އަންނަ އުމުރަށްވެފަ، ހަށިގަނޑާ ދޭތެރޭ އަމިއްލައަށް ސަމާލުކަން ދޭން ފެށުނު ދުވަސްވަރުގައި، އަހަންނަށް ބާރެއް ނެތް ކަންކަމުގެ މައްޗަށް އަހަންނާ ބުލީކޮށް ހެދުން ވީ ދަތިކަމަކަށް. އެއީ އަހަރެން ލަދުގަންނަން ޖެހޭ ކަމެއްކަން އަހަރެންނަށް ކުރިން އެނގިފައެއް ވެސް ނެތް.'' އޭނާއަށް އަމާޒުވި ނަސްލީ ތަފާތުކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ޕްރިޔަންކާ ބުނެފައި ވެއެވެ.
ޕްރިޔަންކާ ބުނެފައިވާ ގޮތުގައި ނިކް އާ ދޭތެރޭ ފުރަތަމަ ހީކުރެވުނީ ރަނގަޅަކަށް ނޫނެވެ. ''އަހަރެންގެ އުމުރުން މިހާރު 35 އަހަރު، މި އުމުރުގައި އަހަރެން ވިސްނާނީ ކައިވެންޏެއް ކޮށްގެން ދަރިން ހޯދަން. ނިކް އުޅެނީ 20ގެ އަހަރުތަކުގައި، އެހެންވެ ހިއެއް ނުކުރަން އޭނާ އަހަންނާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނެ ކަމަކަށް. ނަމަވެސް ނިކް އާ ދޭތެރޭ އަހަންނަށް ވިސްނުނީ ގޯސްކޮށް.'' ޕްރިޔަންކާ ބުނެފައިވެއެވެ.
ނިކް އާ ބެހޭ ގޮތުން އިތުރަށް ވާހަކަދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ، ނިކް އާ ބައްދަލުވުމަކީ ހުރިހާ ކަމެއް ބަދަލުކޮށްލި ކަމެއް ކަމަށެވެ. އޭނާގެ އުފާތަކަށް އެއްބާރުލުންދީ، ހުރިހާ ކަމެއްގައިވެސް ހަގީގީ ބައިވެރިއެއް ގޮތުގައި ނިކް ހުންނަ ކަމަށެވެ. ނިކް އާއި އެކު އުޅުން ހަނދާންކޮށްދެނީ މައިންބަފައިން މަތިން ކަމަށާއި، ހަޔާތެއް އެކުގައި ބިނާކުރުމަށް ވިސްނައި، އަބަދުވެސް ގުޅިގެން ހުރިހާ ކަމެއްގައި އެކުއެކީ އުޅުނު ދެމީހުން ގެ ގޮތުގައި ޕްރިޔަންކާ ބޮޑުވަމުން އައިއިރު މައިންބަފައިން ފެނިފައިވާކަން ފާހަގަކުރިއެވެ. ''އަހަރެން ހައިރާންވެ އުފާވަނީ، ނިކްގެ ކިބައިންވެސް އެބައިވެރިވުން، އެ އެއްބާރުލުން ދޭތަން ފެންނާތީ.'' ޕްރިޔަންކާ ބުނެފައިވެއެވެ.
ޕީސީ ފާހަގަކޮށްފައިވާގޮތުގައި، އިންޑަސްޓްރީއަށް ނުކުތް ފުރަތަމަ ދުވަސްކޮޅު، އުނދަގޫ ކަންތަކާ ދިމާވި އެވެ. އެއްފަހަރަކު ޑައިރެކްޓަރަކު އޭނާއަށް ނެށުމަށް މަޖުބޫރުކުރި ކަން ޕްރިޔަންކާ ފާހަގަކުރިއެވެ. ''އަހަރެން ވަރަށް ބިރުގަތް. އަހަރެން މި އިންޑަސްޓްރީއަށް ވަރަށް އާ. އަދި އަހަރެމެން އަންހެން ކުދިންނަށް ވީތީ އަބަދުވެސް ވިސްނައިދީފައި އޮންނަނީ އެކުގައި މަސައްކަތް ކުރަން އުނދަގޫ މީހަކަށް ނުވުމަށް. އެގޮތުން އެތަނެއްގައި އެ އޮންނަ ސިސްޓަމަކާ އެއްގޮތަށް އުޅެން ދަސްކުރިކަމުގައި އޭނާ ބުނެފައި ވެއެވެ. ނަމަވެސް އޭރު އެކަމާ ދެކޮޅަށް ނުތެދުވެވުނީތީ ހިތާމަކުރާކަމުގައި ޕްރިޔަންކާ ފާހަގަކުރިއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް