ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ތޮއްޑޫގައި ފަސް މެގަވޮޓުގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ އިންޖީނުގެއެއް އިމާރާތް ކުރުމަށް ބިންގާ އަޅައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިއީ ތޮއްޑޫގައި މިހާރު ހިދުމަތްދެމުން އަންނަ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި، ފަސް މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އާ އިންޖީނުގެއެއްގެ މަސައްކަތް ފެށުމުގެ ބިންގާ ކަމަށެވެ.
ތޮއްޑޫ އަކީ މުޅި ރާއްޖެއަށް ދަނޑުވެރިކަމުގައި މަޝްހޫރު ރަށަކަށްވެފައި ކަރަންޓުގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވި އިރު އެ ރަށުގެ ކުލަބު ޖަމިއްޔާ ފޯރީގައި، ދެ ޖަމިއްޔާއަކުން ދެ އިންޖީނުގެއަކާއި، ދެ ޑިސްޓްރިބިއުޝަން ވިއުގައެއް ހިންގަމުން ދިަޔަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޭރުގެ ވިސްނުމާއި އެއްގޮތަށް ރަށުތެރޭގައި އާންމުން ދިރިއުޅޭ ހިސާބުތަކުގައި މި އިންޖީނުގެތައް ހުރުމާއެކު، ވަރަށް ބޮޑެތި އުނދަގޫތަކެއް ތޮއްޑޫގެ ރައްޔިތުން އައީ އެދުވަސްވަރު ތަހައްމަލު ކުރަމުން ކަމަށާއި ސްޓެލްކޯއިން އެރަށުގެ ކަރަންޓުގެ ހިދުމަތާ ހަވާލުވެ، ފުރަތަމަވެސް އެރަށުގެ އާންމުން ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެންމެ މަގަތުގައި ހުރި އިންޖީނުގެ އުވާލީ ކަމަށްވެސް އެކުންފުނިން ބުންޏެވެ. އަދި ދެވަނައަށް ހިންގަމުން އައި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް، ހިދުމަތް ދެމުން އައި ކަމަށާއި، ނަމަވެސް ރައްޔިތުންނާ ވީހާވެސް ދުރުގައި، އާ އިންޖީނުގެއެއް އެޅުމަށްޓަކައި ބިމެއް ހަމަޖެއްސުމަށް މަސައްކަތް ސްޓެލްކޯ އިން ކުރަމުން ދިޔަ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ތޮއްޑޫއަކީ އާބާދީ ބޮޑު، ބިން ތަނަވަސް، ދަނޑުވެރި ރަށަކަށްވާ އިރު، ލޯކަލް ޓުއަރިޒަމަކީވެސް އެރަށުގައި ފައްކާވަމުން އަންނަ ސިނާއަތެކެވެ. ތޮއްޑޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއަކީ ޒަމާނީ ފަސޭހަތަކާއެކު، ޒަމާނުއްސުރެ އިންޖީނުގެތަކާ މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލައި، ރަށުގެ ރީތި ނަލަ ލޭންޑްމާކަކަށް ވާ ގޮތަށް، ކަސްޓަމާސާވިސް އިމާރާތަކާއެކު އަޅާ އިންޖީނުގެއެއް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ކަރަންޓު ކުންފުނިން ބުނީ ތޮއްޑޫގައި އަލަށް ގާއިމުކުރާ އިންޖީނުގޭގެ އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި، މީޓިންތަކަށް ކަމަށެވެ. އަދި ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވާނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށް ނިންމާފައިވާއިރު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރެވޭނެ ކަމަށާއި އަދި މުޅި އިންޖީނުގެއަކީވެސް މަސައްކަތް ކުރަން ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު