2004 ވަނަ އަހަރު އޭޝިއާ ސުނާމީގައި ގެއްލުނު އިންޑޮނޭޝިއާ މީހަކު ފެނިއްޖެއެވެ.

އިންޑޮނޭޝިއާ އަށް މީގެ 16 އަހަރު ކުރިން އައި ބާރުގަދަ ބިންހެލުމާއެކު ގިނަ ގައުމުތަކަކަށް ސުނާމީގެ ބޮޑެތި ރާޅުތައް އަރައި ބޮޑެތި ގެއްލުންތަކެއްވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލި އަދި މަރުވެފައި ވެއެވެ.

އެ ސުނާމީގައި އިންޑޮނޭޝިއާއިން ގެއްލުނު ބައެއް މީހުން ނުފެނި ގިނަދުވަސްތަކެއް ވުމުން އެމީހުން މަރުވެފައިވާ ކަމަށް ވަނީ ނިންމާފައެވެ.

ސުނާމީގައި އިންޑޮނޭޝިއާއިން ގެއްލިފައިވާ އެގައުމުގެ ސިފައިންގެ މީހަކު މިވަނީ ގިނަ އަހަރުތަކެއް ފަހުން ފެނިފައެވެ. އަބްރިޕް އާސެޕް ނަމަކަށް ކިޔާ އެ މީހާ ގެއްލިފައިވާއިރު އޭނާ މަރުވެފައިވާ ކަމަށްވެސް އާއިލާއިން އޮތީ ނިންމައިފަ އެވެ. ސުނާމީ އެރި އިރު އާސިޕް ހުރީ ޑިއުޓީގަ އެވެ.

އާސެޕްގެ ފޮޓޯއެއް އާއިލާގެ ޗެޓް ގްރޫޕަކުން ފެނުމާއެކު އެ އާއިލާއަށް ވަނީ ހައިރާންކަމެއް ލިބިފައެވެ. ފުުލުހުން މެދުވެރިކޮށް އާއިލާއިން ވަނީ އެއީ އާސެޕް ކަން ކަށަވަރުކޮށްފައެވެ.

ސުނާމީގެ ހާދިސާގައި އާސެޕްގެ ސިކުނޑިއަށް ގެއްލުން ލިބި ހާއްސަ ހޮސްޕިޓަލެއްގައި ދިޔައީ ފަރުވާ ދެމުންނެވެ. ގެއްލުނު ފަހުން މިދިޔަ 16 އަހަރުގެ ދިގު މުއްދަތުގައި ވެސް އޭނާ އަށް ފަރުވާ ދެމުން އައީ އެ ހޮސްޕިޓަލުގަ އެވެ. އިންޑޮނޭޝިއާގެ އެ ހޮސްޕިޓަލުން އޭނާގެ ހަބަރު އާއިލާއަށް ނާންގައި އޮތޯ ކީއްވެކަން އަދި ވަނީ ކަށަވަރު ނުވެފަ އެވެ.

އާއިލާއިން އާސެޕް އާ ހަވާލުވެފައިވާއިރު އޭނާއަށް ސިކުނޑީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.