ޕީޕީއެމް 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު މިރޭ "ވަން" އަށް ވިދާޅުވީ، “މަގޭ ފްލެޓު ކޮބާ؟”ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ހިންގި ކަންތައްތަކުގެ ރިޕޯޓު ފުލުހުންގެ ފަރާތުން އީސީއަށް ލިބުމުން އެ ރިޕޯޓަށް ޖަވާބު ދާރީވުމަށް ޕީޕީއެމަށް އެންގި ކަމަށެވެ.

އަދި އެކަމަށް ހަތް ދުވަހުގެ މުއްދަތެއް އޮންނައިރު، ޕީޕީއެމުން ޖަވާބު ހުށަހެޅީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމުން ހުށަހެޅި ރިޕޯޓު ބަލައި ނުގަންނަން އީސީން ނިންމީ ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބު ނުދީ، ގާނޫނުގެ އެހެން މާއްދާތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، އެކަމާ ގުޅިގެން އީސީގެ ގާނޫނީ ޓީމުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން އެއް ފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައިވާއިރު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ދަނީ އެ ފިޔަވަޅާ ހިލާފުވެ، ތަފާތު ނަންނަމުގައި މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.