ބާރަވަނަ ބައި

ހިޔާލެއް ފިކުރެއްނެތި ނަބީލާއްތަ ގެއިން ނިކުމެގެން އަހަރެން ގެއާ ދިމާލަށް އަންނަނިކޮށް ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް ބައިސްކަލެއް މަޑުކޮށްލައިފިއެވެ. ސިއްސައިގެން ދިޔަވަރުން އަތުގައި ހުރިި މަތިޖަހާ ތަށި ނުވެއްޓުނީ ކިރިޔާއެވެ. ވެއްޓުނުނަމަ ބޮޑު އަނިޔާއެއް ވީސްކަން ޔަގީނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ފެނުނު ސޫރައަކުން އަހަރެންނަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ހީލަންވެސް ބޭނުމެއް ނުވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަންވެސް ހަނދާންނެތިއްޖެއެވެ. ދެލޯ މަރާލާފައި ހިނގައިގަންނަން އުޅުނު ވަގުތު އަހަރެންނަށް ހުއްޓެން މަޖުބޫރުވީ އެމީހަކު އަހަރެންގެ ނަމުން ގޮވައިލުމުންނެވެ.

"މަލް، އެންމެ މިނިޓަކު މަޑުކޮށްލަދީފާނަންތަ؟" ޒިޔާން ބުނެލިއެވެ.

އަހަރެން މަޑުކުރަން ބޭނުމެއް ނުވިއެވެ. މަޑުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ޒިޔާނުގެ ބުނެގެން އަހަރެން މަޑުކުރަން އެއީ އަހަރެންގެ ކާކު ހެއްޔެވެ؟ އެއްވެސް މީހެއް ނޫނެވެ.

"ޕްލީޒް މަލް،" ކުރިއަށް ފިޔަވަޅެއް އަޅައިލިތަނާ އަނެއްކާވެސް ޒިޔާން އަޑު އިވިލިއެވެ.

އަހަރެން އަޅައެއްނުލަމެވެ. އަހަރެންނަށް އަޑެއް ނީވެއެވެ. ކުރިއަށް ދިޔައީ ދެފަޔަށް ބާރު ލާފައެވެ. ހިސާބުގަނޑު ގެއަކުން ނިކުތް އަންހެނަކު ޒިޔާނަށް ބަލައިލީ ފާޑަކަށެވެ.

"މިހާރު އެމަންޖެ ގޮވާ މަޑުތިކުރުވަނީ ކީއްވެ؟" އަނގަ ގަދަ މީހަކީ ކަންނޭނގެއެވެ. ޒިޔާނަށް އެތިވަރު ގޮވައިގަތެވެ. ފުރަތަމަ ހުރީ އެންމެ މީހެކެވެ. މީހަކަށް ފަހު މީހަކު ތަނަށް ޖަމާވާން ފަށައިފިއެވެ. އެވަގުތު ޒިޔާން ގަންނާނެ ލަދު އަހަރެންނަށް އިހުސާސް ކުރެވުނެވެ. ބޮޑުކަންތައްގަނޑެއް ހިލުވާލަން ބޭނުންނުވާތީ އަހަރެން މަޑުޖެހި ޒިޔާނަށް ބަލައިލީމެވެ.

"މިހިރީ މަޑުކޮށްގެން. ބުނަން އުޅުނު އެއްޗެއް ބުނޭ" އަހަރެން ބުނީމެވެ. އެހެންމަވެސް ޒިޔާނަށް ނުބަލަމެވެ.

"މިރޭ އަށެއް ޖަހާއިރަށް ތިގޭ ދޮރުމައްޗަށް ނިކުމެލައްޗެ. އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން" މީހުންގެ ނަޒަރުން ސަލާމަތްވާން ޒިޔާން ބޭނުންވީ ކަންނޭނގެއެވެ. ނުވަތަ އޭނާ ލަދުގަތީއެވެ. އަހަރެން ޖަވާބެއް ނުދެނީސް ބައިސްކަލު ކުރިއަށް ދުއްވާލައިފިއެވެ.

ގެއަށް ވަންއިރު މާމަ ހުރީ ސައިތައްޔާރުކޮށްފައެވެ. ބަދިގެ ކުރިމަތީގައި ހުރި ކުޑަ މޭޒެއް މައްޗަށް ހުނި ރޮއްޓާ ކަޅު ސައި އަރުވާފައި ހުއްޓެވެ. އަހަރެން ފެނުމާއެކު ނިކަން ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ. އަވަހަށް އެއްޗެއް ކާން އަންނާށޭ ބުނެލިއެވެ.

"ތިކައްކަން ދޭ ސައިތަށި ބޯލައިގެން" މާމަ ބުނެލިއެވެ. ފުނޑާފައި ހުރި ހަވާދުކޮޅު ބަދިގެއަށް ލާފައި އަހަރެން ނިކުމެ ގޮނޑީގައި އިށީނދެ ސައިބޯން ފެށީމެވެ. އަހަރެން ބަސްމަދުވެފައި އިންކަން މާމައަށް ފާހަގަވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ސުވާލު ފައްޗެއް އަމުނާލައިފިއެވެ.

"ދެންމެ މަގުމަތިން ޒިޔާން ބައްދަލުކޮށްފި" އަހަރެން ބުނީ އެވަރަށެވެ. ފަހުން ޒިޔާން ބައްދަލުކުރަން ބޭނުންވި ވާހަކަވެސް ބުނީމެވެ. މާމައަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވިއެވެ. އަހަރެން މާމަގެ ހިޔާލަކަށް އެދުނީމެވެ. ޒިޔާނާ ބައްދަލުކުރަންވީ ހެއްޔެވެ؟ ނޫނީ ފާޅުގައި ދެކޮޅު ހަދަންވީ ހެއްޔެވެ؟

"މަލްގެ ދިރިއުޅުން. މަލް ނިންމާނީ ގޮތް. މާމައަށް އިނގެނީ މަލް ރަނގަޅަށް ނުވިސްނާ ނުބައި ނިޔަތެއްގަ އެއްވެސް ކަމެއް ނުކުރާނެކަން" މާމަ ބުނެލިއެވެ.

މާމަ ފެންޑާއަށް ވަނުމުން އަހަރެން ރިހަ ކައްކަން ތައްޔާރުކުރަން ފެށީމެވެ. ނުބައި ވިސްނުންތަކާ ހިޔާލުތައް ސިކުނޑިން ނެރެލާފައި ފޯނުގައި ހުރި އަރަބި މަދަހަތަކެއް އަޅުވާފައި މޭޒުމަތީގައި ފޯނު ބޭއްވީމެވެ. އެހުރިހާ ވަގުތެއްގައި އަހަރެންގެ ވިސްނުމުގައިވީ ހަމައެކަނި ވިއާންގެ ތަސްވީރެވެ. ރަށަށް އައިސް މާގިނައިރުތަކެއް ނުވެއެވެ. ވިއާން ދެކިލާހިތުން އަހަރެން މޮޔަވާވަރު ވެއްޖެއެވެ. އަޑުނީވޭތާވެސް ގިނައިރުވެއްޖެކަން ހަނދާންވެއްޖެއެވެ. ބަދިގެއިން ނިކުމެ އެއްފަރާތުގައި ހުރި ސާފު ފެންތެލިން ފެންޖޯޑެއް ނަގައި ދެއަތް ދޮވެލާފައި ރޯނުގައި އޮތް ތުވާލިން ފޮހެލީމެވެ. މޭޒުމަތީގައި އޮތް ފޯނު ހިފައިގެން ގޮސް އިށީނީ ފެންޑާއަށް ވަންނަ ދޮރުގެ އެއްފަރާތު ވީރާނާވެފައި ހުރި ގަސްޕޮޓުތައް ކައިރީގައި ހުރި އަށިގަނޑު މަތީގައެވެ. ފޯނު ހުޅުވާލިއިރު ވިއާންގެ މެސެޖެއް ލިބިފައި އޮތެވެ. އަހަރެންގެ ފޯނަށް ރުފިޔާ ފޮނުވައިދީފައި އޮތްތަން ފެނުމުން ހީލެވުނެވެ. ވަކިން އޮތް މެސެޖުގައި ފޯނަށް ޑޭޓާ އަޅާފައި ވައިބަރ ޗެކް ކުރަން ބުނެފައި އޮތެވެ. އަހަރެން ލަހެއް ނުކުރަމެވެ. ލޯޑްވާން ނެގި ވަގުތުކޮޅުވެސް އަހަރެންނަށް އެއް އަހަރުހެން ހީވިއެވެ.

ވިއާން އަހަރެންނަށް ސެލްފީއެއް ފޮނުވާފައި އޮތްތަން ފެނުމުން ހިނިއައެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. ވިއާން އަހަރެންނަށް ފޮޓޯ ފޮނުވީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އަހަރެން ފޮޓޮއަކަށް ނޭދެމެވެ. އެހެންނަމަވެސް ތަންކޮޅެއް ގިނައިރު ވަންދެން އަހަރެންނަށް އެފޮޓޮއަށް ބެލުުނެވެ. ޒޫމްކޮށްގެން ބެލުނެވެ. ހީވީ ވިއާން ކުރިމަތިން ފެންނަމުން ދިޔަހެންނެވެ. މިނޫނީ އަދި އެހާ ގާތުން ވިއާނަށް އަހަރެންނަށް ބެލިފައެއް ނެތެވެ. ހިތްފުރެންދެން ބެލުނެވެ.

"ހާދަ ވަރަކަށް ތިބަލަނީ" އަހަރެން ސިއްސައިގެން ދިޔައީ ދާދި ގާތުން ވިއާންގެ އަޑު އިވުމުންނެވެ. އެއްވެސް އިހްތިޔާރަކާނުލާ އަހަރެންގެ އަތުގައި އޮތް ފޯނު އުނގުތެރެއަށް ވެއްޓުނެވެ. ވަށައިގެން ހޯދާލިއިރު ވިއާން ފެންނަން ނެތެވެ. އެއީ އަހަރެންނަށް ހީވި ގޮތް ހެއްޔެވެ؟ އާއެނކެވެ. ވިއާންގެ ތަސްވީރަށް އަހަރެން ގެއްލުނީ އެހާ ބޮޑަށެވެ. ފޮޓޯގައި ވިއާން ހަރަކާތްކުރާހެންވެސް އަހަރެންނަށް ހީވިއެވެ. ފޯނު ހިފައިގެން ފެންޑާއަށް ވަންނަން އުޅެނިކޮށް ފޯނު ރިންގުވާން ފަށައިފިއެވެ. ގުޅަނީ ވިއާނެވެ. އަހަރެންނަށް ހެވުނެވެ. އަލުން ފޯނު ހިފައިގެން ކުރިން އިންތަނުގައި އިށީނީމެވެ.

"އަހަރެން ބުުނިންތަ ވިއާން ކައިރީގައި ފޮޓޯ ފޮނުވާށޭ" ވިއާން އެއްޗެއް ބުނުމުގެ ކުރިން އަހަރެން ބުނީމެވެ.

"މަލް ހިތްހަމަނުޖެހިފަ ހުރީމަ ކުޑަކޮށް ހެއްވާލަން އުޅުނީ" ވިއާން ބުނެލިއެވެ. އެހިސާބުން އަހަރެން ހަނދާންވިއެވެ. ކުރީ ފަހަރު އަހަރެން ފޯނު ކަނޑައިލުމުން ވިއާން ހީކުރީ އަހަރެން ހިތްހަމަނުޖެހިފައި ހުރިހެންތާއެވެ. އެންމެ ރަނގަޅުތާއެވެ. އެ ބަހަނާގައިވެސް ވިއާންގެ ފޮޓޯއެއް ފެނިއްޖެއެވެ. އެންމެ ރަނގަޅުވާނީ ވިއާން ހީކުރިގޮތަށް ހިތްހަމަނުޖެހިފައި ހުރިކަމަށް އެކްޓް ޖެއްސުމެވެ.

"މަލް، އަހަރެން އެހެން ބުނި އެއްޗެއް ނޫން އެއީ. އައިމް ސޮރީ" ވިއާން ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ވިއާން ކިޔަމުންދިޔަ އެއްޗެހިން އަހަރެން ހުރީ ހެވިފައެވެ.

އެންމެފަހުން އަހަރެން ފޯނު ބޭއްވި ވިއާން ހިތްހަމަޖައްސައިދީފައެވެ. އަހަރެންނާ ޒިޔާނާ ގުޅުވައިގެން ދެން އެފަދަ އެއްޗެއް ނުބުނާނެ ކަމަށް ވައުދުކުރުވާފައެވެ.

ޒިޔާން ބުނި ގަޑިއަށް އަހަރެން ދޮރާށި ދޮށަށް ނިކުތީ މާމަ ކައިރީގައި ބުނެލާފައެވެ. ރަށުގެ މީހުން މަދު ހިސާބެއްކަމުން އަލިކަމަށް ވުރެ ބޮޑަށް ސަރަހައްދަށް ވެރިވެފައިވަނީ އަނދިރިކަމެވެ. މަދު މީހެއް ނޫނީ ފެންނާކަށް ނެތެވެ. ފުދޭވަރަކަށް ވައިޖެހެމުން ދިޔައެވެ. އަހަރެން ހުރެހުރެ ޒިޔާންގެ ހަބަރެއް ނުވުމުން އަހަރެން އެތެރެއަށް ވަންނަން އުޅެނިކޮށް އެންމެ ކައިރި ގޯޅިތެރެއިން ޒިޔާން ނިކުމެއްޖެއެވެ. އަހަރެން މަޑުޖެހިލާފައި ފުން ނޭވައެއް ދޫކޮށްލީމެވެ.

"ކޮންވާހަކައެއް ދައްކަން އުޅުނީ" އަހަރެން އެހީމެވެ. ބައިސްކަލް ފާރުކައިރީގައި ބަހައްޓާފައި ޒިޔާން ހުއްޓުނީ ދޮރާށި ހުރި ފާރުގައި ލެގިލައިގެންނެވެ. އޭނާ އެއްފަހަރު އަހަރެންނަށް ބަލައިލިކަން އިނގުނެވެ. ދެން އެއްޗެއް ނުބުނެ ހިނދުކޮޅެއް ވޭތުވިއެވެ.

"މަންމައަށް އިނގޭ މަލް އައިސް އުޅޭކަން" ޒިޔާން ބުނެލިއެވެ. އަހަރެންނަށް ހިންދިރުވައިލެވުނެވެ. އެ މަންމަ ފެންނަ ހިސާބަށް ގޮސްލަން ހިތްއެދުނެވެ. އެއީ އުފަން ދަރިއެއް ފަދައިން އޭނާއަށް އެތައް އަހަރުކު ލޯބިދިން މީހެކެވެ. ގެއިން ނިކުމެގެން އައީ އެމަންމައަށް އަންގައިވެސް ނުލައެވެ. މޫނު ދެކިވެސް ނުލައެވެ. ފަހުގެ ސަލާންވެސް ކޮށްނުލައެވެ.

"މަންމަ އުޅެނީ ވަރަށް ބަލިކޮށް" އަނެއްކާ ޒިޔާން ބުނެލިއެވެ.

"އަހަރެން ފުރުުމުގެ ކުރިން މަންމަ އާ ބައްދަލުކުރާނަން" އަހަރެން ބުނީމެވެ.

"އެއީތަ ޒިޔާން އަހަރެން ކައިރީގައި ދައްކަން އުޅުނު ވާހަކައަކީ. އެހެންވިއްޔާ އަހަރެންނަށް އަޑުއިވިއްޖެ" އަހަރެން ދޮރާށި ހުޅުވާލާފައި ވަންނަން އުޅެނިކޮށް ޒިޔާން އަހަރެންގެ އަތުގައި ހިފައިފިއެވެ. އަހަރެންނަށް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލެވުނެވެ. ޒިޔާންގެ ދެލޯ އަމާޒުވެފައި ހުރީ އަހަރެންގެ މޫނަށެވެ. އޭނާގެ މޫނުމަތީގައި ހުރި ކުލަވަރު ދިރާސާކުރަން އަހަރެން ބޭނުމެއްނުވިއެވެ. ވަގުތުން ޒިޔާންގެ އަތް ދުރަށް ފޮޅުވާލެވިއްޖެއެވެ.

"އަހަރެންގެ ގައިގައި އަތްލުމުގެ އެއްވެސް ހައްގެއް ޒިޔާނަކަށް ނޯންނާނެ" އަހަރެން ބުނީމެވެ.

"މަލް، އަހަރެންނަކީ ކުށްވެރިއެއް. އަހަރެންނަށް ކުރެވުނު ކުށް އިހުސާސް ކުރެވުނުތާ ކިތަންމެ ދުވަހެއް. މަލްގެ ނަންބަރަށް ވަރަށް ގުޅިން. އެކަމަކު އޮންނާނީ ނިވާފައި. އަހަރެންނަށް މައާފްކުރޭ" ޒިޔާންގެ ވާހަކަތަކުން އަހަރެންނަށް ޝޮކެއް ލިބުނު ކަހަލައެވެ. ޖަޒުބާތުގައި ޖެހި ޒިޔާނާ ގާތަށް ފިޔަވަޅެއް އެޅިއްޖެއެވެ. ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނުކަމެއްވެސް ނޭނގެއެވެ.

"މަލް، އަހަރެން އަލުން މަލް އާ ގުޅެން ބޭނުން. އަހަރެންނާ އިންނާނަންތަ؟" ޒިޔާން ބުނެލިއެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު އަހަރެންނަށް ހުއްޓެވިއްޖެއެވެ. ކަންފަތް ކައިރިން އިވެމުންދިޔަ ވައިގެ އަޑު އަހަރެންނަށް އެއްޗެއް އަންގައިދީފިއެވެ. ހަމަ ދުނިޔެއަށް އަހަރެން ގެނެސްދީފިއެވެ. ޒިޔާނަކީ އަހަރެންގެ މާޒީކަން އަންގައިދީފިއެވެ. ފޭސްބުކުން ފެނުނު ޒިޔާންގެ ކައިވެނީގެ ތަސްވީރު އަހަރެންގެ ލޯމަތީގައި އަތުރާލައިފިއެވެ. އަހަރެންގެ ހިތުގެ ވެރިޔާ އަހަރެންގެ ހިތުގައި ކޮށްޓާލިހެން ހީވިއެވެ.

"މަލް، އަހަރެންނަށް މައާފްކޮށްފިންތަ؟" ޒިޔާން ބުނެލިއެވެ.

އަހަރެންނަށް ހުއްޓުނީ ޒިޔާންގެ ކުރިމަތީގައެވެ. އަހަރެންގެ މަގްސަދަކީ ބަދަލު ހިފުމެއް ނޫނެވެ. އެހެންނަމަވެސް އަހަރެންގެ ހަޔާތަށް އިތުރަށް ޒިޔާން ބޭނުންނުވާކަން އޭނާއަށް އަންގައިދިިނުމެވެ.

ފަންކާއެއްނެތް ސީލިންގަށް ނަޒަރު ހުއްޓިފައި އޮތްއިރު އަހަރެންގެ ސިކުނޑީގައިވަނީ ޒިޔާން ދެއްކި ވާހަކަތަކެވެ. އަދިވެސް އެވާހަކަތައް އަހަރެންނަށް އިވޭ ކަހަލައެވެ. އަހަރެން ވަރިކުރި ފަހުން ޒިޔާން އިތުރު ކައިވެންޏެއް ކުރި ކަމަށް އެއްބަސްވިއެވެ. އެހެންނަމަވެސް އެ ކައިވެނި ވަނީ ރޫޅިފައެވެ. ޒިޔާން ބުނާ ގޮތުން އެ ދިރިއުޅުން އޭނާއަށް ކުރިއަށް ނުގެންދެވުނީއެވެ. އަހަރެންގެ ހަނދާންތައް އޭނާގެ މުސްތަގުބަލަށް ހުރަސް އެޅީއެވެ. އެއް އެއްޗެއްގެ މުހިންމުކަން އިނގޭނީ އަތުން އެއް އެއްޗެއްގެ ބީވެގެން ދިޔުމުންކަން ތަކުރާރުކޮށް ޒިޔާން ބުންޏެވެ.

އަހަރެން ޒިޔާނަށް މަޢާފްކުރީމެވެ. އެހެންނަމަވެސް އިތުރަށް ޒިޔާނަށް ދޭނެ އެއްޗެއް އަހަރެން އަތުގައި ނެތްކަމަށް އަންގައިދިނީމެވެ. ޒިޔާން އަހަރެންނަށް މުހިންމެއް ނޫނޭ ބުނީމެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. ޒިޔާން ހަޔާތުން އޭނާ އަހަރެން އެއްފަރާތް ކުރިކަން އެއީ އަހަރެންނަށް ކޮށްދިން ހެޔޮ ކަމެއް ކަމުގައި ބުނީމެވެ. އެކަމަށް އަހަރެން ޒިޔާނަށް ޝުކުރުއަދާކުރީމެވެ. އަހަރެންގެ ހަޔާތުގައި ވަރަށް ހާއްސަ މީހަކު ހުރިކަމަށް ބުނެލި ވަގުތު ޒިޔާންގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔަތަން އަހަރެން ދުށީމެވެ. އަހަރެން ހީކުރީ ޒިޔާނަށް ދެވަނަ ފުރުސަތެއް ދޭން އިންކާރުކޮށްފައި އަހަރެންނަށް ގޭތެރެއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ ކަމަށެވެ. އަހަރެންގެ ހިތުގައި ޒިޔާނަށްޓަކައި ފަސްއަޅާ ފޮރުވިފައި ހުރި ޖަޒްބާތުތައް އަހަރެންގެ ދެފައިގައި ހިފަހައްޓާނެ ކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. އަހަރެންގެ ހިތުގައި ޒިޔާނަށްޓަކައި އެއްވެސް އިހުސާސެއް ނެތްކަން މިއަދު އަހަރެންނަށް އިނގި ސާފުވެއްޖެއެވެ. އޮތްނަމަ އަހަރެންނަށް ދުލުން އެބަސްތައް ބޭރުކުރަން ފަސޭހަ ނުވީހެވެ. ޒިޔާނަށް ފުރަގަސް ނުދެވުނީހެވެ. ދެވަނަ ފުރުސަތުވެސް ތިންވަނަ ފުރުސަތުވެސް ޒިޔާނަށް ދެވުނީހެވެ.

އާދުވަހެކެވެ. ދުނިޔެމަތި ރީތި ސާފު ނަލަނަލަ ދުވަހެކެވެ. ހޫނު ގަދަޔަސް ޖެހެމުންދާ ވައިން އެއްވެސް ހޫނުގެ ގިނި ވަނީ މަޑުކޮށްލާފައެވެ. މާމަ ބޭސްގަނޑު ތައްޔާރުކޮށްގެން ގެއިން ނިކުތުމުން އަހަރެން މަޑުކުރީ މެންދުރަށް ކެއްކުުގައެވެ. މާމަ ބުނެފައިވަނީ ދެ ގެޔަކަށް ދާންޖެހުމުން މާމައަށް ގެއަށް އާދެވޭނީ ލަހުން ކަމުގައެވެ. އަހަރެން ކައިރީގައި އެކުގައި ދާން އެދުމުން އަހަރެން ދެކޮޅު ހެދީ ގޯތިތެރޭގައި ބައެއް މަސައްކަތްތައް ކުރަން ހުރުމުންނެވެ. މާމައަށް ފަސޭހަކޮށްދިނުމަށްޓަކައެވެ. ދަރު އުނދުނަށް ބަތްތަވާ އުދާފައި އަހަރެންނަށް ބަލައިލެވުނީ ސައިކުރާ ބަހައްޓާފައި ހުރި ގާގަނޑު މަތީގައި އޮތް އަހަރެންގެ ފޯނަށެވެ. ހެނދުނު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އިރުއެރިފަހުން ވިއާންގެ ހަބަރެއްނުވާތީ އަހަރެން ކަންބޮޑުވިއެވެ. މިނިޓަކު ތިންހަތަރު ފަހަރު އަހަރެންނަށް ގުޅާ މީހާގެ އެއްވެސް ހިލަމެއް ނުވުމުން އަހަރެން ވިއާން މަތިން ވަރަށް ހަނދާންވާން ފަށައިފިއެވެ.

ކައިރި ގެއަކުން މާމަގެ އެކުވެރިއަކު ގެނެސްދީފައި ހުރި ރިހާކުރުތަށި ކުޅިކުރަން ތައްޔާރުކުރަމުން ދިޔައިރުވެސް އަހަރެންނަށް ބެލެނީ ފޯނަށެވެ. ކުރިން ވިއާނަށް ގުޅާލަން ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެހެންވިޔަސް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދެވެން ނެތުމުން އަހަރެން ހުރީ ފަހުން ގުޅާށެވެ. ގެއަށް އަންނައިރު މާމަ ހުންނާނީ ވަރަށް ހައިވެފައެވެ. މާމަ އަންނައިރު ކާއެއްޗެއް ނެތިއްޔާ މާމަ ދެރަވާނެއެވެ. ކާއެއްޗެއް ރޯފިލުވަން އުޅުނިއއްޔާ ވާނީ ހައްތަހާ ގިނަ އިރެވެ.

"އެވާނީ މިއަދު ވިއާން ބިޒީވީމަ ކަމަށް. އެހެންނޫނީ އޭނަ އަހަރެންނަށް ގުޅާނެ" އަހަރެން އަމިއްލައަށް ހިތަށް ވިސްނައިދިނީ މެވެ.

އަޞުރު ނަމާދުކޮށް އަވަދިވިތަނާ ފަތްޖެހި އެނދުމަތީގައި އޮތް އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވިގެން ބަލައިލެވުނެވެ. ފޯނާ ދިމާލަށް ދުވެފައި ދެވުނުއިރު ޒިކުރު ތަސްބީހަ ކިޔުމަށް އެއް އަތުގެ އިނގިލިތައްވެސް ވަނީ މެޅިފައެވެ. އެނދުގައި އިނދެ އަވަސް އަވަހަށް ތަސްބީހަ ކިޔާ ނިންމާލާފައި ފޯނު ނަގާފައި ބަލައިލިއިރު އައިސްފައި އިނީ ދިރާގު މެސެޖެކެވެ. މާޔޫސްކަމާއެކު ފޯނު ދުރުގައި ބާއްވާފައި އަހަރެން ތެދުވެ ނަމާދު ބުރުގާ ނެގީމެވެ. އެހުރިހާއިރު މާމަ އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުރިކަމެއް ނޭނގެއެވެ. އެކަން އިނގުނީ މާމަ ވާހަކަދެއްކުމުންނެވެ.

"ހާދަ މާޔޫސްވެފަ. އަނެއްކާ ކިހިނެއްވީ؟" މާމަ އެހިއެވެ.

"މާމާ، މިއަދު ވިއާންގެ ހަބަރެއްވިތަ؟" އެންމެ ފަހުން އަހަރެންނަށް އެހިއްޖެއެވެ. މާމަ ހީލިގޮތް ފެނުމުން އަހަރެން ލަދުގަތެވެ. އަހަރެންގެ ހިތް މާމަގެ ކުރިމަތީގައި ބޭޒާރުވަނީ ހެއްޔެވެ؟

"ރޭގަ ގުޅި. މަލް އެސޮރާ ބައްދަލުކުރަން ބޭރަށް ނިކުތް ގަޑީގަ. އެހި މަލް ކޮބާހޭ. ފޯނެއް ނުނަގައޭ" މާމަ ބުނެލިއެވެ.

"ދެން މާމަ ބުނިންތަ އަހަރެން ޒިޔާނާ ބައްދަލުކުރަން ބޭރަށް ނިކުތް ވާހަކަ" އަހަރެންނަށް އެހުނެވެ.

"ދެން އެހީމަ ބުނާނެއްނު. އެހެން ބުނީމަ ރޭގަނޑުގެ ފަހު ސަލާންކޮށްލާފަ ފޯނު ބާއްވައިފި" މާމަ ބުނެލިއެވެ. މާމަ ޒިކުރު ފޮތް ހިފައިގެން އިށީނުމުން އަހަރެންނަށް ތުންފަތުގައި ދަތްއެޅުނެވެ. އަހަރެން ޒިޔާނާ ބައްދަލުކުރިކަން އިނގުމުން ވިއާން ހިތްހަމަނުޖެހުނީއެވެ. ވިއާން އަހަރެންނަށް ހަބަރެއްނުވެ އެހުންނަނީ ކޮންމެހެން އޭނާ ބިޒީކަމުން ނޫނެވެ. ހިތްހަމަނުޖެހިގެންނެވެ.

ފޯނު ހިފައިގެން އަހަރެން ގޯތި ތެރެއަށް ނިކުމެ ރުއްގަސްތަކާ ދިމާލަށް ގޮސް ރުއްގުޅި މަތީގައި އިށީނީމެވެ. ހަވީރުގެ ވަގުތުކަމުން މުޅި ގޯތި ތެރެއަށް ވަނީ ހިޔާއެޅިފައެވެ. މަގުމަތިން ކުދިބައެއްގެ ސަކަރާތުގެ އަޑު އިވެމުން ދިޔައެވެ. އަހަރެން ތެދުވެފައި ފާރުމަތިން ބޯހިއްލާފައި ބަލައިލިއިރު ޒުވާން ފުރައިގެ އަންހެންކުދިންތަކެއް ތިންމުގޯލި ކުޅެން އުޅޭތަން ފެނުނެވެ.

އަލުން އިށީނދެފައި އަހަރެން ވިއާންގެ ނަންބަރަށް ގުޅީމެވެ. ވިއާންގެ އަޑުއަހައިނުލާ އިތުރަށް ކެތެއް ނުވާނެއެވެ. ތިން ރިންގާއެކު ވިއާން ފޯނު ބިޒީކޮށްލައިފިއެވެ. އަހަރެން ދެރަވިއެވެ. އަހަރެންނާ ވާހަކަދައްކަން ވިއާން ބޭނުންނުވާކަން އިނގި ހާމަވެއްޖެއެވެ. އެވިސްނުމުގައި އިންދާ ވިއާން ގުޅައިފިއެވެ.

"ކީކޭ މަލް" ވިއާން ބުނެލިއެވެ.

"މިސް ޔޫ ވިއާން" އަހަރެން ބުނެލީމެވެ.

"އޯ ސީރިޔަސްކޮށްތަ" ވިއާން ބުނެލިއެވެ. އަޑުގައިވަނީ މަލާމާތުގެ އަސަރެވެ.

"ކީއްވީ. ވިއާން އެހެން ބުނީމަ އަހަރެންވެސް ބުނަނީ ތިހެންތަ؟" އަހަރެން ޝަކުވާ ކޮށްލީމެވެ.

"އަހަރެންނާ މަލް އާ ތަފާތު" ވިއާން ބުނެލިއެވެ.

"ކޮބާ ތަފާތެއް؟" އަހަރެން އެހީމެވެ.

"މަލް މިހާރު ތިހެން ބުނަންޖެހޭނީ އެހެން މީހެއް ކައިރީގަ" ވިއާން ބުނެލިއެވެ. އަހަރެންނަށް ވިސްނުނެވެ. ވިއާން އެދައްކަނީ ޒިޔާންގެ ވާހަކައެވެ. އަހަރެން ކައިރިއަށް ހިނިއައެވެ. ވިއާން ހީކޮށްގެން އެހުރީ އަހަރެންނާ ޒިޔާންގެ ބައްދަލުވުމަށްފަހު އަހަރެންގެ ހަޔާތަށް ޒިޔާން އައި ކަމަށެވެ.

އެއްޗެއް ބުނަން އުޅެފައިވެސް އަހަރެންގެ ވިސްނުން ބަދަލުވިއެވެ. ހީކުރާނެ އެއްޗެއް ހީކޮށްފައި ވިއާން ބަހައްޓާށެވެ. ވިއާން ތެޅޭވަރެއް ބަލައިލާނީއެވެ.

"ކީއްވެ ނުދާންވީ. ދާނަން. ލައްކަ ދުވަހު އަހަރެންނަށް ކެތްކުރެވިއްޖެ. ލަބީބަށް ދެން އަހަރެން ނުހުއްޓުވޭނެ. އަހަރެންގެ ޒިޔާން ހުރީ މާލޭގަ އަހަރެން ގޮވައިގެން އުޅެން ތައްޔާރަށް" އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ ޒިޔާންގެ މަންމަ ވާހަކަދެއްކި އަޑަށެވެ.

(ނުނިމޭ)