ހަޔާތުގައި ހާސިލުކުރަން ބޭނުންވާ މަގުސަދެއް އޮވެ، އެކަން ހާސިލުކުރަން މަސައްކަތް ނުކުރެވޭ ފަހަރު އާދެއެވެ. އެހިސާބަށް ވާސިލުވުމަށް ކުރަންވީ ކަންތައްތައްތަކަކީ ކޮބައިކަން އެނގުނު ނަމަވެސް އެކަމެއް ނުކުރެވޭ ގޮތް ވެއެވެ. އަދި ތިމާގެ ފޯކަސް ގެއްލޭ ކޮންމެ ފަހަރަކު އަމިއްލަ ނަފުސުދެކެ ރުޅިއައިސް، މިކަމުގެ އަސަރު އަމިއްލަ ސިއްހަތަށާއި، އަދާކުރާ ވަޒިފާއަށް، އަދި ގުޅުންތަކަށް ވެސް ކުރެއެވެ.

މިކަމުގެ ހައްލު އޮތީ އަމިއްލަ މީހާ ބާރުވެރިކޮށްގެންނެވެ މިކަން ކުރެވެން އަންނަނީ އަމިއްލަ ނަފުސަށް އިތުބާރުކޮށް، އިސްލާހު ކޮށްގެންނެވެ. އެހެން މީހުންނަށް ބަރޯސާ ނުވެ ނުވަތަ އެހެން މީހުން ތިމާ ކުރަންވީ ކޮންކަމެއްކަން ބުނަން ނުޖެހޭ ވަރަށް ހަޔާތުގައި އަމިއްލަ ކޮންޓްރޯލް ހޯދުމަކީ މުހިއްމު ކަމެކެވެ.

ޓީޗަރުނ، ޑޮކްޓަރުންނާ ކޯޗުން އަދި ޓްރެއިނަރުންވެސް އެމީހުންގެ ދަރިވަރުން/ޕޭޝަންޓުން/ކުޅުންތެރިން އަދި ބައިވެރިން މޮޅު ކުރުމަށްޓަކައި ނުވަތަ ހިތްވަރު ދިނުމަށް ފޯކަސް ކުރާނެ އެއް ކަމަކީ އެމީހާގެ އަމިއްލަ ނަފުސު އިސްލާހުކޮށް ބާރުވެރިކުރުވުމެވެ.

ނަފުސު އިސްލާހުކޮށްގެން ނޫނީ، ކުރަން ބޭނުންވާ ކަންކަން ހާސިލުވާކަށް ނޯވެއެވެ. މިސާލަކަށް: ކަސްރަތުކުރުން، ބޭކާރު ހަރަދު ކުރުން ހުއްޓާލުން، ގުޅުންތައް ރަނގަޅުކުރުން، ފަދަ ކަންކަމަށް ތިމާއަށް ބާރު ނުފޯރުވޭތީއެވެ.

އެހެން ކަމުން ފޯކަސްކޮށް ހުރުމަށާއި ކަންކަން ހާސިލުކޮށް ކާމިޔާބަށް ވާސިލުވުމަށް މަސައްކަތް ކުރުމަށް ޓަކައި އެންމެ މުހިންމު އެއް ކަމަކީ އަމިއްލަ ނފުސުގެ ކޮންޓްރޯލެވެ. އެ ކޮންޓްރޯލު ހޯދުމަށް ޓަކައިވެސް ކަންތައްތަކެއް ކުރާން ޖެހެއެވެ. މި އާޓިކަލް ގައި މި ބަލައިލަނީ އެ ގޮތުން ކުރެވިދާނެ އަށް ކަމެއްގެ މައްޗަށެވެ.

ހާސިލުކުރަން ބޭނުންވާ ޓާގެޓް ވަރަށް ކައިރީގައިވާނަމަ، އެހިސާބަށް ދިއުމަށް ޝައުގުވެރިކަން އުފެދޭ ގޮތް ވެއެވެ. މިސާލަކަށް، ދާން ވަރަށް ބޭނުންވާ ކައިވެންޏެއް ނުވަތަ ހާއްސަ ހަފުލާއެއް އޮވެއްޖެނަމަ، ހިކެން ޓާގެޓްކޮށް، އެކަން ކުރުމަށް މޯޓިވޭޓް ވެއެވެ. އެކަމަށް މަސައްކަތްކޮށް، ކެއުން މަދުކޮށް ގަވައިދުން ކަސްރަތު ކުރެވޭތަން އާދެއެވެ.

ނޫނީ ތިމާ ވަރަށް ބޭނުންވާ ޕްރޮމޯޝަނެއް ނުވަތަ މަގާމެއް ލިބުމުގެ މަގުފަހިވެފައި ވާނަމަ، ގަޑިން ގަޑިއަށް އޮފީހަށް ގޮސް، މަސައްކަތްތައް ވަގުތުން ނިންމައި ކަންކަން ރަނގަޅުކުރުމަށް އުނދަގޫވެގެނެއް ނުދެއެވެ.

މޯޓިވޭޝަން އުފެދިގެން އަންނަނީ ''މޯޓިވް'' މިބަހުންނެވެ. މޯޓިވް އަކީ މަގުސަދެވެ. މޯޓިވޭޝަން އަކީ އެމަގުސަދަށް ވާސިލުވުމަށް އުފެދޭ ޝައުގުވެރިކަމެވެ. ނޫނީ އެކަމުގެ ފަހަތުގައިވާ ބާރެވެ. އެހެން ކަމުން ކަންކަން ހާސިލުކުރުމަށް ކުދި ކުދި ލަނޑުދަނޑިތަކެއް ކަނޑައަޅައި ޝައުގުވެރިކަން އުފެއްދިދާނެއެވެ.

ވަރަށް ގިނަ ފަހަރު މީހަކު ހާސިލުކުރަން ބޭނުންވާ ފޯކަސް ވަށައިގެންވާ މާހައުލުން ގެއްލުވާލައެވެ. މިސާލަކަށް ހިކެން ބޭނުންވާ މީހަކު، އޭނާ އަތުޖެހޭ ހިސާބުގައި، ސޮފްޓް ޑްރިންކްސް އާއި ސީރިއަލްސް ފަދަ އެއްޗެތި ހުންނަ ނަމަ އޭނާއަށް ހިކެން ކުރާ މަސައްކަތަށް ހުރަސް އެޅެއެވެ. އޭގެ ބަދަލުގައި، އަތު ޖެހޭ ހިސާބުގައި ސިއްހަތަށް ފައިދާހުރި ކާނާ ގެންގުޅެވޭ ނަމަ، މިކަމަށް އެހީވެދެއެވެ.

ނިންމަން ޖެހޭ ބޮޑު ޕްރޮޖެކްޓެއް އޮވެއްޖެ ނަމަ، ކޮންފެރެންސް ރޫމެއްގެ އެހީ ހޯދައި ސޯޝަލް މީޑިއާ ނޮޓިފިކޭޝަން ފޯނުން އޯފް ކޮށްލެވިދާނެއެވެ. ނުވަތަ ފޯނު ދުރުގައި ބޭއްވުމުން، މަސައްކަތަށް ދެވޭ ފޯކަސް ބޮޑުވާނެ އެވެ.

ތިބާއަކީ ގޭގައި މަސައްކަތްކުރާ މީހެއް ނަމަ، ގޭތެރޭގައި ހިނގާ ކަންކަމުން، ކުރަން އުޅޭ މަސައްކަތަށް ދެވޭ ސަމާލުކަން ކުޑަވާނަމަ، މާހައުލު ބަދަލުކޮށްލާށެވެ. ހުސް ކޮޓަރިއަކަށް ދިއުން، ނުވަތަ ކައިރީ ހުރި ކެފޭއެއްގައި އިނދެ އެމަސައްކަތަށް ފޯކަސް ކުރެވިދާނެއެވެ.

ކުރަން އުޅޭ ކަމަކަށް ވަށައިގެންވާ ކަންކަމުން ހުރަސް އެޅޭ ނަމަ، އެކަމެއް ހުއްޓާލުމުގެ ބަދަލުގައި މާހައުލު ބަދަލުކޮށް، އެކަމެއް ހާސިލުކުރަން މިފަދައިން މަސައްކަތްކުރެވިދާނެއެވެ.

ކުރިން ފާހަގަކުރެވިފައި އެވަނީ ކުދި ކުދި ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން އެކަމަށް ޝައުގުވެރިކަން އުފެއްދުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

ބޮޑުކަމެއް ހާސިލުކުރުމަށް ބޭނުންވާ ނަމަ، މަގުސަދު ދެނެގަންނާށެވެ. އަދި އެ މިސްރާބަށް ވާސިލުވުމަށް ސުންގަޑިއެއް ކަނޑައަޅާށެވެ.

މިސާލަކަށް، ތިބާއަކީ ވިޔަފާރިވެރިއެއްނަމަ ކޮންމެ މަހެއްގައިވެސް ކްލަޔަންޓުން ހޯދަން އަދަދެއް އެކުލަވާލެވިދާނެއެވެ. މަސް ނިމެންވާއިރަށް އެ އަދަދު ހަމަކުރުމަކީ ތިބާގެ މަގުސަދެވެ. އަދި އެކަން ހާސިލުކުރުމަށް، ކޮންމެ ދުވަހެއްގަވެސް އީމެއިލް ކުރާނެ ކްލަޔަންޓުންގެ އަދަދުތަކެއް ނިންމާށެވެ. ކޮންމެ ދުވަހެއްގެވެސް ސުންގަޑިއެއް ކަނޑައަޅައި، އެގަޑިއަށް ޓާގެޓްކުރި އަދަދަށް މަސައްކަތްކުރުމަކީ ތިބާގެ ޗެލެންޖެވެ.

ތިބާ ހާސިލުކުރަން ބޭނުންވާ ކަމެއްގެ މައްޗަށް ޒިއްމާވާނެ އިތުރު މީހަކު ނޫނީ ބަޔަކު ތިބުމުން، އެކަމަކަށް މަސައްކަތްކުރުމަށް ލިބޭ ހިތްވަރަކަށް ނުވަތަ ބާރަކަށް ވެގެންދެއެވެ. އެހެންގޮތަކަށް ބުނަނީ ނަމަ ''ޑްރައިވިން ފޯސް'' އަކަށް އެހެން މީހެއްގެ ހިތްވަރު ބޭނުންވާ ނަމަ، އެ މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން ހިޔާރު ކުރެވިދާނެއެވެ. މިސާލަކަށް، ކޯޗެއް ހުރުން، އެކުގައި ދުވަން ދާނެ ބައިވެރިއެއް ހުރުން ހިމެނެއެވެ.

ކަމެއް ބަދަލުކުރުމަކީ ބުރަ ކަމެކެވެ. ކުއްލިއަކަށް އެއްފަހަރާ ބޮޑު ބަދަލެއް ގެނައުމަށް އަހެރެމެންގެ ސިކުނޑިވެސް ގިނަ ފަހަރު މަސައްކަތް ނުކުރެއެވެ. އެހެނީ ވިސްނުން ހޭނިފައި ހުންނަނީ އާދައިގެ މަތިން ކޮށް އުޅޭ ކަންކަމަށެވެ. ނަމަވެސް މަޑުމަޑުން ބަދަލު ގެނައުމަށް މަސައްކަތް ފަށައިފިނަމަ، ގިނަ ދުވަސްވަމުން ދިޔަވަރަކަށް އެކަމަކަށް އާދަކުރެވިދާނެއެވެ.

މުހިއްމީ ކޮންމެވެސް ހިސާބަކުން ފެށުމެވެ. ކަމަކަށް ވާސިލުވުމަށް ކިތަންމެ ގިނަ ދުވަހެއް ނެގިނަމަވެސް، އެ މިސްރާބަށް ވާސިލުވުމުގެ މަސައްކަތް ކުރާނަމަ، އެކަމެއް ކޮންމެވެސް ދުވަހަކުން ހާސިލު ވުން އޮންނާނީ ކައިރީގައެވެ.

ކަމެއް ހާސިލުކުރުމަށް ނުވަތަ ކަމަކުން އަރައިގަތުމަށް ކުދިކުދި އާދަތަކެއް އަށަގެންނުވިދާނެއެވެ.

މިސާލަކަށް ކޮންމެ ދުވަހަކު ދުވަން ދާން ބޭނުންވާ މީހާ ދުވަންދާން ލާނެ އެއްޗެތި ނިދުމުގެ ކުރިން ނަގައި ތައްޔާރުކުރާށެވެ. އެލާމް ސެޓްކުރުމަށްފަހު ހިނގާފައިގޮސް ނިވައިލެވޭނެ ދުރުމިނުގައި ގަޑި ބަހައްޓާށެވެ. އެލާމް ނިއްވައިލުމަށް އެނދުން ތެދުވާ ގޮތަށް ބޮކިދިއްލައި، އެހިސާބަށް ދިއުމަށް ކިތައް ފިޔަވަޅު އެޅުނުތޯވެސް ގުނިދާނެއެވެ. މިކަހަލަ ކުދިކުދި އާދަ އަށަގެންނެވުމުން، އެކަމެއް ކުރުމަށް އެހީތެރިވެދެއެވެ.

ދުވަހުގެ ތާވަލު އެކުލަވާލުމަށްފަހު އެދުވަހެއްގައި ކުރަން ހުރި ކަންކަމުގެ ތެރެއިން އެންމެ މުހިއްމު ކަންކަން ފުރަތަމަ ކުރުމަށް އަމާޒު ހިފާށެވެ. ކަންކަން ގިނަ ވެ، ކުރަން ޖެހޭ މަސައްކަތްތައް ތާވަލު ނުކޮށް ހުރުމުގެ ސަބަބުން، އެންމެ މުހިއްމު މަސައްކަތް ފަހަށް ބެހެއްޓޭތަން އާދެއެވެ. ދުވަހުގެ ކުރީކޮޅުގެ ބޭނުން ރަނގަޅަށް ހިފާށެވެ.

ބަދަލުގެނައުމަކީ އުނދަގޫކަމެކެވެ. އެބަދަލަކަށް މީހާ ހޭނުމަކީވެސް އުނދަގޫ ކަމެކެވެ. މިހުރިހާ ކަމަކާ ކުރިމަތިލާއިރު، ހިތްވަރު އެލޭ ފަހަރުތައްވެސް އަންނާނެއެވެ. މިފަދަ ކޮންމެ ފަހަރަކު ތިމާ އެކަމެއް ދޫކޮށް ނުލާށެވެ. ކަނޑައަޅާ ލަނޑުދަނޑިތަކަށް އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވޭ ފަހަރުވެސް އަންނާނެއެވެ. ނަމަވެސް އެއީ އެކަމެއް ތިމަންނައަށް ނުވާނެ ކަމުގައި ނިންމައި ހުއްޓާލަންވީ ކަމެއް ނޫނެވެ. ފެއިލި ވުމަކީ މައްސަލައެއް ނޫނެވެ. މުހިއްމީ އެކަމެއް ހާސިލުކުރުމުގެ އަޒުމުގެ މަތީގައި ދެމިހުރުމެވެ. ކުށެއް ކުރެވުމުން އެއީ ފިލާވަޅެއް ކަމުގައި ދެކި އެކަމުން އަރައިގަތުމަށް މަސައްކަތް ކުރާށެވެ.

ކަމެއް ނުކުރެވުމުގެ ފަހަތުގައި އަބަދުވެސް ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. އަދި ކަމެއް ހާސިލުވުމުގެ ފަހަތުގައިވެސް ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. ތިމާ ބޭނުންވާ ސަބަބު ކަނޑައަޅާށެވެ. އަމިއްލަ ނަފުސު އިސްލާހުކޮށްގެން ހަޔާތުގައި ލިބޭނެ ގެއްލުމެއް ނެތެވެ.