Close
ރައްޔިތުންގެ މަޖިލިސް

މާއްޑޫ ކުއްޔަށް ނުދޭން ނިންމި ފަދަ މައްސަލަތައް ތަކުރާރު ނުކުރަން އެންގުމަށް މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ބ. މާއްޑޫ ކުއްޔަށް ދިނުމަށް 2020 ވަނަ އަހަރު ހުޅުވާލުމަށްފަހު، އެރަށް ދަނޑުވެރިކަމަށް ދޫނުކުރަން ފަހުން ނިންމި ނިންމުންފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ، ކޮވިޑް 19ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލޭ އަދި ގެއްލިފައިވާ ފަރާތްތަކަށާއި ރަށްރަށުގައި އާމްދަނީ ނުލިބިދާނެ ކަމުގެ ބިރު ހީވެފައިވާ ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ފޮނުއްވާފައިވާ ސިޓިގައި ބަޔާންކުރާ މައްސަލަތައް ބަލައި، މަޖިލީހުން ކުރަން ފެންނަ ކަންތައްތަކުގެ ގޮތުގައި، މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މިއަދު ފާސްކުރި ރިޕޯޓްގައި ހިމަނައިގެންނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ދަނޑުވެރިކަން ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ދޫކޮށްފައިވާ ފަޅުރަށްތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކާއި، މިނިސްޓްރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކުގެ އޮޑިޓެއް ހަދަން އެންގުމަށްވެސް އެ ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.

"ފަޅުރަށްރަށާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ބީލަމުގެ އުސޫލުން އަމިއްލަ ފަރާތްތަކަށް ރަށްތައް ހުޅުވާލާއިރު ދިމާވާ ގެއްލުންތައް ކުޑަ ކުރުމަށް ޑިއު ޑެލިޖެންސް ހެދުމަށާއި، ސަރުކާރުގެ ފަރާތުން ބީލަމަށް ހުޅުވާލުމަށް ގަސްތު ކުރާ ރަށްތައް ހިމެނިފައިވާކަން ކަށަވަރު ކުރުމަށާއި އެންމެހައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ރަށްތައް ހުޅުވާލުމަށާއި، ބީލަމުގެ އުސޫލުން އަމިއްލަ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ބ. މާއްޑޫ ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށްފަހު، އެރަށް ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް ނިންމެވުމުގެ ސަބަބުން އިންވެސްޓަރުންނަށް ކުރިމަތިވި ގެއްލުންތަކަށް ރިއާޔަތްކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޝަރީޒް މިިނިސްޓްރީއަށް އަންގަން ޖެހޭ،" ކަމަަށްވެސް އެ ރިޕޯޓުގައި ވެއެވެ.

އެ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއއްވައިގެންނެވެ.

އެގްރިކަލްޗާ މިނިސްޓްރީން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާއްޑޫ ހިމެނޭ ގޮތަށް ހަ ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައި، ބީލަމަށް ހުޅުވާލިއެވެ.

ނަމަވެސް ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި މާއްޑޫ ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް، އެ އަހަރުގެ ޑިސެމްބަރު މަހުގެ 14 ގައި އެ މިނިސްޓްރީން އިއުލާން ކުރިއެވެ.

އެ ނިންމުމާ ގުޅިގެން އެރަށް ބިޑް ކުރުމަށް ބީލަން ފޮތް ގަތް ފަރާތްތަކުން ބިޑިން ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

ނަަމަވެސް މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން ނިންމި ސަބަބެއް ބުނެފައެއް ނުވެއެވެ.

އެރަށް ދަނޑުވެރިކަމަށް ދޫކުރަން ނިންމުމުން އެ އަތޮޅުގެ ގިނަ ބަޔަކު އޭރު ޝަކުވާކުރިކަން ފާހަގަ ކޮށްލެވެއެވެ. އެއީ އެ އަތޮޅު ރައްޔިތުން މަޖާކޮށްލައި ހިތްހަމަޖައްސައިލުމަށް ދަތުރު ދާން އޮތް އެ ރަށް ދަނޑުވެރިކަމަށް ދޫކުރާތީއެވެ.