ދުވަސް ނުފުރާ ވިހާ ކުދިންގެ ތެރެއިން ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ވިހާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިގޮތަށް ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހޭ ކުއްޖެއް، ޓްރޭއެއްގައި މަރުވަންދެން ބާއްވާފައި އޮތް މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެމައްސަލަ އައިޖީއެމްއެޗުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ބައިގެން ދިއުން ކަމަށް ކަމަށާއި މިގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިއާޔަތް ކުރާ ކަމަށެވެ. އައިޖީއެމްއެޗުގައި ބައިގެން ދިއުން ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވިހައިފިނަމަ އެވެ.

އައިޖީއެމްއެޗުން ބުނީ ސިއްހީ ފަރުވާއަކީ އިލާހީ ގާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށާއި މި ކަންކަމަށް ރިއާޔަތްކޮށް ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށެވެ.

"ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާ އިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެ. ކުއްޖާގެ ވިންދު ހުރި ނަމަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ. އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް ވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާނެ. ސިއްހީ ގޮތުން ރިއާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، 22 ހަފުތާ ނުވާނަމަ، މި އުމުރުގައި ވިހާ ކުއްޖެއްގެ ނުވަތަ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އަދި މިފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ވަކި ބަލި މީހެއްގެ ވަކި ކޭސްއަކާ ބެހޭ ހާއްސަ މައުލޫމާތުތަކަކީ ކަމާބެހޭ ގާނޫނީ އުސޫލުތަކުގެ ދަށުން އާންމުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް ހާމަކުރުން މަނާ މައުލޫމާތެއް ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލާ ބެހޭގޮތުން ސޯޝަލް މީޑިއާ އާއި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފްސީލު ހާމަކުރުމަކީ ނުވަތަ ކަންވީ ގޮތް ތަފުސީލުކޮށް ބަޔާންކުރުމަކީ މި ހޮސްޕިޓަލަށް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"ބަލިމީހާގެ ހާލަތާއި ކުރިއަށް ކުރިމަތި ވެދާނެ ކަންތައްތަކާއި އެކަމަކަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމަކީ ސީދާ ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ތަފުސީލުކޮށް ކިޔައިދޭ ކަންކަން. ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ހުރިހާ މައުލޫމާތެއް ކިޔައިދޭ ފަހުން ހޮސްޕިޓަލަށް އަންނަ އާއިލާގެ އެހެނިހެން މެމްބަރުންނަށް މި ހުރިހާ މައުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ކިޔާދިނުމަކީ ސިއްހީ ގޮތުން އަމަލުކުރާ މިންގަނޑުތަކާ އެކަށީގެންވާ އަދި ހަމަތަކުގެ މަތިން އަމަލީ ގޮތުން ބަލާއިރު ވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުދެކެން،" އައިޖީއެމްއެޗުން ބުންޏެވެ.

މި މައްސަލައިގައި ނަން ނުޖެހުމަށް ޝަރުތުކޮށް މަރުވި ކުއްޖާގެ ބޭބެ "ވަން" އަށް މިއަދު ބުނީ އޭނާގެ ކޮއްކޮ ވިހެއީ ދުވަސް ނުފުރާ ނަމަވެސް ކުއްޖާގެ ގުނަވަންތައް އޮތީ ފުރިހަމަވެފައި ކަމަށެވެ. ވިހެއި ދަރިފުޅު އެންމެ ފުރަތަމަ ވެސް ފެނުނީ ފޮތި ގަނޑަކަށް ލާފައި ޓްރޭއެއްގެ ތެރޭގައި ބާއްވާފައި އޮއްވައި ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ އެތާ ތިބި ނަރުހުން ގާތު އެކުއްޖާގެ ހާލު އެހުމުން ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ވިންދު ވެސް ރަނގަޅު ކަމަށް ބުނި ކަމަށެވެ. އަދި ކުއްޖާއަށް ފަރުވާ ނުދީ ޓްރޭއެއް ތެރޭގައި ބާއްވާފައި އޮތީ ކީއްވެތޯ ސުވާލު ކުރުމުން ނަރުސް ކުއްޖާ ވަނީ ކުއްޖާ މަރު ކޮންފާމް ވަންދެން ބާއްވާފައި އޮތް ކަމަށް ބުނެފައި ކަމަށް ވެސް ބުންޏެވެ.