އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކާ ކަމަށް ބުނެ، ކުރީގެ ހޯމް މިނިސްތަރު އުމަރު ނަސީރު ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

މެންބަރުން އެކަމަށް ގޮވާލެއްވީ، އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސެއިން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިންނެވެ.

އެ މައްސަލައިގެ ބަހުސްގައި، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވީ، އުތުރު ތިލަފަޅުގެ އެގްރީމެންޓް ކަމަށް ބުނެ އުމަރު ނަސީރު ލިޔުންތަކެއް ދައްކައިގެން ވާހަކަ ދައްކަނީ، އެކަން ސިޔާސީކޮށް، ފިތުނަ އުފައްދަން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި އުމަރު ނަސީރަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

ލިޔުންތަކެއް ދައްކައިގެން އެއީ އުތުރު ތިލަފަޅުގެ އެގްރީމެންޓުތައް ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ ފަތުރަން އުމަރަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އެއީ އިންޑިއާ ސަރުކާރުން ފޮނުވި އެގްރީމެންޓެކޭ ބުނެ ރައްޔިތުންނަށް އޮޅުވާލަން ފުރުސަތު ނުދީ ވަގުތުން ވަގުތަށް އުމަރު ހައްޔަރު ކުރަން ގޮވާލައްވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވީ، އުތުރު ތިލަފަޅާ ބެހޭގޮތުން އުމަރު ނަސީރު ދައްކަމުންދާ ވާހަކަތަކަކީ، ގައުމީ މަސްލަހަތޭ ބުނެ ދޫކޮށްލެވޭވަރު ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންނަށް މުތުލަގަށް ދޮގު ހަދަމުންދާއިރު، އެގޮތަށް މަސައްކަތް ކުރާ މީހުން މިނިވަން ކަމާއެކީ ގައުމުތެރޭގައި އުޅުމަކީ މުޅި ގައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައުމުގެ އަމާންކަން ނަގާލުމަށް ދޮގު ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އުމަރު ނަސީރު ހައްޔަރު ކުރުމަށް ހަސަން ގޮވާލެއްވިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސު އަލީ ވިދާޅުވީ، އުމަރު ނަސީރަކީ މީގެ ކުރިންވެސް އެފަދަ ދޮގު ވާހަކަ ފަތުރަމުންދިޔަ ބޭފުޅެއް ކަމަށެވެ. އެގޮތުން އަފްރާޝީމް އަވަހާރަވުމާ ބެހޭ ގޮތުންވެސް އެފަދަ ވާހަކަ ދައްކަވާފައިވާކަން ފާހަގަ ކުރައްވައި، ބިރުވެރިކަން އުފައްދާ ފަރާތްތައް ހިފައި ހައްޔަރުކުރަން ވަގުތުން ވަގުތަށް އުމަރު ނަސީރު ހިފައި ހައްޔަރުކުރަން އޭނާ ވެސް ގޮވައިލެއްވިއެވެ.