އުތުރު ތިލަފަޅުގައި ޖެޓީ އަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗްއާރްއެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި މުއާސަލާތީ ވަސީލާތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާއެކު ހަދާފައިވާ އެގްރީމެންޓް ހާމަ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތެއް ނުދެއްވިއެވެ.

އެ ކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވަން ފޮނުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަން ދެ މެންބަރަކު މަޖިލީހަށް ކުއްލި މައްސަލަ ފޮނުއްވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ފަޒުލް ރަޝީދު ފޮނުއްވާފައިވާ މައްސައަކީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު 22 ފެބްރުއަރީގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ބަސްތައް އެކައްޗެއްހެން ދިމާވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެހެންކަމުން މެންބަރު ފަޒުލްގެ މައްސަލަ އަކީ މަޖިލިސް ގަވާއިދުގެ 175 ވަނަ މާއްދާގެ (ވ) އާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ހުށަހަޅާ ކުއްލި މައްސަލައަކީ މަޖިލީހުގެ އެ ދައުރެއްގައި ބަހުސް ކޮށްފައިވާ މައްސަލައެއް އަލުން އުފަން ކުރުމަށް ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް މަޖިލިސް ގަވާއިދުގެ 175 ވަނަ މާއްދާގެ (ވ) ގައި ބުނާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އެއްވެސް އެއްޗެއް ފޮރުވަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، ނަމަވެސް މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. އެހެންކަމުން ފެލިދޫ ދާއިރާގެ މެންބަރުގެ ކުއްލި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއަށްފަހު އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލަ ހުށަހެޅުއްވުމަށް އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސެއިން އަށް މަޖިލިސް ރައީސް ފުރުސަތު ދެއްވިއެވެ.

ފަޒުލް ފޮނުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ، ގާނޫނުއަސާސީގެ ދެވަނަ މާއްދާގައި ދިވެހި ރާއްޖެ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމެއް ކަމަށާއި، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އުތުރު ތިލަފަޅު ތަރައްގީ ކުރުމާ ބެހޭގޮތުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމެންޓްގައި ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހައްސާސް އެތައް ކަމެއް ހިމެނޭއިރު، އެ އެގްރީމެންޓް ސިއްރުކޮށްފައިވާތީ އާއި އެ ކަމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިވާ ޒަމާންވީ އަހުވަންތަ ގުޅުމާއި އިތުބާރަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ބެލެވޭތީ، އެ އެގްރީމެންޓްގައިވާ، އުތުރު ތިލަފަޅުގައި ދިގު މުއްދަތަކަށް އިންޑިއާ ސިފައިން ތިބޭ ގޮތަށާއި، އެތަން ހިންގުމާއި، ބެލެހެއްޓުމާއި، އެތަނުގެ ވަސީލަތްތައް ބޭނުން ކުރުމުގައި އިންޑިއާގެ ރުހުން ހޯދަން ޖެހޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށާއި ގައުމުގެ ސިޔާދަތަށް ނުރައްކާވާނެ ކަންކަމަށް ދެކޭތީވެ، އުތުރު ތިލަފަޅު ތަރައްގީ ކުރުމާބެހޭ އެގްރީމެންޓް ހާމަ ކުރުމަށް ގޮވާލާ ކަމަށެވެ.