އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ނެޖެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް މިހެން ވިދާޅުވެފައި މިވަނީ އުތުރު ތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ މީޑިއާތަކުގައި ފޮޓޯތަކެއް މިއަދު ދައުރުވެފައިވާތީ އެވެ.
މުހުތާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެ ކަމަށާއި ސިޔާސީ މަންފާއަށް ގައުމީ ސަލާމަތާއި ދޭދޭ ގައުމުތަކުގެ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ދެއްކުމަކީ ދިވެހި ސިޔާސީ މަސްރަހުގައި އޭރުވެސް މިހާރުވެސް ހިނގާކަމެއް ކަމަށެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި މިއަދު އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ މީޑިއާގައި ދައުރުވަމުންދަނީ ހަގީގަތާ ހިލާފު ލިޔުންތަކެއް ކަމަށެވެ.
ޑިފެންސުން ބުނީ މިފަދަ މައްސަލަތަކަކީ ގައުމީ ސަލާމަތާއި ދައުލަތުގެ މަސްލަހަތާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތައް ކަމަށާއި އެހެންކަމުން މިފަދަ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، ދިވެހިންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ދޮގު ހަބަރުތައް ނުފަތުރަން ވެސް ޑިފެންސުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު