އެގާރަވަނަ ބައި
"އަޅުގަނޑު ހުރީ ސިއްހަތު ސަލާމަތުންނޭ އަޅުގަނޑުގެ ހިތެއް ނުބުނޭ. އެކަން އަޅުގަނޑުގެ ދިރިއުޅުމަށް ހުރަހަކަށްވާނެ. ފަހަރެއްގަ އުފާވެރި ދިރިއުޅުމެއްގެ މެދުން ކަމަށްވެސް ވެދާނެ ބަދުނަސީބު އައިސް އަނެއްކާ އަޅުގަނޑުގެ އަތުގައި ހިފާނީ. އޭރުން އަންހެންކުއްޖަކަށް ދެރަ އެލިބުނީ. އެހެންވީމަ މިބުނަނީ ތިވާހަކަ ނުދައްކާ" ވިއާން ބުނެލިއެވެ.
އެހުރިހާ ވާހަކަތަކެއް އަހަން އަހަރެންނަށް ހުރެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. ވިއާން އެބުނާ ބަދުނަސީބަކީ ކޮން ކަމެއް ހެއްޔެވެ؟ އިތުރު ކަމެއް އިނގޭތޯ ފަސް ވަރަކަށް މިނިޓް ވަންދެން ހުރިއިރުވެސް ވިއާން ތަކުރާރު ކުރީ އެއް ވާހަކަތަކެކެވެ.
ބަދިގޭގައި އުޅެނިކޮށް މާމަ އައިސް ވަދެއްޖެއެވެ. އަހަރެން ފެނުމާއެކު ހީލާފައި ގޮސް ހުއްޓުނީ އުނދުން ކައިރީގައެވެ. އަހަރެން ކުރަން ހުރި މަސައްކަތައިގެން ކުރިއަށް ދިޔައިމެވެ. ވިއާނާ ބެހޭގޮތުން ސުވާލެއް ކުރަންވެގެން އަނގަ ހުޅުވާލާފައިވެސް މަޑުޖެހުނީމެވެ. ބޭކާރު ކަމަކަށް ވީމައެވެ. ކުރަން ހުރި ކަންކަން ނިންމާފައި ބަދިގެއިން ނިކުންނަން ދިޔަ ވަގުތު މާމަ ގޮވައިލިއެވެ. އަހަރެން ބަލައިލުމުން އިށީންނާށޭ ބުނާ ކަހަލަ ގޮތަކަށް މޭޒު ކައިރިއަށް އިޝާރާތް ކޮށްލިއެވެ. އަހަރެން އިށީނުމާއެކު މާމަ އައިސް ހުއްޓިއްޖެއެވެ. މާގިނަ އިރުތަކެއް ނުވަނީސް ވިއާން އައިސް ބަދިގެއަށް ވަދެއްޖެއެވެ. އެވަގުތު ވިއާން ފެނުމުން އަހަރެންނަށް ބަދިގޭ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލެވުނެވެ. އަދި ކިރިޔާ މެންދުރު އެކެއް ޖެހީއެވެ. އެހެންޏާ މިގަޑިއަކީ ވިއާން ގޭތެރެން ފެންނަ ގަޑިއެއް ނޫން ވިއްޔާއެވެ.
"ވިއާން މިގަޑީގަ؟" އަހަރެން އެހީމެވެ.
"އާނ. މިއަންނަނީ" އެހެން ބުނެފައި ވިއާން އެތެރެއަށް ވަދެގެން ގޮސް ތައްޓެއް ނަގައިގެން އުނދުން ކައިރިއަށް ގޮސް ތެލިތަކުގެ މަތި ނަގަން ފެށިއެވެ. ވިއާން އެ އުޅެނީ ކާންވެގެން ކަން އަހަރެންނަށް އިނގުނެވެ. ގޮނޑިން ތެދުވަން އަހަރެން އުޅުމުން މާމަ އެކަން މަނާކުރިއެވެ. ތައްޓަށް ބަތް އަޅައިގެން އައިސް ވިއާން އިށީނުމުން މާމަ ވާހަކަފެށިއެވެ.
"މާމަ ބުނީއޭ ވިއާން ކައިރީގަ ގެއަށް އަންނާށޭ" މާމަ ބުނެލިއެވެ.
"ކަމެއް އޮތީތަ؟" އަހަރެން އެހީމެވެ.
"އާނ. ތިއީ މާމަގެ ދަރިންނަކީ. މާމަ ބޭނުން ވާހަކައެއް ބުނަން ތިދެކުދިން ކައިރީގަ" މާމަ ބުނެލިއެވެ. ވިއާންވެސް ކެއުން މަޑުޖައްސާލާފައި މާމައަށް ބަލައިލިއެވެ.
"އެރަށުން އަނެއްކާ ދެމީހަކު މާމައަށް ގުޅައިފި. އެއްކުއްޖެއްގެ އުނގަނޑުގަ އަނެއް ކުއްޖެއްގަ ފައިގަ ދިވެހި ބޭސްގަނޑެއް އަޅަންވެގެން. ފެށޭ ހަފްތާ ތެރޭގައި މާމަ ދާން އެބަޖެހޭ" މާމަ ބުނެލިއެވެ.
"ޒިޔާންމެން ރަށުންތަ؟" އަހަރެންނަށް އެހުނެވެ.
"ޒިޔާނަކީ ކާކު؟" ވިއާންގެ ސުވާލު އައިލެއް ނިކަން އަވަހެވެ. އަހަރެން ވިއާނަށް ބަލައިލާފައި ދެން ބަލައިލީ މާމައަށެވެ.
"އެއްވެސް މީހެއްނޫން" އަހަރެން ބުނީމެވެ. އަހަރެންގެ އެޖަވާބުން މާމަ އަހަރެންނަށް ބަލައިލިއެވެ. ވިއާން ކައިރީގައި ޒިޔާނަކީ ކާކުކަން ބުނަން އަހަރެން ބޭނުންނުވާ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަހަލައެވެ.
"މާމަ ދާއިރު އަޅުގަނޑު ގޮވައިގެން ދާންވީނުން" އަހަރެން ބުނީމެވެ.
"އޭރުން މަލްގެ ކިޔެވުމޯ" ވިއާން ބުނެލިއެވެ.
"ހަފްތާއެއްހާ ދުވަހެއްނު ވާނީ" އަހަރެން ބުނީމެވެ.
***
ދުވާލުގެ ވަގުތުތައް ފަހަނައަޅާ ހިނގައްޖެއެވެ. ތަރިތަކާ ހަނދު ޒިންމާތަކާ ހަވާލުވެއްޖެއެވެ. ވިއާސަރަ ވިލާތަކަށް އުޑުމަތިން އެންމެ ޖާގައެއްވެސް ނުދިނެވެ. އެފަދަ ރީތި ރެއެއް ހަރާބުކޮށްލަން ވިލާތަކަށް ފުރުސަތު ދޭން ބޭނުންނުވާ ކަހަލައެވެ. ލޯބިވެރިންގެ އުފާވެރި ވަގުތުތައް ދިގުދަންމާލަން އުޅޭ ކަހަލައެވެ. އެފަދަ އުފާތަކުން މަހުރޫމްވެފައި އަހަރެން ހުރީ ބެލްކަނީގައެވެ. ގަޑިތަކުން ވީ އިރެއް ބުނާކަށް ސީދާ ނޭނގެއެވެ. ޔަގީނުންވެސް ނުވައެއްޖަހައި ހިނގައިދާނެއެވެ. އުޑުމެދުގައި ރަނިކަން ކުރަމުން ދިޔަ ޝާއްބަ ހަނދަށް އަހަރެންގެ ނަޒަރު ހުއްޓިފައި ވީއިރު އަހަރެންގެ ހިޔާލާ ފިކުރުތައް ގުޅިފައިވަނީ އަހަރެންގެ ހިތުގައި ރަސްކަން ކުރަމުންދިޔަ މިތުރާ އާއެވެ. ހިތުގައި ޖަވާބު ނުލިބިވާ ސުވާލުތައް ހޯދުމުގެ ވިސްނުމެއްނެތެވެ. އެކަންތައް އަހަރެން ވަރުބަލި ކޮށްލައިފިއެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް ވެއޭ ބުނާ ފަދައިން އެވަގުތައް އަހަރެން އިންތިޒާރުކުރަން ނިންމައިފީމެވެ. އަހަރެން އަހަރެންގެ ގޮތުގައި ދިރިއުޅެން ނިންމައިފީމެވެ. އަމިއްލަ ކަންތައްތަކަށް ވަގުތު ހުސްކުރަން ބޭނުންވިއެވެ. ވިއާންގެ އެ ހުންނަ އަޖައިބެއް ކަހަލަ ކަންތައްތަކުގެ ސަބަބުން އަހަރެންނަށް ކިޔެވުމާ ދުރުވެވިއްޖެކަން އިނގުނީވެސް އެންމެ ފަހުން ނެގި ޓެސްޓުތަކުން ކިރިޔާ ފާސްވާވަރު ވުމުންނެވެ.
"މަލް، މިތަނުގަ. ކޮން ވިސްނުމެއްގަ؟" ފަހަތުން ވިއާންގެ އަޑު އިވިލިއެވެ. އަހަރެން ފަހަތަށް ބަލައިލާފައި ގޮސް ރެއިންލިންނާ ދުރުގައި ހުރި ދެމީހުންނަށް އިށީނދެވޭ ޖޯލިފަތީގައި އިށީނީމެވެ.
"ކަމަކާ ވިސްނާކަށް ނޫން. ނިދި އަންނަންދެން މަޑުކޮށްލައިގެން ހުރީ. އެހެންނޫނަސް އަހަރެން ބޭކާރު ކަންތައްތަކާ ވިސްނުން ދޫކޮށްލައިފިން" އަހަރެން ބުނީމެވެ. ވިއާން ހުއްޓުނީ އަހަރެން ކައިރީގައި ކޮޅަށެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟" ވިއާން އެހިއެވެ. އަހަރެން ބޯޖަހައިލުމުން ހީލާފައި ދެއަތްތިލަ ލައިގެން ހުރި ނިދަންލާ ހަރުވާޅުގެ ޖީބަށް ޖަހައިލިއެވެ.
"ޒިޔާނަކީ ކާކު؟" ވިއާން އެހިއެވެ.
"އަހަރެންގެ ކުރީގެ ފިރިމީހާ" އަހަރެން ބުނީމެވެ. ވިއާނަށް އަހަރެން ނަޒަރެއް ދިންއިރު މޫނުމައްޗަށް ބަދަލެއް އައިސްފައިވިތަން ފެނުނެވެ. އެ ބަދަލުތަކުގެ ފަހަތުގައިވާ ސަބަބެއް ހޯދަން އަހަރެން ބޭނުންނުވިއެވެ.
"އިތުރު ސުވާލެއް އެބައޮތްތަ؟ އޮތިއްޔާ ކުރޭ. ވިއާންގެ ކޮންމެ ސުވާލަކަށް އަހަރެން ޖަވާބުދޭނަން. އަހަރެންގެ މާޒީގައި ހިނގާފައިވާ އެއްވެސް ކަމަކާ އަހަރެން ބިރެއްނުގަނޭ" އަހަރެން ބުނީމެވެ. އަހަރެން އެހެން ބުނީ ވިއާންގެ ބޮލުގައި ގާގަޑަކުން ޖެހުމުގެ ބޭނުމުގައެވެ. ޔަގީނެވެ. އަހަރެން އެހެން ބުނުމުން ވިއާންގެ ހިތަށް ކޮންމެވެސް އެއްޗެއް އަރާނެއެވެ.
"މަލް، ހަމަ އަސްލަށްވެސް ރަށަށް ދާން ބޭނުންވެގެންތަ އެހެން ބުނީ" ވިއާން އެހިއެވެ.
"އާނ. ކިހިނެއްވީ؟ ކޮބާ އަހަރެން ނުދާންވީ ސަބަބަކީ؟" އަހަރެން ބުނީމެވެ.
"ހެހެ... އެކްސް ހަޒްބެންޑް ދެކިލާހިތްވީ ދޯ" ވިއާން އެހިއެވެ. ވިއާންގެ އެ ޖުމްލައާއެކު އަހަރެންނަށް ކޮޅަށް ތެދުވެވިއްޖެއެވެ.
"ތީ ހަގީގަތެއްނޫން. އަހަރެން އަހަރެންގެ މާޒީ ފަހަތަށް ދޫކޮށްލިތާ ކިތަންމެ ދުވަހެއް. އަހަރެންގެ މާޒީއަށް އަހަރެންގެ މުސްތަގުބަލަށް އަތްގަދަ ކުރާކަށް ލާހިކެއްނޫން" އަހަރެން ބުނީމެވެ.
***
ޖެހިގެން އައި ހަފްތާގައި މާމައާއެކު ފުރަން އަހަރެން ތައްޔާރުވާން ފެށީމެވެ. ފޮށްޓަށް ހުރިހާ އެއްޗެހި އަޅައި ނިމިއްޖެއެވެ. މުޅި ކޮޓަރި އެއްފުށުން އަނެއް ފުށަށް ޖެހިއްޖެއެވެ. އަހަރެން އެންމެ ބޭނުންވެގެން އުޅުނު އެތި ނުފެނުނެވެ. ދެރަވެ ކަރު އެލުވާލައިގެން އެނދުގައި އިންދާ މާމަ އައިސް ކޮޓަރިއަށް ވަނެވެ.
"ހާދަ ވަރެއް ކޮށްލާފައި މިއޮތީ" މާމަ ބުނެލިއެވެ.
"މާމައަށް ފެންނާނެ އަޅުގަނޑު ގެންގުޅުނު ރެޑް ކުލައިގެ ކަރުދާސް ލައްވާފައި އޮތް މޮނީޓަރު ފޮތެއް. މާމަ އެއްދުވަހަކު އެހީމެއްނު އެފޮތުގަ އަޅުގަނޑު އެވަރަށް ލިޔަނީ ކޯޗެއްތޯ" އަހަރެން ބުނީމެވެ.
"އާނ އެފޮތަށް ކިހިނެއްވީ؟" މާމަ އެހިއެވެ.
"ނުފެނުނޭ އެއްވެސް ތަނަކުން" އަހަރެން ބުނީމެވެ.
"ނުފެނުނޭ. އެހެން ކިހިނެއްވާނީ؟ ވަގެއް ވަނަސް މިހުރިހާ އެއްޗެއް ހުއްޓަ އެފޮތެއް ނުގެންދާނެ ކަންނޭނގެ" މާމަ ބުނެލިއެވެ.
"ދެން ކީއްވެ ނެތީ އެހެންވިއްޔާ" އަހަރެން ބުނީމެވެ. ފޮތް ނުފެނުމުން އަހަރެން އިނީ ނުލާހިކު ދެރަވެފައެވެ. އެފޮތަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އެހެން މީހުންގެ ކުރިމަތީގައި އަހަރެންގެ ދުލާ ހަމައަށް ނާންނަ ވާހަކަތައް އަހަރެން ހިއްސާކުރަނީ އެފޮތާއެވެ.
"ތިވާނީ ކޮލެޖަށް ގެއްލުނީ ކަމަށް" މާމަ އެހެން ބުނުމުން އަހަރެން ހަނދާންވެއްޖެއެވެ. އެއްދުވަހު ކޮލެޖަށް ދިޔައިރު ދަބަސް ތެރޭގައި އެފޮތް އޮންނާނެއެވެ. ގެއަށް ގެންދެވުނު ކަމެއް ނުވަތަ ނުގެންދެވޭ ކަމެއް ހަނދާނެއް ނުވިއެވެ. މިވީގޮތް ވަރަށް ދެރައެވެ. އެފޮތުގައި އަހަރެންގެ ނަމުގެ އިތުރުން ގުޅާނެ ނަންބަރެއްވެސް ލިޔެވުނު ހަނދާނެއް ނުވެއެވެ.
***
ފުރާ މީހުންގެ ބަޔަށް އަހަރެން ވަންނަން އުޅުނު ވަގުތު ސިހުނީ ވިއާން އަހަރެންގެ އަތުގައި ހިފެހެއްޓުމުންނެވެ. އަހަރެމެން ދެމީހުންނަށް ބަލައިލާފައިވެސް މާމަ އެއްޗެއް ނުބުނެ އެތެރެއަށް ވަދެގެން ދިޔައެވެ.
"ވިއާން" ބައެއް މީހުންގެ ނަޒަރު އަހަރެމެންނަށް އަމާޒުވިތަން ފެނުމުން ލަދުގަތެވެ.
"ވަރަށް މިސްވާނެ. ގުޅައްޗެ" ވިއާން ބުނެލިއެވެ.
އަހަރެން އެނބުރި ދިޔައިރު ވިއާންބުނި ބަސްތަކާމެދު ވިސްނުނެވެ. ވިއާން ހީކުރީ އަހަރެން ވިއާން މަތިން ހަނދާންނުވާނެ ކަމަށް ހެއްޔެވެ؟ އަހަރެން މާބޮޑަށް ހަނދާންވާނެއެވެ. އަހަރެން ރަށަށް ދާން ބޭނުންވީ ވަރަށް ބޮޑު ބޭނުމެއްގައެވެ. އެ ބޭނުން އެއްވެސް މީހަކާ ހިއްސާކުރަން އަހަރެން ބޭނުމެއްނުވިއެވެ.
ފްލައިޓް މަތީގައި މާމަ ބުނި އެއްޗަކާމެދު އަދި މާބޮޑަށް ވިސްނެމުން ދިޔައެވެ. ފުރަތަމަ ޖަވާބެއް ނުދެވުނީ އެއީ މާމައަށް ކުރެވޭ ކުއްހީއެކޭ ނުބުނަންވެގެންނެވެ. ދެލޯ މެރިފައި އިން މާމައަށް އަހަރެންނަށް ބަލައިލެވުނެވެ.
"ވިއާނަށް މަލް ވަރަށް ކަމުދާހެން ހީވަނީ. ވަރަށް ދެރަވެފަ ހުރީ މަލް ގޮވައިގެން އަންނާތީ" މާމަ ބުނެލި ޖުމްލަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ވިއާން އަހަރެން މަތިން ހަނދާނެއް ނުވާނެއެވެ. ހަނދާންވިޔަސް ކޮންމެފަހަރަކު ހަމައެކަނި އެހެން ބުނެފައި ނިންމާލަނީ ކީއްވެގެން ހެއްޔެވެ؟ އެއަށްވުރެ އިތުރަށް ފާޅުނުކުރަނީ ކީއްވެގެން ހެއްޔެވެ؟
އެއަރޕޯޓުން ފެށިގެން މާމަގެ ގެއާ ހަމައަށް ދެވެންދެން ދަންނަ މީހުން އަހަރެން މަޑުކުރުވައިގެން ވާހަކަދެއްކިއެވެ. ހާލު އޮޅުންފިލުވިއެވެ. އިތުރު ކައިވެންޏެއް ކުރިތޯ އެހިއެވެ. ބައެއް މީހުން ޒިޔާންގެ ދިރިއުޅުމާ ގުޅުވައިގެންވެސް ވާހަކައެއް ދެއްކިއެވެ. ބައެއް މީހުން އަހަރެންގެ ބުރަކަށީގައި ފިރުމާފައި އަހަރެންނަށްޓަކައި ހެޔޮ ދުއާ ކުރިއެވެ. ޒިޔާންގެ ގެ އިންނަ ގޯޅިގަނޑު ހުރަސްކުރި ވަގުތު އަހަރެންނަށް އެގެއާ ދިމާލަށް ބަލައިލެވުނެވެ. ހިތަށް ތަދުވެލިއެވެ. އެގޭގައި އަހަރެން ހޭދަކުރީ އުފާވެރި ދުވަސްތަކެކެވެ. އެހެންނަމަވެސް އެއަށްވުރެ ހިތްދަތިދުވަސްތަކެއް ދިޔައެވެ. ޒިޔާން އަހަރެންގެ އުފާތަކުގައި އަލިފާން ރޯކޮށްލީ އެއްވެސް ވަރަކަށް ވިސްނާނުލައެވެ. އަހަރެންނަށް އެއްވެސް ރަހުމެއް ނުކުރިތާ އަހަރެން ބީރައްޓެހި ރަށެއްގައި އޭނާ އާ އެކު ހޭދަކުރި ދުވަސްތަކަށްވެސް އެއްވެސް ގަދަރެއް ނުކުރީއެވެ. ޒިޔާން އޭނާގެ ދިރިއުޅުމުން އަހަރެން ބޭރުކޮށްލި ހިތްދަތި ވަގުތުކޮޅު ހިތަށް ސިފަވެގެން ދިޔުމާއެކު އަހަރެންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މެންދަމުގެ އެވަގުތު އަހަރެން ގެއިން ނިކުމެގެން ދިޔައީ ހާދަ ހިތްވަރެއް ކޮށްގެނެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު އަހަރެންގެ ބުރަކަށީގައި އަތް ޖައްސައިލުންނެވެ.
"މާޒީ މާޒީއަށް ދޫކޮށްލާ. އެދުވަސްތައް ހަނދާންކުރާނެ ކަމެއްނެތް. ހިނގާ ކުރިއަށްދާން" އަހަރެންނަށް ހުއްޓިގެން ހުރެވުނުކަންވެސް އިނގުނީ މާމަ އެހެން ބުނުމުންނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ދެފަރާތުގައި ވާގަނޑުގައި ހިފައިލަމުން އަހަރެން ކުރިއަށް ފިޔަވަޅެއް އެޅީމެވެ. ފަހަތަށް ބަލަން އަހަރެން ބޭނުމެއްނުވިއެވެ. އަހަރެންނަށް ޒިޔާނަށް ވުރެ މާ ރަނގަޅު މީހަކު ލިބިދާނޭ ހިތް ބުނެލި ކަހަލައެވެ.
ކައިރިން ހިނގާފައި ދިޔަ ފިރިހެނަކަށް މާމަ ވަރަށް ފުން ނަޒަރަކުން ބަލައިލިތަން އަހަރެންނަށް ފެނުނެވެ. އަހަރެން ވަރަށް ރަނގަޅަށް އެމީހާގެ މޫނަށް ބަލައިލީމެވެ. ކޮންމެސް ތަނަކުން ފެނުނު ހަނދާނެއްވިއެވެ. ދުރު ހަނދާނެކެވެ.
"ލަބީބް" މާމަ ބުނެލިއެވެ.
"ލަބީބް. ޒިޔާންގެ ބައްޕަ" އަހަރެންނަށް ބުނެވުނެވެ. އެއީ ޒިޔާންގެ ބައްޕައެވެ. އަނެއްކާވެސް އަހަރެންގެ ނަޒަރު އެމީހާއަށް ހުއްޓިއްޖެއެވެ. ޒިޔާންގެ ހިނގުމާ ތަފާތެއްވެސް ނެތެވެ.
***
"ކިހިނެއްވެފަ؟" ގޭދޮރުމަތީގައި ހުއްޓާ މާމަ ވާހަކަދެއްކި އަޑަށް އަހަރެން ސިހުނެވެ. ކުއްލިއަކަށް މާމައަށް ބަލައިލާފައި ގޭތެރެއަށް ވަނީމެވެ.
"ކޯޗެއް ފެނުނީ؟ ހާދަ އިރެއްވެއްޖޭ އެއް ދިމާލަކަށް ބަލަން ހުންނަތާ" މާމަ ބުނެލިއެވެ. އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. މަގުކޮޅުން ބައިސްކަލުގައި ޒިޔާން ދިޔައޭ ބުނަން އަހަރެން ބޭނުންނުވިއެވެ. އެދިމާލަށް އަހަރެންނަށް ބެލުނީތީ ހުދު އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން އަޑުލަމުން ދިޔައީމެވެ.
"މާމާ، ކޮބާ އިލޮށިފަތި؟" ގޯތިތެރޭގެ ހުރިހާ ދިމާލަކަށް އަހަރެން ނަޒަރު ހިންގައިލީމެވެ. ގޯތި މެދުގައި ހުރި ބޮޑު ހިރުނދު ގަހުން ފައިބާފައި ހިކިފަތްތަކުން މުޅިތަން ވަނީ ފުރިފައެވެ. ބަދިގެއާ އިންވެގެން ހުރި ބޮޑު އަށިމަތީގައިވެސް ހުރީ ހިކިގެން ފައިބާފައި ހުރި ފަތްތަކެވެ. ކޮންމެވެސް ވަރަކަށް ވައިޖެހެމުންދާތީ ފުރާޅު މައްޗަށް ފައިބާފައި ހުރި ފަތްތައްވެސްގޯތި ތެރެއަށް ފައިބަމުން ދިޔައެވެ.
"އެންމެ ފުރަތަމަވެސް މަސައްކަތްތަ؟ ހިނގާބަލަ ކާއެއްޗެއް ރޯފިލުވާލަން" މާމަ ބުނެލިއެވެ. އަޅައިގެން ހުރި ވަށް ބުރުގާ ބޮލުން ވަކިކޮށްލާފައި ބޭރު ރޯނުގައި އަޅުވާލާފައި މާމަ ދިމާކުރީ ފޭރާއަކުން ހިފަހައްޓާފައި ހުރި ބަދިގޭ ޓިނު ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަންނާށެވެ. ބަދިގެފަރާތު ބިތްދަށުން އުނަގަނޑާ ހަމައަށް ހުރި ފާރު ކައިރީގައި ހުރި މަށަން ދަތިތައް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން އަވަސްވެލީ ތަން ފޮޅާ ސާފު ކުރުމަށެވެ.
"މާމަ ކޮންތާކަށް" ބުރުގާ އަޅައިގެން މާމަ ދޮރާއްޓާ ދިމާލަށް ދާ ތަން ފެނުމުން އަހަރެން އެހީމެވެ.
"ސައިކުރައެއް ކެއްކޭނީ ހަކުރު ގަނެގެނެއްނު. މިއަންނަނީ ހަކުރު ކިލޯއެއް ގަނެގެން. މިދިމާލުން ހިކި ދަރުކޮޅެއްވެސް ހޯދަންޖެހޭ. މިރަށުގައި ހުންނަ ހަފްތާއެއްހާ ދުވަސްތެރޭގައި މާމަ ބޭނުމެއްނޫން ގޭސް ގަނެގެން ބޮޑެތި ހަރަދުތަކެއް ކުރާކަށް" މާމަ ބުނެލިއެވެ.
"އެހެންވީމަ މާމަ މަޑުކުރޭ. އަޅުގަނޑު ބޭރުން ކުރާ ކަންތައް ކޮށްލާނަން" އަހަރެން މާމަ އަތުން ރުފިޔާ އަތުލައިގެން ބޭރަށް ނިކުތީމެވެ.
***
ފިހާރައަށް ވަނުމުގެ ބަދަލުގައި އެންމެ ފުރަތަމަ އަހަރެން މިސްރާބުޖެހީ ވަލާ ދިމާލަށެވެ. ގެއާ މާދުރެއް ނޫނެވެ. ލައިގެން ހުރި ހެދުމުގެ ހަރުވާޅު ކުޑަކޮށް އޮޅާލީ ޗަކަ ފެންގަނޑަކަން ހުރަސް ކުރަން ޖެހުމުންނެވެ. ފޯނެއް އަންނާތީ ބަލައިލިއިރު ވިއާނެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ކޮންތާކު؟" ވިއާންގެ އަޑުގައި ތަފާތުކަމެއް ހުރިކަން އަހަރެންނަށް އިހުސާސްވިއެވެ.
މިއުޅެނީ ދަރުކޮޅެއް ހޮވަން އައިސް. މިދަނީ ހަކުރު ގަނެގެން ގެއަށް ދާން" އަހަރެން ވިއާނަށް އޮޅުންފިލުވައި ދިނީމެވެ.
"ގެއަށް ގޮސް ގުޅައްޗެ" ވިއާން ބުނެލިއެވެ.
ލައިގެން ހުރި ހަރުވާޅުގެ ޖީބަށް ފޯނު ލާފައި ކުރިއަށް ހިނގައިގަތްއިރު ވިއާނާ މެދު ވިސްނުން ހިންގައިލެވުނެވެ. ރަށު ލޮނުފަސްގަނޑުގައި ފައި ޖެހުނުފަހުން ވިއާން ގުޅި އަދަދެއް ބުނަންވެސް ނޭނގެއެވެ. ދެގަޑިން ކާ ބޭހެއް ފަދައެވެ. ވިއާން އަހަރެން މަތިން ހަނދާންވަނީ ހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް ވިއާން އަހަރެން މަތިން ހަނދާންވާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
ހޮވި ދަރުކޮޅު ކިހިއްޔަށް ޖަހައިގެން ހިނގައިގަތްތަނާ ދަރުތަކުގެ ތަރުތީބު ގެއްލި ބިންމައްޗަށް ފައިބައިގަތެވެ. އަހަރެންނަށް ވިސްނުނެވެ. އެކަހަލަ މަސައްކަތްތަކަށް އަހަރެން އަލެވެ. ދަރު އުނދުން ކައްކައި ނަހަދަމެވެ. ޒިޔާންގެ ގެއިން އަހަރެންނަށް ފެނުނީ ތަނަވަސްކަމެވެ. ވަލަށް ވަދެ ދަރުހޮވާކަށް ދުވަހަކުވެސް ނުދަމެވެ. އެހެންނަމަވެސް އަހަރެންނަށް އިނގެއެވެ. އެބައެއްގެ ތެރޭގައި އުޅެވޭނީ އެބައެއްގެ ފެންވަރުގައެވެ. އަހަރެންނަކީ އެހާ ހިތްމޮޅު މީހެއް ނޫނެވެ. އެހެންނޫނަސް އުމުރުން ދުވަސްވެފައި އިން މާމަ ބަލައިބެލުމަށް ކިތަންމެ ފިޓުކަމަށް ދެއްކިއަސް ވަލަށް ވަދެ ދަރު ހޮވައިގެން ގޮސް ކައްކާފައި އަހަރެންނަށް ކާންދެންދެން ހުންނަން އަހަރެން ބޭނުމެއްނުވިއެވެ.
ގެއަށް ވަންނަން އުޅުނު ވަގުތު އަނެއްކާވެސް ފޯނު ވައިބްރޭޓްވާތީ ބަލައިލިއިރު ގުޅަނީ ވިއާނެވެ. އަހަރެންނަށް ހެވުނެވެ. ހުރިގޮތުން ފޯނު ނުނެގޭނެތީ އަހަރެން އަޅައެއް ނުލަމެވެ. ގޯތި ތެރެއަށް ވަންއިރު މާމަ ހުރީ ހުރިހާ ފަތްތަކެއް ފުންޏަކަށް އެއްދިމާލަކަށް އެއްކޮށްލާފައެވެ.
"މާމަދޭ" މާމަ ދާހިއްލާފައި ހުރިތަން ފެނުމުން އަހަރެން ދެރަވިއެވެ.
"ހުރިހާ ފަތްތަކެއްގަ ރޯކުރަން މިއުޅެނީ. މަދިރީގެ އުނދަގުލުންވެސް ސަލާމަތްވާނެ" އެހެން ބުނެފައި މާމަ އަލިފާން ފޮށި ހުޅުވާލިއެވެ.
"ކީކޭ ވިއާން. މިއަދު ހާދަ ވަރަކަށޭ ތިގުޅަނީ. މާބޮޑަށް ހަނދާންވަނީތަ؟" ގޯތި ތެރޭގައި ހުރި ރުއް ކައިރީގައި ހުރި ރުއްގުޅީއެއް މަތީގައި އިށީންނަމުން އަހަރެން ބުނީމެވެ.
"ބުނީމެއްނު. މަލް މަތިން ވަރަށް މިސްވާނޭ. ސީރިޔަސްލީ. އަވަހަށް އާދޭ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ.
"އެކަަމަކު އަހަރެންނަށް ވުރެ ބޮޑަށް މިސްނުވާނެ" އަހަރެން ބުނީމެވެ.
"މަލް ކިހިނެއް މިސްވާނީ. ތިދިޔައީނު މަލްގެ އެކްސް..."
"އޯކޭ ބޭއްވީ" އަހަރެން ފޯނު ކަނޑައިލީމެވެ. ވިއާން އަހަރެންނާ ޒިޔާނާ ގުޅުވައިގެން އެއްޗެއް ބުނުމުން އަހަރެން ރުޅިއެއް ނާދެއެވެ. އެހެންނަމަވެސް ދެރަވިއެވެ. ޒިޔާނަށްޓަކައި އަހަރެންގެ ހިތުގައި އެއްވެސް އިހުސާސެއް ނެތެވެ. ލޯބި އޮތީ ވިއާނަށްޓަކައެވެ.
"މާމާ، މިއަންނަނީ. މިއަދު މެންދުރަށް މާމައަށް ވަރަށް މީރު އެއްޗެއް ކައްކަދޭން މިއުޅެނީ" ދަބަސް ތެރެއިން ނެގި ހަވާދު ފުޅި އާ ތައްޓަކާ ހިފައިގެން އަހަރެން ގެއިން ނިކުތީމެވެ. ޒިޔާންގެ މަންމަގެ އެކުވެރި ނަބީލާއްތަގެ ގޭ ދޮރުމައްޗަށް އަރާފައި އަހަރެން ސަލާން ގޮވައިލީމެވެ. ނަސީބު ކަންދިމާކުރި ގޮތުން ބަދިގޭގައި ހުރެފައި ބޭރަށް ނިކުމެ ސަލާން ބަލައިގަތީވެސް ނަބީލާއްތައެވެ.
"އަނހަ މަލް. އަވަހަށް އާދޭ. ނަބީލާއްތައަށް އިނގެއޭ އައިކަން" ނަބީލާއްތަ އައިސް ހިފީ އަހަރެންގެ އަތުގައެވެ. އެއީ އަބަދުވެސް އަހަރެންނަށް ވަރަށް ހެޔޮ މީހެކެވެ.
"މާމައަށް ވަރަށް މީރުކޮށް ރިހަ ކައްކައިދޭންވެގެން މިހަވާދުކޮޅު ފުނޑާލަން ކަމަށް މިއައީ. ކޮބާތަ މިންހާލް؟" އަހަރެން އެތެރެއަށް ވަދެ އަހައިލީމެވެ. މިންހާލަކީ ނަބީލާއްތަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަހަރެންނަށް ވުރެ ތިންއަހަރު ހަގު ކުއްޖެކެވެ. ސްކޫލުގެ އެންމެ މޮޅު އެއް ދަރިވަރެވެ. ސްކޫލުގެ ކެޕްޓަންވެސް މެއެވެ.
"އެ އޮތީނު. ފުޓްބޯޅު ކުޅެންވެގެން ފަޔަށް ތަދުކޮށްލައިގެން. ނަބީލާއްތައޭ މާމަ ކައިރީގައި ބުނީ ދިވެހި ބޭހެއް ތައްޔާރުކޮށްދޭން" ނަބީލާއްތަ ބުންޏެވެ.
"އެހެންތަ. މިހާރު ރަނގަޅުތަ؟" އަހަރެން މިންހާލަށް އެހީމެވެ.
މިކްޗަރުންތަ ފުނޑާނީ؟" ބަދިގެއަށް ވަދެފައި ނަބީލާއްތަ ގޮވައިލިއެވެ.
"ނޫނޭ ދައިން ފުނޑާނީ" އަހަރެން ބުނެލީމެވެ.
ހިޔާލެއް ފިކުރެއްނެތި ނަބީލާއްތަ ގެއިން ނިކުމެގެން އަހަރެން ގެއާ ދިމާލަށް އަންނަނިކޮށް ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް ބައިސްކަލެއް މަޑުކޮށްލައިފިއެވެ. ސިއްސައިގެން ދިޔަވަރުން އަތުގައި ހުރިި މަތިޖަހާ ތަށި ނުވެއްޓުނީ ކިރިޔާއެވެ. ވެއްޓުނުނަމަ ބޮޑު އަނިޔާއެއް ވީސްކަން ޔަގީނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ފެނުނު ސޫރައަކުން އަހަރެންނަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ހީލަންވެސް ބޭނުމެއް ނުވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަންވެސް ހަނދާންނެތިއްޖެއެވެ. ދެލޯ މަރާލާފައި ހިނގައިގަންނަން އުޅުނު ވަގުތު އަހަރެންނަށް ހުއްޓެން މަޖުބޫރުވީ އެމީހަކު އަހަރެންގެ ނަމުން ގޮވައިލުމުންނެވެ.
"މަލް، އެންމެ މިނިޓަކު މަޑުކޮށްލަދީފާނަންތަ؟" ޒިޔާން ބުނެލިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ