އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު، ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އާންމުންގެ ތެރެއިން ނަގާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ ގޮތުގައި ހާމިދުގެ ނަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަން ޖެހޭ ބޯޑެކެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ، ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެ ކަމަށެވެ.

އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެ ދެ މެންބަރުން އައްޔަން ކުރުމަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެސް ބުނެފައިވެ އެވެ.