މާރޗް 11 ގައި ރިލީސްކުރި ބޮލީވުޑްގެ ބިރުވެރި-ކޮމެޑީ ފިލްމު ''ރޫހީ'' އަންނަނީ ބޮކްސްއޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދަމުންނެވެ. ފިލްމު ރިލީސްކުރި ފުރަތަމަ ދުވަހު އެކަނިވެސް ބޮކްސް އޮފީހުގައި 3 ކުރޯޅް އިންޑިއަން ރުޕީސް ވަނީ ހޯދައިފައެވެ.

އިންޑިއާގެ މަހާޝިވްރަތުރީ ޗުއްޓީއާ ދިމާކޮށް، ރިލީސްކުރި މިފިލްމަށް 4 ދުވަހުގެ ތެރޭގައި 12.30 ކުރޯޅް ރުޕީސް ލިބޭނެކަމަށް ވަނީ

އަންދާޒާކޮށްފައެވެ. ފިލްމު ރިލީސްކުރި ފުރަތަމަ ދުވަހަށްވުރެ ދެވަނަ ދުވަހު 2 ކުރޯޅު ރުޕީސް މަދުން ލިބި، ކުޑަ ދަށްވުމެއް ދެއްކިނަމަވެސް އެއީ ޕެންޑެމިކަށްފަހު ހޮލީވުޑްގައި ރިލީސްކުރި ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށްވުރެ ރަނގަޅު އާމްދަނީއެއްކަން ފާހަގަކޮށްފައި ވެއެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ޖާންވީ ކަޕޫރުގެ އިތުރުން ރާޖްކުމާރް ރާއޯ އަދި ވަރުން ޝަރްމާގެ މޮޅު އެކްޓިންއަށްވެސް އަންނަނީ ތައުރީފު ލިބެމުންނެވެ.

''ރޫހީ'' އާ ބެހޭގޮތުން މީގެކުރިން ޖާންވީ ''އީޓީ ޓައިމްސް'' އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، 2018ވަނަ އަހަރަށްފަހު ތިއޭޓަރަށް ރިލީސް ކުރި އޭނާގެ ދެވަނަ ފިލްމާ މެދު ފޮނި އުއްމީދުތަކެއް ކުރާކަމަށާއި އެކަމު ހަގީގަތާ ކުރިމަތިލާންވެސް އޭނާ ތައްޔާރުކަމުގައެވެ.

އެގޮތުން، ކޮވިޑްގެ މި ހާލަތު ވިސްނޭކަމަށާއި، ނަމަވެސް އޭނާ ބޭނުންވަނީ ވީހާވެސް ގިނަމީހުން ސިނަމާތަކަށްގޮސް މިފިލްމު ބަލައިލުމަށެވެ. މިފިލްމަކީ ބޮޑު ސްކްރީނަށް ފައްކާ ކުރެވިފައިވާ ފިލްމެއްކަމަށާއި، ގިނަ ބަޔަކު އެކީ ތިބެގެން ބަލައިލަން މިފިލްމަކީ މަޖާ ފިލްމަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި މި ފިލްމަށް އެންމެންވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އޭނާވެސް ވީއެންމެ ރަނގަޅަކަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އުއްމީދަކީ އެންމެނަށްވެސް މިފިލްމު ކަމުދިއުން ކަމުގައި ޖާންވީ ބުނެފައިވެއެވެ.