ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް މިރޭ ފުރާވަޑައިގެންފި އެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ސިޔާސީ ގުޅުން ރަސްމީކޮށް ކަނޑާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެ ނިންމުން އޭރު އައީ ސައުދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާއެކު އެވެ.
އެ ގުޅުން އަލުން ގާއިމްކުރަން ރާއްޖޭން ނިންމައި އެކަން އިއުލާންކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ބުނީ، ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓު ލޭޑީ ފަޒްނާ އަހުމަދާއި ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދު ބަންގުލަދޭޝްއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އެގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގައެވެ.
ރައީސް ބަންގުލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިހް މުޖީބުއްރަހުމާން"ގެ ރަސްމީ ހަފުލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތް ކުރައްވާނެ އެވެ.
އަދި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ބަންގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު