ތ. ކަނޑޫދޫ ފަޅުތެރޭ އޮންނަ ފަޅުރަށަކަށް ދަތުރުދިޔަ ކުދިންތަކަކަށް ފެނުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ، ތ. ފިނޮޅު ކިޔާ ފަޅުރަށަކަށް ގޮސް އުޅުނު ބަޔަކަށް އެ ރަށު ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ދެ ކޮތަޅު ފެނިފައިވާ ކަމުގެ މައުލޫމާތު މިރޭ 7:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެތަކެތި ފެނިފައިވަނީ މިއަދު އެ ރަށަށް ދަތުރު ދިޔަ ކުދިންތަކަކަށް ކަމަށެވެ. އެ ރަށު ގޮނޑުދޮށުން އޭގެ ތިން ޕެކެޓު ފެނުނު ކަމަށާއި އެތަކެތީގެ ގޮތް ބެލުމަށް އެއް ޕެކެޓު ކަނޑައި މޫދަށް އެޅި ކަމަށް އޭނާ ބުންޏެވެ.

"އެކުދިން ބުނީ ހުދުކުލައިގެ ކުނޑިތަކެއް ކަމަށް ހުރީ. ކަނޑައި މޫދަށް އެޅުމުން ދިޔައީ ގިރިގެން ކަމަށް ބުނި،" އެތަކެތި ފެނުނު ކުދިންނާ ހަވާލާދީ "ވަން" އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ރަށަށް ފުލުހުން ގޮސް އެ ތަކެއްޗާ ހަވާލުވެފައިވާ އިރު، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.