ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސްރީލަންކާގައި ބުރުގާ އެޅުން މަނާކުރަން ހުށަހަޅައިފިއެވެ.

ލަންކާގެ ކެބިނެޓަށް ހުށަހަޅާފައިވާ ގޮތުން އެގައުމުގައި ބުރުގާ އެޅުން މަނާކުރުމުގެ އިތުރުން އިސްލާމް ދީން ކިޔަވައިދޭ 1000 އަށްވުރެ ގިނަ މަދަރުސާ ބަންދުކުރުމަށް ވަނީ ނިންމައިފައެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކަރަ ވަނީ ކެބިނެޓަށް ހުށަހަޅާފައިވާ ބުރުގާ އެޅުން މަނާކުރުމާ ބެހޭ ކަރުދާހުގައި ސޮއިކުރައްވާފައިވާކަން ހާމަކުރައްވައިފައެވެ.

ބުރުގާ އަކީ ލަންކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަނީ ސިފަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ލަންކާގައި ބުރުގާ ނާޅައި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ކަމަށާއި ބުރުގާ އެޅުމަށް ޕްރޮމޯޓުކުރަނީ ހަރުކަށި މުސްލިމުން ކަމަށެވެ.

ލަންކާގެ އެކި ސަރަހައްދުތަކުގައި ހުރި 1000 އަށްވުރެ ގިނަ މަދަރުސާތައް ބަންދުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެބަޔަކު ބޭނުން އެއްޗެއް ކިޔަވައި ދެވިގެން ނުވާނެ ކަމަށާއި އެގައުމުގެ ގައުމީ ތައުލީމީ ޕޮލިސީތަކާ އެއްގޮތަށް ކިޔަވައިދިނުން ގެންދަންޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީގައި ވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގައި ބުރުގާ އެޅުން މަނާކުރުމަށް މަސައްކަތްކޮށްފައެވެ.

ލަންކާގައި 2019 ވަނަ އަހަރު ދީފައިވާ ޖާނުން ފިދާއުވުމުގެ ހަމަލާތަކަށްފަހު އެގައުމުން ވަނީ މުސްލިމުންނާމެދު ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.