ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާތީ, ޗައިނާގެ އޮފިޝަލުންތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިސް ލީޑަރުންތަކެއް ނިންމައިފި އެވެ.

މި ހަފުތާގެ ތެރޭގައި ކުރި ދިގު މަޝްވަރާތަކަށްފަހު ޗައިނާގެ ހަތަރު އޮފިޝަލަކާއި ޒިންޖިއާންގެ މިނިވަން މުއައްސަސާއެއް ބުލެކްލިސްޓު ކުރަން އީޔޫގެ އިސް ލީޑަރުންތަކެއް އެގޮތަށް އެއްބަސްވެފައި ވާއިރު މިއީ 1989 ވަނަ އަހަރު ޓިއަނަންމެން ސްކޮޔާގެ ހަމަނުޖެހުމަށްފަހު ޗައިނާގެ އޮފިޝަލުންތަކަކަށް އީޔޫން ފިޔަވަޅު އަޅަން ނިންމާ ފުރަތަމަ ފަހަރެވެ.

އީޔޫގެ ޑިޕްލޮމެޓުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ޗައިނާގެ އޮފިޝަލުންތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވަނީ ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އެގޮތުން އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ޗައިނާގެ އެ އަމަލުތަކަކީ ގަތުލު އާންމެއް ކަމަށް ސިފަކޮށްފައިވެ އެވެ.

ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އެމީހުން އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެމީހުންގެ މުދާ ފްރީޒް ކުރުން ހިމެނެ އެވެ.

ޗައިނާގެ އޮފިޝަލުންތަކަކަށް ދަތިކުރަން އީޔޫގެ އިސް ލީޑަރުން ނިންމި ނަމަވެސް, އެކަން ރަސްމީކޮށް ނިންމައި އިއުލާން ކުރާނީ މިމަހުގެ ފަހުކޮޅު ބާއްވާ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޗައިނާގެ އިތުރުން ރަޝިއާ, އުތުރު ކޮރެއާ އަދި އެފްރިކާގައި އިންސާނީ ހައްގުތަކާ ހިލާފުވާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ.

ވޯލް ސްޓްރީޓް ޖޯނަލްގައި ބުނެފައިވާ ގޮތުން މި ނިންމުމާއެކު އީޔޫގެ ޑިވިޝަންތަކުން ޗައިނާއާ މެދު އަމަލު ކުރަން ގެންގުޅޭ ގޮތް ވަނީ ހާމަވެގެން ގޮސްފަ އެވެ.